މީގެ ފަނަރަ ވަރަކަށް އަހަރުގެ ކުރީގެ ދިވެހިރާއްޖެއާއި މިއަދުގެ ދިވެހިރާއްޖެއާ އަޅާކިޔާލަމާ ހެއްޔެވެ. ޤައުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި ނުރަގަނޅު ބަދަލުތަކަށެވެ. ޢުމުރާނީ ތަރައްޤީއާއި ދިވެހިންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކަށެވެ. ބަދަލުތައް އައުމަށް މެދުވެރިވި ސަބަބުތަކާއި އެ ބަދަލުތަކާމެދު އަހަރެމެން ވިސްނާ ގޮތަށެވެ.
1892 އޭޕްރީލްގައި ދިވެހި ސިފައިން އުފެދުނީއްސުރެ ވެސް ސިފައިންނަށް ދިޔައީ ވަގުތާއި ޙާލަތާ ގުޅޭގޮތުން ތަމްރީނުތައް ދެވެމުންނެވެ. ޤައުމީ ރޫޙާއި ޖޯޝް ސިފައިންގެ ހިތްތަކުގައި އުފެއްދުމުގެ ހަރަކާތްތައް ދިޔައީ ހިންގަމުންނެވެ. އެންމެ ފުރަތަމަ ފައިހަމަކޮށް ހިނގައި ހެވިކަމުގެ ޙަރަކާތްތައް ހިންގައިގެންނެވެ.
ރާއްޖެއިން ބޭރުން ދިވެހި ސިފައިންނަށް ތަމްރީނު ދޭން ފެށިފައިވަނީ 13 މެއި 1942 ގައެވެ. “ދިވެހި ސިފައިންގެ އަސްކަރީ ނިޒާމުގެ ފެށުން” މި ފޮތުގައި ވާގޮތުން އެންމެ ފުރަތަމަ ފޮނުވުނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ސިލޯނުގައި އޮތް ޕަންޖާބު ރެޖިމަންޓަށެވެ. އަދި ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ރާއްޖޭގައި އެންމެ ފުރަތަމަ ތަމްރީނު ދެވިފައިވަނީ 13 ޑިސެންބަރު 1959 ގައެވެ. ދާޚިލީ ހަމަޖެހުން ހިފެހެއްޓުމަށް ޓަކައި ދޭންޖެހޭ ތަމްރީނުތައް ދީ އެފަދަ ކަންކަމަށް ތައްޔާރުވެގެން ތިބި ސިފައިން، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ވަކިން ޚާއްޞަ ގޮތެއްގައި 1988 ވަނަ އަހަރު ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ނިރުބަވެރި ޙަމަލާއާ ގުޅިގެން ދިވެހި ސިފައިންނަށް ދެވެމުންދިޔަ ތަމްރީނަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނެވެ.
ނޮވެންބަރު 3ގެ ޙަމަލާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއަށް ތަޢުލީމީ ޒުވާނުން، ވަކިން ޚާއްޞަކޮށް އަންހެން ސިފައިން ވަނުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަންހެނުންނަށް ހުޅުވާލެވުނު ތާރީޚީ ފުރުޞަތާ އެކު، 52 އަންހެނުންނަށް 1 މާރިޗު 1989 ގައި ސިފައިންގެ ވަޒީފާ ދެވުނެވެ. މި ގެނެވުނު ބަދަލުތަކާއެކު ސިފައިންގެ ވަޒީފާއާ ގުޅުމާމެދު ދިވެހީން ގެންގުޅޭ ތަޞައްވުރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަދި ހަމަމިއާއެކު ދިމާވެދާނެ ނިރުބަވެރި ހަމަލާތަކާއި އެހެނިހެން އަސްކަރީ ނުރައްކާތަކާ ކުރިމަތިލެވޭ ފެންވަރުގެ ސިފައިން އުފެއްދުމަށް ތަމްރީނު ބައްޓަން ކުރެވުނެވެ. މި ބަދަލާއެކު ސިފައިންގެ ތަމްރީނުތަކާ ކުރިމަތިލުމަށް ފަސްޖެހޭތަން ކުރިމަތިވިއެވެ.
އަސްކަރީ ތަމްރީނުތަކާ ކުރިމަތިލުމުގެ ހިތްވަރު ހުރި ތަޢުލީމީ ޒުވާނުން ހޯދުމަކީ ގޮންޖެހުމަކަށްވީ ހިނދު އަސްކަރިއްޔާއަށް ޚިދުމަތްކުރުމަކީ މަޖުބޫރު ކަމެއް ކަމުގައި ސަރުކާރުން ނިންމެވިއެވެ. މި މަތިވެރި ޤައުމީ ވާޖިބަށް ކުރިމަތިލުމަކީ ލާޒިމު ކަމަކަށް ވިއެވެ. މި ނިންމެވުމުގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށާއި، ޖުމުލަކޮށް މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވި، މައިންބަފައިންގެ ވިސްނުން ވެސް ބަދަލުވެ، ސިފައިންގެ ޚިދުމަތާ އަމިއްލައަށް ގުޅޭ ފަރާތްތައް އިތުރުވެގެން ދިޔައެވެ.
ހެޔޮ ބަދަލުތައް އަންނަމުންދިޔަ ދިވެހި އަސްކަރިއްޔާގެ ތަމްރީނުތަކަށް މިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން ދަރިވަރުންނަށާއި އެ ދަރިވަރުނަށް ތަމްރީނު ދިނުމުގައި ޙަރަކާތްރިވާ މުދައްރިބުންނަށް ވެސް ވަރަށްގިނަ ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.
ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން
އަސްކަރީ ތަމްރީނަކީ ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ވެސް ކޮންމެ ފަރުދަކު ވަރަށް ބޮޑަށް ތައްޔަރުވާންޖެހޭ ތަމްރީނުތަކެކެވެ. ޚާއްޞަ ގޮތެއްގައި އަސާސީ ތަމްރީނަށް ކުރިމަތިލާއިރު މިކަމަށް ތައްޔާރުވާންޖެހޭ މިންވަރު ބޮޑުވަނީ، އެ ތަމްރީނަކީ އޭނާގެ ފުރަތަމަ އަސްކަރީ އިމްތިހާނު ކަމަށް ވީތީއެވެ. ތަފާތު އެކި ވަސީލަތްތަކުން އަސްކަރީ ތަމްރީނާއި ބެހޭ ވީޑިއޯތައް ބަލައި ފޮތްތަކާއި މެގެޒިންތަކުން އެފަދަ ވާހަކަތައް ކިޔައި މަޢުލޫމާތު ހޯދާފައި ވިޔަސް، ޢަމަލީގޮތުން އެކަން ކުރުމަކީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށް ވާނެތީއެވެ. ޖިސްމާނީގޮތުން ބުރަ ހަރަކާތްތަކެއް ކުރުމެއްނެތި އަދި ވަރަށް ބޮޑު މިނިވަންކަމަކާއެކު މަދަރުސީ ދައުރު ނިންމާ ޒުވާނުންނަށް މިފަދަ ތަމްރީނުތައް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ޖިސްމާނީ އަދި ނަފުސާނީ ގޮތުން ދަރިވަރުންނަށް ދިމާވާ މައިގަނޑު ގޮންޖެހުމަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ނިދަން ލިބުމާއެކު ދުވާލުގެ ގިނަ ވަގުތުތަކަކީ ދުވުމާއި، ކަސްރަތާއި، ފެތުމާއި ހެވިކަން އަދި މިނޫނަސް ތަފާތު އަސްކަރީ ހުނަރުތައް ދަސްކުރުމުގައި ހޭދަކުރަންޖެހޭ ވަގުތުތަކަކަށް ވުމެވެ. މި ހުރިހާ ކަމެއްގެ އިތުރުން ހެދިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ފުރިހަމައަށް ކިޔަމަންތެރިވުމަށް ބާރު އެޅުމުގެ ގޮތުން އެޅޭ ފިޔަވަޅުތަކާއި ނަފުސާނީގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ޓަކައި ނަފުސާނީ ގޮތުން ދެވޭ ޕްރެޝަރެވެ. ތަމްރީނުގެ ފުރަތަމަ ފަސް ހަފުތާގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެއްގައި ނިދި ލިބި ކެއުމަށް ލިބޭ ވަގުތުކޮޅުގެ ކުޑަކަމާއެކު، ދުވަހުގެ ބުރަ ހަރަކާތްތަކުން ލިބޭ ވަރުބަލިކަން ފިލުވާނުލެވި، ލިބޭ ހުސްވަގުތުތަކުގައި ތަމްރީނުގެ ބުރަކަމާމެދު ވިސްނަން ފަށައިފިނަމަ ނަފުސާނީގޮތުން ވަރަށް ބޮޑު އަސަރެއްކޮށް ތަމްރީނު ނުހެދޭނެ ކަމުގެ އިޙުސާސް އޭނާއަށް ކުރަން ފަށައެވެ.
