އިސްލާމީ ބައެއް މަފްހޫމުތައް މި ޒަމާނުގައި ބޭނުން ކުރެވޭގޮތުގެ ސަބަބުން ބޮޑެތި މައްސަލަތައް މުސްލިމުންގެ ތެރޭގައި އުފެދެމުން އަންނާތީ ފެނެއެވެ. މި މައްސަލާގައި ފާހަގަކުރެވޭ މައިގަޑު ސަބަބު ގުޅެނީ، ބައެއް މުސްލިމުންގެ ނަފްސާނީ ޖަޒްބާތާއެވެ. ތަފާތު ފެންވަރުގައި، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ، އަދި ކުރިމަތިވަމުން އަންނަ، ސިޔާސީ، އިޤްތިޞާދީ، އަދި ޢަސްކަރީ މައްސަލަތަކެއްގެ ނަތީޖާއިންނެވެ. އިސްލާމީ މުޖްތަމަޢުތަކުގައި ޚަވާރިޖީ ފިކުރު ދިރިގެން އައުމަކީ މިކަމުގެ ނަތީޖާއެކެވެ. މި ފިކުރަކީ، ތަކްފީރާ ދިމާއަށް ލެބިގަތުމުގެ ފިކުރެކެވެ. މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ކުފުރުގެ ލޭބަލް ކުރުމުގެ ފިކުރެވެ. އަދި މި ފިކުރު، ޢާންމުކުރުމާއި އެއްވެސް އިސްތިސްނާއެއް ނެތި، ތަކްފީރުކުރުމާއި ޠޯޣޫތުންގެ ގޮތުގައި ކަނޑައަޅަމުންދިއުމުގެ ނަތީޖާއިން، ރަސޫލާގެ ސީރަތާއި، ޞަޙާބީންނާއި ތާބިޢީންނާއި މި އުންމަތުގެ ސަލަފުވެރި ޢިލްމުވެރިންގެ މަންހަޖާ މުޅިން ޚިލާފަށް، ދީނުގެ ނަމުގައި ލޭ އޮހުރުވުންތައް ޢާންމުވަމުން ދިޔުމުގެ މައްސަލައަކީ ވަރަށް ބޮޑު ކާރިޘާއެކެވެ.
މި ދެންނެވި، އިސްލާމީ ތަފާތު މަފްހޫމުތަކުގެ އަސްލު މަޤްޞަދުން، އެއްކިބާވުމުގެ ނުރައްކާތެރިކަމުގެ ނަތީޖާއިން ބޮޑެތި ބަލާއާއި ފިތުނަތަކަށް ހުށަހެޅިގެންދެއެވެ. މިގޮތުން ނުރައްކާތެރި ފިތުނައަކަށް ހުށަހަޅިގެންދާ މަފްހޫމަކީ “އަލްވަލާ، ވަލް ބަރާ”ގެ މަފްހޫމެވެ. މި މަފްހޫމު ވަރަށް ނުބައިގޮތްގޮތަށް ބޭނުންކުރުމުގެ ސަބަބުން މުސްލިމުން ކާފަރުކުރުމާއި، އަދި ވަކި ބަޔަކުމެނުވީ މުސްލިމުންކަމުގައި ނުވާނެކަމާއި، މުއުމިނުންގެ ތެރޭގައި ވެސް މުވައްޙިދު މުއުމިނުންނާއި ޣައިރު މުވައްޙިދު މުއުމިނުން ތިބޭކަމާއި، މުވައްޙިދު މުއުމިނުން ނޫންބަޔަކާ “ވަލާ” ނުވަތަ އެބަޔަކު ދެކެ ލޯބިވުމެއް އޮވެގެން ނޫވާނެކަމުގެ އަޑުތައް ގަދަވަމުންދެއެވެ. އަދި “އަލްވަލާ ވަލް ބަރާ”ގެ މަފްހޫމާ ގުޅޭގޮތުން، އިސްލާމު ދީނަށް ވަދެވޭނީ ވެސް، މިދަންނަވާ މީހުން މާނަކުރާގޮތްކަމުގައި އެފަދަ މީހުން ދެކެއެވެ.
އެހެންވީމާ، “އަލްވަލާ ވަލް ބަރާ” ގެ އަސްލު މަފްހޫމަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. މި ލަފުޒުތަކުގެ ބަހަވީ އަސްލާއި، ޤުރްއާނާއި ސުންނަތުން ލިބިގެންވާ މަޢުލޫމާތުގެ އަލީގައި އަދި މި އުންމަތުގެ ސަލަފުން ޢަމަލުކުރެއްވި ގޮތްތަކުގެ އަލީގައި ދެނެގަތުން މުހިންމެވެ.
ޢަރަބިބަހުގައި “ވަލީ” މި ލަފުޒުގެ މާނައަކީ ގާތްވުން އަދި މި މާނައާ ގުޅޭގޮތުން، ލޯތްބާއި ރަޙުމަތްތެރިކަމާއި ނަޞްރު ދިނުމާ ވެސް ގުޅެއެވެ.
ތަނަކާ ގާތްވުމާއި، ކަމަކަށް އަދި ދީނަށް ނިސްބަތްވުމާއި ރަޙުމަތްތެރިވުމާއި، ވާގިދިނުމާއި އިޢުތިޤާދުކުރުމާ ވެސް މަޖާޒީގޮތެއްގައި، މި ލަފްޒު ގުޅިފައިވެއެވެ. ލޯބިވާމީހާ، ރަޙުމަތްތެރިޔާ، އަދި ވާގިވެރިޔާގެ ނަން މި ލަފުޒުން ނެގިފައިވެއެވެ.
ޢަރަބި ބަހުން “އަލް ބަރާ” ގެ މާނައަކީ، ގުޅުން ކަނޑައިލުން، އަދި ދުރަށް ދިއުން އަދި ރައްކާތެރިވުމެވެ. މިސާލަކަށް، ބައްޔަކުން ސަލާމަތްވެއްޖެނަމަ، މި ބަލީން ބަރިއަވެވިއްޖެއޭ ބުނެ އުޅެއެވެ.
ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި، ޝަރްޢީ އިސްޠިލާޙުގެ މާނަކުރާއިރު، “ވަލާ”ގެ މާނަ ގުޅެނީ ހިތުގެ އީމާންތެރިކަމާއެވެ. މި އަސްލުގެ މައްޗަށް އަދި އަސާސްގެ މައްޗަށް، މި މަފްހޫމާގުޅޭ ހުރިހާ ކަންކަން ވެސް ބިނާވާންޖެހެއެވެ.
ﷲއަށާއި ރަސޫލާއަށާއި މުއުމިނުންނަށްޓަކައި “އަލްވަލާ” ނުވަތަ ލޯބިވުމަކީ ތަޢައްބުދީ (އަޅުކަމެއްފަދަ) ކަމެކެވެ. މި ތަޢައްބުދީ ކަންކަމުގެ އަސްލު ނިސްބަތްވަނީ، ހުރިހާ ކަމެއްގައި އިޚްލާޞްތެރިކަމާއެކު، ﷲގެ އެއްކައުވަންތަކަން ޤާއިމުކުރުމަށެވެ. އަދި ﷲގެ ރަސޫލާ ދެކެ ލޯބިވުމާއި އެ ރަސޫލާއަށް ނަޞްރުދިނުމަށެވެ. ދެން އެއަށްފަހު، މުއުމިނުންދެކެ ލޯބިވުމަށެވެ. ﷲއަށް ޓަކައި އުޚުވަތްތެރިކަމުގެ ގުޅުން ވަރުގަދަކުރުމަށެވެ. އަދި އިސްލާމު ދީނަށް ޓަކައި، ލޯތްބާއި އަޅާލުމާއި އެހީތެރިވުމުގެ މަފްހޫމަށް ފުންކޮށް އަދި ޝާމިލުވާނޭ މަގުން މުހިންމުކަން ދިނުމަށެވެ. މި މަފްހޫމަށް ރިޢާޔަތްކުރަންޖެހެނީ، އިސްލާމު ދީނުގެ އަސާސްތަކެއް ކަމުގައިވާ އަމާންކަމާއި، ސަލާމަތާއި އެކަކު އަނެކެއްގެ ޚިޔާލުތަފާތުވިޔަސް އިޙުތިރާމުކުރުމާއި ކެތްތެރިކަމާއި ޙިކްމަތްތެރިކަމުގެ މައްޗަށް ބިނާކޮށްގެނެވެ.
“އަލްބަރާ” މި ލަފުޒުގައި ހިމެނެނީ، ތަޢައްބުދީ ކަމެއްގެ ގޮތުގައި ނުވަތަ (ﷲއަށް ޓަކައި އަދާކުރަންޖެހޭ އަޅުވެތިވުމެއްކަމުގައި) ޤަބޫލުކޮށް ކުފުރުވުމަށް މުސްލިމުން ބޭނުން ނުވުމުގެ މާނައެވެ. ޢަޤީދާއެއްގެ ޙައިޘިއްޔަތުން، އަދި އެކަމަކީ އީމާންތެރިކަމާ މުޅިން އިދިކޮޅު ކަމެއްކަމުގައި ޤަބޫލުކުރާ ޙާލު، ކުފުރުވުމުން ބަރީއަވެ ދުރުވުމުގެ މާނައެވެ. އަދި ކުފުރުވެރިކަމާ ކައިރިނުވުމުގެ މާނައެވެ. އެކަމަކު މީގެ މާނައަކީ، ކޮންމެ ޣައިރު މުސްލިމަކު ދެކެ މުޠުލަޤުގޮތެއްގައި ރުޅިއައިސް ހުރުމެއް ނޫނެވެ. މިއާ ޚިލާފަށް އަޅުގަޑުމެންގެ ދީނާއި ޝަރީޢަތް އަމުރުކުރަނީ، ކާފަރުންނާމެދުގައި ވެސް، އިންސާފުގެ މަގުން މުޢާމަލާތްކުރުމަށެވެ. އިންސާނިއްޔަވަންތަކަން އިސްކުރުމަށެވެ.
“އަލްވަލާ، ވަލް ބަރާ”ގެ މައުޟޫޢާ ގުޅޭ ގޮތުން، ކާފަރުންނާ ގުޅުންކަނޑާލައި، އެބައިމީހުންގެ މައްޗަށް ހަރުކަށިވުމުގެ މައުޟޫޢާގުޅޭ ހުރިހާ ނައްޞުތަކެއް ވެސް އައިސްފައި ހުރީ، ކާފަރުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމުކުރާ މީހުންނާ ގުޅޭގޮތުންނެވެ. ޢަސްކަރީ ޙައިޘިއްޔަތާ ގުޅިގެންނެވެ. އަދި މި ޙައިޘިއްޔަތުން ވިޔަސް ކާފަރުންނާ ގުޅުންކަނޑާލައި، އެ މީހުންނާމެދު ހަރުކަށިގޮތް އިޚްތިޔާރުކުރުގައި އެންމެ އިސް ދައުރެއް އޮންނަ ފަރާތަކީ ދައުލަތެވެ. މާނައަކީ، މުސްލިމުންނާ އިދިކޮޅަށް ހަނގުރާމަކުރަމުންދާ ކާފަރުންނަކީ ކޮބައިކަން ކަނޑައަޅާނީ އަމިއްލަ ފަރުދުންނެއް ނޫނެވެ. އެއީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ. މުޅި އުންމަތުގެ މަޞްލަޙަތުގައި އެފަދަ ޤަރާރުތައް ނެރުމުގެ ޒިންމާއާ މަތިވެގެންވަނީ ދައުލަތާއެވެ. އަމިއްލަ ފަރުދުންނަކާ ނޫނެވެ. މުސްލިމަކަށް ނުވާ ކޮންމެ މީހަކު ދެކެ ރުޅިއައިސް ހުރެ، އިންސާނިއްޔަވަންތަ ސިފަތަކުން ބޭރުން އެފަދަ މީހަކާމެދު އަނިޔާވެރި މަގުން މުޢާމަލާތްކުރުމުގެ މުޠުލަޤު އަމުރެއް ނެތެވެ.
