ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެންނަމުން ދަނީ އަޖައިބުކުރުވަނިވި ހާދިސާތަކެކެވެ. ހައިރާންވެ އަންތަރީސްވާ ފަދަ މަންޒަރުތަކެކެވެ. ދުނިޔޭގައި އެއް ބަޔަކު ބިމާ ހަމަވެ، ނުތެދުވެވިފައި ވާއިރު، އަނެއް ބަޔަކު ކާމިޔާބުކަމާއެކު ކުރިހޯދަމުން އެ ދަނީ ކީއްވެބާއެވެ؟ ބައިބައިވެފައިވާ މާހައުލެއްގައި އުޅޭ ބައެއްގެ ތެރޭގައި ފިތުނަ އުފެދި، އެކުވެރިކަމުގެ މާހައުލެއްގައި އުޅޭ މީހުން އުފަލާއެކު ހިނިތުންވެފައި އެ ތިބެނީ ކީއްވެބާއެވެ؟

އާއެކެވެ. މި ސުވާލުތަކުގެ ޖަވާބުގައި ބުނެވެން އޮތީ… އެއީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމުގައެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެންމެންގެ ލޯތަކަށް ފެންނަން އޮތް ތެދެކެވެ. ތިމާ ދިރިއުޅެމުން ތިދާ މުޖުތަމަޢުއަކީ ކޮންމެ މުޖުތަމަޢުއެއް ކަމުގައި ވީނަމަވެސް އެއްބައިވަންތަކަމެއް ނެތި، އެއްވެސްކަމެއް ކާމިޔާބުކުރުން، ނުވަތަ ތަރައްޤީގައި ދާން ބޭނުންވާ މަންޒިލާ ހަމައަށް ދިޔުން ވާނީ ދަތި ކަމަކަށެވެ. އެއްބައިވަންތަކަމަކީ ކާމިޔާބުގެ ސިއްރޭ ބުނަނީ މިހެން ވެގެންނެވެ.

ދުނިޔޭގެ މާޒީގައި ތިބާއަށް ފެންނަމުންދަނީ ކޮން ކަމެއް ހެއްޔެވެ؟ ނިކަން ލޯހުޅުވާ ބަލާބަލާށެވެ. ދުރުންނާއި ކައިރިން ވެސް ފެންނަމުން ދާނީ މި ދެންނެވި ފަދަ މަންޒަރުތަކެވެ. ތާރީޚުގެ ފަތްފުށްތައް އުކަމުން ދިޔަވަރަކަށް މިކަން އިތުރަށް ޔަޤީންވެގެން ދާނެއެވެ. ދަޢުލަތްތަކުންނާއި، ޤައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ހޯދަމުންދިޔަ އަދި ހޯދަމުންދާ ޝަރަފުވެރި ކާމިޔާބީތައް ގުޅިފައި އޮތީ އެ ބައެއްގެ، އެއްބައިވަންތަކަމާއެވެ. ދުނިޔޭގެ ތާރީޚުން ފެންނަމުންދިޔަ އެފަދަ މިސާލުތަކުން ޢިބުރަތް ހާސިލު ކުރަމާ ހިނގާށެވެ! އެއިން ކޮންމެ ފިލާވަޅަކުން ތިބާއަށް ފުން ވިސްނުންތަކެއް ގެނެސްދޭނެކަން ޔަޤީނެވެ.

ކުރީގެ އިސްލާމީ ދަޢުލަތްތަކުން ހޯދި ކާމިޔާބީތަކަަކީ އެމީހުންގެ އަތުގައި ހަތިޔާރުގެ ބާރާއި، ލިބިފައިހުރި ވަސީލަތްތަކުގެ ގިނަ ކަމުން ހޯދި ކާމިޔާބީތަކެއް ހެއްޔެވެ؟ ނޫނެކެވެ. އޭރު މުސްލިމުންނަށް އެ ކާމިޔާބީ ހޯދުނީ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރީތީއެވެ. އެމީހުން ހޯދި ކާމިޔާބީތަކުގެ ފަހަތުގައިވާ ސިއްރަކީ، އެއްބައިވަންތަކަމެވެ. އެއްބައެއްގެ ގޮތުގައި ތިބެ، އިސްލާމީ ދަޢުލަތްތަކުން ދުނިޔެ ފަޠަހަކުރިއެވެ. އިސްލާމީ ދަޢުލަތްތަކުން ދެއްކި މުސްލިމުންގެ އެއްބަނޑު އެއްބަފާ ކަމުގެ ސަބަބުން އެ ދުވަސްވަރު އެހެން އެއްވެސް ދައުލަތަކަށް އޮތީ މުސްލިމުންނާ އެއް ފެންވަރަކަށް އައުމަށް ނުކުޅެދިފައެވެ. ޢިލްމުވެެރިންނާއި، މުފައްކިރުން މުސްލިމުންގެ ތެރޭގައި އެދުވަސްވަރު ތިބީ އެހެން ދީންތަކާއި އެހެން ދައުލަތްތަކުގެ މީހުންނާ އަޅާބަލާއިރު “މީހަކަށް ލައްކަ މީހުން” ގެ މިސާލަށެވެ. މުސްލިމުންގެ ތެރޭގައި ޢިލްމުވެރިކަމުގެ ދޮރުތައް އޮތީ ހުޅުވާލެވިފައެވެ. އޭގެ ސަބަބުން މުސްލިމުންގެ ކިބައިގައި ހެޔޮލަފާ ޢިލްމީ ވިސްނުން އުފެދި ތަރައްޤީވެގެން ދިޔައެވެ. މުސްލިމުންގެ ވެރިކަމުގެ އާރާއި ބާރު ގަދަވުމުގެ ސަބަބުން ދުނިޔޭގެ އެހެން ބާރުތަކުން މުސްލިމުންނާ ދެކޮޅަށް ނުކުންނަން ޖެހިލުންވިއެވެ. މި ކާމިޔާބީތަކާއި އާރާއި ބާރު މުސްލިމުންނަށް ފަހިވެ، އެގޮތުގައި ކުރިއަށް ދެވުނީ، އެ ދުވަސްވަރު މުސްލިމުންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމުގެ ރިވެތި މިސާލުތަކުގެ ސަބަބުންނެވެ.

މިއަދު، ދުނިޔޭގެ ހަތަރު ބިތުން ފެންނަމުންދާ ކަންކަމާ މެދު ލޯހުޅުވާލުމުން ފެންނަ މަންޒަރުތަކަކީ އަޅުގަނޑުމެންނަށް ޢިބްރަތަކަށް ނުވޭތޯއެވެ! ހުޅަނގުގެ ބާރުތަކަށް ނަޒަރު ހިންގާލަމާތޯއެވެ! އެމީހުންނަކީ މިއަދު ދުނިޔޭގެ އިޤްތިޞާދު ކޮންޓްރޯލްކުރާ މީހުންނެވެ. ކީއްވެބާއެވެ؟ ގަދަފަދަ މުސްލިމު ސަފުތައް ބަލިކޮށިކޮށްލައި، މުސްލިމުންގެ ތެރޭގައި ސިޔާސީ ފިތުނަ އުފައްދައި ބައިބައިކޮށްލުމުގައި ހުޅަނގުން ނިކުތީ އެކަތިގަނޑަކަށް ވެގެންނެވެ. ނަތީޖާއަކަށްވީ، މުސްލިމު ދައުލަތްތަކުގެ ތެރޭގައި ތަޅާފޮޅުންތަކާއި، ހަނގުރާމަތަކާއި، ފިތުނަވެރިކަމަށް ހެއްލިގެން ދިޔުމެވެ. އިސާހިތަކު، މުސްލިމު ބިންތައް ހުޅަނގުގެ ބާރުގެ ދަށަށް ދިޔައީއެވެ. އިގުތިސާދީ، އިޖުތިމާޢީ، އަސްކަރީ ގޮތުން ބެލި ނަމަވެސް، މިއަދު މުސްލިމުންނަށް ވުރެ ހުޅަނގުގެ އިސްތިރާޖީއާއި ރޭވުންތެރިކަން މޮޅެވެ.

ހުޅަނގުގެ ޤައުމުތައް އެކަތިގަނޑަކަށްވެ، ތިންބައިކުޅަ އެއްބައި، އެއް ފައިސާއެއް ބޭނުންކުރަން ފަށައިފިއެވެ. ވިޔަފާރީގެ ރޮނގުން އެމީހުން ހޯދަމުންދަނީ ކުރިއެރުމެވެ. “ޔޫރަޕިއަން ޔޫނިއަން” އަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ހަމަ އެންމެ ޤައުމެއް ވެސް ފަޤީރު ޤައުމުތަކުގެ ލިސްޓްގައި ނުހިނޭކަން މިއީ އެމީހުން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްގެން ހޯދަމުންދާ ފަޚުރަކަށް ނުވޭތޯއެވެ؟

އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ “ސްޕަރ ޕަވަރ” އެވެ. އެ މަޤާމުގައި އެމެރިކާއަށް ދެމި އޮވެވެނީ، އަސްކަރީ މައިދާނުގައި އެމެރިކާ ބަލިކޮށްލެވޭނެ ވަރުގެ އެހެން ބާރެއް ނެތިގެން ހެއްޔެވެ؟ އެއީ މުޅިއަކުން ޤަބޫލުކުރެވޭ ވިސްނުމެއް ނޫނެވެ. އެކަނި ނިކުމެ ހަނގުރާމައެއް ކޮށްފިނަމަ، އަސްކަރީ ގޮތުން އެމެރިކާ ބަލިކޮށްލެވޭނެ ބާރުތައް މިއަދު ވެސް ދުނިޔޭގައި ނެތޭ ދެންނެވޭކަށް ނެތެވެ. އެހެންވީއިރު އެންމެންގެ ވިސްނުމުގައި ދުނިޔޭގެ އެއްވެސް ބާރަކަށް އެމެރިކާ ބަލިކޮށް ނުލެވޭނޭ ބުނަނީ ކޮން ސަބަބުތަކެއް އޮވެގެން ހެއްޔެވެ؟

ސަބަބަކީތޯއެވެ! އެއީ، ދުނިޔޭގައި ބޮޑުހަނގުރާމައެއް ކުރިއަސް އެމެރިކާގެ ތިލަފަތް ބަރުވާނެތީއެވެ. އެމެރިކާގެ ކޮޅުގައި ތިބޭ ބާރުތަކުގެ ލިސްޓް ދިގުވާނެތީއެވެ. ހަނގުރާމައިގެ މައިދާނުގައި އެމެރިކާއާއެކު ނުކުންނަން ތިބި ޤައުމުތައް ގިނަވާނެތީއެވެ. ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އެންމެ ފަހުން ޠާލިބާނުންގެ ވެރިކަން އޮތް ފަޤީރު އަފްޣާނިސްތާނު އަޅުވެތިކުރުމަށް ކުރި ހަނގުރާމައާއި، ނިއުކްލިއަރ އުފައްދަމުންދާކަމަށް ތުހުމަތުކޮށް އިރާޤު އަޅުވެތިކުރުމަށް އެމެރިކާއިން ފެށި ހަނގުރާމައިގައި ވެސް ފެނުނީ އެމެރިކާއާއެކު ނޭޓޯގެ ޤައުމުތައްް ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވި މަންޒަރެވެ. މި މިސާލު މިނެގީ އެއްގޮތަކަށް ވެސް އެމެރިކާގެ މޮޅު ވާހަކަ ދެއްްކުމުގެ ނިޔަތަކު ނޫނެވެ. އެހެނަސް، އެމީހުން ބޭނުންވާ މަގުސަދު ހާސިލުކުރުމުގައި އެންމެ ބޮޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ “އެއްބައިވަންތަކަން” ކަމުގައި ދަންނަވާލުމެވެ. އެއްބައިވަންތަކަން ކުރިއަށްނެރެ ކުރާ ކޮންމެކަމެއްް ކާމިޔާބުކުރެވޭނެކަން މިފަދަ މިސާލުތަކުން ފިލާވަޅު ލިބިގަތުމެވެ.

ދެން، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ފަސްގަނޑުގައި ހިނގާދިޔަ އެންމެ ހިތާމަވެރި ކާރިސާ، އާދެ! ސުނާމީ ބޮޑު ރާޅު އެރުމުގެ ކާރިސާއަށް ބަލާލަމާތޯއެވެ! އެ ކާރިސާގައި ދިވެހިިންގެ އެތައް ބަޔަކު ހާލުގައި ޖެހި ބިކަވެގެން ދިޔައެވެ. އެމީހުން ދިރިއުޅުމަށް އުމުރު ދުވަހު ކުރި މަސައްކަތް، ހަމަ އެންމެ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާއި މޮޑެވިގެން ދިޔައެވެ. އެ ކާރިސާގެ ވާހަކަ އަޑުއިވުމުން މިހާރު ވެސް ލޮލުން ކަރުނަ ޖަމާވާނެ އެތައް ބަޔަކު ތިބިކަމީ އެ ކާރިސާގެ ބިރުވެރިކަން ވަޒަންކުރެވިގެންދާ ހެއްކެކެވެ.

އެ ކާރިސާއިން ލިބުނީ ކޮން އިބުރަތެއްތޯއެވެ؟  އެ ތަދުމަޑުކަމާއި، އެ ބިރުވެރިކަމުގެ އަސަރުތައް ވެރިވި ހިނދު ފެނުނީ ކޮން މަންޒަރުތަކެއްތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އެދުވަހު، ދިވެހި ކޮންމެ ދަރިއަކުމެ، އަނެކާއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލީ އަޅާލުމާއި އޯގާތެރިކަމުގެ މިނެއްނެތް ހިތަކައިގެންނެވެ. އެއްބައެއްގެ ގޮތުގައި، އެއްބައިވަންތަކަން އިސްކޮށްގެންނެވެ. އެކަކުގެ ލޮލުން ފޭބި ކަރުނަ އަނެކާ ފޮހެދިނެވެ. އެކެއްގެ އިހުސާސް އަނެކާ ދެނެގަތެވެ. ހާލުގައި ޖެހުނު މީހާއަށް މުއްތި ކޮށްދިނުމަށް އަނެކާގެ ގެއިން ކާން ގެނެސްދިނެވެ. ގެދޮރު ނެތިދިޔަ މީހާއަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް އަނެކާގެ ގެދޮރު ހުސްކުރިއެވެ. މިކަމުގައި ދިވެހި ހަމަ އެންމެ ފަރުދެއްގެ ފުށުން ވެސް އިސްތިސްނާވުމެއް ނެތި ދެއްކީ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ފުރިހަމަ ގުޅުމެވެ.

އެ ދުވަހު ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ރިވެތި މިސާލުން އަޅުގަނޑުމެންނަށް އެތައް ފިލާވަޅުތަކެއް ކިޔައިދިނެވެ. އާދެ، އެ ކާރިސާގައި ހާލުގައި ޖެހުނު އެއްވެސް ފަރުދަކު، ﷲ ގެ އިރާދަފުޅާއެކު ބަނޑުފުރާނަ މުއްތި ނުކުރެވި ހުންނާކަށް ނުޖެހުނެއެވެ. ހާލުގައި ޖެހުނު މީހާގެ އަމިއްލަ ގެދޮރު ނޫނަސް، ވަންނާނެ ގެދޮރު ނުލިބި އިރާދަކުރެއްވީތީ ހުންނާކަށް ވެސް ނުޖެހުނެވެ. އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެއް ފަރުދަކު އަނެއް ފަރުދަކާ އަތު ގުޅާނީ އޯގާތެރިކަމާއި ދީލަތިކަން އިސްކޮށްގެންނެވެ. ދިވެހިން އެދުވަހު ދައްކުވައިދިނީ އެއްބައިވަންތަކަމުގެ ކޮންފަދަ ރިވެތި މިސާލެއްތޯއެވެ!

އާއެކެވެ. އެ ކާރިސާއަށް ފަހު މިއަދު ޤައުމު މިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާންމު ހާލަތަކަށް ގެނެވިފައެވެ. އެ ކާރިސާގައި މި ސަރަޙައްދުގެ ޤައުމުތަކަށް ލިބުނު ގެއްލުންތައް އަދިވެސް ފޫބެއްދިފައި ނުވާއިރު، މި ދިވެހި ޤައުމު ތަރައްޤީގެ އައު އުސްމިންތަކަކަށް ގިރާކުރަމުންދާ މިގިރާކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ފެނުނު އެއްބައިވަންތަކަމުގެ ހެޔޮ ނަތީޖާއެވެ. އެ ދުވަހަކީ މި ޤައުމުގެ ދަރިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބޭނެ ބައެއްކަން އަންގައިދިން ދުވަހެކެވެ.

ޝެއަރކުރެއްވުމަށް