ކަމެއް ކާމިޔާބު ވުމުގައި ކޮންމެހެން ހަމަވާންޖެހޭ އުންސުރުތަކެއް ހުރެއެވެ. އެކަމަކަށް ގަދައަޅައި މަސައްކަތްކުރުމާއި އެކަމެއް ކާމިޔާބުވުމަށް ބޭނުންވާނޭ ތަމްރީނާއި ވަޞީލަތްތައް ހޯދުމާއި ރަނގަޅު ރޭވުންތެރިކަމެއް އޮތުމަކީ މި ދެންނެވި އުންސުރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ކަންތައްތަކުގެ އިތުރަށް ދެން އޮންނަނީ އެބައެއްގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމެވެ. މިއީ ކޮންމެ ކަމެއްވެސް ކާމިޔާބުވުމަށް ބޭނުންވާ ގުޅުންތައް ގުޅުވައިދޭ ބޮޅުފައްޗެވެ. ވަކިވިޔަ ނުދީ ހިފަހައްޓައިދޭ ޗޭނުގަނޑެވެ. މި އެއްބައިވަންތަކަމުގެ ޗޭނުން ގުޅިލާމެހިފައިވާނަމަ އެކަމެއް ކާމިޔާބުކުރުމަކީ މާބޮޑުކަމެއް ނޫނެވެ. އެއީ ބުރަ އުނދަގޫ މަސައްކަތެއް ނިންމާލުން ކަމުގައި ވިޔަސް ނުވަތަ ހަނގުރާމައަކުން ކާމިޔާބު ހޯދުންކަމުގައި ވިޔަސް އެކަން އޮންނަނީ އެހެންނެވެ. އަދި އިންސާނުންނަށް ނުކުޅަދާނަ ފެންވަރުގައި ކުރިމަތިވާ މޫސުމީ ކާރިސާތަކާއި ބޮޑެތި ބަލިމަޑުކަމުން އަރައިގަތުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ އެބައެއްގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ނެތް ތަނެއްގައި އުޅޭ ބަޔަކަށް ކާމިޔާބީއަކީ ބީރައްޓެހި އެއްޗެކެވެ. ދިމާވާ ވަރަށް އާދައިގެ ކަންކަން ވެސް ނިމިގެންދާނީ ބޮޑު މުސީބާތެއްގެ ގޮތުގައެވެ. އެހެންކަމުން ކޮންމެ މުޖްތަމަޢެއްގައި ވެސް އެއްބައިވަންތަކަން އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. ނުހަނު ބޭނުންތެރިކަމެކެވެ. އެއީ މިނިވަންކަމާއެކު ދެމިއޮތުމަށެވެ. އުނދަގޫތަކުން އަރައިގަތުމަށެވެ. ދަތިޙާލުން ސަލާމަތްވުމަށެވެ. އަދި ކާމިޔަބީގެ ކުންނުތަކަށް ވާޞިލުވުމަށެވެ.

މި ލިޔުމުގައި ބަލައިލެވިފައިވާނީ ރާއްޖޭގެ ފާއިތުވި ތަނުގައި އެއްބައިވަންތަކަމާއެކު ކުރެވިފައި ހުރި ބޮޑެތި ކަންކަމުގެ މައްޗަށެވެ. އަދި އެއްބައިވަންތަކަން އޮތުމުގެ ސަބަބުން ދަތިޙާލުން އަރައިގަތުމަށް ފަސޭހަވި ގޮތުގެ ވާހަކައެވެ. އަދި އެއްބައިވަންތަކަމުގައި ދެމިތިބެ ދިވެހިން ހޯދި ކާމިޔާބީތަކުގެ ވާހަކައެވެ.