ޞިއްޙީ ގޮތުން ދިމާވާ މައްސަލަތައް
ސިފައިންގެ ޚިދުމަތާ ގުޅުމުގެ ފުރުޞަތު ދިނުމުގެ ކުރިން ޞިއްޙީ ގޮތުން ދުޅަހެޔޮ މީހެއްތޯ ބެލެއެވެ. ނަމަވެސް ތަމްރީނުގެ މަރުޙަލާގައި ކުރިމަތިލާންޖެހޭ ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް އުފެދުމުގައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުން ނުވަތަ ޙަޔާތުގައި ކޮންމެވެސް ހިސާބެއްގައި ލިބިފައިވާ ގެއްލުމެއް ނުވަތަ ކުރިމަތިވި ބައްޔެއްގެ ސަބަބުން، އަނެއްކާ ވެސް ޞިއްޙީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ ޙާލަތްތަކުގައި ދަރިވަރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ޓަކައި ޑޮކްޓަރުންގެ އިރުޝާދާއެކު ތަމްރީނުތަކުން ވަގުތީ ގޮތުން ނުވަތަ ތަމްރީނުން އެއްކޮށް ވެސް ވަކިކުރަންޖެހެއެވެ.
މިހެން މިކަން ދިމާވާންޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ މެޑިކަލް ސްކްރީނިންގ ހަދަމުންދާއިރު ދޭންޖެހޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށް ނުދިނުމެވެ. ވަޒީފާ ހަމަނުޖެހިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް މިއީ ދަރިވަރުގެ ފުރާނަ ނުވަތަ މުޅި ޢުމުރަށް ވޭންއަޅަންޖެހޭ ވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ފަދަ ކަމެއްކަން ދަރިވަރު އަދި ބެލެނިވެރިޔާ ވެސް ނުވިސްނައެވެ.
ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައަށް އައިސްފައިވާ ބަދަލުތައް
އަދުގެ ގިނަ ޒުވާނުންނަކީ ލިބޭ ހުރިހާ ވަގުތެއްހެން އިލެކްޓްރޯނިކް ގެޖެޓްތަކާއެކު މުޅިން “ވަރޗުއަލް ދުނިޔެއެއް” ގައި ދުވަސްތައް ހޭދަކުރަމުންދާ ބައެކެވެ. މިކަން މިހެން ހުރުމާއެކު ތަމްރީނުގެ ފުރަތަމަ ދުވަހު ދަރިވަރުން ގެންގުޅޭ މިފަދަ ހުރިހާ އާލާތްތައް އެ ދަރިވަރުންނާ ޙަވާލުވާ މުދައްރިބުގެ ބެލުމުގެ ދަށަށް ގެނެސް ފުރަތަމަ ފަސް ހަފުތާ ނިމެންދެން މި ވަސީލަތްތައް ބޭނުން ނުކުރެވޭގޮތް ވުމުން އެ ދަރިވަރުންނަށް ނަފުސާނީ ގޮތުން ވަރަށްބޮޑަށް އަސަރުކުރެއެވެ.
މީގެ 15 ވަރަކަށް އަހަރު ކުރީގައި ރަށްރަށުން އައިސް މާލޭގެ ސްކޫލުތަކުން ތަޢުލީމު ނިންމާ ގިނަ ކުދިންނަކީ ވަރަށް ޅައުމުރުގައި ބުރަކޮށް މަސައްކަތްކޮށް އޭނާގެ އުމުރުން 18 އަހަރުވާއިރު ޖިސްމާނީގޮތުން ތަމްރީނުގެ މާޙައުލުގައި ދިމާވެދާނެ ކަންކަމަށް ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. މިހާރާ އަޅާބަލާއިރު މަދުރަސީ ދައުރުގައި ވެސް ގިނަ ކުދިންނަކީ ޒަރޫރީ ގިނަ ކަންކަން އަމިއްލައަށް ފުއްދުމުގެ ޤާބިލުކަން ހޯދައިގެން ތިބޭ ބައެކެވެ. ތަމްރީނުގެ ތެރޭގައި އަމިއްލައަށް ދޮވެއިސްތިރިކުރުން ފަދަ ކަންކަން ކުރަންޖެހުމަކީ އާކަމަކަށް އޭރުގެ ގިނަ ދަރިވަރުންނަކަށް ނުވެއެވެ.
ދަރިވަރުގެ ކިބާގައި ހުންނަ ކެއުންބުއިމުގެ އާދަކާދައަކީ ވެސް ބަދަލުކުރުމަށް ދިމާވާ ގޮންޖެހުމެކެވެ. މައިންބައިފައިން ލޯބިން އެމީހުންގެ ލޯބިވާ ދަރިންނަށް ކުދިން ބޭނުންވާ ކޮންމެ އެއްޗެއް، ކޮންމެ ވަގުތަކު ދީގެން ބޮޑުވާ ކުދިންނާއި ފާސްޓްފުޑްސް، އެނަރޖީ ޑްރިންކްސްއާއި ކޮފީ ފަދަ ތަކެއްޗަށް ދެވި ހިފައިފައިވާ ދަރިވަރުންނަށް ތަމްރީނުގެ މަރުޙަލާގައި އެ ތަކެތި ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވުމަކީ ދަރިވަރުންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
އިޖުތިމާޢީ ތަފާތު ސަބަބުތަކާހުރެ ނަފުސާނީ ތަފާތު އުނދަގޫތައް ތަޙައްމަލު ކުރަމުންދާ ދަރިވަރުންނަށް، ތަމްރީނުގެ މާޙައުލަކީ އެންމެ އެކަށޭނަ މާޙައުލަކަށް ނުވެއެވެ. އެފަދަ ދަރިވަރުންނަށް ތަމްރީނުތައް ފުރިހަމަ ކުރުމަކީ އިތުރު ނަފުސާނީ މައްސަލަތައް ކުރިމަތިކުރުވާ ކަމަކަށްވެއެވެ. ސިފައިންގެ އަސާސީ ތަމްރީނުދޭ މަރުކަޒުކަމުގައިވާ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ “ދަ ބޭސިކް ސްކޫލް” ގެ ކޮމާންޑިންގ އޮފިސަރުކަމާއި ޗީފް އިންސްޓްރަކްޓަރުކަން ކުރައްވާފައިވާ މޭޖަރ މުޙައްމަދު ނިލާމް ދެކެލައްވާ ގޮތުގައި ސިފައިންގެ ތަމްރީނާ ގުޅޭ ދަރިވަރުންގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މުޖުތަމަޢުގައި އެންމެ ބޮޑަށް ފެތުރިފައިވާ ނޭދެވޭ ޢަމަލުތަކުގެ ވެށީގައި އުޅެފައިވާ ޒުވާނުންނާއި ޢާއިލާގެ ފުރިހަމަ ލޯބި ލިބި، ނަމަވެސް އިޖުތިމާޢީ ކަންކަމުގައި ޙަރަކާތްތެރި ނޫން އަދި ޖިސްމާނީ ޙަރަކާތްތެރިކަން ކުޑަ ދަރިވަރުން ތަމްރީނު ކުރުމުގައެވެ.
ނިންމުން
ދިވެހި އަސްކަރިއްޔާގެ އިތުރުން ކޮންމެ ދިވެހި ރައްޔިތަކު ވެސް ޝައްކެއް ނެތް ގޮތުގައި ބޭނުންވާނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބި ލަޝްކަރުގެ ސަފުތަކަށް ނުކުންނަ ކޮންމެ ފަހުލަވާނަކީ އެކަމަށް ޤާބިލު، ހުޝިޔާރު އަދި ދީނާއި ޤައުމުދެކެ ލޯބިވާ ސިފަވަންތަ ފަރުދަކަށް ވުމެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަހަރެމެންގެ އިޖުތިމާޢީ ވެއްޓެވެ. މިހާރު ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކޮށް، އަހަރެމެން އެންމެން ބޭނުންވާ ފަދަ ލަޝްކަރެއް އުފެއްދުމަށް މަސައްކަތްކުރުމަކީ ޤައުމުގެ ހަމަޖެހުމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެކެވެ.