އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން “އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް” ގައި ހިމެނުމުގެ ޝަރަފު، ލިބިލެއްވި ހަމައެކަނި ދިވެއްސަކީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމެރިކާ ފަދަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަސްކަރިއްޔާއަކުން މިފަދަ ޝަރަފެއް، މި ކުޑަކުޑަ ދިވެހިރާއްޖެއަށް ނިސްބަތްވާ ބޭފުޅަކަށް ލިބިވަޑައިގެންނެވުމަކީ، އޭގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ހަމަކޮންމެ ސިފައިންގެ މީހަކަށްމެ އުފާވެރިކަމުގެ ފުން އަސަރުތަކެއް ކުރުވި ކަމެކެވެ.

އަސްކަރިއްޔާ ފަދަ ޕްރޮފެޝަނަކުން، އަދި އެ ޚިދުމަތެއްގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މިއަދުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވުމަކީ، ދިވެހި ސިފައިންގެ ހިތްތަކުގައި ފާޅުނުކުރެވޭ ޖަޒުބާތުން ފުރިގެންވާ އަސަރުތަކެއް ކުރުވި ކަމެކެވެ. އެހެނީ، އެ ޝަރަފުން ރަމްޒުކޮށްދެނީ، ވަކި ޝަޚުޞިއްޔަތަކަށް ލިބިވަޑައިގެންނެވި ޝަރަފަކަށް ވުރެ ބޮޑަށް، މި ލޮބުވެތި ވަޠަނުގެ ދިފާޢުގައި ތިބި ދިވެހި ސިފައިންގެ ޤާބިލުކަމާއި، ކުޅަދާނަކަމާއި، އެމީހުންގެ އަޚުލާޤާއި ސުލޫކުގެ މަތިވެރިކަން ވަޒަންކުރެވުނު ޝަރަފެއްގެ ގޮތުގައެވެ.

2022 އޮގަސްޓް 9 ވަނަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ރަސްމިއްޔާތުގައި އެ ޝަރަފު، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި، އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމެންޓޯ ޙަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ. މި ރަސްމިއްޔާތުގައި ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އަދި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓެވި ޗީފް އޮފް ޑިފެންސް ފޯސްގެ ފޮޓޯފުޅު ކަޝްފުކޮށްދެއްވާފައެވެ.

އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން، އިންޓަރނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އެރުވޭ ޝަރަފެކެވެ. މި ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން އެ ޔުނިވަރސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ.

މިފަދަ މަތިވެރި ޝަރަފެއް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށް ލިބިވަޑައިގެންނެވީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ހިންގި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓިޖިކް ސެކިޔުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި އެމަނިކުފާނު ހޯއްދެވި ރަންވަނަތަކުގެ ސަބަބުންނެވެ. މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެ ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން “އޭ ޕްލަސް” ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވާފައެވެ. އަދި އެ ކޯހުގެ “ޑިސްޓިންގްއިޝްޑް އޮނަރ ގްރެޖުއޭޓްގެ” މަޤާމު ޙާޞިލުކުރެއްވުމުގެ އިތުރުން “އޮނާޑް ތީސިސް” ގެ ގޮތުގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ހުށެހެޅުއްވި ތީސިސް ހޮވިފައިވެއެވެ. އެމަނިކުފާނު ހާޞިލުކުރެއްވި އެ ކާމިޔާބީއަކީ، ދިވެހިރާއްޖެއިން ނޭޝަނަލް ޑިފެންސް ކޮލެޖަށް މިހާތަނަށް ވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ހާޞިލުނުކުރެވޭ ވަރުގެ އެކެޑެމިކް އެޗީވްމަންޓެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އެ ކާމިޔާބީ އަބަދުމެ ފެންނާނެ ގޮތަށް “އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް” ގެ ފާރުގައި ހަރުކޮށްފައި ހުރުމަކީ، މީގެ 100 އަހަރު ފަހުން ވެސް ދިވެހިރާއްޖެއިން ނޭޝަނަލް ޔުނިވަރސިޓީއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް، އެ ކާމިޔާބީ ފެނުމުން، އެ ފަޚުރު އަބަދުވެސް އާލާވެ، އާރޯވެ، ހަނދާން އާވަމުންދާނެ ކަމެއް ކަމުގައި ވާނެކަމާ މެދު ޝައްކެއްނެތެވެ.

ޝެއަރކުރެއްވުމަށް