މުޖުތަމަޢެއް އެއްބައިވަންތަ ކުރުމަށް ޓަކައި ބޭނުންވާ ވަކި ބަހާތަކެއް ވެއެވެ. މި ބަހާތައް ދޭދޭ ޤައުމަށް ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ. އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މެދުވެރިކުރުވާ އެންމެ މުހިންމު ބަހާތަކަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހެވެ. އަޅުގަނޑުމެން ނޫނަސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ވެސް އިސްލާމްދީނާއި އެބައެއްގެ މާދަރީ ބަހަކީ އެ މުޖްތަމަޢުއެއް އެއްބައިވަންތަ ބައެއްގެ ގޮތުގައި އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ބަހުގެ ހެއްކަކަށް މިދިޔަ އަހަރު ނިމިގެން ދިޔަ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ބަލައިލުމުން ވެސް ފެންނާނެއެވެ. މަޣްރިބު ނުވަތަ މޮރުކޯ މުބާރާތުގައި ހޯދަމުން ދިޔަ ކާމިޔާބީތަކާއެކު އެޓީމަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގެ ރައްޔިތުންގެ ތާއީދު އޮހެން ފެށިއެވެ. މައިގަނޑު ދެ ސަބަބަކާހެދިއެވެ. އެއީ މޮރުކޯއަކީ ޢަރަބި ޤައުމަކަށް ވުމާއި މުސްލިމް ޤައުމަކަށް ވުމެވެ. މެދުއިރުމައްޗާއި އެފްރިކާގެ ޢަރަބި ޤައުމުތަކުން މޮރުކޯއަށް ތާއީދު ކުރަން ފެށީ އެއީ ޢަރަބީންނަށް ލިބޭ ފަޚުރެއްކަމުގައި ބަލައިގެންނެވެ. އެހެންކަމުން މޮރުކޯއަށް ތާއީދުކުރުމުގައި މުޅި ޢަރަބިކަރަ މޮރުކޯގެ ފަހަތަށް އެރިއެވެ. މިކަމުން ފެނިގެން އެ ދިޔައީ އެއްބައިވަންތަކަން އުފެއްދުމުގައި ބަސް އަދާކުރާ ދައުރެވެ. މޮރުކޯއަށް ތާއީދު ކުރުމުގައި މުސްލިމް ޤައުމުތަކުންނާއި އެހެނިހެން ޤައުމުތަކުގައި ތިބި މުސްލިމް ރައްޔިތުން ވެސް ޚާއްޞަ ފޯރިއެއް ނެގިއެވެ. ދިވެހިން ވެސް މޮރުކޯއަށް ތާއީދުކުރީ މޮރުކޯއަކީ އިސްލާމީ ޤައުމަކަށް ވާތީއެވެ. ހަމަ އެހެންމެ އެހެނިހެން އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ވެސް މޮރުކޯއަށް ތާއީދުކުރީ އެއީ އިސްލާމީ އުންމަތަށް ނިސްބަތްވާ ޤައުމަކަށް ވާތީއެވެ. އެހެންކަމުން މިކަމުން މި ދައްކައިދިނީ އެއްބައިވަންތަ ކުރުމުގައި ދީން އަދާކުރި ދައުރެވެ. އެހެންކަމުން ދިވެހިރާއްޖެ އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަހާއަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަހެވެ. މިކަން ދިވެހި ތާރީޚުގެ ފަތްފުއްތަކަށް ނަޒަރު ހިންގައިލުމުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުއްޓެވެ.

މި ޖީލުގެ ދަރިން ހަނދާން ހުންނަ ފަށުގައި ދިވެހިރާއްޖެއަށް ދިމާވި އެންމެ ބޮޑު ޤުދުރަތީ ކާރިސާއަކީ 2004 ވަނައަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއެވެ. އެދުވަހު އެރި ސުނާމީގެ ރާޅު އެއްފަރާތުން އަރައިގެން އަނެއްފަރާތުން ފައިބައިގެން ދިޔައީ މުޅި ދިވެހިރާއްޖެ ދޮވެލާފައޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. ރާޅާއެކީ ދިވެހި އިޤްތިޞާދު ވެސް ދިޔައީ އަޑިއަޅައިގެންނެވެ. މި ހައްސާސް ދަނޑިވަޅުގައި ދިވެހިން އިސްކުރީ އެއްބައިވަންތަ އެއްބައެއްވަންތަކަމުގެ ރީތި ސިފައެވެ. ހާލުގައި ޖެހިފައިވާ ރަށްތަކަށް އެހީތެރިވުމުގައި ހުރިހާ އެންމެން އެކަތިގަނޑަކަށްވެ އެބަޔަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. ކާބޯތަކެތި ފޯރުކޮށްދިނުމާއި ބޭނުންވާނޭ އަންނައުނު ފޯރުކޮށްދިނުމާއި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ވެސް ހިމެނެއެވެ. މިކަމުގައި އެރަށެއްގައި ދިރިއުޅޭ އެންމެން ޝާމިލުވެގެން ވަރަށް ފޯރިއާއި ޖޯޝުގައި ބައިވެރިވަމުން ދިޔައެވެ. މިއީ ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކައިދިން އެއްދުވަހެވެ.

ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދިޔަ ވަރަށް ގިނަ ކަންތައްތައް މާޒީގައި ހިނގައިފައިވެއެވެ. ވިހިވަނަ ޤަރުނުގައި ދިވެހިރާއްޖެ “ބޮޑުރޯގާ”ގެ ގޮތުގައި 5 ފަހަރެއްގެ މަތިން ބޮޑު ބަލިމަޑުކަމެއްގެ ބިރުވެރި ތަޖުރިބާކުރަން ޖެހިފައިވެއެވެ. އެންމެ ފުރަތަމަ ބޮޑުރޯގާގެ ފުރަތަމަ ރާޅަކީ  1922 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ކުރިމަތިވި އިންފުލުއެންޒާގެ ނުރައްކާތެރި ރޯގާއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބަލި ވަރަށް ހަލުއިމިނެއްގައި ރާއްޖޭގައި ފެތުރެންފެށިއެވެ. ފުރަތަމަ ދުވާލަކަށް ދެމީހުން ތިންމީހުން މަރުވަމުން ދިޔައެވެ. ނަމަވެސް ފަހުން މި އަދަދު މައްޗަށް ޖެހެމުން ދިޔައެވެ. ރެއަކާ ދުވާލު ފަސްމީހުން މާލެއިން މަރުވާން ފެށިއެވެ. މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން ވެސް ދަތިވެ މީހުން ވަޅުނުލެވިފައި އެތައް އިރެއްވަންދެން ބާއްވަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔައެވެ. އެއީ މީހުން ވަޅުލުމުގައި އުޅޭ ޖަމާތްތެރީން ވެސް ބަލިއެނދަށް ވެއްޓުމުގެ ސަބަބުންނެވެ. ސަރުކާރުގެ އޮފީސްތައް ބަންދުވެ މަސައްކަތްތައް ހުއްޓުނެވެ. ވިޔަފާރިތައް ހުއްޓި ބާޒާރުމަތި ހުސްވިއެވެ. ބަލީގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ. މި ބަލިމަޑުކަމުގައި މީހުން މަރުވާ ޢަދަދު ގިނަކަމުން ގޮސް ރަށްރަށުން ކަފުން ހުސްވިއެވެ. ދެމަހެއްހައި ދުވަހުގެ ތެރޭގައި މާލެއިން 400 އެއްހައި މީހުން މަރުވިއެވެ. މި ބިރުވެރި ދަނޑިވަޅުގައި ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދިޔައެވެ. ހިލޭސާބަހަށް ރައްޔިތުން ނުކުމެ މީހުންނަށް އެހީތެރިވާން ފެށިއެވެ. މީހުން ވަޅުލުމުގައި ވެސް ރައްޔިތުން ނުކުމެ ހިލޭސާބަހަށް ބައިވެރިވާން ފެށިއެވެ. ބިރުވެރިކަން އޭގެ އިންތިހާއަށް އޮއްވައެވެ. މީހުންނަށް ކާއެތިކޮޅު ފޯރުކޮށްދިނުމުގައި ވެސް ގަދަވެ ސަލާމަތުން ތިބި މީހުން ހަރަކާތްތެރިވާން ފެށިއެވެ. މިއީ ދިވެހިންގެ އިންސާނިއްޔަތުކަމާއި ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދިން ދުވަސްވަރެކެވެ.