އެހެންވީމާ، “އަލްވަލާ ވަލް ބަރާ”ގެ މައުޟޫޢުގައި “ލޯބިވުން” ނުވަތަ “ނަފްރަތުކުރުން” އިންސާނީ މި ދެ ޖަޒްބާތުގެ ތަފާތުކުރުމާއި މި ޖަޒްބާތުތަކުގެ ރަގަނޅު ތަރުޖަމާއެއް ދެނެގަތުން ވަރަށް މުހިންމެވެ.
ﷲއަށް ޓަކައި، މުސްލިމުންދެކެ ލޯބިވުމަކީ، ތަޢައްބުދީ ކަމެކެވެ. ތަޢައްބުދީ ކަމެކޭ މިދަންނަވަނީ، ﷲގެ އަޅުންގެ ގޮތުގައިވާ ޙާލު، އެކަލާނގެ ރުއްސަވާ މަގުން ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނެކަމުގެ މާނާގައެވެ. ހަމައެހެންމެ، ޢާންމުކޮށް އިންސާނުން އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، ދުނިޔެވީ އަރާމާއި އުފާވެރިކަމަށް ބޭނުންވުމާއި މުދާދެކެ ލޯބިވުން ފަދަ ކަންކަމަކީ ފިޠުރީ ކަމެކެވެ. އެހެންވީމާ އިންސާނާގެ ފިޠުރަތުގައި ހުންނަ ޖަޒްބާތީ އެއް ސިފައެއްކަމުގައިވާ ލޯބިވުމުގެ ސިފައިގެ ތެރެއިން، އެއް އިންސާނަކު އަނެއް އިންސާނަކަށް އަޅާލައި ކަމޭހިތައި ލޯބިވުމަކީ ފިޠުރަތުގައި ހުންނަ ޖަޒްބާތެކެވެ.
ތަޢައްބުދީކަމެއްގެ ގޮތުގައި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު ދެކެވާ ލޯބި، ފިޠުރީގޮތުން އެއް އިންސާނަކު އަނެއް އިންސާނަކު ދެކެވާ ލޯތްބަށް ހުރަހެއް ނާޅައެވެ. މާނައަކީ، ތަޢައްބުދީގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކު ދެކެ ލޯބިވެވޭނީ، ކާފަރުން ދެކެ ރުޅިއައުންކަމުގައިވުމަކީ ލާޒިމުކަމެއް ނޫނެވެ.
