ސިފައިންގެ ޢަސްކަރީ އަދަބު އަޚްލާޤު ނެގެހެއްޓުމާއި ދެމެހެއްޓުމަށް ޓަކައި، ސިފައިންގެ މީހުންގެ ތެރެއިން އަޚްލާޤާއި ސުލޫކާ ޚިލާފުވާ ފަރާތްތަކާ މެދު އެކަށޭނަ ފިޔަވަޅު އެޅުމަކީ 130 އަހަރު ހަމަކުރުމާ ދިމާއަށް ދަތުރުކުރަމުންދާ ދިވެހި ޢަސްކަރިއްޔާގެ ހަޔާތުގައި އަބަދުވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. އެކި ޒަމާންތަކުގައި އެކި ގޮތަށެވެ. ދާދި ކައިރި މާޒީއަކަށް، ގާތްގަނޑަކަށް މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާނަމަވެސް، އޭރު ހުންނަވާ ކޮމާންޑަރެއްގެ ނުވަތަ ކަމިޝަން އޮފިސަރެއްގެ ވިސްނުމުން އޭނާގެ ދަށުން މަސައްކަތްކުރާ ސިފައިންގެ މީހެއްގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ ނިންމުމަކީ، ސިފައިންގެ މީހެއްގެ މައްޗަށް އަދަބު ކަނޑައަޅައި އަދަބު ދިނުމުގެ  އިޖުރާއަތެވެ. އޭރު އެ މީހެއްގެ މައްޗަށް ހިންގަން ޖެހޭ ތަޙްޤީޤެއް ނުވަތަ ކުރަންޖެހޭ ސުވާލެއް ނުވަތަ ހޯދަންޖެހޭ މަޢުލޫމާތެއް ނޯވެއެވެ. ފަހަރެއްގައި މިގޮތަކީ އެ ޒަމާނާއި ސިފައިންގެ މުއައްސަސާއާ އަދި ދިވެހި މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަގުތަކާއި އޭރުގެ ޢަދުލު އިންސާފުގެ ތިލަފަތްތަކަށް އެންމެ ހެޔޮވަރު، އަދި ދިވެހި ޢަސްކަރީ އަދަބު އަޚްލާޤު ނަގަހައްޓައި ދެމެހެއްޓުމަށް ވަރުން އެޅިގެންވާ ގޮތް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެއަކަސް، ޤާނޫނީ އަދި ޙައްޤުތަކުގެ ޒަމާނަށް ދިވެހި މުޖުތަމަޢު އަލިވިލިގެން ދިޔައިރު އޭގެތެރޭގައި ދިވެހި ޢަސްކަރިއްޔާ ވެސް ޝާމިލުވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ލިޔެވިފައިވާ ޤާނޫނަކާއި ޤަވާޢިދުތަކެއް ދިވެހި ޢަސްކަރިއްޔާގެ ތެރެއަށް އުފަންވެގެން ދިޔައެވެ. ޚާއްޞަކޮށް ސިފައިންނާމެދު އަޚްލާޤީ ފިޔަވަޅުތައް އެޅުމަށް ޓަކައި އިދާރީ އަދަބު ދިނުމާބެހޭ ޤަވާޢިދެއް އެކުލަވާލެވުނެވެ. އަދި މި ޤަވާޢިދުގެ ދަށުން އަޚްލާޤީ އެކިއެކި މައްސަލަތައް ދިމާވާ ސިފައިންނާމެދު ފިޔަވަޅު އަޅަން ފެށުނެވެ. އަދި މިހާރު ދިވެހި ޢަސްކަރިއްޔާގެ ހިންގުމާއި ހަވާލުވެ ތިއްބެވި ލީޑަރުން، ސިފައިންގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެއްވި ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، ޢަސްކަރީ ޢަދުލުގެ ޚާއްޞަ ނިޒާމެއް 2021 ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ވުޖޫދު ވެގެން ދިޔައެވެ.

އަލަށް ޢަމަލުކުރަންފެށި ޢަސްކަރީ ޢަދުލުގެ ނިޒާމަކީ ދިވެހި ސިފައިންގެއަށް ވަރަށް ޚާއްޞަ ނިޒާމެކެވެ. ސަބަބަކީ މި ނިޒާމަކީ ސިފައިންގެ ޒަމާންވީ ތާރީޚްގައި އަލަށް ލިޔެވި، އެކުލަވާލެވި އަދި ޢަމަލުކުރަން ފެށި ނިޒާމަކަށް ވާކަމެވެ. އަދި ސިފައިންގެ ތެރެއިން އެކިއެކި ކުށްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ޤާނޫނީ ޢާންމު މަބާދިއުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ފިޔަވަޅުއެޅުމަށް އިސްކަން ދީގެން އުފައްދާފައިވާ ނިޒާމަކަށް ވާކަމެވެ. ފިޔަވަޅު އަޅާއިރު ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޤާނޫނީ ޙައްޤުތައް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން އެކުލަވާލާފައިވާ ނިޒާމަކަށް ވާތީއެވެ.

ޢަސްކަރީ ޢަދުލުގެ ނިޒާމުގެ ދަށުން ސިފައިންނަށް ލިބިގެންދާ ފުރުޞަތުތަކަށް ބަލާއިރު، އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، މައްސަލައަކާ ގުޅިގެން ކަންކަން ވެގެންދާނެ ގޮތުގެ އިޖުރާއަތުތައް އެއް ޤަވާޢިދެއްގެ ގޮތުގައި ލިޔެވި ޢާންމު ކުރެވިފައިވުމެވެ. އަޚްލާޤީ މައްސަލައެއްގައި ނުވަތަ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ ސިފައިންގެ މީހަކާ މެދު ކަންކުރަންޖެހޭ ގޮތް، ކަޅާއި ހުދުން ލިޔެވި، ޢާންމު ކުރެވިފައި ވުމުން ކޮންމެ މީހަކަށް ވެސް އެ މީހަކާ މެދު އުޞޫލުތަކާ ޚިލާފަށް ހިނގާ ކަންކަން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ނިޒާމުގައި ދެން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ސިފައިންގެ ކޮންމެ މީހަކާ މެދު ފިޔަވަޅު އެޅުމުގައި ވެސް، ޠަބީޢީ ޢަދުލުވެރިކަމުގެ މިންގަނޑުން ކަންކަން ކުރަންޖެހޭ ގޮތަށް ނިޒާމު ފަރުމާ ކުރެވިފައިވާ ކަމެވެ. އެގޮތުން ބަލާއިރު، މައްސަލައެއްގައި، މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ބަލާ ފަރާތަކީ އެއްފަރާތެއްގެ ގޮތުގައި ވެގެން ނުވާނެ ކަމަށް ބުނާ ޤާނޫނީ އަސާސާއި، ދެ ފަރާތުގެ ވާހަކަ ވެސް އަޑުއަހަންޖެހޭނެ ކަމަށް ބުނާ ޤާނޫނީ އަސާސް މި ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދީފައި ވާކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ހަމަކޮންމެ ފަރާތެއްގެ ވެސް ވާހަކަ އަޑުއިއްވުމުގެ ފުރުޞަތާއި އަޑުއަހައި މިނެކިރަންޖެހޭ ފަދަ ގޮތަކަށް މި ނިޒާމު ބައްޓަން ކުރެވިފައިވުމަކީ ތުހުމަތުކުރެވޭ ފަރާތުގެ ޤާނޫނީ ޙައްޤުތައް ކަށަވަރު ކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ.

އަލަށް ޢަމަލުކުރަން ފެށި ޢަސްކަރީ ޢަދުލުގެ ނިޒާމަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެކިއެކި ކަންކަމުގައި ތުހުމަތު ކުރެވޭ ސިފައިންގެ މައްސަލަތައް ބަލާއިރު، އެ މީހަކަށް ޖަވާބުދާރީ ވުމަށް ލިބެނީ ޙަޤީޤަތުގައި ވަރަށް ހަނި ފުރުޞަތެކެވެ. އެގޮތުން ކުރިން ޢަމަލުކުރި ނިޒާމުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތަށް ޖަވާބުދާރީ ވުމަށް ލިބޭ ފުރުޞަތަކީ ތަޙުޤީޤުގެ މަރުޙަލާގައި ލިބޭ ފުރުޞަތެކެވެ. އޭގެ ފަހުން އޭނާއާ ދެކޮޅަށް ލިބިފައިވާ ހެއްކަކީ ކޮބައިކަން ދެނެގަތުމާއި އެ ކަންކަމުން ދިފާޢުވުމަށް ވާހަކަދެއްކުމުގެ ޙައްޤެއް އެ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ލިބިގެނެއް ނުދެއެވެ. އެހެން ނަމަވެސް އަލަށް ޢަމަލުކުރަން ފެށި ޢަސްކަރީ ޢަދުލުގެ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައި ވެސް ތުހުމަތު ކުރެވޭ ފަރާތަށް އެ މީހެއްގެ ދިފާޢުގައި ވާހަކަދައްކައި ހެކި ހުށަހެޅުމާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކާ ބެހޭ ގޮތުން ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ލިބިގެންދެއެވެ.