އިންފުލުއެންޒާގެ ފުރަތަމަ ރާޅުން އަރައިގަތްތާ މަގިނަ ދުވަހެއް ނުވެ އޭގެ ދެވަނަ ރާޅެއް އަނެއްކާ ވެސް ރާއްޖެއަށް ކުރިމަތިވިއެވެ. މި ރޯގާގެ ނުރައްކާ ދިވެހިރާއްޖެއަށް ކުރިމަތިވީ 1947 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. “ވިހިވަނަ ގަރުނުގާ ދިވެހިރާއްޖެ2” މި ފޮތުގައި ވާގޮތުން މާލޭގައި ވަރަށް ހަލުއިކަމައެކު މި ބަލި ފެތިރިގެންދިޔައެވެ. ހެންވޭރުން 1200 މީހުން މާފަންނުން 1004 މީހުން ގަލޮޅުން 208 މީހުން މައްޗަން ގޮޅިން 415 މީހުންނަށް މި ރޯގާ ޖެހުނެވެ. ދިވެހިރާއްޖޭގައި އޭރު ވެސް ޞިއްޙީ ފަރުވާ ދިނުމުގެ ވަޞީލަތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެފަދަ ދަނޑިވަޅުގައި އިންފުލުއެންޒާ ފަދަ ނުރައްކާތެރި ރޯގާއެއް ފެތުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެގެން ދިޔައެވެ. ފަރުވާއަކަށް ދެމުން ދިޔައީ ކޮނތަބިރި ފެނާއި، ޖުއްލާބު ލޮނާއި، ހުންބޭހެވެ. މި ތަކެތި ތައްޔާރުކޮށް ބަލިމީހުން ތިބި ގޭގެއަށް ބަހަމުން ދިޔައީ ހިލޭސާބަހަށް މަސައްކަތްކުރި ދިވެހި ރައްޔިތުންނެވެ. ބަލިމީހުންނަށް އެހީތެރިވުމުގައި އަތުކުރި އޮޅައިލީ ދިވެހިރައްޔިތުންނެވެ. ބަލީގެ ބިރުވެރިކަމަށް ނުބަލައި ބަލިމީހުންނަށް އެހީތެރިވުމުގައި ދިވެހިން އެދުވަހު ވެސް ދެއްކީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އިންފުލުއެންޒާގެ 3 ވަނަ ރާޅު ރާއްޖެއަށް ބިންދައިލީ 1959 ވަނަ އަހަރުއެވެ. މި ފަހަރު ރާއްޖެއިން 9000 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. 9 ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ޖެހުނެވެ. މިދުވަސްވަރު ވެސް ރާއްޖޭގައި އެކަށޭނަ ޞީއްޙީ ޚިދުމަތެއް ދެވޭކަށްނެތެވެ. އެހެންކަމުން މި ފަހަރުގެ މައިގަނޑު ފަރުވާއަކަށް އޮތީ ކުކުޅުމަހާއެކު ކައްކާފައި ހުންނަ ބަތްޕެން ދިނުމާއި ބޭހެއްގެ ގޮތުގައި އެދުވަސްވަރު ގެންގުޅުނު ޗަންބަރުލޭން ކޮފް ސިރަޕް ދިނުމެވެ. ގޭގޭގައި ބަލިވެފައި ތިބި މީހުންނަށް މި ތަކެތި ބެހުމުގައި ހަރަކާތްރެރިވީ މާލޭގެ ހަތަރުއަވަށުން ހިލޭސާބަހަށް މަސައްކަތްކުރަން ނުކުތް މީހުންނެވެ. ހުރިހާ ގެއަކަށް ހިނގައި ބާލިދީބާލިދީގައި ބަތްޕެން ބަހަމުން ގެންދިޔައެވެ. މި ޚިދުމަތުން ވެސް ފާހަގަވެގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އެންމެ ބޭނުންތެރި ދަނޑިވަޅުގައި ދިވެހިންގެ އެއްބައިވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކައިދޭކަމެވެ.

ވިހިވަނަ ޤަރުނުގެ ބޮޑުރޯގާގެ ސިލްސިލާ މިހައިހިސާބުން އަދި ނިމުނީކީ ނޫނެވެ. ދިވެހިންނާ ދެން ކުރިމަތިވި އެންމެ ބިރުވެރި ދެ ރޯގާއަކީ ކޮލެރާއާއި ސިގެއްލާއެވެ. ކޮލެރާ ރާއްޖޭގައި ފެތުރެންފެށީ 1970 ގެ އަހަރުތަކުގައެވެ. މިއީ ދުނިޔޭގައި ވެސް ކޮލެރާ ވަރަށް ބާރަށް ފެތުރެމުން ދިޔަ ދުވަސްވަރެކެވެ. ރާއްޖޭގެ 11303 މީހަކަށް މި ބަލި ޖެހި އޭގެތެރެއިން 252 މީހުން މި ބަލީގައި ނިޔާވިއެވެ. 119 ރަށަކަށް މި ބަލި ފެތުރުނެވެ. އޭގެ ތެރޭގައި އަޅުގަނޑުގެ ރަށް ހިންނަވަރަށް ވެސް މި ރޯގާ ފެތުރުނެވެ. ހަމައެހެންމެ ރާއްޖެއަށް 1982 ވަނައަހަރު ފެތުރުނު ސިގެއްލާ ރޯގާ ވެސް ހިންނަވަރަށް ފެތުރުނެވެ. ސިގެއްލާ ރޯގާ ރާއްޖެއިން 13752 މީހަކަށް ޖެހި 197 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. ހިންނަވަރުގެ ސިގެއްލާގެ ދުވަސްވަރު އަޅުގަނޑު ވަރަށް ކުޑަކޮށް ހަނދާން ހުރެއެވެ. ގޭގެއިން ބަލި މީހުން ގެނެސް ބައިތިއްބަނީ ރަށުގެ މާލޫދުހަރުގޭގައެވެ. ބަލިމީހުން އުފުލަނީ ރައްޔިތުންގެ ތެރެއިން ގަދަވެ ތިބި މީހުންނެވެ. މީހުން އުފުލަނީ ފަތްޖެހިއެނދަށް ލައިގެން ކޮނޑުމަތީގައެވެ. ހުރިހާ ގެއެއްގެ ފެންވަރާ ވަޅުތައް ކުލޮރިނެޓް ކުރުމަށްޓަކައި ހުރިހާ ގެއަކަށް ކޮންމެ ދުވަހަކު ޓީމުތަކުން ޒިޔާރަތްކުރެއެވެ. އަނެއްބަޔަކު ބަލި މީހުން ކައިރީގައި ޑިއުޓީއަށް ތިބެއެވެ. އަނެއްބަޔަކު ބަލިމީހުންނަށް ބަތްޕެނާއި އެނޫން ވެސް ފައިދާހުރި ތަކެތި ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅެމުންދިޔައެވެ. މި ހުރިހާ ކަމަކުން ވެސް ފާހަގަވަމުން ދިޔައީ ދިވެހިންގެ އޯގާތެރިކަމެވެ. ދިވެހިންގެ ހިތްހެޔޮކަމެވެ. އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމެވެ.

އިހުގައި ކޮށް އުޅުނު ވަރަށް ގިނަ ކަންތައްތަކުން ވެސް ދިވެހިންގެ އެއްބައިވަންތަކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ރަށްރަށުގައި ބާއްވާ ބޮޑުމައުލޫދެވެ. މި ދުވަހަށް މުޅިރަށް ޒީނަތްތެރިކުރުމުގައާއި މާލޫދަށް ބޭނުންވާ ކަބޯތަކެތި ތައްޔާރުކުރުމާއި ސުފުރާމަތި ތައްޔާރުކުރުމުގައި ވެސް ރަށުގެ ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައި މުޅިރައްޔިތުން އެކީއެކައްޗަކަށް އެކަމުގައި ބައިވެރިވެއެވެ. މި މައުލޫދަށް އަތޮޅުގެ ކަމުވޮށިގެންވާ އެންމެނަށް ދަޢުވަތުދެއެވެ. އެހެންކަމުން ރަށަށް އަރާ އެންމެންނަށް މެހެމާންދާރީ އަދާކުރުމުގައި ރަށުގެ ރައްޔިތުން ދައްކައިދެނީ އިންތިހާ ދަރަޖައިގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ޢީދު ޞަލަވާތަށް ކައްކައި ކާންދިނުމުގައާއި ޢީދު ކުޅިވަރުތައް ކުޅުމުގައި ވެސް ދިވެހިންގެ ތެރޭގައި އޮންނަނީ އާދަޔާ ޚިލާފު އެއްބައިވަންތަކަމަކާއި އެކުވެރިކަމެކެވެ. ހަމައެހެންމެ ރޯދައަށް ތައްޔާރުވުމުގައި ވެސް މި އެއްބައިވަންތަކަން ފެނިގެންގޮސްފައިވެއެވެ. މިކަންކަމުގައި ޒުވާނުންނާއި ހަރުމީހުން ވެސް މަސައްކަތްކުރަނީ މިދެންނެވި އެއްބައިވަންތަކަމާއި އެކުވެރިކަމާއެކުގައެވެ.

ދިވެހިންގެ އެއްބައިވަންތަކަން ދިވެހިންގެ އިޖްތިމަޢީ މަސައްކަތްތަކުން ވެސް ފާގަހަވެއެވެ. ޚާއްޞަކޮށް ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އާދަޔާޚިލާފު އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ. ރަށަށް އުދައެރުމުން ސަލާމަތްވުމަށް ރަށުގެ މީހުން އުޅޭ ފަރާތުގައި ތޮށިލައި އުޅެއެވެ. މި މަސައްކަތް ކުރަނީ ރައްޔިތުން ދޯނިފަހަރުގައި ގޮސް، ގާ ގެނެސްގެން އެ ގައުތައް ރީތިކޮށް އެއްވަރަކަށް ޖަހައިގެންނެވެ. އެއީކީ މިޒަމާނުގައި ހެން ސިމެންތިންނާއި ބޮޑުހިލަ ޖަހައިގެން ތޮށިލައި އުޅުނު ޒަމާނެއް ނޫނެވެ. އަދި ބަޖެޓް ހަމަޖައްސައިގެން ކޮންޓްރެކްޓު އުސޫލުން މަސައްކަތްކުރާ ޒަމާނެއް ވެސް ނޫނެވެ. އެ ޒަމާނުގައި މަސައްކަތްކުރަނީ ރައްޔިތުންނެވެ. އެ މަސައްކަތް ރައްޔިތުން ކުރަނީ ހިލޭސާބަހަށެވެ. އެފަދަ މަސައްކަތްތައް އޮންނަ ދުވަހު އެއްވެސް ދޯންޏެއް މަހަކަށް ނުފުރާނެއެވެ. ހުރިހާ ދޯންޏެއް ހިލޭ ސާބަހަށް މަސައްކަތުގައި ބައިވެރިވާނެއެވެ. ދޯނިފަހަރުގައި ގާ ބަލައި ދާނީ ރަށުގެ ފިރިހެނުންނެވެ. ދޯނިފަހަރު ލަފަންވާއިރަށް ރަށުގެ އަންހެންވެރިން ހުންނާނީ ފަނިފުޅިތަކާއި ބިސްކޯދާއި ދުފުން ތައްޔާރުކޮށްފައެވެ. އެހެންކަމުން މި މަސައްކަތްތައް ކުރެވެނީ ނުހަނު ފޯރިއާއި ޖޯޝުގައި ޤައުމީ ލޯތްބާއި ރަށުގެ ރޫޙު އެކަމުގައި ހިމެނިގެންނެވެ. މި ހުރިހާކަމަކުން ވެސް ދައްކައިދެނީ އެދުވަސްވަރު ދިވެހިންގެ ތެރޭގައި އޮތް އެބައިވަންތަކަމެވެ. މިފަދަ އެތައް މަސައްކަތްތަކެއްގައި ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ.

ޤައުމީ ފެންވަރުގައި ކުރެވުނު އެތައް މަސައްކަތްތަކެއްގައި ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ. އެގޮތުންބަލާއިރު ހުޅުލޭގައި އެއަރޕޯރޓް އެޅުމަށް ކުރެވުނު މަސައްކަތްތަކާއި މާލޭގެ މަގުހެދުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. އެއަރޕޯރޓް އެޅުމުގައި މާލޭގައި އުޅޭ ރައްޔިތުން އެކަމުގައި ބައިވެރިވެ ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާލޭގެ މަގުހެދުމަށްޓަކައި ބޭނުންވާނޭ އަކިރި ހަދިޔާކުރުމުގެ މަސައްކަތް ރާއްޖޭގެ ރައްޔިތުން ކޮށްފައިވެއެވެ. ރާއްޖޭގެ އެކިރަށްރަށުން މަލެއަށް އަކިރި ހިފައިގެން އައިސްފައިވެއެވެ. މި ހުރިހާކަމަކުން ވެސް ހާމަވެފައިވަނީ އޭރު ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. ޤައުމީ ކަންކަން ކުރުމުގައި އޮތް ޤައުމީ ރޫޙާއި ޖޯޝެވެ. ދިވެހިން މިފަދަ މަސައްކަތްތައް ކުރުމުގައި އޭރު ބަލަނީ އެކަމެއްގައި ލިބެން އޮންނަ އަމިއްލަ މާލީ މަންފާއަކަށް ނޫނެވެ. އޭގެ ބަދަލުގައި ބަލަނީ ރަށަށާއި ޤައުމަށް ލިބެން އޮތް ކުރިއެރުމަކަށެވެ.

ދިވެހިންގެ އެއްބައިވަންތަކަން ކުޅިވަރުގެ ތެރެއިން ވެސް ފެނިގެން ގޮސްފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ކުޅޭއިރު ދިވެހިން ޤައުމީ ޓީމަށް ތާއިދުކުރުމުގައި އެ ނަގާ ފޯރިން އެކަނި ވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނެއެވެ. ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވިގެން ދިޔުމުގައި ވެސް ދިވެހިން ޓީމަށް ދިން ތަރުހީބާއި އެއްބާރުލުން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖެ ފައިނަލަށް ދިއުމުން އެތައް ބަޔަކު އަމިއްލަ ޚަރަދުގައި ސްރީލަންކާއަށް ގޮސް ސުގަތަދާސަ ސްޓޭޑިއަމް ދިވެހި ސަޕޯޓަރުންގެ އަޑުން ގުގުމާލިއެވެ. ނަތީޖާއަކަށް ވީ ޤައުމީ ރޫޙާއި ޤައުމީ ޖޯޝުގައި ކުޅެމުންދިޔަ ޓީމް މުބާރާތް ކާމިޔާބުކުރުމެވެ. މި ދުވަސްވަރަކީ ދިވެހިރާއްޖެ ސިޔާސީގޮތުން މީން ދުވަހަކު ބައިބައިވެފައި ނުވާ ވަރަށް ބައިބައިވެފައި އޮތް ދުވަސްވަރެކެވެ. ނަމަވެސް ޤައުމީ ކަމަކާ ޖެހުމުން ދިވެހިން މި ސިޔާސީ ބައިބައިވުން އެއްފަރާތްކޮށް ޤައުމަށްޓަކައި އެކަތިގަނޑަކަށް ވެގެންދިޔައެވެ. ދިވެހި ފުޓްބޯޅަ ޓީމް ތަށިހިފައިގެން މާލެއައުމުން އެއަރޕޯޓުން ފެށިގެން މާލޭގެ މަގުތައް ވެސް ފުރާލައިފައި އޮތީ ރަތްކުލައިގެ ހެދުމުގައި ނުކުމެ ތިބި މީސްތަކުންނެވެ. އެންމެންގެ ލޮލުގައި ވަނީ އުފާވެރިކަމެވެ. އެންމެން ކިޔަނީ އެކައްޗެކެވެ. ޤައުމިޓީމަށް މަރުޙަބާއެވެ. މިކަމުގައި ކުޑައެއް ބޮޑެއް އަންހެނެއް ފިރިހެނެއް އަދި މުސްކުޅިއެއް ޒުވާނެއް ތަފާތެއް ނެތެވެ. އެންމެންގެ ކިބައިން ވެސް ފެނުނީ އުފާވެރިކަމާއި ޤައުމީ ލޯތްބާއި ޖޯޝާއި ފޯރިއެވެ. ކުޅިވަރުގެ ތެރެއިން ދިވެހިންގެ އެއްބައިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް އެދުވަހު ފެނިގެންދިޔައެވެ.

ދިވެހިންގެ އެއްބައިވަންތަކަން އެގޮތުގައި ހިފެހެއްޓިފައިވަނީ މައިގަނޑު ދެ ބަހާއެއްގެ ސަބަބުންނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަހެވެ. މި ދެކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓިއްޖެ ނަމަ ދިވެހިންގެ އެއްބއިވަންތަކަން ވެސް ދެމެހެއްޓޭނެއެވެ. ދިވެހިން މާޒީގައި އެއްބައިވަންތަކަން އެތައް ކަމަކުން ދައްކައިދީފައިވެއެވެ. ދިވެހިރާއްޖެއަށް ކުރިމަތިވި ބޮޑު ރޯގަތަކުގައި ވެސް ބަލިމީހުންނަށް އެހީތެރިވުމުގައި ދިވެހިން ބަލީގެ ނުރައްކަލަށް، ފިލައި ތިބުމުގެ ބަދަލުގައި މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. ހަމައެހެންމެ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކަރިސާގައި ވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ. ދިވެހިންގެ އިޖްތިމާޢީ މަސައްކަތްތަކުންނާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުން ވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ. އެގޮތުން ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ޤައުމީފެންވަރުގައި ކުރެވުނު އެއަރޕޯޓްއެޅުމާއި މާލޭގެ މަގުހެދުމުގެ ކަންތައްތަކުގައި ވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީފައިވެއެވެ. މީގެއިތުރުން ކުޅިވަރުން ދިވެހިރާއްޖެއަށް ކާމިޔާބު ހޯދައިދިނުމުގައި ވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން 2008 ވަނައަހަރު ރާއްޖެއަށް ސަރަހައްދީ ފުޓްބޯޅަ މުބަރާތުގެ ތަށި ހޯދައިދިނުމުގައި ވެސް ދިވެހި ރައްޔިތުން ނުހަނު އެއްބައިވަންތަކަމާއި ޖޯޝާއި ފޯރީގައި ދިވެހި ޓީމަށް ތާއީދުކުރުމުގައި ނަމޫނާ ދައްކައިދީފައިވެއެވެ.

ދިވެހިންގެ މާޒީއަށް ބަލައިފިނަމަ ދިވެހިންގެ އެއްބައިވަންތަކަން ހާމަކޮށްދޭނެ މިނޫނަސް އިތުރު އެތައް ކަންތައްތަކެއް ފެންނާނެކަން ކަށަވަރެވެ. ނަމަވެސް މިއަދު ދިވެހިންގެ މުސްތަޤްބަލާމެދު ވިސްނައިލުމުން ދުނިޔޭގެ ތަރައްޤީގެ އޮއިވަރުގައި ޖެހި ހުރިހާ ކަމަކީ އޭގެ މާލީ މަންފާއަށް ބަލައިގެން ކުރެވޭ ކަންކަމަށް ވާތީ، އެކަންތައްތަކުން ދިވެހިންގެ އެއްބައިވަންތަކަމަށް ވުރެ ބޮޑަށް ފެންނާނީ ފަރުދީގޮތުން ލިބޭ ފައިދާއެވެ. މި ކަމުގެ ސަބަބުން ހީނަރުވާކަމަށް ފެންނަނީ ދިވެހިންގެ އެއްބައިވަންތަކަމެވެ. ބަވަނަވުމުގެ އޮއިވަރުގައި ޖެހި، އެކި ބާވަތްތަކުގެ މިނިވަންކަމުގެ އަވައިގައި ޖެހި ޙައްޤުތަކުގެ ވާހަކަ އެކަނި ދެކެވޭ ޒަމާނެއްގައި މިދަންނަވާ އެއްބައިވަންތަކަމަށް ހިރަފުސްއަރަމުންދާ ކަމުގެ އިހުސާސްކުރެވެން ވަނީ ފަށާފައެވެ. މި ހިރަފުސް ފޮޅާލުމުން ފެންނަނީ އިހުގައި އުޅުނު ދިވެހިންގެ އެއްބައިވަންތަކަމެވެ. އެ އެއްބައިވަންތަކަން މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ފެންނަންޖެހެއެވެ.

ޝެއަރކުރެއްވުމަށް