ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދަކީ ޤައުމަށް ޚިދުމަތް ކުޅައުމުގައި ދެގޮތެއް ނުވާ ބޭފުޅެކެވެ. ވަކިން ހާއްޞަކޮށް ސިފައިންގެ ޚިދުމަތުން ފެށިގެން ފުލުހުންގެ ތަޙުޤީޤު ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅެކެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމުގައި ސިފައިންގެ މީހެއްގެ ގޮތުން އޭރުގެ ޕްރައިވެޓް، ޢަލީ އަޙްމަދު ވަނީ މަސައްކަތް ކޮށްދެއްވާފައެވެ. ޢަލީ އަޙްމަދުގެ ސިފައިންގެ ސަރވިސް ނަންބަރަކީ 916 އެވެ. ޢަލީ އަޙްމަދު ސިފައިންގެ ޚިދުމަތަށް ނިކުންނަވާފައި ވަނީ އުމުރުން އެންމެ 16 އަހަރުގައި އެންއެސްއެސްގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހާ ކުރިމަތިލީއިރު، ސިފައިންގެ ޚިދުމަތާ ގުޅުނުތާ އޭރު ވާނީ ގާތްގަނޑަކަށް އެންމެ ދެ އަހަރެވެ. އޭރު ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ މަޤާމުގައި ހުރި ނަމަވެސް މިއަދު އެއީ ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދެވެ.
ސިފައިންގެ ތެރޭގައި ފުލުހުންގެ ޚިދުމަތް އޮތް ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ޚިދުމަތުގައި މެދުކެނޑުމެއްނެތި 35 އަހަރު ވަނީ ގައުމަށް ޚިދުމަތް ކޮށްދެއްވާފައެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދު ޚިދުމަތާ ގުޅުނު ދުވަސްވަރު މިހާރު އޮންނަ ގޮތަށް އަސާސީ ތަމްރީނެއް ސިފައިންގެ ތެރެއަކު ނޯވެއެވެ. އޭރު އޮންނަނީ ބަޑި ޓްރޭނިންގ އެކެވެ. ސިފައިންގެ އަނބުގަސްދޮށުގައި ބަޑި ރޫޅައި ރާވަން ދަސްކޮށްދެއެވެ. އަދި ގިރިފުށްޓަށް ގޮސް ބަޑި މުބާރާތްތަކަށް އޭކޭ ފޯޓީ ސެވަންއާއި ފިސްތޯލަ ޖަހަން ދަސްކޮށްދެއެވެ. އޭރު ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތައް ލައްވައި ސިފައިންގޭގައި ބޮޑެތި މަސައްކަތްތައް ކުރުވުމާއި ޕީޓީއާއި ދުވުން ފަދަ ކަންކަން ކުރުވުން އޮވެއެވެ. އުމުރުން ހަގު ނަމަވެސް އެންމެ ފުރަތަމަ 3 މަސް ދުވަހު ޑިއުޓީ ސެކްޝަންގައި މަސައްކަތް ކުރުމަށްފަހު ޢަލީ އަޙްމަދުގެ އަތުލިޔުން ރީތިވެގެން ފުލުސް އޮފީހުގެ އީ-ސެކްޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެއީ އޭރުގެ ފުލުސް އޮފީހުގެ މާރާމާރީއާ ބެހޭ ބައިގެ ކާތިބެއްގެ މަޤާމެވެ.
އެ ދުވަސްވަރު އެ ތަނުގައި މަސައްކަތްކުރި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުންނާ އެކު މަސައްކަތް ކުރުމުން ތަޙުޤީޤު ކުރުމުގެ ހުއްދަ އޭރު ފުލުހުންގެ ކޮމާންޑިންގ އޮފިސަރަކަށް ހުންނެވި މޭޖަރ އާދަމް ޒާހިރު، ޢަލީ އަޙްމަދަށް ދެއްވިއެވެ. އެހެންކަމުން ޢަލީ އަޙްމަދުގެ ތަޙުޤީޤުގެ ހުނަރު ދުވަހެއްދުވަހަކަށް ކުރިއަރަން ފެށިއެވެ. އޭރު ފުލުސް އޮފީސް ހިނގަމުން ދިޔައީ މިހާރު ޑިފެންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތުގައެވެ. އެތަނަށް ކިޔަނީ ޕޮލިސް ހެޑްކްއާޓަރޒެވެ. 2004 ސެޕްޓެންބަރު 1 ވަނަ ދުވަހު ސިފައިންނާއި ފުލުހުންނަކީ ވަކި ދެ މުއައްސަސާއެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވިއެވެ. މި ބަދަލާ އެކު ވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދަށް ނޮވެންބަރު ތިންވަނަ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ދުވަހު ސިފައިންގެ ޚިދުމަތުގައި ފުލުސް އޮފީހުގައި ހުއްޓާ ފުލުސް އޮފީސް ފޫއަޅުވާލާފައި އައި ވަޒަނެއް ޢަލީ އަޙްމަދުގެ ބޮލަށްއަރައި ޝަހީދުނުވީ ހަމަ ކިރިޔާއެވެ. އެ ދުވަހުގެ އެ ބިރުވެރި ހަނދާންތައް މިހާރު ވެސް ޢަލީ އަޙްމަދަށް އިއްޔެ ވީ ކަމެއްހެން ސިފަކުރައްވައެވެ.
”1988 ނޮވެންބަރު 3 ވަނަ ދުވަހު ހެނދުނު 6:00 ގައި ކ. ކާށިދޫއަށް ތަޙުޤީޤު ދަތުރެއް ދާންވެގެން ނޮވެންބަރު 2 ވަނަ ދުވަހުގެރޭ އެންއެސްއެސް 1 ނަންބަރު ލޯންޗަށް އެއްޗެހި އަރުވައި އަޅުގަނޑުމެން ތައްޔާރުކުރިން. އަޅުގަނޑާ އެކު ދަތުރުގައި ދިއުމަށް ހަމަޖެހިފައި ވަނީ އޭރު ފުލުސް އޮފީހުގެ އީ-ސެކްޝަންގެ ހެޑް، ސްޓާފް ސާޖަންޓް ޠާހާ ވަޙީދާއި، ޕްރައިވެޓް ޖަޢުފަރު ޢަބްދުއްރަޙްމާނާއި، ލާންސް ކޯޕްރަލް އިސްމާޢީލް ޢަބްދުލްޙަމީދު. ނަމަވެސް ނޮވެންބަރު 2 ވަނަ ދުވަހުގެރޭ ފަތިހު 4:20 އިން 6:00 އަށް އަޅުގަނޑުގެ ޑިއުޓީއެއް އޮތުމުން ޑިއުޓީ ނިންމާގޮތަށް އަޅުގަނޑުމެން ފުރަން އޮތީ ހަމަޖެހިފަ. އެހެންކަމުން ޑިއުޓީއަށް ހޭލަން ޖެހޭތީ ބަންޑާރަކޮށީގައި ނިދުމަށް ހަމަޖެހިފައިވާ ޕްރައިވެޓުންގެ ފެންޑާގައި ނިދަން އޮށޯތިން. ނަމަވެސް އެރޭ ނިދާފައި އޮއްވާ ބަޑީގެ އަޑު ޓޮކްޓޮކް ކިޔާފައި ވަރަށް ބާރަށް އިވެންފެށި. އެ އަޑަށް އަޅުގަނޑަށް ހޭލެވުނު. އެއީ އެރޭ ފަތިހު 4 ޖަހާ އެހާކަންހާއިރު ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އޭރަކު ފެންޑާގައި ތިބި އެއްވެސް މީހަކު ހޭލާ ނޫޅޭ. ދެން އަޅުގަނޑު ތެދުވެގެން ގޮސް އެންސީއޯ ނިދާ ފެންޑާގައި ކޮންބައެއްތޯ ނިދާފައި ތިބީ ބަލައިލިން. އޭރު ޠާހާ ވަޙީދާއި ދެން ތިބި އެންމެން ވެސް ތިބީ ނިދާފަ. އެހެންކަމުން އަޅުގަނޑު ފެންޑާއިން ކޮރިޑޯއަށް އެކަނި ނުކުމެ އެ އިވެނީ ކޮން އަޑެއްތޯ ބަލާލިން. އޭރު ވެސް ބަޑީގެ އަޑު ދޭތެރެދޭތެރެއިން އިވެމުންދޭ. ސިފައިންގެ ބޮޑުގޭޓާ ދިމާއަށް ބަލާލިއިރު، ބޮޑު ގޭޓާ ދިމާލުގައި ހުރި މޫނިމާ ގަހާ ނިވާވެގެން ޓާސްކް ފޯހުގައި މަސައްކަތްކުރާ ޕްރައިވެޓް ޙަސަން މަނިކު ހުރި. ޕްރައިވެޓް ޙަސަން މަނިކަކީ ބަޑި ޓްރޭނިންގ ހަދައިގެން އޭރު ބަޑި ޑިއުޓީގައި އުޅުނު މީހެއް. އަޅުގަނޑަށް އެ ވަގުތު ފެނުނީ ބަންޑާރަކޮށި ބޮޑު ގޭޓާ ދިމާލުގައި ހުރި މޫނިމާ ގަހާ ނިވާވެގެން އޮވެ ޕްރައިވެޓް ޙަސަން މަނިކު ބޮޑު ގޭޓާ ދިމާލަށް ބަޑިޖަހަމުން ދާތަން. އޭރު ބޮޑު ގޭޓުގައި ހުންނާނީ ދަމާ ގޭޓެއް. އެތެރެ ގޭޓާއި ބޭރު ގޭޓު. އަޅުގަނޑު ހުރި ހިސާބުން ބޭރު ގޭޓެއް ނުއެއްފެނޭ. އޭރު އެތެރެ ގޭޓު ހުރީ ލައްޕާފަ. ގޭޓާ ދިމާލަށް އޭނާ އޮތީ ބަޑިޖަހަން ގުދުވެގެން. އޭރަކު އެއްގޮތަކަށް ވެސް ނޭނގެ ރާއްޖެ ހިފަން ތަމަޅަ ބާޣީންގެ ބަޔަކު އަރައިގެން އުޅޭކަމެއް. ޕްރައިވެޓް ޙަސަން މަނިކު މިގޮތަށް ގޭޓާ ދިމާލަށް ބަޑިޖަހާތަން ފެނިގެން އަވަހަށް ދުވެފައި އެންސީއޯއިންގެ ފެންޑާއަށް ވަދެ ސިފައިންގެ ޓާސްކް ފޯހުން ސިފައިންގެ ހިފައިފިޔޭ ކިޔާ ނިދާފައި ތިބި މީހުންނަށް އަޅުގަނޑު ގޮވަން ފެށިން. އެ ވަގުތު ނިދާފައި ތިބި އެންމެން ހޭލައިގެން ފެންޑާއިން ނުކުމެއްޖެ.”
“އެ ވަގުތު ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު ޔުނީފޯމުގައި ކޮރުޖަހަމުން ހިނގާފައި ދާތަން ދުށިން. އޭރު ސިފައިންގެ ތެރޭގައި ތިބި އެންމެން ވެސް ބަޑި ގުދަނުގައި ކިޔު ޖައްސަމުންދާ މަންޒަރު ފެނޭ. އެހެންކަމުން އަޅުގަނޑު ވެސް ގޮސް ބަޑިގުދަނުގައި ކިޔު ޖައްސައިގެން ވަދެ ދެ ފޮށި ވަޒަން ނަގައި ޖީބަށްލީ. އަދި އޭކޭ ފޯޓީސެވަންގެ ބަޑިއެއް ހިފައިގެން ބަޑިގުދަނުން ނިކުތީ. އޭރު ވެސް މި ވެގެން އުޅޭގޮތެއް މާރަނގަޅަކަށް އަޅުގަނޑަކަށް ނޭނގޭ. ބަޑި ހިފައިގެން ނުކުމެ އަޅުގަނޑު ފުރަތަމަ ހުރީ ބަންޑާރަކޮށީގައި ހުންނަ އަނބުގަސް ކައިރީ. އެ ތަނުގައި ހުއްޓައި ފެނުނީ ސަލްޓަން ޕާކާ ދިމާލުން ސިފައިންގެ ހުޅަނގުދެކުނު ކަން ގޮއްވާލި މަންޒަރު. އެ ވަގުތު ބޮޑު ކަޅު ދުންގަނޑެއް ފެނުނީ. ހަމައެއާ އެކު ސިފައިންގެ އެތެރޭގައި ތިބި ބައެއް ސިފައިން އެ ދިމާލަށް ބަޑިޖަހާ މަންޒަރު ފެނުނު. ފަހުން އެ ގޮއްވާލި ބާގަނޑުގައި އެތެރެއިން ދަގަނޑު ފިލައެއް ލައްކޮށް ވެލި ބަސްތާ ޖެހީ. އޭރު ނޭނގޭ މިވާގޮތެއް އަޅުގަނޑަކަށް. އެހެންކަމުން އެ ތަނުގައި ހުރުމަށްފަހު ފެންޑާގެ ބިއްދޮށުގައި ފާރު ކައިރީގައި ހުރެފައި، ވަޒަން އަޅާފައިވާ މެގަޒިންތައް ޔުނިފޯމަަކަށް އަޅައި ގޮށްޖަހާލައިގެން ހިނގާފައި ގޮސް ފުލުސް އޮފީސް ތެރެއަށް ވަނިން. އޭރު ފުލުސް އޮފީސް ހުންނަނީ ސިފައިންގެ އިރުއުތުރު ކަނުގައި. އަޅުގަނޑު ފުލުސް އޮފީހަށް ވަތްއިރު، ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދު ޕިސްޓަލްއެއް ހިފައިގެން ފުލުސް އޮފީހުގައި ހުރި. ހަމަލާތައް ބަދަލު ކުރެވެމުންދިޔަ ވަގުތު ފުުލުސް އޮފީސް މަތީގައި އެންމެ އިސް މީހަކަށް ހަރަކާތްތެރިވީ ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދު. އޭރު ފުލުސް އޮފީހުގެ އީ-ސެކްޝަން ހެޑް، ސްޓާފް ސާޖަންޓް ޠާހާ ވަޙީދު ވެސް ޖީޕީއެމްޖީއެއް ހިފައިގެން ހުރި. ދެން އަޅުގަނޑު ފުލުސް އޮފީސް ތެރެއަށް ވަދެފައި ދިޔައީ އޮފީހުގެ ތިރީ ބަޔަށް. އޭރު ފުލުސް އޮފީހާ ދިމާލުގައި މަގުމަތީ ފާރަކަށް ހުންނާނީ ތިރިތިރި ފާރެއް. ތިރިއަށް ދިޔައިރު ފުލުސް އޮފީހުގެ އެތެރެއަށް ވަރަށް ގިނަ ހަމަލާތައް ދީފައި ހުރިތަން ފެނުނު. ދޮރުތަކުގެ ބިއްލޫރިތައް ތެޅި ބިންމައްޗަށް ފައިބާފައި ހުރިތަން ފެނުނު. ތިރިއަށް ގޮސް ތިރީގައި ހުރެފައި އަނެއްކާ ވެސް ސިޑިން ފުލުސް އޮފީހުގެ މަތީ ފަންގިފިލާއަށް ވަނިން. މަތީބައިގައި ފުލުސް އޮފީހުގެ ސެކްޝަންތަކުގެ ދޮރުތައް ރޭގަނޑު ހުންނާނީ ތަޅުލާފަ. އެ ދޮރުފަތްތައް ހަދާފައި ހުންނަނީ ފުލައިވުޑް ފިލައިން ދެފަޅި ތަތްކޮށްފަ.”
“އިރުކޮޅަކުން ޓާސްކް ފޯސް މީހަކު ފުލުސް އޮފީހަށް ވަތް. އަދި ދޮރު ވައްޓާލަން ފައިން ޖެހީމަ ދޮރުތަކުގެ ފިލާތައް ފޫ ދަނީ. ދެން ސެކްޝަންތަކުގެ އެތެރެއަށް ނުވަދެވުމުން ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދު ވިދާޅުވެއްޖެ ފުލުސް އޮފީހުގެ ތިރީގައި ހުރި ސެކްޝަންތަކުގެ ތަޅުދަނޑިތައް ގެނެސްދޭށޭ. ކާކުހޭ ތަޅުދަނޑިތައް ބަލާދާނީ ތިރިއަށް. އޭރު ތަޅުދަނޑިތައް އަޅުވާފައި ހުންނާނީ ފުލުސް އޮފީހުގެ މައިގޭޓް ކައުންޓަރާ ދިމާލުގައި ހުރި ބޯޑެއްގަ. އޭރު ވެސް ސިފައިންގެއަށް ހަމަލާތައް ދެމުންދޭ. އޭރަކު އަޅުގަނޑުގެ ހިތަކަށް ނާރާ މިއީ އެހާ ބިރުވެރިކަމެއް ކަމަކަށް. އެހެންކަމުން ތަޅުދަނޑިތައް ބަލާ ދިއުމަށް އަޅުގަނޑު އިސްނެގިން. އަދި ފުލުސް އޮފީހުގެ ސިޑީގައި އިށީދެ އިނދެގެން މަޑުމަޑުން ތިރިއަށް ފައިބާ ތަޅުދަނޑިތައް ނަގައިގެން އައިސް ކެޕްޓަން އަޙްމަދު ނަޢީމަށް ދިނިން. ތަޅުދަނޑިތައް ދިނުމުން ފުލުސް އޮފީހުގެ ސެކްޝަންތައް ހުޅުވި. އޭރު އަޅުގަނޑަކަށް ނޭނގޭ ކުރިން ތަޅުދަނޑި ބަލާ ދިޔަ މީހަކު ޒަޚަމްވި ކަމެއް. ފަހުން އެނގުނުގޮތުގައި ފުލުސް އޮފީހުގެ މަތީބުރީގައިވާ ސެކްޝަންތައް ހުޅުވައިގެން ނޫނީ އެ ދިމާލުން ބޭރަށް ހަމަލާ ނުދެވޭތީ ސެކްޝަންތަކުގެ ތަޅުދަނޑިތައް ބަލާ ޕްރައިވެޓް މުޙައްމަދު ނަޢީމް ތިރިއަށް ފުރަތަމަ ފޮނުވީ. މުޙައްމަދު ނަޢީމް ތިރިއަށް ފައިބަންވެގެން ތިންވަނަ ހަރުފަތަށް ފޭބިތަނާ، ފުލުސް އޮފީހުގެ ބޭރު ފާރުބުރިމަތިން ބަޑިދިއްކޮށް ދުޝްމިނުން ޖެހި ވަޒަނެއް އައިސް ސިޑީގެ ހިފަހައްޓަށް ހުންނަ ހޮޅިއަށް އަރައި ބުރަބުރައިގެން އައި އެތިކޮޅެއް ޕްރައިވެޓް މުޙައްމަދު ނަޢީމްގެ ފަޔަށް އަރާ އޭނާ ވަނީ ޒަޚަމްވެފަ. ޒަޚަމުވުމާ ގުޅިގެން ތިރިއަށް ފޭބުމުގެ ބަދަލުގައި އޭނާ ވެސް އެރީ މައްޗަށް. ޕްރައިވެޓް މުޙައްމަދު ނަޢީމް އެ ވާހަކަ ކެޕްޓަން އަޙުމަދު ނަޢީމަށް ދެންނެވުމުން ފުލުސް އޮފީހުގެ އޭ-ސެކްޝަނުގެ ދޮރުގެ ބިއްލޫރިގަނޑުގައި ބަޑީގެ ބަޓުން ޖަހައި ތަޅާލައިގެން އެތަނަށް ވަދެ ދުޝްމިނުންނަށް ހަމަލާދޭން ފެށި. އަދި ހަމަލާތައް ކުޑަކޮށް މަޑުޖެހުމުން، ތަޅުދަނޑިފަތި މައްޗަށް ގެންނަން ފޮނުވީ އަޅުގަނޑުކަން އެނގުނީ މާފަހުން. އެހެންކަމުން އަޅުގަނޑު ސަލާމަތުން ތަޅުދަނޑިތައް ގެނެސް ކެޕްޓަން އަޙްމަދު ނަޢީމްގެ އަތަށް ދިނުމުން ހުރިހާ ސެކްޝަންތަކެއް ހުޅުވައިގެން ފުލުސް އޮފީސް މަތިން ދުޝްމިނުންނަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭން ފެށި. ފުލުސް އޮފީހުގެ އެ ސަރަޙައްދުގެ ތެރޭގައި ކެޕްޓަން އަޙުމަދު ނަޢީމް މުޙައްމަދުގެ އިތުރުން ސާޖަންޓް ޒުބައިރު އަޙުމަދު މަނިކާއި ކޯޕްރަލް ވ. ޅަހުއްތާއި ލާންސް ކޯޕްރަލް އަޙުމަދު ޝަފީޤާއި ޕްރައިވެޓް ޢަބްދުލްޢަޒީޒް ޢަލީ ހަމަލާ ދެމުންދިޔަ.”
“އޭރު ހުންނާނީ ކޮންމެ ސެކްޝަނެއް ވަކިން ތަޅުލެވޭގޮތަށް. ސެކްޝަންތަކަށް ވަދެ މަގުމައްޗަށްވީ ފަރާތުގެ ކުޑަދޮރުތައް ހުޅުވައިގެން ފުލުސް އޮފީހުން ބޭރަށް ހަމަލާ ދެވޭގޮތްވީ. އޭރު ފުލުސް އޮފީހުގެ ތިރީބައިގައި އޮންނާނެ އަލިފާންނިވާ ހޮޅިއެއް ދަގަނޑު ބުރަކަށް އޮޅާފައި. ތިރިއަށް ގޮސް އަޅުގަނޑު ހުރީ އެ ހޮޅި އޮޅާފައި ހުރި ދަގަނޑު ބުރު ދަމާލައިގެން އޭގެ މަތީގައި ބަޑި ޖައްސައިގެން ބޭރަށް ދިއްކޮށްގެން. އެހެން ހުރެފައި ދެން އަނެއްކާ ވެސް އެރީ ފުލުސް އޮފީހުގެ މައްޗަށް. ފުލުސް އޮފީސް މައްޗަށް ވަދެ އެތާ ކަންމަތީ ކޮޓަރިއަށް ވަންއިރު ޕްރައިވެޓް ޙުސައިން ރަޝީދު (ވައްތީނި) އެތާނގައި އިން. އެހެންކަމުން އަޅުގަނޑު ވެސް ޕްރައިވެޓް ޙުސައިން ރަޝީދު ގާތު އިށީނިން. އޭރު އެ ތަނަކީ ކާޕެޓް އަޅާފައި އޮތް ތަނެއް. އަޅުގަނޑުމެން ދެ މީހުން ތިބީ ކާޕެޓް މަތީ އިށީނދެގެން. އެރޭ ފަތިހުން ފެށިގެން ކާއެއްޗެއް ނުލިބޭތީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ތިބީ. މިހެން ތިއްބާ ގާތްގަނޑަކަށް އެދުވަހު (ނޮވެންބަރު 3) ގެ ހެނދުނު ހަތެއްއަށެއް ޖަހާ އެހާކަންހާއިރު ކާއެއްޗެއް ލިބުނު. ލިބުނީ ޖޫސްޕެޓީ ކޮތަޅެއްގައި އޮތް މުގުރިހަ ކޮތަޅަކާއި ރޮށި ކޮޅަކާއި ކަޅުސައި ކޮތަޅެއް.”
“އަޅުގަނޑު މުގުރިހަ ކޮތަޅު ދަތުން ކަނޑާލި ވަގުތު ދުޝްމަނުން ފުލުސް އޮފީހުގެ އިރުމަތީ ފަރާތުން ޖެހި ވަޒަނެއް އަޅުގަނޑުގެ ކަނާތު ކަންފަތް ކައިރިން ލާފައިގޮސް އޮފީސް ތެރޭގައި ހުރި ޝޯކޭހަކަށް އެރީ. އަދި އެ ދިމާ ޖިޕްޝަން ބޯޑް ބިތްގަނޑަށް ވެސް އެރި. މި ދެންނެވި ވަޒަނުން އަޅުގަނޑު ސަލާމަތްވީ ހަމަ ކިރިޔާ. އަޅުގަނޑުގެ ބޯ އަރިއަކަށް ޖެހެލިނަމަ ވެސް ވަޒަން ބޮލަށް އެރީސް. އެ ވަޒަން ދިޔައީ ކަންފަތް ކައިރިން. މާބުރު އަޑުހެން ވަޒަން ދިޔަ އަޑު ވެސް އިވުނު. އެ ވަގުތު އަޅުގަނޑު ވަރަށް ބޮޑަށް ސިހިގެން ދިޔަ. އަދި އަތުގައި އޮތް ކޮތަޅު އަތުން ދޫވި. ދެން އަޅުގަނޑުމެން ދެ މީހުން އަވަސް އަވަހަށް ތެދުވެ ފުލުސް އޮފީހުގެ ތަނބުތަކުން ކަވަރު ނަގައިގެން ބަޑި ހިފައިގެން ބޭރަށް ބަލަން ތިބިން. މިހެން ތިބޭއިރު ރީތިކޮށް މަގުމަތި ފެނޭ. އެތާނގައި ތިބެގެން ބޭރު ބަލާލިއިރު ރައީސް އޮފީހާ ދިމާލުގައި އިރަށް އޭރު ހުރި ފެންތާނގީތަކާ ދިމާލުގައި އޯކިޑުމާގެ ކަންމަތީގައި ތަމަޅައިންގެ ދެ މީހަކު ބަޑި ދިއްކޮށްގެން އޮށޯވެގެން އޮތް ތަން ފެނުނު. އެވަގުތު ފުލުސް އޮފީސް ތެރޭގައި ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ސްޓާފް ސާޖަންޓް ޠާހާ ވަޙީދު ހުންނެވުމުން އަޅުގަނޑުމެން އެ ވާހަކަ ދެންނެވުމުން ސްޓާފް ސާޖަންޓް ޠާހާ ވަޙީދު އެ ދިމާލަށް ބަޑި ޖެހި. އޭރު ޕްރައިވެޓް އަޙްމަދު ބުޝްރީ ހުރަވީ ބިލްޑިންގއާއި ސިފައިންގެއާ ދޭތެރޭ ޒަޚަމްވެފައި އޮތްތައް ފެނުނު. އޭނާގެ ހަރަކާތްތައް ފެނުމުން މަރުނުވާކަން އެނގޭ. އޭނާގެ ވަށައިގެން އޮތީ ލޭ. އޭގެ އިރުކޮޅެއް ފަހުން ފެނުނު މޭޖަރ މުޙައްމަދު ޒާހިރާއި ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލުގެ އިތުރު ސިފައިންގެ ބަޔަކު ގޮވައިގެން ފުލުސް އޮފީސް ގޭޓުން ބޭރަށް ނިކުންނަން އުޅޭތަން. އޭރު އަޑުއިވިފައި އޮތްގޮތުން އެ ބޭކަލުން ފުރަތަމަ ނުކުންނަން އުޅުނީ ސިފައިންގެ ބޮޑު ގޭޓުން. އެ ގޭޓު ނުހުޅުވިގެން ނުކުމެވޭގޮތް ނުވީ. އޭރު ޕޮލިސް ގޭޓު ތަޅުލާފައި ހުއްޓައި މޭޖަރ މުޙައްމަދު ޒާހިރު އިށީދެނގެން އިނދެ އެ ގޭޓު ހުޅުވި. އެ ވަގުތު އަޅުގަނޑު ވެސް ފުލުސް އޮފީހުގެ ތިރިއަށް ގޭޓާ ދިމާލަށް ފޭބިން. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލުމެން ނިކުންނަށް ދިއުމުން އަޅުގަނޑު ދެންނެވިން ޕްރައިވެޓް އަޙްމަދު ބުޝްރީ އެބަ އޮތޭ ހުރަވީ ބިލްޑިންގ ކައިރީގައި ޒަޚަމްވެފަ. ވަރަށް ލޭވެސް އެބައޮތޭ، އޭނާ މަރެއް ނުވެޔޭ. ހަނާއަޅައޭ ދެންނެވިން، މޭޖަރ މުޙައްމަދު ޒާހިރު ފުލުސް އޮފީސް ގޭޓު ހުޅުވުމުން ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލާއި ޓާސްކް ފޯސް މީހުން އެ ގޭޓުން ބޭރަށް ނުކުތީ. ނުކުތުމާ އެކު ގޭޓް ތަޅުލި. ގޭޓް ތަޅުލުމުން އަޅުގަނޑު އަނެއްކާ ވެސް އެރީ ފުލުސް އޮފީސް މައްޗަށް. ކުރީގައި އިންތަނަށް. އޭރު ފެނޭ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލުމެން ޣާޒީ ބިލްޑިންގއާ ދިމާލަށް ދާތަން. އެ މީހުންނަށް ޣާޒީ ބިލްޑިންގ ގޯޅި ހުރަސްކޮށް ދެވުނުކަމެއް ނޭނގެ މޫސާ ޢަލީ ޖަލީލާއި އޭނާގެ ފަހަތުން ދިޔަ މީހުންގެ ތެރެއިން ޕްރައިވެޓް މުޙައްމަދު ޙަސަންގެ ގަޔަށް ވަޒަން އަރައިފި. އެ މަންޒަރު ފުލުސް އޮފީހުގެ މަތިން އަޅުގަނޑުމެންނަށް ވަރަށް ރީއްޗަށް ފެނުނު. އެ ވަގުތު ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި) އާއި ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) އާއި ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)ގެ ގަޔަށް ވަޒަން އެރި މަންޒަރު ދުށިން. ވަޒަން އެރުމާ އެކު މި ތިން ބޭކަލުން ވެސް ބިންމައްޗަށް ވެއްޓުނު. ޕްރައިވެޓް މުޙައްމަދު ޙަސަންގެ ގަޔަށް ވަޒަން އެރުމާ އެކު އޭނާ އަމީރު އަޙުމަދު މަގަށް ވެއްޓުނު. އެވަގުތު ކަނާތް ފަރާތަށް އަރިއަށް އޮވެގެން ހުރަވީ ބިލްޑިންގ މަގުމަތީ ފާރު ކައިރިއަށް ދެވޭތޯ މަސައްކަތް ކުރި މަންޒަރު ފެނުނު. އޭރު ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެފައިވާ ކަނާތު އަރިކަށިން ލޭ ފައިބަމުންދިޔަ. އެހެން ނަމަވެސް މާގިނައިރުތަކެއް ނުވެ އޭނާ ޝަހީދުވެއްޖެ. ޝަހީދުވި އިރު ޕްރައިވެޓް މުޙައްމަދު ޙަސަން އޮތީ ހުރަވީ ބިލްޑިންގގެ މަގުމަތީ ފާރާ ފޫޓެއްހައި ކައިރީގައި ބޯކޮޅު އިރުމައްޗަށް ވާގޮތަށް އަމީރުއަޙްމަދުމަގުގަ. ޝަހީދުވީ އިރު އޮތީ ހުރަވީ ބިލްޑިިންގގެ މަގުމަތީ ފާރު ކައިރީ އުޑުތިލަމަތިން. އަދި ޕްރައިވެޓް މުޙައްމަދު އިބްރާހީމް ގަޔަށް ވަޒަން އެރުމާ އެކު ހުރަވީ ބިލްޑިިންގގެ މަގުމަތީ ފާރާ ގާތްގަނޑަކަށް ފޫޓެއްހައި ދުރުމިނަށް ބަންޑުން ވެއްޓިއްޖެ. ނޭވާލާއިރު ބޯ މައްޗަށް ހިއްލޭ. ބޯ ހިއްލިހިއްލި އޮއްވައި އަނެއްކާ ވެސް ދެވަނަ ވަޒަނެއް އޭނާގެ ބަނޑަށް އެރި. އެ ވަގުތު އޭނާ އޮތް ހިސާބުގަނޑުގައި ލޭގެ ކޯރު ދެމެމުން ދިޔަ. އޭނާގެ ގައިން ލޭތައް ފައިބަމުންދިއުމާ އެކު އޭނާގެ ހަރަކާތް ހުއްޓި ޝަހީދުވެއްޖެ. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލާ އެކު ބޭރަށް ނިކުތް ބޭކަލުން އިރުކޮޅެއް ފަހުން އެނބުރި އައިސް ފުލުސް އޮފީސް ގޭޓުން ވަނީ. ވަތްއިރު އެތަނުގައި ޒަޚަމްވެފައި އޮތް ޕްރައިވެޓް އަޙްމަދު ބުޝްރީ ދަމާފައި ކަހަލަ ގޮތަކަށް ގޮވައިގެން އައިސް ފުލުސް އޮފީސް ގޭޓުން ވެއްދިތަން ފެނުނު. ޕްރައިވެޓް އަޙްމަދު ބުޝްރީއަކީ ދުޝްމިނުން ހަމަލާދެމުން ދަނިކޮށް، ފަތިހު ސިފައިންގެއަށް ވަންނަން އައި މީހެއް. ބައިސްކަލުގައި އައިސް ބަނޑޭރިގޭ ހިނގުމަށް ވަދެ، ފުލުސް އޮފީސް ފާރު ކައިރީގައި ބައިސްކަލް ބަހައްޓާފައި ސިފައިންގެއަށް ވަންނަން ހިނގައިގަތް ވަގުތު ދުޝްމިނުން ދިން ހަމަލާއެއްގައި ވަޒަންއަރައި ޒަޚަމްވެގެން ވެއްޓުނީ. އެއީ ހިތުން ފިލުވާލަން ދަތި މަންޒަރުތަކެއް.”
މިއީ އޭރުގެ ޕްރައިވެޓް ޢަލީ އަޙްމަދުގެ ވާހަކައެވެ. ތިނެއް ނޮވެންބަރުގެ ޢުދުވާނަކީ މި ޤައުމަށް ޣައްދާރުވި، އަމިއްލަ އެދުމުން ފޯވެފައި ތިބި ޚާއިނުންތަކެއް ހިންގި ރަޙުމުކުޑަ އިންސާނިއްޔަތާ ޚިލާފު ޢަމަލެއްގެ ގޮތުގައި ޢަލީ އަޙްމަދު ދެކިލައްވައެވެ. އަދި އެއީ އެއްވެސް ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރާލައި އެތައް ބަޔެއް ޝަހީދުކޮށްލި ހާދިސާއެކެވެ. ކޮންމެއަކަސް، ތިނެއް ނޮވެންބަރުގެ ޢުދުވާނަކީ، އަޅުގަނޑުމެންނަށް ޢިބްރަތްތަކެއް ލިބިގެން ދިޔަ، ދެންވެސް އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި އަބަދުމެ ފާރަވެރިކަންމަތީ ތިބެންޖެހޭނެ ކަމެއްކަން ކަށަވަރެވެ. ޚާއްޞަގޮތެއްގައި ނިރުބަވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މިފަދަ ދުވަސްވަރެއްގައި އަދި މި ސަރަޙައްދުގެ ޤައުމުތަކުގައި ވެސް އެފަދަ ހަރަކާތްތައް އިތުރުވަމުންދާ ދުވަސްވަރެއްގައި އެފަދަ ކޮންމެ ނުރައްކަލަކުން ދަފަރާވެ ތިބުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ހޯދައި ތަމްރީނުތައް ހަދައި މި ޤައުމުގެ އެތެރެއިންނާއި ބޭރުން އަތުވެދާނެ މިފަދަ ކޮންމެ ހަމަލާއަކަށް ތައްޔާރުވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ޤައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި ޤައުމުގެ އެއްބައިވަންތަކަން އިސްކޮށް ގުޅިގެން މަސައްކަތް ކުރުމާއި ޤައުމު ޙިމާޔަތް ކުރުމަކީ މިއަދުގެ ޒުވާނުންނަށް ޢަލީ އަޙްމަދު ދެއްވަން ބޭނުންވި ޚާއްޞަ މެސެޖެކެވެ.
ތިނެއް ނޮވެންބަރަކީ ކޮންމެ އަހަރެއްގައި ފާހަގަކުރަމުންދާ ދުވަހަކަށް ވީއިރު، އެދުވަހު ޝަހީދުވެގެން ގޮސްފައިވާ ހިތްވަރުގަދަ ބަޠަލުންގެ ޛިކުރާ އައު ކުރެވެމުންދާ ދިއުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ އަދި ޝުކުރުވެރިކަމާ އެކު ފާހަގަކުރާކަމެވެ. އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ މި ޤައުމުގެ ސިޔާދަތު ރައްކައުތެރި ކުރުމަށް ޓަކައި ކުރެވެމުންދާ އެންމެހައި މަސައްކަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދާއި ބަރަކާތް ލެއްވުމެވެ. އަދި ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ޝަހީދުވެގެންދިޔަ އެންމެހައި އަޚުންގެ ފުރާނަތަކަށް މާތްﷲ ޝަހީދުންގެ މަތިވެރި ދަރަޖަ މިންވަރު ކުރެއްވުމެވެ. އެއީ މިއަދު މި ދިވެހި ޤައުމަށް ޓަކައި ޤުރުބާންވި ފަޚުރުވެރި ސިފައިންނެވެ.