ބޮޑުތަކުރުފާނު ވާހަކަ ކިޔުމުގައި ބުރާރަ މުޙައްމަދުފުޅު، އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުންނާއި ގުޅުވައިގެން ކިޔަމުން އަންނަ ހުވަދޫ ވާރުއޮޑީގެ ވާހަކައަކީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް އެ ވާހަކައިގައި ތާރީޚީ ޙަޤީޤަތްތަކެއް ވާކަމަށް ޤަބޫލުކުރަމެވެ. ފުރަތަމައަށް ދިވެހި ތާރީޚުގައި އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުން (1408 އިން 1411 އަށް) ގެ ނަންފުޅު ކިޔާ ރަސްކަލެއްގެ ނަންފުޅު ހިމެނިފައިވުމެވެ. ދެވަނައަށް ހުވަދޫ ވާރުއޮޑީގެ ވާހަކައެވެ. ތިންވަނައަށް ދިވެހި ރާވެރިކަމުގެ ވާހަކައެވެ. ހަތަރުވަނައަށް އެއްވެސް މީހަކު އެ ކަންކަން ޤަބޫލުކުރާކަމަށް ނުބުނިނަމަވެސް ދިވެހި ޘަޤާފަތާއި ގުޅިފައިވާ ކަންވެރިކަމާއި، އިރުވަރު ބެލުމާއި، ކިޔެވެލި ކިޔެވުމާ މިފަދަ ވާހަކަތަކެވެ.
ތިންރުއް މުޙައްމަދު
މި މަޒުމޫނުގެ ބަޠަލު ތިންރުއް މުޙައްމަދަކީ ހުވަދޫ ވާރުވެރިކަލޭގެ ގޭގައި ރުއްއަރަން ތިބޭ ދޮޅިއްސަ ރައިވެރިންގެ ތެރެއިން އެކަކެވެ. ވާރުވެރިކަލޭގެ ގޭގައި އުޅޭ ދޮޅިއްސަ ރައިވެރިން ކޮންމެ މީހަކު ދޮޅިއްސަ ރުކުން ރާބާލައިގެން ބަދިތައް ހިފައިގެން އައިސް ވާރުގޭ ބަދިގޭގައި ރާބަދިތައް ބަހައްޓާއިރު، އަދި ތިންރުއް މުޙައްމަދަށް ރާ ބޭލެނީ ތިންރުކުންނެވެ. މި މުޙައްމަދު، ތިންރުއް މުޙައްމަދުގެ ނަމުން މުޅި ހުވަދޫ އަތޮޅުގައި ވަނީ ނަން މަޝްހޫރުވެފައެވެ.
ދިވެހިރާއްޖެ
ދުނިޔޭގެ ކަނޑުގެ ސަޠަހައިގެ %19.8 ހިފައިގެން މިއޮތް ބޮޑު ހިންދުކަނޑުގައި، ސްރީލަންކާގެ ހުޅަނގުދެކުނުގައި، އީކްއޭޓަރގެ މަތީގައި އުތުރުން ދެކުނަށް 820 ކިލޯމީޓަރަށް ދެމި ހިކިފައިވާ މި ކުދިކުދި ދޮންވެލީގެ މާޑުތަކެއް ފަދަ ރަށްތައް އާބާދުވެ، މީހުން ދިރިއުޅޭތާ 2500 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ވެރިކަމެއް ޤާއިމުވެފައިވާތާ 1300 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ، މި ރާއްޖޭގެ ޤަދީމީ މާ އިހު އެވޭލާ ތާރީޚު ވަނީ ނޭނގުމުގެ ތެރޭގައެވެެ.
އިސްވެ ދެންނެވި ދިގު މުއްދަތުގައި ގިނަ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުން މި ޤައުމުގައި ވެރިކަން ކުރައްވާފައިވެއެވެ. ރަސްކަންކުރެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަނެއެވެ. އަދި ރަސްކަލަކަށް ކަލަމިދި ނުވާ ރަސްރަސްކަލުން ވެސް ހިމެނެއެވެ.
އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުން
މިފަހަރު އަޅުގަނޑު ބަލާލެވޭތޯ މި އުޅެނީ އައްސުލްޠާނު ނާޞިރުއްދީން އަލްކަލާވަހީ ސިރީ ވީރު އަބާރަނަ މަހާރަދުން (1408 އިން 1411 އަށް) ގެ ޙަޔާތްޕުޅުގެ މައްޗަށެވެ. މި ރަދުން ރަސްކަންކުރެއްވި މުއްދަތަކާ ދޭތެރޭ ތާރީޚު ޢިލްމުވެރިންގެ މެދުގައި ތަފާތު އެބަހުއްޓެވެ. މި ރަދުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަދަނީ ގޮތުންނާއި ޢުމުރާނީ ގޮތުން މާބޮޑު އަދި މާގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާކަން އެނގޭކަށް ވެސް ނެތެވެ. އެކަމަކު މި ރަދުންގެ ރަސްކަމުގައި ދިވެހި ޤައުމަށް ޚިދުމަތް ނުކުރައްވައެއް ވެސް ނޫނެވެ. މި ރަދުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް ސާފުކޮށް އެންގެން ނެތްނަމަވެސް މައްޗަންގޮޅި އައުމިސްކަތާއި ހެންވޭރުގައި ހުރި އަތްކަނޑާ މިސްކިތް ބިނާކުރެއްވީ މި ރަދުންކަމަށް ތާރީޚުން އެނގެއެވެ. އަދި މި ރަދުން އަވަހާރަވުމުން ފަސްދާނުލެވިފައިވަނީ އަތްކަނޑާ މިސްކިތު ހަރިންމަތެރޭގައިކަން ވެސް އެނގެއެވެ.
ރަދުންގެ ޝަޚުޞީ ބައެއް ސިފަ
ހަ ސަތޭކަ ތިރީސް އެތަކެއް އަހަރު ކުރިން ސިންގާސަނާގައި ރެދަލިކުރެއްވި ރަސްކަލެއްގެ ދިރިއުޅުއްވުމުގެ ހުރި ޝަޚުޞީ ސިފަތައް ދެނެގަތުމަށް ސުވާލު އުފައްދައި، ބަލާލަން ޖެހެނީ ފެނިހުރި އޭރުގެ ލިޔުންތަކަށެވެ. އަޅުގަނޑު ފަދަ ތިންވަނަ ފަރާތަކަށް ބަލާލެވޭނީ އެ ޒަމާނުގެ ލިޔުއްތައް ފެނިދެނިވެ، އެ ލިޔުންތައް ދިރާސާކޮށް ތަޙުލީލުކުރައްވާފައިވާ ޢިލްމުވެރިން ލިޔުއްވާފައި ހުންނަ ލިޔުއްވުންތަކަށެވެ. މި ރަދުންނާ ބެހޭ މަޢުލޫމާތު އެއްކުރުމަށް އަޅުގަނޑު ބެލި “ތަންޤީޙު ކުރެވުނު ތާރީޚުގެ ތަންތަންކޮޅު” ގައި ވެސް އަދި “ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން” ފޮތުގައި ވެސް އެ ރަދުންގެ ޝަޚުޞީ ޒާތީ ސިފަފުޅުތަކާއި ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ވަނިކޮށްނެއް ނުފެނެއެވެ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެ ރަދުންނަކީ، މީހުން ލޯބިވާ ފަދަ ރީތި ސިފައެއް ލިބިވަޑައިގެންފައިވާ، ޝަރުޢީ ޙުކުމްތައް ފުރިހަމައަށް ތަންފީޛު ކުރެއްވި، ޢަޒުމް ވަރުގަދަ، ކޯފާގަދަ، ކަންކަމުގައި ބަދަލު ހިއްޕަވަން ބޭނުންފުޅުވާ، އަނިޔާވެރި ބޭފުޅެކެވެ.