މިސާލަކަށް، އަހުލު ކިތާބިންގެ އަންހެނަކާ، މުސްލިމު ފިރިހެނަކު، ކައިވެނިކުރުން ހުއްދައެވެ. އަދި މިކައިވެނީގެ ނަތީޖާއިން ފިރިއަކަށްވީ މުސްލިމު މީހާ، ޣައިރު މުސްލިމު އަނބިމީހާ ދެކެ ލޯބިވުމަކީ ފިޠުރީކަމެކެވެ. އަދި މި ފިޠުރީ ލޯތްބަށް އިސްލާމު ދީން ހުރަހެއް ނާޅައެވެ. ދީނަށްޓަކައި މުސްލިމު އަޚާ ދެކެ އަޅުގަޑުމެން ލޯބިވަނީ، އަޅުކަމެއްގެ ގޮތުގައެވެ. މުސްލިމަކު ދެކެ ލޯބިވުމުގެ މުޤާބިލުގައި ކާފަރުން ދެކެ ރުޅިއައުމާއި އެމީހުންނަށް އެއްވެސް ސަބަބެއް ނެތި، ނަފްރަތުކުރުން ލާޒިމުވެގެން ނުވެއެވެ. އެގޮތަށް ކަންތައް ވާންފަށައިފިނަމަ، އެކަންވެގެންދާނީ އަނިޔާވެރިވުމެއްކަމުގައެވެ. އަދި އަނިޔާވެރިވުމަކީ އިސްލާމު ދީނުގައި ކަނޑައެޅިގެން ޙަރާމުކަމެކެވެ.
އެހެންވީމާ، މުޠުލަޤު އިޞްޠިލާޙުތައް ވަކި ޙައްދެއްގެ ތެރޭގައި މުޤައްޔަދުކުރުމާއި، ޢާންމު މާނަ، ޚާއްޞަ މާނައެއްގެ ގޮތުގައި ބޭނުންކުރާނެގޮތުގެ ހުނަރުގެ ތެރެއިން، “އަލްވަލާ ވަލް ބަރާ”ގެ މުޠުލަޤު މަފްހޫމު ދެނެގަންނަން ޖެހެނީ، ކީރިތި ޤުރްއާނުން ސާބިތުވާ އަޚްލާޤިއްޔާތާ ވެސް ގުޅުވައިގެނެވެ. ކީރިތި ޤުރްއާނުން ސާބިތުވާ އަޚްލާޤިއްޔާތަކީ، އެކަމަކަށް އެއްވެސް ބަދަލެއް އައުމެއް ނުވާ ހެޔޮކަންކަމުގެ އަސާސްތަކެވެ.
ކީރިތި ޤުރްއާނުގައި ހުރި އެންގެވުންތަކަށް ބަލާއިރު، ކާފަރުންނާމެދުގައި ވެސް އިންސާފާއި ހެޔޮމަގުން މުޢާމަލާތްކުރުމަށް އަންގަވާފައިވާކަން ސާފުކޮށް އެނގެން އެބައޮތެވެ. މިކަމުގެ އެއް ހެތްކަކީ، “އަލްމުމްތަޙިނާ” ސޫރަތުގެ 8 ވަނަ އާޔަތެވެ. މި އާޔަތުގެ މާނައަކީ: “ތިޔަބައިމީހުންގެ دينއާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدلވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدلވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”
“އަލްވަލާ ވަލް ބަރާ”ގެ މަޢުޟޫޢާގުޅޭގޮތުން ހުރި ޙުކުމުތަކަކީ ޢަސްކަރީ ޙުކުމުތަކާ ގުޅުން ހުރި ޙުކުމުތަކެކެވެ. އަދި މި ޙުކްމުތައް ވެސް ހިމެނިގެންވާ ދާއިރާއަކީ، ހަނގުރާމައާއި ޞުލްޙައާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ދާއިރާއެވެ. މި ކަމުގެ އަމުރު މަޢުރޫފު ހިންގުމުގެ ބާރު އޮންނާނީ ހަމަ އެކަނި އިސްލާމީ ދައުލަތެއްގެ ވެރިޔެއްގެ އަތްމަތީގައެވެ. މިއިން އެއްވެސް ކަމަކީ ޢާންމު ފަރުދުންގެ އަތްމަތީގައި އޮންނަ ކަންކަމެއް ނޫނެވެ.
“އަލްވަލާ ވަލް ބަރާ” އާ ބެހޭގޮތުން ބަޔާންވެދިޔަ މަފްހޫމުން އެނގިގެންދަނީ، މި މަފްހޫމުގެ މައްޗަށް “ތަކްފީރު”ކުރުން ހުއްދަވެގެން ނުވާނެކަމުގައެވެ. އެހެނީ، “އަލްވަލާ ވަލްބަރާ”ގެ މަފްހޫމުގެ އަސާސަކީ، އިންސާނީ ޖަޒްބާތެއްކަމަށްވެފައި، އިންސާނީ ޖަޒްބާތުތައް އުފެދިގެން އަންނަނީ އިންސާނާގެ ވިސްނުމާއި ހިތުގެ އިޙުސާސްތަކުގެ ތެރެއިންކަމުގައިވާތީ، މި މަފްހޫމަކީ އިންސާނާގެ ނިޔަތާގުޅިފައިވާ މަފްހޫމެއްކަން އެނގެއެވެ. އެހެންވީއިރު، “އަލްވަލާ ވަލްބަރާ”އާ ގުޅުވައިގެން ތަކްފީރުކުރުމުގެ މާނައަކީ، އިންސާނާގެ ހިތުގައި އޮންނަ އެއްޗަކަށް ނިސްބަތްކޮށް ޙުކުމެއްކުރުމެވެ. ހިތުގައި އޮންނަ ޤަޞްދަށް ބަލައިގެން ޙުކުމެއް ކަނޑައެޅުމެވެ. މީހެއްގެ އަމިއްލަ އިޢުތިރާފުން އޭނާގެ ނިޔަތަކީ މިއީކަމުގައި ފާޅު ނުކުރާހާ ހިނދަކު، މީސް މީހުންގެ ނިޔަތާއި ހިތުގެ ޤަޞްދު އޮތްކަމަށް ހީކޮށްގެން ޙުކުމުކޮށް އުޅުމަކީ، ޝަރީޢަތުގައި އޮންނަގޮތެއް ނޫނެވެ.
ޤައުމުގެ ޢާންމު މަޞްލަޙަތަށް ޓަކައި، ޤައުމުގެ އިސްވެރިޔާގެ ނިންމުމުގެ މަތީން، ޣައިރު މުސްލިމު ދައުލަތަކާ ގުޅުން އުފެއްދުމަކީ، “އަލްވަލާ ވަލް ބަރާ”ގެ މަފްހޫމާ އަސްލުން ވެސް އަދި އަރިމަތިން ވެސް ގުޅުމެއް ހުރިކަމެއް ނޫނެވެ. ޣައިރު މުސްލިމުންނާއެކު ޢާންމު މަޞްލަޙަތު ނިޔާކުރާ ހަމަތަކުން ގުޅުން އުފެއްދުމަކީ އިޖްތިހާދީ މައްސަލައެކެވެ. ޣައިރު މުސްލިމު ދައުލަތްތަކާ ގުޅުން އުފެއްދުމާއި ކަނޑައިލުމުގެ މައްސަލައަކީ، އުންމަތުގެ ދީނާ އަދި ދުނިޔެވީ މަޞްލަޙަތު ޙިމާޔަތްކުރުމާއި ދައުލަތާ ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްކުރުމާއި، ޢާންމު ފައިދާތައް ލިބިގަތުމާއި ޢާންމު އަދި ޚާއްޞަ ގެއްލުންތައް ދުރުކުރުމުގެ ޒިންމާ އެފަރާތަކާ މަތިވެގެންވާ، ދައުލަތުގެ އެންމެ އިސްވެރިޔާގެ އިޚްތިޞާޞްގެތެރޭގައި އޮންނަ ކަމެކެވެ. އެހެނީ، ދައުލަތުގެ އެންމެ އިސްވެރިޔާ ތަމްސީލުކުރަނީ މުޅި ޤައުމުގެ އެންމެހާ ފަރުދުންނެވެ. މުސްލިމުންގެ ފުރާނައާއި މުދާ ޙިމާޔަތްކުރުމުގެ ޒިންމާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޒިންމާއެކެވެ.