ނޯޓް: މިއީ ރާއްޖޭގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ.

އަމީން (އަސްލުނަމެއް ނޫން) އަކީ މާލޭ އިންޓަނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ ސީނިއަރ ޕައިލެޓެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރު ދަތުރުތައް ވެސް އަމީންގެ ކެޕްޓަންކަމުގެ ދަށުން ކުރަމުން ގެންދެއެެވެ. މިއީ އެގޮތުން ކުރި ދަތުރެކެވެ. މި ވާހަކަތައް މި ހިއްސާކޮށްލަނީ އަމީންގެ ރައްޓެއްސަކު އަޅުގަނޑަށް ކިޔައިދިންގޮތަށެވެ.

އެއީ 1993 ވަނަ އަހަރުގެ ރޭތަކުގެ ތެރެއިން ރެއެއްގެ ގާތްގަނޑަކަށް 10:30 ހާއިރެވެ.  އެހެން ދުވަސްތަކެކޭ އެއްފަދައިން އާދައިގެ މަތިން އަމީންގެ ކެޕްޓަންގެ ދަށުން މަތިންދާ ބޯޓްގައި ޕަސެންޖަރުން ގޮވައިގެން ސިންގަޕޫރުން މާލެ އައުމަށް ފުރިއެވެ. އަދި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖައްސަން އޮތް ގަޑީގައި ނުޖެއްސިގެން ރަންވޭ މަތީގައި ބުރުއަޅަމުން ގެންދިޔައެވެ. އެވަގުތު  ކޯ ޕައިލެޓް އަމީން ގާތު އަހާލިއެވެ. އަމީންއަކީ ބަރާބަރު ގަޑިއަށް

”ރަންވޭގައި ބޯޑް ޖައްސާ މީހެއް ނޫންހެއްޔެވެ. މިރޭ ބޯޓް ނުޖެއްސިގެން ތިޔަ ބުރު އަޅަނީ ކީއްވެގެން ހެއްޔެވެ.”  އެވަގުތު އަމީން ބުންޏެވެ. ރަންވޭ ކުލިއަރ ނުވާތީއެވެ. މިހެން ބުނުމުން ކޯޕައިލެޓް ހައިރާންވެފައި ހުރެ އަހާލިއެވެ. އެއީ ކީއްވެގެން ހެއްޔެވެ. ޓަވަރުން ވެސް އަންގަނީ ކުލިއަރ ކަމަށް ނޫން ހެއްޔެވެ. ކޯޕައިލެޓް މިހެން ބުނުމާއެކު ބޯޓް ނުޖެއްސިގެން އުޅޭ ސަބަބު އަމީން ކިޔައިދޭން ފެށިއެވެ.

 ”އަހަރެން ބޯޓް ޖައްސަން ރަންވޭއަށް ތިރިކުރާއިރަށް ރަންވޭ މަތިން ފެންނަނީ ބޮޑު ސަންދޯކެކެވެ. އެހެންވެ އަނެއްްކާވެސް ތިރިނުކޮށް މި ދުއްވަނީީއެވެ. ޓަވަރަށް ގުޅައި ރަންވޭ ކުލިއަރ ނޫން ކަމަށް ބުނުމުން ރަންވޭއަށް ޓަވަރުން މީހުން ގޮސް ބަލައިފިއެވެ. އަދި ކުލިއަރ ކަމަށް ބުންޏެވެ.  ޓަވަރުން އެހެން ބުނާ ކޮންމެ ފަހަރަކު ރަންވޭއަށް ބޯޓް ޖައްސަން ތިރިކުރާއިރު ރަންވޭ މަތީގައި އޮންނަނީ ހަމަ އެ ސަންދޯކެވެ. މިގޮތަށް ހަތަރު ފަހަރަށް ތިރިކޮށްފީމެވެ.  އެއިން ކޮންމެ ފަހަރަކު ވެސް އެ ސަންދޯއް ފެންނަނީއެވެ.”

 ބޯޓްގެ ކެޕްޓަން މިހެން ބުނުމާއެކު ކޯ-ޕައިލެޓް ބުންޏެވެ. އަހަންނަށް ވެސް އެކަހަލަ އެއްޗެއް ހީވިއެވެ. ނަމަވެސް މީ ފަސް ވަނަ ފަހަަރުތާއެވެ. މިހެން ބުނެ ޓަވަރަށް ގުޅައި ބޯޓް ރަންވޭގައި ޖެއްސިއެވެ. ނަސީބަކުން މި ފަހަރު އެކަން ދިމައެއް ނުވެއެވެ.

ބޯޓް ރަންވޭގައި ޖެއްސުމާއެކު ޕަސިންޖަރުން ބާލައި އަމީން ކޯ-ޕައިލެޓާއެކު ފޮށި ހިފައިގެން ބޯޓުން ފައިބައި އެއަރޕޯޓްގެ ތެރެއަށް ވަނެއެވެ. އެވަގުތު ކޯ ޕައިލެޓް އަހާލިއެވެ. އަމީންއަށް ކުރިން ވެސް ތިފަދަ ކަމެއް ދިމާވި ހެއްޔެވެ. އަމީން ބުންޏެވެ. އާއެކެވެ. މީގެ ކުރިން ވެސް ބައެއް ރޭރޭ އެހެން ދެ ކެޕްޓަނަކަށް ވެސް އެ ސަންދޯއް ރަންވޭ މަތިން ފެނުނެވެ. އަދި އަހަންނަށް ވެސް ފެނުނެވެ. މީ އަޖައިބެއް ނޫންހެއްޔެވެ. އަމީން މިހެން ބުނުމާއެކު ކޯ-ޕައިލެޓަށް ފެނުނު ހާދިސާ ވެސް އަމީން އާއި ހިއްސާކުރިއެވެ.

”އެއީ މީގެ ދެރެއެއް ކުރިއެވެ. އެއްރޭ ދަންވަރު ގާތްގަނޑަކަށް 2 ޖަހާކަން ހާއިރު ކޯ-ޕައިލެޓް ޑއިުޓީއަށް ދާން ވެގެން ހުޅުލޭ އެއަރޕޯޓް ތެރޭގައި ހިނގާފައި ދަނިކޮށް ފަހަތުން އިވެނީ ހާ ގޮވާ އަޑާއި ބަކަރި ގޮވާ އަޑުފަށް ގަނޑެވެ. ނަމަވެސް ފަހަތް ބަލާލާއިރު އެއްވެސް އެއްޗެއް ފެންނާކަށް ނުހުރެވެއެވެ. އަޑުވެސް ކެނޑެއެވެ. އެހެންވެ ބިރުން ހުރެ  އަނެއްކާވެސް ހިނގައިގަންނަމެވެ. ހަމަ ހިނގައިގަތުމާއެކު ހާ ގޮވާ އަޑާއި ބަކަރި ގޮވާ އަޑު ފަހަތުން އިވެން ފަށައެވެ. ނަމަވެސް އެއަރޕޯޓް ތެރޭގައި އެފަދަ އެއްވެސް އެއްޗެއް ނުގެންގުޅޭނެކަން އެނގެއެވެ. އެހެންވެ ބިރުން ގޮސް އަވަސް ހިނގުމެއްގައި ހިނގާފައި ގޮސް އެއަރޕޯޓްގެ ރޫމްތެރެއަށް ވަނީމެވެ.”

ކޯ-ޕައިލެޓްގެ މި ވާހަކަ އަޑުއަހާފައި އަމީން ބުންޏެވެ. އަހަންނަށް ވެސް ތިފަދަ ކަމެއް ދިމާވެއްޖެއެވެ. އެއީ ހަމަ މީގެ ހަފްތާއެއް ކުރިން ހިނގައިދިޔަ ކަމެކެވެ. އެއްރޭ އިރާކޮޅު ރަންވޭ ކޮޅުގައި (ކުރީގެ ރަންވޭ) އަހަރެން މަސްބާނަން ހުއްޓައި ގަދަ ފިނި ވައިރޯޅި އެއް ޖެހުނެވެ. އެވަގުތު ފެނުނީ އަހަރެންގެ ގައިގައި ބޮޑު އަނދިރިގަނޑެއް އައިސް ބައްދާލިތަނެވެ. އަދި އެ ވައިރޯޅިއާއެކު އެ އަނދިރިގަނޑު އަހަރެންގެ ގައިގައި ބައްދާލިގޮތަށް ގުޅަވަތަކަށް ޖަހައި ބިންމައްޗަށް ވައްޓާލިއެވެ. އެހެންވެ އަވަސް އަވަހަށް ދޮށި ވެސް އެއްލާލާފައި ތެދުވެގެން ދުވަމުން އައިސް އެއަރޕޯޓް ތެރެއަށް ވަނީއެވެ. އޭގެ ފަހުން އޮފް ޑިއުޓީއެއް އަޔަސް ދުވަސް ކުރުކޮށްލަން ވެސް ރޭގަނޑު މަސްބާނާކަށް ރަންވޭކޮޅަކަށް ނުދަމެވެ.”

 މި ވާހަކަ އަޑުއަހާފައި ކޯ-ޕައިލެޓް ބުންޏެވެ. މީހުން ކިޔާ އަޑު އިވެއެވެ. ހުޅުލޭ ބޮޑު މީހާ  އަނދިރި ގަނޑެއްގެ ސިފައިގައި އަބަދު ވެސް ހުޅުލެއިން ފެންނަ ވާހަކަ އެވެ. މި އެއަރޕޯޓްގައި ހިނގާ މިފަދަ ހުރިހާ ބިރުވެރި ހާދިސާ ތަކަކީ ވެސް އެ ހުޅުލޭ ބޮޑު މީހާގެ ނަމުގައި ފެންނަ ސައިޠާނާގެ ކަންތައް ގަނޑަކަށް ވެދާނެބާއެވެ. 

 ތެދެކެވެ. ތުންތުން މަތިން ނަމަވެސް ކުރީގެ އެ ހާދިސާތައް ދަންވަރު ހުޅުލެއަށްދާ މީހުންނަށް ފެންނަ ކަމަށް ބުނެއުޅެއެވެ. އެ ޒަމާނަކީ މާގިނަ ދިއްލުންތައް ހުރި ޒަމާނެެއް ނޫނެވެ. ނަމަވެސް މިހާރު ވެސް ބައެއް މީހުންނަށް ދަންވަރު ހުޅެލެއިން ކަޅު ކުލައިގެ ބޮޑު ހިޔަންޏެއް ފެންނަ ވާހަކަ ކިޔައި އުޅެއެވެ. އެހެންކަމަށް ވާނަމަ ހުޅުލޭ ރަންވޭއިން އޭރު ފެންނަ ބޮޑު ސަންދޯކަކީ ވެސް ހުޅުލޭ ބޮޑު މީހާގެ ކުޅިގަނޑަކަށް ވެދާނެބާއެވެ. 

ޝެއަރކުރެއްވުމަށް