އައްސުލްޠާނު ނާޞިރުއްދީން އަލްކަލާވަހީ ސިރީ ވީރު އަބާރަނަ މަހާރަދުންނަކީ ބަދަލު ހިއްޕަވަން ބޭނުންވާ، ކޯފާގަދަ، އަނިޔާވެެރި ރަސްކަލެކޭ މި ދެންނެވީ އިސްވެ ދެންނެވި ތާރީޚު ދެ ފޮތުން ކުރެ ފޮތަކުން ނުވަތަ އެހެންވެސް ބޭފުޅެއްގެ ލިޔުއްވުމަކުން އެކަމެއް ދަލީލުކުރާނެ އެހެން ވެސް ލިޔުމެއް ފެނިގެނެއް ނޫނެވެ. ހަމައެކަނި ބުރާރަ މުޙައްމަދުފުޅު ކިޔާ ވާހަކައަށް ރިޢާޔަތް ކޮށްފައެވެ.
ވާހަކައިގައި ކިޔާ ގޮތުގައި:
ވީރު ޢުމަރު ރަސްގެފާނުގެ ހަގު ދަރިކަނބަލުންގެ ރަނިކަމުގެ ދުވަސްވަރު ސެޓިގަމުގެ ވިޔަފާރި ނަވަކުން މާލެއައި ކުޑަ ދެ ކުދިން މާލެ ފައިބައި، ލޮނުޒިޔާރަތްކޮޅު ދުގެތިގަނޑަށް ވަދެ ފިލިކަމަށް ބުރާރަ މުޙައްމަދުފުޅު ވާހަކައިގައި ކިޔައެވެ.
މިހާރު ފެންނަންނެތް ލޮނުޒިޔާރަތްކޮޅުން ދުގެތިވައު ނޮޅައި، ދިލައި ސާފުކުރީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރ.ބ.ކ.، ނ.ޣ.ޢ.ވ. މާލޭގެ އިރުދެކުނު ފަރާތް ހިއްކައި މާލެއަށް ބޮޑެތި ޢުމްރާނީ ބަދަލުތަކެއް ގެންނެވި ދުވަސްވަރެވެ.
ތުއްޕުޅުއިރުގެ އުޅުއްވުން
ނާޞިރުއްދީން ރަދުންނަކީ ސެޓިގަމުގެ ވިޔަފާރި ނަވަކުން މާލެ އައިސް މާލެއަށް ފިލި ކުޑަ ފިރިހެން ދެ ކުދިންގެ ތެރެއިން ކުއްޖެކެވެ.
ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ތަޞްނީފު “ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ގައި ނާޞިރުއްދީނު ރަދުންގެ ނަސަބުފުޅު އެނގެން ނެތް ކަމަށް ލިޔުއްވާފައިވެއެވެ. އަދި އޭގެ 61 އަހަރު ފަހުން 2010 ވަނަ އަހަރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ތަޞްނީފެއްކަމުގައިވާ “ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން” ފޮތުގައި ބުރާރަ މުޙައްމަދުފުޅުގެ ވާހަކައާ ޙަވާލާދެއްވައި ނަސީމާ މުޙައްމަދު ލިޔުއްވާފައިވަނީ ނާޞިރު ރަދުންނަކީ ކުރިން ދެންނެވި ފަދައިން ސެޓިގަމު ނަވަކުން މާލެއައި ދެބެންގެ ތެރެއިން އެއް ކުއްޖެއް ކަމަށާއި، ނަމަކީ ނަޘުރަތު ކަމަށާއި، އަނެއް ކުއްޖާގެ ނަމަކީ ޞަލިފަތު ކަމުގައެވެ. ސެޓިގަމަކީ ޗެޓިގޮންގް ކަމަށެވެ. މި ދެ ކުދިން ބޮޑުވީ މާލޭގައި ކަމަށާއި، ބަލާ ބޮޑުކުރީ ސަރުކާރުގެ ބޮޑުބަނޑޭރި ކަމަށެވެ. ބުރާރަ މުޙައްމަދުފުޅު ވާހަކައިގައި ކިޔަނީ އެ ދެ ކުދިން ފުރަތަމަ ބަލާބޮޑުކޮށް ކިޔަވައިދީ ހެދީ ވަލުމައިޒާން ދޮށު ދޮން ޙުސައިން ކިޔާ މީހެކެވެ. ދެ ކުދިން ވެސް މަސައްކަތްކުރީ ބޮޑުބަނޑޭރި ގާތުގައި ކަމަށެވެ. ޞަލިފަތަށް ޖެހުނު ބައްޔެއްގައި ނިޔާވި ކަމަށާއި، ނަޘުރަތު އޭނާގެ މަސައްކަތުގައި ދެމިހުރީ ކަމަށާއި، ބޮޑުބަނޑޭރި ނިޔާވުމުން ބޮޑުބަނޑޭރިކަން ހަވާލުވީ ނަޘުރަތު ކަމަށެވެ. ނަޘުރަތަށް އަންހެން ކުއްޖަކު ލިބިލެއްވި ކަމަށެވެ. އޭރު ހުންނެވި ރަސްގެފާނު އައްސުލްޠާނު ޙުސައިނުލް ހިލާލީ ލޯކަ ވީރު އަބާރަނަ މަހާރަދުން އަވަހާރަވުމުން ނަޘުރަތު ނުވަތަ އައްސުލްޠާނު ނާޞިރުއްދީނު ސިރީ ވީރު އަަބާރަނަ މަހާރަދުން ރަސްކަމަށް އިސްކުރެވުނީ ކަމުގައެވެ. ނަސީމާ މުޙައްމަދު ޙަވާލާދެއްވަނީ “ރާދަވަޅި” އަށާއި “ދީބާމަހަލް” އަށެވެ.