ޢާންމު އުޞޫލެއްގެ ގޮތުން މައްސަލަތައް ދެ ފަރާތުގެ ހާޒިރުގައި ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުންތަކުގެ ގޮތުގައި ކުރިއަށް ގެންދާ ގޮތަށް އަލަށް އެކުލަވާލެވުނު ޢަސްކަރީ ޢަދުލުގެ ނިޒާމު އެކުލަވާލާފައި އޮންނަ އޮތުމަކީ ޢަދުލު އިންސާފު ކަށަވަރުކުރުމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ލިބިފައިވާ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މައްސަލަ ބަލާ މަޖުލީހުގައި، މުއައްސަސާގެ ފަރާތުން އަދި ތުހުމަތު ކުރެވޭ ފަރާތުން ދައްކާ ވާހަކަ އަޑުއެހުމާއި އެ މަޖުލީހުގައި ދެކެވޭ ވާހަކަތަކާއި ކަން ހިނގާދާ ގޮތް ބަލައި ތަޖުރިބާކުރުމުގެ ފުރުޞަތުގެ ބޭނުން ހިފައިގެން ތުހުމަތު ކުރެވޭ ފަރާތަށް އަދަބު ދެވުނީ ކިހިނެއްކަން ދެނެގަތުމުގެ ފުރުޞަތު ތުހުމަތު ކުރެވޭ ފަރާތަށާއި އެ މީހަކާ ގުޅުންހުރި އެހެން ފަރާތްތަކަށް ދެނެގަތުމުގެ ފުރުޞަތު މިހާރު ޢަމަލުކުރަމުންދާ ޢަސްކަރީ ޢަދުލުގެ ނިޒާމުގެ ތެރެއިން ލިބިގެންދާނެއެވެ.

އަލަށް އެކުލަވާލެނު މި ނިޒާމުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ފުރުޞަތަކީ، އެޕީލް ކުރުމުގެ ފުރުޞަތެވެ. މި ނިޒާމުގެ ތެރެއިން މައްސަލާގައި ޝާމިލުވާ ދެ ފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި އެޕީލް ކުރުމުގެ ފުރުޞަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ. އެގޮތުން މައްސަލަ ބެލުމުގެ ފުރަތަމަ މަރުޙަލާއިން ނިންމާ ނިންމުމާ މެދު އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ހިތްހަމަ ނުޖެހޭ ފަރާތަށް އެޕީލް ކުރުމަށް ޓަކައި އަސްކަރީ ޢަދުލުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލްގައި އެޕީލް ކުރެވިދާނެއެވެ. އަދި މި ކައުންސިލުން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ނަމަ، އެކަން މިނިސްޓަރަށް އެޕީލް ކުރުމަކީ ވެސް، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް މި ޤަވާޢިދުގެ ދަށުން ލިބިފައިވާ ފުރުޞަތެކެވެ.

މި ދެންނެވި ފުރުޞަތުތަކުގެ އިތުރަށް، ބައެއް މައްސަލަތަކުގައި ރެކޯޑް ފައިލަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ނިންމައި ފައިލްކުރުމަކީ މި ނިޒާމުގެ ތެރެއިން ސިފައިންނަށް ލިބިފައިވާ އިތުރު ފުރުޞަތެއްކަން ފާހަގަކުރެއެވެ. އަދި ހަމައެހެންމެ މައްސަލަ ބެލުމުގެ އެއްވެސް މަރުޙަލާއެއްގައި އެމީހަކާ މެދު އިންޞާފުގެ އުޞޫލުތަކާއި ހަމަތަކާ ޚިލާފަށް ނޭއްގާނީ ގޮތުން ޢަމަލުކުރާނަމަ އެކަމުގެ ޝަކުވާ އުފުލާނެ އެކަށޭނަ އުޞޫލެއް ވެސް މި ނިޒާމުގެ ދަށުން އެކުލަވާލެވިފައި ވާކަން ފާހަގަ ކުރެވެއެވެ.

މި ނިޒާމަކީ ވަރަށް ތަފުޞީލުކޮށް ލިޔެވިފައިވާ ޤަވާޢިދެއްގެ ދަށުން ހިނގަމުން އަންނަ ނިޒާމަކަށް ވުމާއެކު، މި ނިޒާމާ ބެހޭ ކަންކަމާއި ނިޒާމުގެ ދަށުން ލިބިގެންދާ ފުރުޞަތުތައް އައްޑަނައިގެ އެހެން ބައެއް ޢަދަދުތަކުގެ ޒަރީޢާއިން ތަފުޞީލުކޮށްދެވޭތޯ ބަލާނަމެވެ.

ޝެއަރކުރެއްވުމަށް