ދިވެހިރާއްޖޭގެ އަސްކަރިއްޔާއަކީ، ޤާނޫނު އަސާސީން ފުރިހަމަ ބާރު ލިބިގެން، ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމަށް އުފައްދައި ޒިންމާ ކުރެވިފައިވާ ލަޝްކަރެކެވެ. އަސްކަރީ ތާރީޚަށް ނަޒަރު ހިނގާލާއިރު، ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ އައްސުލްޠާން އިބްރާހިމް ނޫރައްދީނުގެ ރަސްކަމުގެ ދުވަސްވަރުއެވެ. ފެންނާން ހުރި ލިޔުންތަކަށް ބަލާއިރު، ރަސްމީ ސިފައެއްގައި މި ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1892 އެޕުރީލު 21 ވަނަ ދުވަހުއެވެ. މި ދުވަސްވަރު ސިފައިންގެ ޚިދުމަތުގައި ތިބީ ހަމައެކަނި ފިރިހެނުންނެވެ. އާދެ! އަސްކަރީ ކަނބަލުންގެ ޚިދުމަތެއް ނެތެވެ.
ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިންގެ ޚިދުމަތް ފެށުމުގެ އުޖާލާ ކުލަވަރު އެންމެ ފުރަތަމަ ފެންނާން ފެށީ 1962 ވަނަ އަހަރު އެވެ. އޭރުގެ އަސްކަރިއްޔާ، މަޙުކަމަތުލް އަމަން އާންމުގެ ފަރާތުން އަންހެން ސިފައިން ރެކްރޫޓް ކުރުމަށް އެންމެ ފުރަތަމަ އިޢުލާނެއް ނެރުއްވާފައިވަނީ 1962 ނޮވެމްބަރ 18 ވަނަ ދުވަހު އެވެ. މި ދުވަސްވަރު ވެސް އަސްކަރިއްޔާއަށް ވަނުމަށް ދިވެހި އަންހެން ކަނބަލުންގެ ތެރޭގައި ވަރަށް ބޮޑު ޝައުޤެއް އޮތްކަމަށް ބުނެވެއެވެ. މިކަމުގެ ހެއްކަކީ، ސިފައިންގެ ވަޒީފާއަށް ހުޅުވާލުމުން ގިނަ އަދަދެއްގެ އަންހެން ސިފައިން ސިޓީ ފޮނުވާފައި ވުމެވެ. އެހެން ނަމަވެސް، މަހުކަމަތުލް އަމަން އާންމު އެއްވެސް އަންހެނަކަށް ސިފައިން ވަޒީފާ އެދުވަސްވަރު ހަމަޖައްސާދީފައި ނުވެއެވެ. އަދި މިހާ ހިސާބުން މިކަން ނިމުނީއެވެ. ދިވެހި ކަނބަލުން އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށް ދެކެމުން އައި ހުވަފެންތަކަށް ކުރަން ޖެހުނު އިންތިޒާރު ދިގުވެގެން ދިޔައީއެވެ.
އަސްކަރީ ކަނބަލުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިގެން ދިޔައީ، ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާއަށްފަހު، ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށް އިޢުލާން ކުރި ހިސާބުންނެވެ. ނަތީޖާއަކަށްވީ، 1988 ނޮވެމްބަރ 20 ވަނަ ދުވަހު އަންހެން ސިފައިންނަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުމެވެ. މި އިޢުލާނާ ގުޅިގެން 65 އަންހެނުން ވަޒީފާއަށް ކުރިމަތިލިއެވެ. ދިވެހި އަސްކަރިއްޔާގައި ރަސްމީކޮށް، އަންހެން ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. މި ތާރީޚަކީ، ފުރަތަމަ ފަހަރަށް، އަންހެނުންނަށް ސިފައިންގެ ޕްރައިވެޓެއްގެ ވަޒީފާ އަންހެން ސިފައިންނަށް ހަމަޖެއްސެވި ދުވަހެވެ. ހަމަމިއާއެކު، 1989 މާރިޗު 4 ވަނަ ދުވަހު އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ކުރިފުޅު މަތީ އަސްކަރީ ތާރީޚުގައި ފުރަތަމަ ފަހަރަށް އަސްކަރީ ކަނބަލުން ސިފައިންގެ ހުވާ ކުރިއެވެ. މިއީ، ދިވެހި އަސްކަރިއްޔާގައި “އަސްކަރީ ކަނބަލުން” ގެ ޚިދުމަތް ފެށިގެން އައިސްފައިވާ ގޮތުގެ ކުރު ޚުލާސާއެކެވެ.
ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިންގެ ޚިދުމަތަށް ފަޚުރުވެރި 34 އަހަރު މިހާރު މިވަނީ މާޒީވެގެން ގޮސްފައެވެ. އަންހެނުންނަށް ނުކުރެވޭނޭ ބުނި އެތައް ކަމެއްގައި އަސްކަރީ ކަނބަލުން ގެންދަނީ ފިރިހެނުންނެކޭ އެއްގޮތަށް ހަރަކާތްތެރިވަމުންނެވެ. ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި 2018 ނޮވެމްބަރ 17 ވަނަ ދުވަހަކީ ވަރަށް ވެސް ތަރީޚީ ދުވަހެކެވެ. މި ދުވަހަކީ، ދިވެހިރާއްޖޭގެ ތަރީޚުގައި ފުރަތަމަ ފަހަރަށް ދިފާޢީ ވަޒީރުގެ މަޤާމާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގެންނެވި ދުވަހެވެ. މިއާއެކު، އަސްކަރީ ކަނބަލުންނަށް ހިނިތުންވުން ގެނުވިއެވެ. އަދި އަސްކަރީ ކަނބަލުންނަށް ކުރިން ފަހިވެފައި ނެތް ފުރުޞަތުތައް ފަހިވެ، އަންހެން ސިފައިންގެ ޚިދުމަތަށް އިންޤިލާބީ ބަދަލުތަކެއް ގެނުވިއެވެ.
ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކަށް އަންހެން ސިފައިން!
ފުރަތަމަ ފަހަރަށް ސިފައިންގޭގައި އަންހެން އޮފިސަރަކު ކަމިޝަން ކުރައްވާފައިވަނީ 2021 ޖަނަވަރީ 25 ވަނަ ދުވަހުއެވެ. މި ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުދުވަހުގެ ތެރޭގައި ސިފައިންގޭގައި ކަމިޝަން ކުރެވުނު އަންހެން އޮފިސަރުން ގިނައެވެ. އަދި ފިރިހެން ސިފައިންނެކޭ އެއްފަދައިން އަންހެން ސިފައިންނަށް ވެސް ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ހެދުމުގެ ފުރުޞަތު ގެންދިޔައީ ފަހިކޮށްދެމުންނެވެ. 2021 ވަނަ އަހަރަކީ އަސްކަރީ ކަނބަލުންނަށް ވަރަށް ޚާއްޞަ ވެގެން ދިޔަ އަހަރެވެ. 2021 ޖަނަވަރީ 25 ވަނަ ދުވަހު ސިފައިންގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކަށް، 3 ކަނބަލަކަށް މަޤާމުގެ ކުރިއެރުން ދެއްވިއެވެ. މި ކަނބަލުންނަކީ، ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން، ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާއެވެ. މިކަމުން، އަސްކަރިއްޔާގައި ކަނބަލުންނަށް ކުރާ އިތުބާރާއި ޔަޤީންކަން ހާމަވެގެން ދެއެވެ.
ސިފައިންގެ ލަފާދޭ މަޖްލީހަށް އަންހެން ސިފައިން!
ސިފައިންގެ ލަފާދޭ މަޖްލީހަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ މަޝްވަރާ މަޖްލީހެވެ. މި މަޖްލީހަކީ، ސިފައިންގެ ތެރޭގައި ނުހަނު ހައިބަތު ބޮޑު އަދި ވަރަށް ޤަދަރުވެރި މަޖްލީހެއްވެސް މެއެވެ. މި މަޖްލީހުގައި އަސްކަރީ ކަނބަލަކު ހިމެނޭނެ ދުވަހަކީ، ގިނަ ބަޔަކު އުއްމީދު ކުރަމުން ދިޔަ ދުވަހެކެވެ. ސިފައިންގެ މުއައްސަސާއަށް އަންނަމުންދިޔަ ހެޔޮބަދަލުތަކާއެކު، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ސިފައިންގެ ލަފާދޭ މަޖްލީހަށް 2 އަންހެން އޮފިސަރަކު ވަނީ 2021 ފެބްރުވަރީ 13 ވަނަ ދުވަހު އައްޔަން ކުރައްވާފައެވެ. މިއީ، އެންމެހައި އަންހެން ސިފައިންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެކެވެ.
ސިފައިންގެ އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އަންހެނެއް!
ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އަންހެން އޮފިސަރަކު ހަމަޖައްސަވާފައިވަނީ 2021 އޮގަސްޓް 11 ވަނަ ދުވަހު އެވެ. މި މަޤާމަށް ހަމަޖެއްސެވީ ކެޕްޓަން ޙަނާ މުޙައްމަދު އެވެ. މިއީ، ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެކެވެ.
ސާޖަންޓް މޭޖަރ ރޭންކަށް ކަނބަލެއް!
ސިފައިންގެ އެންލިސްޓެޑް ރޭންކް ސްޓްރަކްޗަރގެ ސީނިއަރ ރޭންކްތަކުގައި އަންހެން ސިފައިން މަދެވެ. އެހެން ނަމަވެސް، ސިފައިންގެ މުއައްސަސާ ފަޚުރުވެރިވާފަދަ އަސްކަރީ ކަނބަލުން ސިފައިންގެ ބަދަހި ލަޝްކަރުން ފެންނާން އެބަތިއްބެވެ. ސިފައިންގެ 130 އަހަރުވީ ފަޚުރުވެރި ތާރީޚުގައި ފުރަތަމަ ފަހަރަށް ސާޖަންޓް މޭޖަރ ރޭންކަށް ކަނބަލަކަށް ފުރަތަމަ ފަހަރަށް ކުރިއެރުން ދީފައިވަނީ ވަނީ 2022 މާރިޗު 22 ވަނަ ދުވަހުއެވެ. ސިފައިންގެ ފުރަތަމަ އަންހެން ސާޖަންޓް މޭޖަރ އަކީ، ސާޖަންޓް މޭޖަރ ޝަމްހާ ޔޫސުފްއެވެ. މިއީ، ރާއްޖޭގެ ފުރަތަމަ އަންހެން ސާޖަންޓް މޭޖަރ ވެސް މެއެވެ. އަސްކަރީ ކަނބަލުން ޚިދުމަތުގައި ދައްކުވައިދެމުންދަނީ ޚިދުމަތުގައި އިޚްލާޞްތެރިކަމެވެ. އަދި އެކަނބަލުންގެ ހިތުގައި ޤައުމަށްޓަކައި ބިންވަޅު ނެގިފައިވާ ޤައުމީ ލޯތްބެވެ.
ޗީފް ވޮރަންޓް އޮފިސަރގެ މަޤާމަށް އަންހެނެއް!
އެމްއެންޑީއެފް ވޮރަންޓް އޮފިސަރ ކޯރ އަކީ، ތަފާތު ދާއިރާތަކުން ޓެކްނިކަލް މީހުންގެ މައްޗަށް އެކުލެވިގެންވާ ހުނަރުވެރި ސިފައިން ތަކެއްގެ މައްޗަށް ބިނާވެފައިވާ ކޯރ އެކެވެ. ވޮރަންޓް އޮފިސަރ ކޯރ 2011 ވަނަ އަހަރު އުފައްދަވާފައިވާއިރު، މި ކޯރ ގެ އެންމެ ސީނިއަރ ރޭންކަށް ސިފައިންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ، މި އަހަރުގެ 2023 މާރިޗު 26 ވަނަ ދުވަހު އެވެ. މި ދުވަހަކީ، އަންހެން ސިފައިންނަށް ވެސް ވަރަށް ތާރީޚީ ދުވަހެކެވެ. ފުރަތަމަ ފަހަރަށް، ސިފައިންގޭގައި ޗީފް ވޮރަންޓް އޮފިސަރ ރޭންކަށް މަޤާމުގެ ކުރިއެރުން ފަސް ބޭފުޅަކަށް ލިބިލެއްވިއިރު، މީގެ ތެރޭގައި ސިފައިންގެ ހިތްވަރުގަދަ އަދި އެހާމެ ކުޅަދާނަ އަންހެން ކަނބަލެއް ހިމެނިގެން ދިއުމަކީ އަންހެން ސިފައިންގެ ޚިދުމަތް ސިފައިންގެ މުއައްސަސާގައި ފުޅާވެގެންގޮސްފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މި ޝަފަރު ޙާޞިލްކުރައްވާފައިވަނީ ޗީފް ވޮރަންޓް އޮފިސަރ އައިމިނަތު ޢަލީއެވެ.