ސެޓިގަމަކީ ކުރީގެ ބަންގާޅު، މިހާރު ބަންގުލަދޭޝްގެ އެންމެ ބޮޑު ބަނދަރެވެ. ސެޓިގަމް މި ނަން ދިވެހި ބަހަށް އައިސްފައިވާކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ޑަޗް ބަހުން ނުވަތަ މުސްކުޅި ބެންގާލި ބަހުންނެވެ. މިހެން މި ދެންނެވީ ޑަޗްބަހުން ކިޔަނީ Xetigam ކަމަށްވެފައި، އަދި މުސްކުޅި ބެންގާލީ ބަހުން ކިޔަނީ Chatigao ވީމައެވެ (މަޢުލޫމާތު: ނޭމްސް އޮފް ޗިޓެގޮންގް – ވިކިޕީޑިއާ).
ހުވަދޫ ވާރުވެރިކަލޭގެ އާއި ސެޓިގަމު ނަވުން އައި ދެ ކުދިން
ދޮންހުސައިން ނިޔާވިފަހުން، އެއްދުވަހެއްގައި މި ދެ ބެއިން ހިނގަމުންގޮސް އުތުރުފަރާތު ގަސްދޮށަށް ނުކުމެވުނުއިރު ހުވަދޫ ވާރުއޮޑިން ގަސްދޮށަށް އެއްޗެހި ބާލަނީއެވެ. ވާރުވެރިކަލޭގެއަށް މި ދެ ކުދިން ފެނުމާއެކު ވާރުވެރި ކަލޭގެ ބޮޑުބަނޑޭރިގެއަށް ދުރުވެފައި “އެނބުރި ދުރުވަންދެން އެ ތަކެތިން ކާޅުކުކުޅު ފަހައިދީ ބަލަހައްޓާ ދީފީމުން ވާރުވެރިކަލޭގެ އެނބުރި ދުރުވެ ބޮނޑިއެއް ދޭނަމޭ” ބުނުއްވާފައި މި ދެ ކުދިން އެތާ ބައިތިއްބާފައި ވާރުވެރިކަލޭގެ ބޮޑުބަނޑޭރިގެއަށް ދުރުވެފައި ދެންހުރި ތަކެތި ބަލާ ދުރުވުމުން ވާރުވެރިކަލޭގެއަށް ދެ ކުދިންނަށް ދޭން ބުނުއްވި ބޮނޑި ކޮބައިތޯ ނަންގަތުމުން، ވާރުވެރިކަލޭގެ ވެސް މި ދެ ކުދިން މި ބޮނޑިޔަކާ ހެދި ކެނދޭލެއް ގިނަވެ ހިތްހަމަޖެހި ނުލެއްވުމާއެކު “މިވަރު ކުއްޖަކަށް އެއްޗެއް ދޭން ބުނެފީވިއްޔާ ނުދޭހާއިރަކު ކުރެއް ނުކުރާނޭ” ބުނުއްވާފައި ފައިން ބޮޑިގަނޑެއް ހޫރާލެއްވި ވަގުތު އެތަނުން އެއްކުއްޖެއްގެ ގައިގައި ވާރުވެރިކަލޭގެ ފައިން ޖެހުނުކަމަށް ވާހަކައިގައި ކިޔައެވެ.
