މިއީ އޭވިއޭޝަންގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ އަޖާއިބުކުރުވަނިވި އެއް ހާދިސާއެވެ. މިއީ ސައުދީ އެއަރލައިން ކުންފުނީގެ ފުލައިޓު 163 އަށް، 1980 ވަނަ އަހަރު އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ.
ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދިއުމަށް ދަތުރުފެށި ފުލައިޓް، ރިޔާދު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަޑުކުރީ އުޅަނދުގެ ޓޭންކުތަކަށް ތެޔޮ އެޅުމަށެވެ. ލޮކްހީޑް އެލް-200-1011 ޓްރައިސްޓަރ މަރުކާގެ މި މަތިންދާބޯޓަށް ތެޔޮ އެޅުމަށް ހޭދަވި ދެ ގަޑިއިރަށް ފަހު، ހުރިހާ ފަސެންޖަރުން ބޯޓަށް އަރައި، އެންމެ ފަހުގެ ޗެކިންއަށްފަހު ބޯޓު ރިޔާދު އިންޓަނޭޝަނަލް އެއަރޕޯޓުން ނައްޓާލީ އެ ދުވަހުގެ 21:08 ގައެވެ.
އެއަރޕޯޓުން ނައްޓާލިތާ ހަތް ވަރަކަށް މިނެޓް ފަހުން ބޯޓުގެ ކޮކްޕިޓު ތެރެއިން އެލާމުގެ އަޑު އިވެން ފެށިއެވެ. މި އެލާމަކީ ބަގެއްގެ ސަަބަބުން އަޅަމުން ދިޔަ އެލާމެއް ނޫންކަމާއި، އެލާމުގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބެއް އޮތްކަން އެނގުނީ އެލާމު އަޅާތާ ހަތަރު ވަރަކަށް މިނެޓް ފަހުންނެވެ. އެޔާއެކު ކޮކްޕިޓް ކްރޫން ތެރޭގައި ހުރި ފްލައިޓު އިންޖިނިއަރ، ބްރެޑްލީ ކަރޓިސް، ކެބިން ތެރެއަށް ވަދެ ބެލި ބެލުމުން އެނގުނީ އެލާމު އަޅަމުން ދިޔައީ ކެބިން ތެރޭގައި ދުން ބޯވެފައި އޮތުމުންކަމެވެ.
ކެބިން ތެރޭގައި ދުން ބޯވެފައި އޮތްކަން ކަށަވަރުވުމުން ބޯޓުގެ ކެޕްޓަން، މުޙައްމަދު ޢަލީ ޚަވައިތަރ ގަސްތުކުރީ އެންމެ ފަހުން ޖެއްސި މަންޒިލް ކަމުގައިވާ ރިޔާދު އިންޓަރނޭޝަނަލް އެއަރޕޯޓަށް އެނބުރި ދިއުމަށެވެ. ބޯޓުގެ ކޯ-ޕައިލެޓް، ސަމީ ޢަބްދުﷲ އެމް. ޙަސަނައިން، އެ ހާލަތު، އެ އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރއަށް ކިޔައިދީ، ރިޔާދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓު ޖެއްސުމުގެ ހުއްދައަށް އެދިފައިވަނީ ގަޑިން 21:20 ގައެވެ.
ފުލައިޓު ސަލާމަތުން ރަންވޭގައި ޖެއްސި ނަމަވެސް، ދެ މިނެޓާއި 40 ސިކުންތު ވީއިރު ވެސް ފުލައިޓު ވަނީ މަޑުނުޖެހި ރަންވޭ މަތީގައި ދުވެފައެވެ. ރަންވޭ މަތީގައި ތައްޔާރަށް ތިބި އެއަރޕޯޓުގެ ފަޔަރފައިޓަރުން ގަސްތުކޮށްގެން ތިބީ ފުލައިޓު މަޑުޖެހުމާއެކު އޭގައި ތިބި މީހުން ވަގުތުން ބޭލުމަށެވެ. ފުލައިޓުގެ ދެ އިންޖީނު ވެސް ނިއްވާލާފައިވާކަމަށް ފުލައިޓުގެ ކެޕްޓަން ރިޕޯޓް ކުރިނަމަވެސް، ރެސްކިޔު ޔުނިޓު އެތަނަށް ދިޔައިރު އިންޖީނުތައް ހިނގަހިނގާ ހުރިކަން ފާހަގަކުރެވުނެވެ. މި ސަަބަބާ ހުރެ އެ ޓީމަށް ފުލައިޓުގެ ދޮރު ހުޅުވޭ ގޮތް ނުވިއެވެ.
އެ ފުލައިޓުގެ އިންޖީނުތައް އެއްކޮށް ނިވުމާއެކުހެން، ޕައިލެޓުންނާއެކު މުއާސަލާތީ ގޮތުން ގުޅިފައި އޮތް ގުޅުން ވެސް ގެއްލިގެން ދިޔައެވެ. ފުރަތަމަ އަލިފާނުގެ އަސަރެއް ފާހަގަވެފައި ނެތްނަމަ ވެސް، ފަސިންޖަރުންގެ ކެބިންއާ ދިމާލުން އެންމެ ފަހަތު ކުޑަދޮރުތަކުން އަލިފާން އަސަރުތައް ފާޅުވާން ފެށިއެވެ. ފުލައިޓު ކައިރިއަށްދިޔަ ރެސްކިޔު ޔުނިޓަށް ފުލައިޓުގެ ދޮރު ހުޅުވޭގޮތްވީ ފްލައިޓްގެ އިންޖީނުތައް ހުއްޓުނުތާ 23 މިނެޓު ފަހުންނެވެ. ފްލައިޓްގެ ދޮރުތައް ހުޅުވާލުމާއެކު ތިން މިނެޓެއްހާ ތެރޭގައި މުޅި ފުލައިޓުގައި ހުޅު ހިފައި، އެކީ އެކައްޗަކަށް އަލިފާން ރޯވެ އަނދަން ފެށިއެވެ.
ފުލައިޓުގެ ދޮރު ހުޅުވަން އެހާ ވަގުތު ހޭދަވީ، ފުލައިޓުގައި ތިބި ގިނަ ފަސެންޖަރުން ފުލައިޓުގެ ކުރިއަށް އައިސް ތޮއްޖެހި، ޕްރެޝަރ އީކުއަލައިޒްވެފައި ނެތުމެވެ. ސައުދީ އެއަރލައިން ކުންފުނީގެ ފުލައިޓު 163 އަށް ކުރިމަތިވި މި ހާދިސާގައި 301 މީހުންގެ ފުރާނަ ގެއްލިގެން ދިޔައެވެ. އެއީ 287 ފަސެންޖަރުންނާއި 14 ކުރޫންނެވެ. ފަސެންޖަރުންގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ 154 މީހުން ތިބިއިރު، ފިތުރު ޢީދުގެ މުުނާސަބާގައި މައްކާއަށް ދާން އަރާތިބި ޕާކިސްތާނަށް ނިސްބަތްވާ 85 ފަސިންޖަރުން ވެސް ތިއްބެވެ. މީގެއިތުުރުން، އީރާނަށް ނިސްބަތްވާ 32 ޙައްޖާޖީންނާއި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ މީހުން ވެސް މި ފުލައިޓުން ދަތުރުކުރިއެވެ.
ތަޙްޤީޤުތަކުން ހާމަވި ގޮތުގައި ފުލައިޓު ތެރޭގައި ދުން އުފެދުނީ ކާގޯ ހޯލްޑް ތެރޭގައި ރޯވި އަލިފާނުގެ ސަބަބުންނެވެ. ކޮކްޕިޓްގެ ރެކޯޑަރުތަކުން އެނގިގެން ދިޔައީ ފުލައިޓުގެ ކެޕްޓަން، މުޙައްމަދު ޢަލީ ޚަވައިތަރ، ފުލައިޓަށް ދިމާވެގެން އުޅޭ މައްސަލަ ދެނެގަތުމުގައި މާ ގިނަ ވަގުތުތައް ހޭދަކުރި ކަމެވެ. އަދި، ފުލައިޓުގެ ކޯ-ޕައިލެޓު މި މަރުކާގެ ފުލައިޓެއް ދުއްވަން ފެށިތާ ވީ އެންމެ 11 ދުވަސް ކަމާއި، އޭނާއަށް ފުލައިޓާ ބެހޭ މަޢުލޫމާތު އެނގެނީ ވަރަށް ކުޑަ މިންވަރަކަށްކަން އެނގުނީ އިތުރަށް ބެލިބެލުމުންނެވެ.
އޮޓޯޕްސީ ރިޕޯޓުތަކުގެ ނަތީޖާއިން އެނގުނު ގޮތުގައި، އެންމެން ވެސް މަރުވެފައިވަނީ އަލިފާންރޯވެ އެނދުމުގެ ކުރިން، އުފެދުނު ދުމުގެ އަސަރުކޮށްގެން ކަމެވެ. އަދި، ފަސިންޖަރުން މަރުވީ ފުލައިޓް ޖެއްސުމުގެ ކުރިންކަން ވެސް ހާމަވިއެވެ. ފުލައިޓަށް ދިމާވި މައްސަލައާ ގުޅިގެން ކުރި ތަޙުޤީޤުން އެނގިގެން ދިޔައީ ފުލައިޓު ޖައްސާއިރު ޑީޕްރެޝަރައިޒްކުރުމުގެ މަޤްޞަދުގައި ޕްރެޝަރައިޒޭޝަން ވޭލްތައް ހުޅުވާފައި ހުންނަން ޖެހުނު ނަމަވެސް އެ ހުރިހާ ވޭލްތައް ބަންދުކޮށްފައި ހުރިކަމެވެ.
މި ހާދިސާއާ ގުޅިގެން ކުރި ތަޙުޤީޤަށްފަހު ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސައުދީ ސިވިލް އޭވިއޭޝަނުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.