މާތް ރަސްކަލާންގެ އިންސާނާއާއި ދުނިޔެ އާރާސްތުކުރުމުގެ ބުރަ މަސްއޫލިއްޔަތު ޙަވާލުކުރެއްވީއްސުރެ، އިންސާނާގެ ކިބައިގައި އެކަލާނގެ ލައްވާފައިވާ މާއްދިއްޔަތަށް ލޯބިކުރުމުގެ ފިޠުރަތަކީ އެކަމުގެ މައްޗަށް އެ އިންސާނާއަށް ދެއްވާފައިވާ ބުއްދި އިސްކޮށް، އެ ކަމާމެދު ސަމާލު ނުވެއްޖެނަމަ، މާއްދިއްޔަތުގެ ކަނޑެއްގައި އެމީހަކު ޣަރަޤުވެ، މަގުއޮޅިގެން ހިނގާދާނެފަދަ އެއްޗެކެވެ. އަދި، މިކަމާމެދު ފަރުވާތެރި ނުވެއްޖެނަމަ، ދުނިޔޭގެ ޒީނަތްތެރިކަމަށް އިންސާނާގެ ކިބައިގައި ލައްވާފައިވާ ލޯބި، ޝައިޠާނާ އިތުރަށް ޒީނަތްތެރިކުރުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި އުފަލާއި އަރާމުގައި އުޅެންވީ ހަމައެކަނި ތިމާއޭ ހީވާ ދަރަޖައަށް އެ މީހަކު މަގުފުރެދިގެންދާތަން މުޖުތަމަޢުތަކުން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިފަދަ ޙާލަތަކަށް އިންސާނާގެ ކަންކަން ގޮސްފިނަމަ، ތިމާގެ މައްޗަށްވާ ތިމާގެ އަޚުންނާއި މުޖުތަމަޢުގެ ޙައްޤުގެމަތީން އޭނާ ހަނދުމަނެތި ކޮށްލައެވެ. އަދި، ހަމައެކަނި ތިމާއަށް ފައިދާއެއް ނުވަތަ ލާބައެއް ލިބޭނީ ކޮންގޮތަކުންތޯ ބެލުމުގައި އެ މީހަކު އަވަދިނެތި އުޅޭތަން ފެނެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް މިފަދަ ކަންކަން ޢާންމުވެ ފެންނަމުންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
ވެރިކަމާއި، މަތީ މަޤާމުތަކާއި، އާރާއި ބާރަކީ މާތް ﷲ އަޅުގަނޑުމެންގެ ކޮނޑުގައި އަޅުއްވާ ބޮޑުވެގެންވާ އަމާނާތެއްކަން ދަނެ އެ ކަންކަމަށް އެދެނީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކިތައް މީހުންތޯއެވެ. ޤައުމާއި މުޖުތަމަޢަށް މަންފާކުރަނިވި ޚިދުމަތެއް ކުރުމުގެ ޚާލިޞް ނިޔަތުގައި ޒިންމާދާރު މަޤާމުތަކުގެ އަމާނާތާއި ޙަވާލުވަނީ ކިތައް މީހުންތޯއެވެ. ދުނިޔެ ދައްކަމުންދާ ޙަޤީޤަތަކީ، ތެދުވެރި ވަފާތެރި މީހުން މަދުކަމެވެ. “އަމިއްލަ ބާލީސްތައް ބަންޑާރަކަފައިން ފުރާލުމުގައި” ހިތުގައި ބިރުވެރިކަމެއް ޖެހިލުމެއް ނެތުމެވެ. ލިބޭ ފައިސާކޮޅަކީ މަޤާމަށް ދަހިވެތިވުމުގެ މައިގަނޑު އަމާޒުކަމަށް ވުމެވެ. ޚަޒާނާގެ ވަސް ޖެހޭ ހިސާބަށް ގާތްވެވުނަސް، ފެނާއިނުލައި ދިރުވާލުމުގެ ފިކުރުން ބުއްދި ތަޣައްޔަރުވުމެވެ. ތިމާއަށް، މަތީ މަޤާމެއް ލިބުމުން، މާތް ﷲ ތިމާ ޚަލްޤުކުރައްވާފައިވަނީ ނިކަމެތި، އާރެއް ބާރެއްނެތް މީހެއްގެ ގޮތުގައިކަން ވެސް ހަނދާން ނެތުމެވެ. އެހެންކަމުން، ހެއްދެވި ފަރާތަށް ބިރުވެތިވާ، އިޚްލާޞްތެރި، ތެދުވެރީން މިއަދު އަޅުގަނޑުމެންގެ ޤައުމަށް ބޭނުންވެފައިވަނީ ނުހަނު މަތީ މިންވަރަކަށެވެ. ޝައްކެއްނެތް ގޮތުގައި، ދިރިއުޅުމުގެ އެންމެ މާތް މަޤުޞަދަކީ، ދީނާއި ޤައުމަށް ޚިދުމަތްކުރުމާއި، މި ބިން އާރާސްތުކުރުމުގެ މަތިވެރި ޒިންމާ ވަފާތެރިކަމާ އެކު އަދާކުރުންކަމުގައި ހިތުގެ ފުންމިނުން ޤަބޫލުކުރާނެ ދަރިއަކަށް ކޮންމެ ފަރުދަކު ވުމެވެ. މި ފަދަ ދަރީންތަކެއް މިއަދު އަޅުގަނޑުމެންގެ ޤައުމަށް ވެސް މި ވަނީ ނުހަނު ބޭނުންވެފައެވެ.
އަޅުގަނޑުމެންކުރެ ކޮންމެ މީހަކީ ވެސް، އެ މީހެއްގެ ނިސްބަތުން ޤައުމަށް ޓަކައި ޚިދުމަތްކުރުމުގެ ރޫޙް ހުންނަން ޖެހޭނެ މީހެކެވެ. މުޖުތަމަޢުގެ އިޞްލާޙަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ފަރުދީ ވާޖިބެކެވެ. މި ފަރުދީ ވާޖިބު އަދާކުރުމުގައި، ތިމާގެ ލޯބިވާ ޤައުމުން ތިމާއާ ޙަވާލުކުރާ މަތިވެރި އަމާނާތަށް ޚިޔާނާތްތެރިވެ، ހަމައެކަނި ތިމާގެ އަމިއްލަ ޖާހާއި މަންފާއަށް ޓަކައި މަސައްކަތްކުރާނަމަ އެ މުޖުތަމަޢަކަށް ކުރިއެރުން ލިބުމަކީ މުސްތަޙީލު ކަމެކެވެ. އެހާރުން، ޤައުމުގެ ކުރިބެދި، މުޖުތަމަޢު ފަސާދަވެދާކަށް ގިނަވަގުތެއް ނުނަގާނެއެވެ. ޤައުމީ މަސްލަހަތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، 1987 ވަނަ އަހަރު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލްމަރުޙޫމް އޮނަރަބަލް އިބްރާހީމް ޝިހާބު ވިދާޅުވި ބަސްފުޅެއް މިތާނގައި ހަނދާން އައުކޮށްލުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑަށް ފެނެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ، “ހަމަ ކޮންމެ މީހަކު ވިސްނަނީ އެ މީހެއްގެ އަމިއްލަ ފައިދާއާއި މަސްލަހަތަށްކަމަށް ވަންޏާ، އެ ޤައުމަކާއި ދޭތެރޭގައި އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތް” ކަމުގައެވެ. މި ވާހަކަފުޅުން ދޭހަވެގެންދަނީ، ތިމާގެ އަމިއްލަ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތު ކުރިއަށް ނެރުމުގެ މުހިންމުކަމެވެ. ހަމަ މި ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، “މަގުމައްޗަށް ނުކުމެއްޖެއްޔާ އަޅުގަނޑަށް މި ފެންނަނީ ހަމައެކަނި ފުޅާވެފައިހުރި އަޅުގަނޑު” ކަމަށް ވިދާޅުވެފައިވާ ބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، މުޖުތަމަޢުގައި ތިމާގެ އަޚާ ނުވަތަ އަނެކުންނާ މެދު ވިސްނުމެއް ފިކުރެއްނެތި