މި ދެ ކުދިން ބޮނޑިގަނޑު ހިފައިގެން ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި އިށީދެ، ބޮނޑިގަނޑު ކާންތިބެފައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް “އަދަކު ކުރާނޭކަ ކަމެއްނެތޭ، މީ ދެ ކުދިން އުފެދުނު ރާއްޖެއެއް ނޫނެވެ. މީހަކު ފައިން ޖެހިނަމަ ޖެހިގެން، ކުޅުގަނޑެއް ޖެހިނަމަ ޖެހިގެން، އެތިގަނޑަކުން ޖެހިނަމަ ޖެހިގެން ނުތިބެ އަދަކު ކުރާނޭކަ ކަމެއް ނެތޭ” ކިޔައި ވާހަކަ ދައްކަން ތިއްބައި ބޮޑުބަނޑޭރިއަށް މި ދެ ކުދިން ފެނިލައްވައި އެ ކުދިންގެ މައްޗަށް ލޯތްބާއި ހަންހާރަ ހިތުގައި އުފެދިލައްވައި އެ ކުދިން ގެންދަވާ ދަރިޔަކު ފަދައިން ގެންގުޅުއްވީއެވެ. އެ ކުދިން ވެސް ބޮޑުބަނޑޭރިޔަކީ ބަފައަކުކަމުގައި ބަލައިގަނެ ބޮޑުބަނޑޭރި ކުރާ މަސައްކަތުގައި ހިފައި ބޮޑުބަނޑޭރިއަށް އެހީތެރިވެ އުޅެން ފަށައިފިއެވެ. ބޮޑުބަނޑޭރިއަކީ ވެސް ދުވަހަކު ދަރިޔަކު ނުލިބިހުރެ މުސްކުޅިވެ އުމުރު ހުސްވަމުންދާ މީހަކުކަމުން އިހުނަށްވުރެ ބޮޑަށް މި ދެ ކުދިން ދެކެ ލޯބިވެ، ބޮޑުބަނޑޭރި ކުރަމުން އަންނަ މަސައްކަތްކުރަން މި ދެ ކުދިންނާ ހަވާލުކުރިތާ ދުވަސްކޮޅެއް ވީތަނާ މި ދެ ކުދިން ތެރެއިން ޞަލިފަތު ގިލަންވެރިކަމެއްގައި މަރުވެއްޖެއެވެ. ނަޡުރަތު (ފަހުން ނާޞިރުއްދީން) ބޮޑުބަނޑޭރި ގާތުގައި ބޮޑުބަނޑޭރިއަށް ސަރުކާރު ހިންގައިދިނުމުގައި ހުރީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ބޮޑުބަނޑޭރި ބަލިވެ އުޅުއްވާފައި ނިޔާވެއްޖެއެވެ. މި ޚަބަރު ހިފަައިގެން ރަނިކަމަނާ، ވީރު ޢުމަރު ރަސްގެފާނުގެ ދިކަމަނާ އަރިހަށް ދުރުވި ރަސްކަމުގެ ބޮޑުން ސާހިބުން ދަންނަވައިގެން ބޮޑުބަނޑޭރި ކަމަށް އަތްހިނގާ، ލޯހިނގާފައި މީހަކަށް އެކަން ހަވާލުކުރަންވެގެން ނަޡުރަތުއާ ބޮޑުބަނޑޭރިކަން ހަވާލުކުރީއެވެ.
ދުވަސްތަކަކަށްފަހު ރަނިކަމަނާ އާލާސްކަންފުޅެއްގައި ޖެހި އަވަހާރަވެއްޖެއެވެ. ރަނިކަމަނާ އަވަހާރަވީއިރު އެ ކަމަނާގެ ދަރިކަލަކު ދަރިކަނބަލަކު ނެތުމުން ދެބައިލަސްކަރީންނާއި ހަވަރުގެ މެދުގައި ވާހަކަ ދެކެވި މަޝްވަރާކުރެވި ބޮޑުބަނޑޭރި ނޫނީ ރަސްކަން ކުރެވޭހައި ބުއްދިއާއި ފިކުރު ކާމިލު ދެވަނަ މީހަކު ނުފެނުމުން، ނަޘުރަތު ރަސްކަމުގައި ވެޑުވުމުން، އެމަނިފާނުގެ ނަންފުޅަކީ އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުންނޭ ކިޔައި ފަތްތޫރަ ހިންގެވިއެވެ.
