އެއްދުވަހު ހެދުނު ސްކޫލުން ގެއަށް އައި މަގުމަތީ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ވަރުގަދަ އަޑުފަށްގަނޑެއް އިވިގެންނެވެ. ޚަބަރުދަބަރު ބަލާލިއިރު ފެނިގެން ދިޔައީ ސިފައިންގެ ބަޔަކު ބަޑިހިފައިގެން ހަރަކާތްތެރިވާ މަންޒަރެވެ. އެ ހަރަކާތްތައް ފެނި ހިތުގައި އެކަމަށް އެހާ ބޮޑު ޝައުޤުވެރި ކަމެއް އުފެދުނީ ކުޑައިރުއްސުރެ ވެސް ސިފައިންގެއަށް ހިތުގައި ދެވިފައިވާ ޤަދަރާ އިޙްތިރާމަކުންނެވެ. އެ ދުވަހު ސިފައިންގެ މީހަކަށް ވުމަށް ހިތުގައި ޢަޒުމް ކަނޑައެޅީމެވެ.

އޯލެވެލް ނަތީޖާ ލިބުމަށްފަހު، 2005 ވަނަ އަހަރު މާލެ ބަދަލުވީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލައިގެންނެވެ. މާލެ ބަދަލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޓަވިއުކޮށް ވަޒީފާ ހަމަޖެހުނެވެ. އަދި ތަމްރީނަށް ބޭނުންވާ ސާމާނު ހޯދައި ފުރަން ތައްޔާރުވާން އެންގިއެވެ. އެ ކަންކަން ކުރަމުން ދިޔަލެއް ހަރުދަނާކަމާއި އިންތިޒާމް ރަނގަޅުކަމުން ތަމްރީނަށް ފުރާ ދުވަހުގެ އިންތިޒާރުގައި ހުރީ ކެތްމަދުވެފައެވެ.

އެއީ 49 ވަނަ އަސާސީ ތަމްރީނު ކޯހެވެ. ތަމްރީނު ފުރިހަމަ ކުރުމަށް އައްޑޫ ތަމްރީނު މަރުކަޒަށް ދިޔައީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. މި ވާހަކަ މި ހިއްސާކޮށްލީ އެ ދަތުރަކީ އަޅުގަނޑު އެންމެ ފުރަތަމަ މަތިންދާބޯޓެއްގައި ކުރި ދަތުރު ކަމުގައި ވާތީއެވެ. ސ.އަތޮޅު ގަން މިހާރުގެ ގޮތުންނަމަ އައްޑޫސިޓީގެ އެއަރފޯޓަށް ފޭބުމުން އާޝޯޚުވެފައި ހުރެވުނީއެވެ. އިނގިރޭސި ފިލްމުތަކުން ފެންނަ ފަދަ ހަނގުރާމަމަތީ އެއަރ ޕޯޓަކަށް ފޭބުމުންނެވެ. 89 ދަރިވަރުން ތިން މަސްދުވަހަށް ގެނައި ސާމާނާއެކު އެއަރޕޯޓުން ނެރެ ބޮޑު އަސްކަރީ ތިން ވެހިކަލަކަށް ބަރުކޮށްލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ހަމަގައިމު ވެސް ތަފާތު ދެ މީހެއްގެ ތަރުތީބީ ރޭވުންތެރިކަމުންނެވެ. ފަސް ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު ވެހިކަލް މަޑުކުރީ އަސްކަރީ މަރުކަޒަށް ކަމަށް ބެލެވުނެވެ. ނަމަވެސް ކަންވީގޮތާއި ހީކުރެވުނުގޮތާ ޚިލާފެވެ.

ބެލެވޭގޮތުގައި ވީރާނަވަމުންދާ ބޮޑު ކާރުޚާނާއެކެވެ. މަސައްކަތް ގެންދާ ރޭވުންތެރިކަމާއި ކަންކަން ކުރާލެއް މިސާލީކަމުން ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ކާރުޚާނާ ތިން ބަޔަށް ބައިކޮށްލައި ފާހާނާބަރިއެއް ހަދައި ވަށައިގެންވާ ސަރަހައްދު ސާފުކޮށް، ބޯޑަރު ވަކިކޮށް، ތަމްރީނު ހަދާ މަރުކަޒެއްގެ ސިފަ އެ ތަނުގައި ޖައްސުވައިފިއެވެ. ދުވަހުގެ ތާވަލް ބަދަލުވެ މީހާ ބޮޑުކަމަކަށް ތައްޔާރު ކުރުވާކަމުގެ އިހުސާސް ވާން ފެށިއެވެ.

ޖެހިގެން އައިރޭ ނިދުނުތާ ތިރީހަކަށް މިނެޓްގެތެރޭ ސިއްސައިގެން ގޮސް ހޭލެވުނީ ގަދަ އަޑުފައްގަނޑާ އެކުއެވެ. އޯޑަރުތަކެއް ދެމުން ގެންގޮސް ސައިޒް ކޮށްލީ “އެއްފޫޓް އެއްފޫޓް” ގޮޅިއަކަށެވެ. ޖުމްލަކޮށް ތިންމަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ހިތަށް ނާރާވަރަށް ޢިލްމާއި ހުނަރާއި އަސްކަރީ އަޚްލާޤުން މީހާ ޒީނަތްތެރި ކުރުވިއެވެ. ދުވަހަކީ ތާވަލް ހުރިގޮތުން ރެޔަކާއިދުވާލު ރަނގަޅަށް ބައިވެރި ވެވިއްޖެނަމަ ނިދާލަން ލިބެނީ ދެގަޑިއެއްހާ ވަގުތު ކޮޅެކެވެ. އެހެންކަމުން ތިން މަސް ނަގޫޖެހިތާ ބޯޖަހާފައި ފައިބައިގެން ހަޔާތުން ހިނގައި ގޮސްފިއެވެ. އޭރު އަޅުގަނޑު ހުރީ ސިފައިންގެ މީހަކަށް ބަދަލުވެފައެވެ. އާންމު ރައްޔިތަކުން ސިފައިންގެ މީހަކަށެވެ.

ޝެއަރކުރެއްވުމަށް