އުޅެމުންދާ މީހުން މިއަދު ނުހަނު ގިނަކަމެވެ. މިފަދަ މީހުން މުޖުތަމަޢުގައި ގިނަވެއްޖެނަމަ އެ މުޖުތަމަޢަކަށް އަންނާނީ ފަސާދަވެރިކަމާއި ދެރަ ކަންކަމުގައި، އެ މަނިކުފާނު ބަޔާންކުރެއްވިއެވެ. ޤައުމާއި ޤައުމުގެ މުޖުތަމަޢުން ފެށިގެން، ޤައުމުގެ އެކިއެކި މުއައްސަސާތަކާއި، ވަކިވަކި ޢާއިލާތަކާމެދުގައި ވެސް ކަން އޮންނާނީ ހަމަ މި ބީދައިންކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. އެހެންކަމުން، މިފަދަ ފަރުދަކަށް ވުމުގެ ބަދަލުގައި، ޤައުމަށް ޓަކައި، ނުވަތަ މުޖުތަމަޢަށް ޓަކައި ތިމާއަށް ކޮށްދެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އަޅުގަނޑުމެން ކުރެ ގިނަ މީހުންނަށް އާދަވެފައި ވަނީ، ތިމާއަށް ނުލިބުނު ކުރިއެރުމެއް، ތިމާއަށް ނުލިބުނު މަޤާމެއް، ތިމާއަށް ނުލިބުނު ކާމިޔާބެއް ނުވަތަ އުފާވެރިކަމެއްގެ ޝަކުވާ އާއިގެން ކޮޅުކޮޅުމައްޗަށް ހިނގުމަށެވެ. ޙައްޤު ހޯދުމުގެ މަފްހޫމްގެ ގިއުގަނޑުގެ ތެރެއިން ކަމަށް ބުނެ، ހަމައެއް އުޞޫލެއް ނެތި ޝިކާޔަތުތައް ބަންޑުންކޮށްލުމުގެ ނަތީޖާއަކީ، ކެތްތެރިކަމުގެ ޖަވާހިރުން ވިދާބަބުޅާލި އަލިކަމެއްގެ ފޮނިމީރުކަމުން ތިމާއަށް ރާހަތެއް ވެސް ނުކުރުމެވެ. ކެތްތެރިކަމުގެ ހުރި ރިވެތިކަމާއި، އެކަމުން ހިތްތަކަށް ލިބޭ ތަސައްލީ އިޙްސާސްކޮށްލަން ވެސް ފުރުސަތު ނުލިބުމެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންގެ ކަންކަން ހިންމަވައިދެއްވަނީ އެކަލާނގެ ޢިލްމުފުޅުގެ ތެރެއިންވާ މަތިވެރި ޙިކްމަތްތެރިކަމާ އެކުގައި، އަޅުތަކުންނަށް ހުރި އެންމެ މަންފާކުރަނިވި ގޮތަށްކަމުގައި ޤަބޫލުކުރާނަމަ، އަޅުގަނޑުމެން ފުދިގެން ނުވާނެ ޙާލަތެއް ވާނެތޯއެވެ. އެފަދަ މީހަކަށް ވެވޭނީ، ދަތިކަމާއި ބުރަބޮޑު އިމްތިޙާނުތަކުގައި ވެސް މާތް ﷲ ގެ މިންވަރުފުޅު ޝުކުރުވެރިކަމާ އެކުގައި ބަލައިގަންނަ ނަމައެވެ. މީގެ ބަދަލުގައި، ތިމާއަށް ކަމެއް ހާސިލު ނުވުމުން، އަބަދުވެސް އޭނާއަށް ކަންކަންކުރިމަތިވަނީ ދެރަކޮށްކަމުގައި ދެކި، ބޮޑާކަމާއި ހަސަދަވެރިކަން ކުރިއަށްނެރެ، ތިމާގެ އަޚާއަށް ކޮންމެފަދަ ގެއްލުމަކާއި ދަތިކަމެއް ކުރިމަތިކުރުވައިގެން ވެސް، ތިމާއަށް ދުނިޔޭގެ މަތިވެރި ދަރަޖަތައް ލިބުމަށް މަގުފަހިކުރުމަށް ޓަކައި މަސައްކަތްކުރާނަމަ އިންސާނީ ވަންތަކަމުގެ ކަރާމާތްވާނީ ކޮންތާކުތޯއެވެ. އޭރުން، އަޅުގަނޑުމެންގެ ދީނަށާއި ޤައުމަށް އިޚްލާޞްތެރި ވެވޭކަމުގައި ބަލާނީ ކޮން ހަމައަކުންތޯއެވެ.
ކެތްތެރިވުމުގެ މަފްހޫމަކީ، “އެޅިހައި ބަތަކަށް ރިހަ” ކަމުގައި ބަލައިގެން ކޮންމެގޮތެއް ވަރިހަމަކޮށްލައިގެން ހުރުންކަމުގައި އެއްވެސް ޙާލެއްގައި އަޅުގަނޑު ދެކެނީކީ ނޫނެވެ. ތިމާއަށް ޙައްޤުވާ މިންވަރު ހޯދަން މަސައްކަތް ކުރުމަކީ ވެސް އޮތް ކަމެކެވެ. ނަމަވެސް، އެކަމަށް މަސައްކަތްކުރުމުގެ ކުރިން، ތިމާގެ ފަރާތުން ޤައުމަށާއި އަނެކުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވުނުތޯ ނަފުސާ ސުވާލުކޮށްލުމަކީ އޮތުން ހެޔޮ ކަމެކެވެ. ކޮންމެ މީހަކީ ވެސް އެ މީހަކާ ޙަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތެއް، އެކަމެއް ކުރަންޖެހޭ އެންމެ ފުރިހަމައަށް، ޒިންމާދާރުކަމާ އެކު ކުރާނެ މީހެއްކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެ މަސައްކަތް ޙަވާލުކުރި ފަރާތަކަށް އޮތް މީހެއްކަމުގައި ވުމީ، އެ މުއައްސަސާއަކަށް ނުވަތަ ޖުމްލަކޮށް ޤައުމަށް ވެސް އެ މީހެއްގެ ބޭނުންތެރިކަން ބޮޑުކަން ހާމަކޮށްދޭނެ ކަމެކެވެ. ޤައުމުގެ އަފުރާދުންގެ ޢަމަލުތައް ހުންނަގޮތުން، އެ މީހުންނަކީ ޤައުމަށްހުރި ބުރައެއް ނުވަތަ ޤައުމުގެ ކުރިމަގަށް އެޅިފައިވާ ހިޔަންޏެއްކަމުގައި ވެއްޖެނަމަ، އެ ޤައުމެއްގެ ކުރިމަގުގެ އަމާޒާ ދޭތެރޭގައި ދެން ދައްކާނެ ވާހަކައެއް ނެތެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް، މުޖުތަމަޢުގެ ކޮންމެވެސް ޒިންމާތަކެއް އަދާކުރަމުންދާ މީހެކެވެ. މިގޮތުން، ޢާއިލީ ކަންކަމާއި، ދަރީން ތަރުބިއްޔަތުކުރުމާއި، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމާއި، އުޖާލާ ދިރިއުޅުމެއް އާރާސްތު ކުރުމަށް ޓަކައި ބޭނުންވާ އެންމެހާ ކަންކަން ފަހިކުރަން މަސައްކަތްކުރުމުގެ ޒިންމާއެވެ. މި ޒިންމާތައް އަޅުގަނޑުމެން އަދާކުރަމުން ދަނީ، ކުރީން ބަޔާންކުރެވިދިޔަ ޤައުމީ ވާޖިބުތައް އަދާކުރަމުންނެވެ. މިގޮތުން، އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށް އެހީތެރިކަމާއި ވަގުތު ބޭނުންވާހިނދު، މި ކަންކަން ހަމަޖެއްސުމަށް ޓަކައި މަސައްކަތުގެ މާހައުލުން ލުއިފަސޭހަ ނިޒާމެއް މި ޤައުމުގެ ގިނަ މުއައްސަސާތަކުގައި ހަމަޖެހިފައިވާކަމީ އުފާކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މުއައްސަސާއަށް ތިމާގެ ބޭނުން އެންމެ ބޮޑުވާ ދަނޑިވަޅުގައި، ނުވަތަ ޤައުމު ތިމާގެ އެހީއަށް އެންމެ ބާރަށް ގޮވާލާހިނދު، އެކަމަށް ފުރަގަސްދީ، ތިމާގެ މަސްލަހަތު ހުރި ކަންކަމަށް ވަގުތު ހުސްކުރާތަން މި މުޖުތަމަޢުން ވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ކަންމިހެން ހުރިއިރު، ޤައުމު ތަމްސީލުކުރާ ކުޅިވަރު މުބާރާތަކުން އެއްވަނަ ލިބުމުން ތިމާގެ ޝުޢޫރުތަކާއި ޤައުމީ ޖޯޝް އުތުރިއަރާ ބީދައިން، ޤައުމަށް ޓަކައި ތިމާ ކޮށްދޭ ކޮންމެ ޚިދުމަތެއްގައި އެ ޖޯޝާއި ރޫޙް ހުންނާނެނަމަ ހާދަހާވާ ރަނގަޅުވާނޭ ހިތަށް އަރައެވެ.
ޤައުމުގެ ފަރުދެއްގެ ހައިސިއްޔަތުން، ތިމާއެކޭ އަނެކާއެކޭ ވާނީ ހަމަހަމައެވެ. ތިމާއަށް ލިބިފައިވާ ޢިލްމެއްގެ މޮޅުކަމާއި، ތިމާގެ ހަސަބާއި ނަސަބުގެ މޮޅުކަމާއި، މި ޒާތުގެ އެންމެހާ ކަންކަމަކީ އެ ކަންކަމާމެދު ތިމާ ބޮޑާވެ ކިބުރުވެރިވާން ޖެހޭނެ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި، މިކަންކަން ވާންޖެހޭނީ، ތިމާގެ ހިތްތިރިކަމާއި، އަނެކާއަށް އޯގާތެރިކަމުގެ ފިޔަ ތިރިކޮށްލުމަށް ލިބޭ ހިތްވަރެއް ކަމުގައެވެ. ތިމާއަށް ލިބުމަށް އެދޭ ހެޔޮކަމެއް އަނެކާއަށް ވެސް ލިބުމަށް އެދޭނަމަ، ޤައުމުގެ ހުރިހާ މައިދާނަކުން ވެސް ފެނިގެންދާނީ ބަދަހިކަމާއި ކުރިއެރުމާއި ތަރައްޤީއެވެ. އަނެކާއަށްވުރެ ތިމާ ޢިލްމާއި ފަންނީ ގޮތުން ކިތަންމެ މޮޅަސް، އެކަމުގެ އަސަރު ތިމާގެ ނަފުސާއި އަޚްލާޤުން ފެންނަން ނެތްނަމަ، އިޖުތިމާޢީ ފޭރާން މުޑުދާރުކުރާ ނަޖިހަކަށް އޭނާ ވެދާނެއެވެ. އަދި، އަމިއްލަ މަސްލަޙަތުން ކަސްތޮޅުއެޅިފައިވާ ފިތުނަވެރި ހިތެއްގެ ވެރިއަކަށް މީހަކު ވެއްޖެނަމަ، އޭނާގެ ނަފުސުގައި ހުންނާނީ ކޮން ކަރާމާތްތެރި ކަމެއްތޯއެވެ. ހިތުގައި ޒުހުދުވެރިކަމެއް ހުރި މީހެއްގެ ކުރިމަތީގައި އޭނާގެ އޮންނާނީ ކޮން އަގެއްތޯއެވެ. މިފަދަ މީހަކަށް ޤައުމަށް އިޚްލާޞްތެރި ޚިދުމަތެއް ކޮށްދެވޭނެތޯއެވެ. މިހެންކަމުން، މި ލޮބުވެތި ޤައުމަށް އަދަށްވުރެ ކާމިޔާބު މުސްތަޤުބަލެއް ހޯދުމަށް ޓަކައި، ދީނަށާއި ޤައުމަށް މަންފާކުރަނިވި އެންމެހާ ކަންކަމުގައި، ތިމާގެ ނަފުސަށްވުރެ ކުރިއަށް އެކަންކަން އިސްކުރުން އެއީ ކޮންމެހެން ކުރާންޖެހިފައިވާ ކަމެއްކަން ކަށަވަރެވެ.
އަޅުގަނޑުމެން ދަންނަންޖެހޭ ވަރަށް މުހިންމު ޙަޤީޤަތެއްގެ ވާހަކައެވެ. މާދަމާ ވެސް އަޅުގަނޑުމެންކުރެ މީހަކު ލޯމަރާލައިފިނަމަ، އެމީހެއްގެ ޛިކުރާ މުޖުތަމަޢުގައި އައުކުރެވި، ދިރިތިބީންގެ ހެޔޮދުޢާ ލިބިގެންދާނީ، އެމީހާ ދިރިހުރިއިރު އެމީހާގެ އަންބޮނޑި ބޮޑުކުރަން ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބަކުން ނޫނެވެ. އަދި ކީއްތޯއެވެ. މިފަދަ މީހަކަށް ވެވޭނީ، ދިރިހުރި އިރު އޭނާ އިސްލާމް ދީނަށާއި، ޤައުމާއި މުޖުތަމަޢުގެ މަންފާއަށް ޓަކައި ކޮށްފައިހުރި ހެޔޮކަންކަމުގެ ސަބަބުންނެވެ. ކިތަންމެ މަތީ މަޤާމުތަކެއް އަދާކޮށްފައިހުރި މީހަކަސް، އޭނާ އެ މަޤާމުގައިހުރެ ކުޅަ މަސައްކަތްތަކަކީ ޤައުމަށްވުރެ ބޮޑަށް އޭނާގެ ލާބަޔާއި މަންފާއަށް ޓަކައި ކުޅަ މަސައްކަތްތަކެއް ކަމުގައި ވާނަމަ، ދިރިތިބީން އެމީހަކަށް ލަޢުނަތްދީ ހަދާކަން މިއަދު ދިރިތިބި ބަޔަކަށް ހުންނާނީ ފެނި ތަޖުރިބާ ވެސް ކުރެވިފައިކަން ޔަޤީނެވެ. އެހެންކަމުން، އޭނާގެ ދީނާއި، ޤައުމާއި، މަސައްކަތްކުރާ މުއައްސަސާއާއި މުޖުތަމަޢުގެ ގިނަގުނަ މައްސަލަތައް ހުރިތަނުގައި ހުއްޓާ، ތިމާގެ އަމިއްލަ މައްސަލަތަކާއިހެދި އަވަދިނުވެ އުޅެނިކޮށް ލޯ މަރާލަން ޖެހިއްޖެނަމަ، ތިމާއަށް ހާސިލުކުރެވޭނީ ކޮން ކަމެއްތޯ ވިސްނާލުން ނުހަނު އައުލާކަންބޮޑެވެ. ޤައުމުގެ ޙާލާ މެދު ކަންބޮޑުވުމެއް، ވިސްނުން ހިންގައިލުމެއް ކަމެއްނެތި، މޫދުގައި އޮޔާދާ ލަކުޑިގަނޑެއްފަދަ ޣައިރުޒިންމާދާރު މީހަކަށް ނުވުމަށް މި ޤައުމުގެ ކޮންމެ ފަރުދަކު ޢަޒުމް ކަނޑައަޅަން ޖެހެއެވެ. ތިމާގެ ޒާތީ މަންފާއާއި ގުޅުންހުރި ހުރިހާ ކަމެއްގެ ހިސާބުތައް ޖަމާކޮށް، އަމިއްލަ ތަރާދުން ވަޒަންކުރުމުގައި މުޅި ޙަޔާތް ހުސްކޮށްލުމުގެ ބަދަލުގައި، ޤައުމުގެ މަސްލަހަތުހުރި ކަންކަމާއި، ޤައުމުގެ އެކިއެކި މައްސަލަތަކާއި، މި ކަންކަމުގައި ޤައުމަށް ޓަކައި ތިމާއަށް ކޮށްދެވޭނެ ކަމަކާމެދު ފިކުރު ހިންގާލުން މާރަނގަޅުވާނެކަން ޔަޤީނެވެ.