ޑިޑެރޯހ އެފެކްޓަކީ، އައު އެއްޗެއް ހޯދުމަށްފަހު އެއާ އެތްގޮތް ކުރުމަށްޓަކައި އެއްޗަކަށްފަހު އެއްޗެއް ގަންނަމުން ދާދިއުން ސިފަކޮށްދިނުމަށްޓަކައި ބޭނުންކޮށް އުޅޭ ބަހެކެވެ. މިގޮތަށް ގަންނަ ގިނަ ތަކެއްޗަކީ ކުރިން ދިރިއުޅުމުގެ އުފަލާއި އަރާމަށް އަދި ލިބެމުންދިޔަ ހިންހަމަޖެހުމާއި ފުރިހަމަކަމަށް ކޮންމެހެން ބޭނުންނުވި ތަކެއްޗެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ހޯދުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ވެއެވެ. އެއްގޮތަކީ މުޖްތަމައަށް އަންނަ ބަދަލުތަކާ ގުޅިގެން އަތުގައި މިހާރު ހުރި ތަކެތި ބަދަލުކުރަން ޖެހުމެވެ. މަޝްހޫރު ބްރޭންޑް ތަކުން އެ ކުންފުންޏެއްގެ ތަކެތި އެކަތި އެނެކައްޗައް އެހީތެރިވާ ގޮތައް ހަދާފައި ހުރެއެވެ. މިސާލެއް ނަގަނީނަމަ އެޕަލް ޕްރޮޑަކްޓްތަކެވެ. ދެންއޮތް ގޮތަކީ އަބަދުވެސް އައު ތަކެތި ހޯދުމުގެ އާދަ ގައިގައި ހިފާފައި ހުރުމެވެ.
ފަރަންސޭސި ވިލާތުގެ ފިލޯސަފަރ – ޑެނިސް ޑިޑެރޯހ
ޑިޑެރޯހ އެފެކެޓްގެ އަސްލަކީ ފަރަންސޭސި ވިލާތުގައި 1700 ގަރުނުގައި އުޅުނު މަޝްހޫރު ފިލޯސަފަރެއް ކަމަށްވާ ޑެނިސް ޑިޑެރޯހ އެވެ. ޑެނިސް ޑިޑެރޯހ އަކީ ފަގީރެއްގެ ގޮތުގައި ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރި މީހެކެވެ. ބައިގަރުނު ދުނިޔޭގައި ހޭދަވީއިރު އަމިއްލަ އަންހެން ދަރިފުޅުގެ ކައިވެންޏަށް ހަރުދުކުރާނެ ލާރިވެސް އޭނާގެ އަތުގައި ނެތެވެ. މި ހިތްދަތި ފަގީރު ދިރިއުޅުން އުޅުނެއްކަމަކު، ޑިޑެރޯހގ އަކީ ނަން މަޝްހޫރު މީހެކެވެ. ޑިޑެރޯހގެ މަޝްހޫރު ނަމުގެ ފަހަތުގައިވަނީ އޭނާ ލިޔެ އަދި “ކޯ ފައުންޑް” ކޮށްފައިވާ އެންސައިކްލޮފީޑިޔާސްއެވެ. ރަޝިޔާގެ އެންޕެރެސް “ކެތެރިން ދަ ގްރޭޓް” ޑިޑެރޯހގެ ދަތި މާލީހާލަތުގެ ވާހަކަ އަޑުއަހާފައި އޭނާގެ މުއްސަނދި ކުތުބުހާނާ ބައި ލައްކައެއްހާ ޑޮލަރަށް ގަތުމަށް ހުށައެޅިއެވެ. ޑިޑެރޯހ ގެ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ބޭނުންތަށް ފުއްދުމައްފަހު އަތުގައި ލާރި ހުރީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރުއެވެ. ކުތުބުހާނާގެ ވިއްކާލުމަށް ފަހު ލިބުނުލާރިން ވަރަށް ރީތި ގަދަ ރަތްކުލައިގެ މަތިވެރި ޝަހްސެއްގެ ވެރިޔަކު ތުރުކުރާނެ ޒާތުގެ “ރޯބް” އެއް ޑިޑެރޯހ ގަތެވެ. މިއަކީ ޑިޑެރޯހ އެފެކްޓްގެ ކޮޅުމަތި ފެންނަށް ފެށި ހިސާބެވެ.
ޑިޑެރޯހ އެފެކްޓް
މިގަނެވުނު ފުރިހަމަ ރޯބެއްގެ ސަބަބުން ގޭގައި ދެންހުރި ތަކެތި ސިފަކުރެވިގެންދިޔައީ މުޅިން އެމާހައުލަށް ބީރައްޓެހި ތަކެތި ގޮތުގައެވެ. ހިތްބުނަމުން ދިޔައީ ލައިގެން ހުރި ރީތި ރޯބާއި އެއްއަގެއް ހުރި އެއްޗެހި ބޭނުންވާކަމަށެވެ. އެއްޗަކަށްފަހު އެއްޗެއް ގަންނަމުން ދިޔައީ ރީތި ކުރުމުގެ ނިޔަތުގައެވެ. އެއްގޮތް ކުރުމަށެވެ. ދިރިއުޅުމުގައި މީގެކުރިން ބޭނުންނުވި އެތައްއެއްޗެއް މިހެންގޮސް ހޯދިއެވެ. ގަނެވުނު އަގުބޮޑު، މުޅިން އައު އެއްޗެއްގެ ސަބަބުން ފެށިގެން ދިޔައީ އެއްޗަކަށް ފަހު އެއްޗެއް ގަތުމުގެ އާދައެވެ. މިތަކެއްޗަކީ ކުރިން ދިރުއުޅުމަށްޓަކައި ކޮންމެހެން ބޭނުންނުވި ތަކެއްޗެވެ. މި “ރިއެކްޓިވް ޕާރޗޭސް” ވެގެން ދިޔައީ ޑިޑެރޯހ އެފެކްޓްއަށެވެ.
ޑިޑެރޯހ އެފެކްޓަކީ ނޭގި ނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމާއި ވަރަށް ގުޅިފައިވާ ކަމެކެވެ. ދުވުމަށް އައު ބޫޓެއް ގަންނަ ހިސާބުން ފެށިގެން އެބްރޭންޑްގެ ޓީޝާރޓް އަދި ޝޯރޓް ބޭނުންވެއެވެ. ބާޒާރުގައި ހުރި އެންމެފަހުގެ އަތް ދަބަހަކާއި އެކު އެއާއި ގުޅޭ ހެދުމަކާއި، ފައިވާނެއް އަދި އައިނެއްވެސް ގަނެވޭފަހަރު ނާދޭތޯއެވެ. ބެޑްރޫމަށް ހުދުކުލައިގެ ދޮރުފޮތި ހޯދާ ހިސާބުން ފެށިގެން ކުރިން އެނދުގައި އަޅާފައިއޮތް ބެޑްޝީޓް އަދި ބާލީހައް ލައްވާފައި ހުރި އުރަތައް ބެޑްރޫމްގެ ރީތިކަމަށް ހުރަސް އަޅާކަމަށް ހިތް ބުނަންފަށައެވެ. އިސާހިތަކު ހުދުކުލައިން މުޅި ބެޑްރޫމް ޒީނަތްތެރި ކުރަންފަށެއެވެ. ހުދުކުލަ ބެޑްރޫމްގައި ލެވި ހުދުވަމުންގޮސް ދޮރުން ނުކުމެ ބަދިގޭގެ ތަށިތަކުގައި ބީހެމުން ޖަރީކުރަމުންގޮސް ގޭގެ ފަރުނީޗަރު ވެސް ބަދަލުކޮށްލަނީ ބަލަބަލާ ހުއްޓައެވެ. ހުދުކުލައިގެ ދޮރުފޮތި ވެގެން ދިޔައީ އެފެކްޓައް އަހުލުވެރިވުމާއި ޤަބޫލުކުރުން ޑިޑެރޯހ އެފެކްޓް ގެނައުމުގެ އަސްލަށެވެ.
ޑިޑެރޯހ އެފެކްޓުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން:
- އަތުގައި މިހާރުހުރި ތަކެއްޗާއި އެއްފެންވަރެއްގެ ނޫނީ ގާތްކުރާ ތަކެތި ހޯދުން.
- ބްރޭންޑަށް އިސްކަން ދިނުމުގެ ބަދަލުގައި ބޭނުމަށް އިސްކަންދިނުމުގެ ވިސްނުން ގެންގުޅުން.
- ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުން
- އައު ތަކެތި ހޯދުމަށް ހިތްޖެހޭ އެންމެހާ ކަންތައްތަކުން ދުރުވުން (ތަންތަނާއި، ފިހާރަތަކާއި، ގްރޫޕް އަދި ޕޭޖްތައް)
- އަޅާކިޔުމުގެ ދަންތުރައިގައި ނުޖެހުން
މިފަދަ ނުރައްކާތެރި “ރިއެކްޓިވް ޕާރޗޭސް” ކުރުމުން އަރައިގަތުމަކީ ފަސޭހަކަމެއް ނޫނެނެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ބޭނުންވާ އެތައް އެއްޗެކެވެ. ދިރިއުޅުން ބިނާވެފައިވަނީ އާރާސްތުކުރުމާއި ބިނާކުރުމެވެ. މިހާރު ހުރި ހަރުފަތައްވުރެ މައްޗައް ދިޔުމަށެވެ. މިއީ އިންސާނާގެ ގައިގައި ހިފާފައި ހުންނަ އާދައެކެވެ. ރީތި އެއްޗެހި ހޯދުމާއި ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ތިމާގެ ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ ނެތްކަމެއް ނޫނެވެ. ނަމަވެސް ދިރިއުޅުމަށްޓަކައި ކޮންމެހެން މިއިން އެއްވެސް އެއްޗެއް ބޭނުން ނުވިއިރު، ކޮންމެހެން ބޭނުންނުވާ ތަކެތި ގަތުމުގެ އާދަކުޑަ ކުރުމަކީ ރަނގަޅުކަމެވެކެވެ. ފެންނަ ކޮންމެ އެއްޗެއް ގަތުމުގެ އާދަ ނޫނީ “ރިއެކްޓިވް ޕާރޗޭސް” މިއީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.