“ފަޔަރ ޕްރިވެންޝަން ވީކް” އަކީ އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުމަށް ސިފައިން ކުރިއަށްގެންދާ އެންމެ ޚާއްޞަ ހަރަކާތެވެ. ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށްގެންދާ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާތާ މި އަހަރަށް މިވަނީ 10 އަހަރު ހަމަވެފައެވެ. 2012 ވަނަ އަހަރު ފެށި މި ހަރަކާތް އެންމެ ފުރަތަމަ ބޭއްވުނީ މާލޭގައެވެ. ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށި “ފަޔަރ ޕްރިވެންޝަން ވީކް” ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ބެލެވި، ދެވަނަ އަހަރެއްގައި މި ހަރަކާތް ކުރިއަށްގެންދިޔުމުގެ ވިސްނުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ލީޑަރޝިޕުން އޭރު ގެންގުޅުއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރު މި ހަރަކާތް ގްރޭޓަރ މާލޭ އޭރިއާއަށް ފުޅާކޮށް މާލޭގެ އިތުރުން، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކުރިއަށް ގެންދެވުނެވެ. އަދި އޭގެ ފަހުން އޭރިއާ ކޮމާންޑްތަކާ ގުޅިގެން އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރެއަށް މި ހަރަކާތް ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ތަފާތު އޯޑިއަންސްތަކަށް އަމާޒުކޮށްގެން ތަފާތު ތީމްތަކުގައި މި ހަރަކާތް ވަނީ ކުރިއަށް ގެންދެވިފައެވެ.  އަދި ފަޔަރ ޚިދުމަތް ދޭ ކުންފުނިތަކާއި ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަދި ބޮޑެތި ކުންފުނިތަކާ ގުޅިގެން ވެސް ތަފާތު ލެވެލްތަކުގައި ވަނީ މާޒީގައި މި ހަރަކާތް ބާއްވާފައެވެ. އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ވަނީ މި ހަރަކާތްތައް ކުރިއަށް ގެންދެވިފައެވެ. އެގޮތުން ހިންމަފުށި، ތުލުސްދޫ އަދި ވ. ކެޔޮދޫގައި އެ ރަށްރަށުގެ ރައްޔިތުން ޝާމިލު ކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތްތައް އާންމު ރައްޔިތުން އުފަލާ އެކު ބަލައިގެންފައިވެއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އަލިފާނުގެ ނުރައްކަލަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދިނުމެވެ. މި ހަރަކާތް ކުރިއަށްގެންދަނީ މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް ގޮސް ތަފާތު ޑެމޮންސްޓްރޭޝަންތައް ދައްކައި ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ލައިވް ސެޝަންތަކެއްގެ ގޮތުގައެވެ. މިފަދަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހާސިލުވާނެ އެންމެ މުހިންމު ލަނޑުދަނޑިއަކީ އަލިފާނުގެ ނުރައްކަލަށް ހޭލުންތެރި މުޖުތަމައެއް އުފަންވުމެވެ.

ކިޗަން ސިމިއުލޭޓަރެއް ތައްޔާރު ކުރުން

މިފަދަ ޕަބްލިކް އިވެންޓެއް ކުރިއަށް ގެންދާއިރު، އިވެންޓުގައި ބޭނުންކުރާ ސާމާނުތައް އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. އެހެން ކަމުން މިފަދަ ހަރަކާތްތަކުގައި ބޭނުންކުރެވޭނެ ރަނގަޅު އާލާތެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ބޭނުންކުރާ އާލާތްތައް ދިރާސާކުރެވުނެވެ. އެގޮތުން ކުރެވުނު ދިރާސާގެ އަލީގައި ޚާއްޞަ އާލާތެއް ތައްޔާރު ކުރެވުނެވެ. ބަދިގެއެއްގެ ކޮންސެޕްޓަށް ތައްޔާރު ކުރެވުނު މި އާލާތް ޑިޒައިން ކޮށްފައިވަނީ އެވެއަރނަސްއަށް ބޭނުންކުރާ ހުރިހާ ސާމާނު ސްޓޯރކުރެވޭ ގޮތަށެވެ. ފަސޭހަ ކަމާއެކު ރޫޅައި ރޭވޭ ގޮތަށް އަދި އުފުލައި ގެންގުޅުމަށް ފަސޭހަވާނޭ ގޮތަށް ޑިޒައިން ކޮށްފައިވާ މި އާލާތް ތައްޔާރުކޮށްފައިވަނީ އެސްއެސްއިންނެވެ.

ހޭލުންތެރި ކުރެވުނު މައިގަނޑު ދާއިރާތައް

  • ރައްކާތެރި ގޮތުގައި ކައްކާ ގޭސް ބޭނުން ކުރުން.
  • ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތައް.
  • ކަނޑު އުޅަނދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް.
  • ކަރަންޓުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް.
  • ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅުންހުރި އަދި ފަރުވާ ކުޑަކުރުމުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް.
  • އިމާރާތްތަކުގައި ޤާއިމުކުރެވިފައި ހުންނަ ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްތައް.
  • ފަޔަރ އިވެކްއޭޝަން ޑްރިލް.

ކޮވިޑާއި ގުޅިގެން މުޅިންތަފާތު ކޮންސެޕްޓެއްގައި

ކޮވިޑްގެ ހާލަތާ ގުޅިގެން 2021 ވަނަ އަހަރު މި ހަރަކާތް ކުރިއަށް ގެންދެވިފައި ވަނީ، މުޅިން ތަފާތު ކޮންސެޕްޓެއްގައެވެ. ކޮވިޑާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އުސޫލުތަކާ ގުޅިގެން 2021 ވަނަ އަހަރު މި ހަރަކާތް ކުރިއަށް ގެންދިޔައީ ޓީވީ، ރޭޑިއޯ މެދުވެރިކޮށް އަދި ތަފާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށްގެންނެވެ. ޓީވީ/ރޭޑިއޯގެ ލައިވް އަދި ރިކޯޑިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ހޭލުންތެރި ކުރުމުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި ހޭލުންތެރިކުރުމުގެ ތަފާތު ކުރު ވީޑިއޯ ކުލިފްތައް ތައްޔާރުކޮށް އެމްއެންޑީއެފްގެ އޮފިޝަލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމު ރައްޔިތުންނާ ހަމައަށް މި ވީޑިއޯތައް ވަނީ ދޫކޮށްލާފައެވެ. މި ވީޑިއޯތަކަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވެއެވެ.

2022 ވަނަ އަހަރު އާރޫހެއްގައި

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން 2020 ވަނަ، މި ހަރަކާތް ބޭއްވިފައި ނުވި ނަމަވެސް ބައެއް ވީޑިއޯ ތައްޔާރުކޮށް އާންމު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ވަނީ އާންމުންނާ ހަމައަށް ފޯރުކޮށްދެވިފައެވެ.  2021 ވަނަ އަހަރުގެ ހާލަތަށް ރިއާޔަތްކޮށްގެން މި ހަރަކާތް ކުރިއަށްގެންދެވިފައި ވެއެވެ. ކޮވިޑްގެ ހާލަތު އާންމު ހާލަތަށް ރުޖޫޢަވުމާ ގުޅިގެން 2022 ވަނަ އަހަރު އާ ރޫހަކާ އެކު މި ހަރަކާތް ގެންދާނެ ގޮތްތައް ރާވާލެވުނެވެ. 2022 މާރިޗު 19 އިން 24 އަށް ކުރިއަށް ގެންދެވުނު މި ހަރަކާތް ގްރޭޓަރ މާލޭ އޭރިއާގައި ކުރިއަށް ގެންދެވުނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައެވެ. މާލޭގެ ރަސްފަންނު ސަރަހައްދާއި ވިލިމާލޭގެ ފެރީ ޓާމިނަލް ސަރަހައްދާއި ތިލަފުށީގައި ބިދޭސީންނަށް އަމާޒުކޮށްގެން ތަފާތު 3 ސަރަހައްދެއްގައި ކުރިއަށް ގެންދެވުނު ހަރަކާތާއި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަހަހައްދުގައި ކުރިއަށް ގެންދެވުނު ހަރަކާތެވެ. އެންމެ ފާހަގަ ކޮށްލެވުނު ހަރަކާތަކީ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށްގެންދެވުނު ހަރަކާތެވެ. ހިޔާ ފްލެޓްތަކުގައި ޤާއިމުކުރެވިފައިވާ ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްތަކަށް އަހުލުވެރި ކުރުވުމާއި އަދި ދިމާވެދާނެ އަލިފާނުގެ ހާދިސާއެއްގައި ޢަމަލުކުރާނެ ގޮތްތަކަށް ހޭލުންތެރި ކުރުވުނެވެ. ކޮންމެ ހަރަކާތެއް ކުރިއަށްދާ ސަރަހައްދުގައި ހޭލުންތެރިކުރުމަށް ދެއްކޭ ޑެމޮންސްޓްރޭޝަންތަކާއި ފަޔަރ ބްލޭންކެޓް އަޅަން ފަރިތަކުރާ ސްޓޭންޑަކާއި ތުއްތު ކުދިންނާ ގުޅޭ ހަރަކާތްތަކާއި، ހަދިޔާދިނުމާއި، 118 އިސްތިހާރު ކުރުމާއި އަދި ސިފްކޯގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ހަވާލުކުރެވުނެވެ.

“ފަޔަރ ޕްރިވެންޝަން ވީކް 2022” ގައި އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދެވުނެވެ. އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޤާއިމުކޮށްފައިވާ ނައިފަރު އަދި ކުޅުދުއްފުށި ފަޔަރ ސްޓޭޝަން މެދުވެރިކޮށް އެ ދެ ރަށުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. ދޮރުންދޮރަށް އަދި މީހުން ޢާންމުކޮށް އެއްވާ ސަރަހައްދުތަކަށް ގޮސް ވަރަށް ތަފާތު ކޮންސެޕްޓްތަކުގައި ވަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާފައެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ތަފާތު 9 ރަށާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 4 ރަށެއްގައި ކާމިޔާބުކަމާ އެކު މި ހަރަކާތް ކުރިއަށް ގެންދެވިފައިވެއެވެ.

މި ހަރަކާތުގެ ސަބަބުން އެތައް ފައިދާތަކެއް

މި ހަރަކާތުގެ ތެރެއިން ސިފައިންގެ ތަޞައްވަރު ރަނގަޅުވެ، ޢާންމު ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދެއެވެ. އޭގެ ނަތީޖާއަކީ ޤާނޫނީ ގޮތުން ސިފައިންނާ މަތިކޮށްފައިވާ އަލިފާން ނިއްވުމުގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު، އިހުނަށްވުރެ ބޮޑުވެގެން ދިޔުމެވެ. މި ހަރަކާތް މިހާ ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ދެމިއޮތީ އެފްއާރުއެސްގެ ކޮމާންޑަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނާއި ސިފައިންގެ ލީޑަރޝިޕާއި ދިފާޢީ ވަޒީރުންގެ ގޮތުގައި ޚިދުމަތް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން އަބަދުވެސް މިކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުގެ ސަބަބުން ކަމާމެދު ޝައްކެއް ނެތެވެ. ކުރިއަށްއޮތް އަހަރުތަކުގައި ވެސް އިތުރު ތަރައްޤީއާއި، އާ ހިޔާލާއި ވިސްނުންތަކާއެކު ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދިޔުމަކީ މިއަދު ކުރެވޭ އިޚްލާޞްތެރި ދުޢާއެވެ.

ޝެއަރކުރެއްވުމަށް