ދޫދޫމަތިން
ދޫދޫ މަތިން ކިޔެމުން އަންނަ އައްސުލްޠާނު ނާޞިރުއްދީން އަލްކަލާވަހީ ސިރީ ވީރު އަބާރަނަ މަހާރަދުންގެ ވާހަކައަކީ އަޅުގަނޑު ވަރަށް ޝައުޤުވެރިކުރުވާ ވާހަކައެކެވެ. ސަބަބަކަށް ވަނީ މި ރަދުންގެ ވާހަކަ ކިޔެމުން އައިސްފައިވާ މަގެވެ. މި ރަދުންނަށް މާލެ ވަޑައިގެންނެވުނު ގޮތްކަމަށް ކިޔާ އުޅޭ ގޮތެވެ. ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވި ގޮތާއި، މި ރަދުންގެ އަތްޕުޅުގައި ނަޞީބު އައިސް ހިފި ގޮތެވެ. ހުވަދޫ ވާރުއޮޑީގެ ވާހަކައެވެ. ބޮޑުބަނޑޭރިކަން ލިބިވަޑަގަތް ގޮތާއި ރަސްކަމުގައި ވެޑުވުނު ގޮތުގެ ވާހަކައެވެ. އެ ރަދުން ހުވަދޫ ވާރުވެރިޔާގެ ކިބައިން ބަދަލު ހިފުމަށް ކުރެއްވި މަސައްކަތްޕުޅުގެ ވާހަަކައާއި އެ ވާހަކައިގައި އެ އުޅޭ ތިންރުއް މުޙައްމަދާއި ވާދޫ ވާރުވެރިކަލޭގެ ދަރި ދޮންކަމަނަގެ ދެމަފިރިންގެ ވާހަކައެވެ.
ނިންމުން
އައްސުލްޠާނު ނާޞިރުއްދީން އަލްކަލާވަހީ ސިރީ ވީރު އަބާރަނަ މަހާރަދުންގެ ވާހަކައަކީ އަޅުގަނޑު ކިތަންމެ ޝައުޤުވެރިކުރުވި ވާހަކައަކަށް ވިއަސް، އަދި ކިތަންމެ ކުރުކޮށް ޚުލާޞާކޮށް ކިޔުންތެރިންނަށް ހުށައަޅަން ބޭނުން ވިޔަސް، އާޓިކަލް ލިޔުމަށް ދެއްވި ދަޢުވަތުގައި 1000 ލަފުޒަށް ވުރެ ދިގު ނުކުރުމަށް ބާރުއަޅުއްވާފައިވާތީ، އަޅުގަނޑުގެ އިނގިލިތައް ކީބޯޑުން މި ވަކިކުރަނީ ކިޔުންތެރިންނަށް، ނާޞިރުއްދީނުގެ ދެބެއިން ތުއްޕުޅުއިރު، ދެބެއިންގެ ގައިކޮޅުގައި ވާރުވެރިކަލޭގެ ކޮޅުފައިންޖެހިކަމުގެ ކުށުގައި، ވާރުވެރިކަލޭގެ ފައިކަނޑައިގަތުމަށް ތިންފަހަރުގެ މަތިން އައްސުލްޠާނު ނާޞިރުއްދީން އަލްކަލާވަހީ ސިރީ ވީރު އަބާރަނަ މަހާރަދުން ކުރެއްވި މަސައްކަތްޕުޅު ތިންރުއް މުޙައްމަދު ބޭކާރުކޮށްލިގޮތް “ބޮޑުތަކުރުފާނު ވާހަކަ، ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް” އެ ފޮތުން ވިދާޅުވުމަށް ދަޢުވަތު އަރުވަމުންނެވެ.