މުއައްސަސާއެއްގެ ކުރިއެރުން އެކިކަންކަމާއި ގުޅިފައިވާއިރު އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތުގެ މާހައުލަށް އަންނަ ހަލުވި ބަދަލުތަކަށް ހޭނި އެންމެން އެކުގައި މުއައްސަސާގެ ކުރިމަގައް ޓަކައި ކުރާ މަސައްކަތެވެ. މިކަމަށް ޓަކައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުގެ ބެލުމުގައި ގެންގުޅެންވީ ހަރުދަނާ ހަމަހަމަ އުސޫލެއް އޮތުމަކީ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅު ކޮށްދޭ ކަމެކެވެ. މުވައްޒަފުން ވަޒީފާގެ ކުރިއެރުމަށް އެހީތެރިވުމާއި، މަސައްކަތުގެ ހުނަރު އިތުރަށް ރަނގަޅުކޮށްދީ މަސައްކަތްކުރުމަށް ހިތްވަރުދޭ އެއްޗަކަށް ފެންވަރު ބަލަން ގެންގުޅޭ އުސޫލުވުން މިއީ ކޮންމެހެން މުހިންމުކަމެކެވެ. ސަބަބަކީ ތަނުގެ ކުރިއެރުން ގުޅިފައިވަނީ ހަމައެކަނި އެތަނަށް އަންނަ އުމްރާނީ އަދި ޓެކްނޮލޮޖިކަލް އިންގިލާބް ތަކުގެ އިތުރުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވިސްނުމާއި ފިކުރު ތަރައްގީވެ ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވުން ކަމަށްވީތީއެވެ. މިކަމަށް ޓަކައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އަންދާޒާކުރުމަށް ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމްއެއް ނޫނީ އެޕްރެއިސަލް ޕްރޮސެސްއެއް ބޭނުންކުރެވިދާނެއެވެ.
ޕަރފޯމަންސް އެޕްރެއިސަލް ޕްރޮސެސް އަދި މެނޭޖްމަންޓް ސިސްޓަމް މިއީ އެއްކަމެއްގެ ގޮތުގައި ހީވެފައި ވެދާނެއެވެ. ސަބަބަކީ، ޕަރފޯމަންސް އެޕްރައިސަލް ޕްރޮސެސް އަދި މެނޭޖްމަންޓް ސިސްޓަމްއަކުން ކޮށްދޭނީ އެއްކަމެކެވެ. އެއީ، މުއައްޒަފުންނަށް ހަވާލުކޮށްފައިވާ ލަނޑުދަނޑިތައް ފުރިހަމަ ކުރޭތޯ ބެލުމާއި، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އުޅުމާއި އަޚްލާޤު ހުންނަގޮތާއި މީގެ އިތުރުން އެހެން މީހުންނާއެކު މަސައްކަތްކުރުމުގެ ހުނަރު ހުންނަނީ ކިހިނަކުންތޯ ބެލުމާއެކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ފެންވަރު އަންދާޒާކުރުމެވެ. ނަމަވެސް މިއީ ވަރަށް ތަފާތު ގޮތަކަށް ފަރުމާކުރެވިފައިވާ، ތަފާތު ގޮތަކަށް ކުރިޔަށް ގެންދެވޭ ދެކަމެވެ. ފާހަގަކޮށްލެވޭ އެންމެ ބޮޑު ތަފާތަކީ އެކަން ކުރިޔަށް ގެންދެވޭ ވަގުތެވެ. އެޕްރެއިސަލްއަކީ މަސައްކަތެއް ނިމުމުން އެނިމުނުގޮތް ދެނެގަތުމަށް ޓަކައި ބައްޓަންކޮށްފައިވާ ޕްރޮސެސްއަކަށް ވާއިރު ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމްއަކީ މަސައްކަތް ކުރަމުންދާ ވަތުގު އެމަސައްކަތެއް އަންދާޒާކޮށް، މުވައްސަސާގެ ގޯލްސްތަކާއި ސީދާވާގޮތަށް ހުރިތޯބަލައި އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ވާހަކަދެކެވިގެން ކުރިޔަށްދާގޮތަށް ބައްޓަންކޮށްފައިވާ އެއްޗެކެވެ.
އަޅުގަނޑުމެންނާ އެންމެ ގާތް އެއް ޕްރޮސެސް އަކީ ޕަރފޯމަންސް އެޕްރެއިސަލް އެވެ. ޕަރފޯމަންސް އެޕްރެއިސަލްއަކީ ވޭތުވެ ދިޔަތަނުގައި މުއްޒަފަކު ކޮށްފައިވާ މަސައްކަތް މިނެކިރުމެވެ. އެޕްރެއިސަލް އަކީ މަސައްކަތެއް ނިމުމުން، ނޫނީ ބެލެވިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ ސްޓޭންޑަރޑް ހާސިލު ވެފައިވަނީ ކިހާ މިންވަރަކައްތޯ ބެލުމެވެ. މިކަމަށް ޓަކައި ތަފާތު އާލާތްތައް ބޭނުންކުރެވެއެވެ. އޭގެ ތެރޭގައި:
ބިހޭވިއަރލީ އެންކަރޑް ރޭޓިންގ ސެކޭލް (BARS): ބިހޭވިއަރަލީ އެންކަރޑް ރޭޓިންގ ސްކޭލަކީ، ބެލުމަށް ކަނޑައެޅިފައިވާ ވަކި ހާއްސަ ހުނަރެއް، މިސާލަކަށް “މުވައްޒަފެއްގެ ރޭވުންތެރިކަން”، މިހުނަރު 1 ނޫނީ 5 ގެ ރޭޓުން އިންސާފު ކުރާއިރު، 1 ނޫނީ 5 ލިބެންޖެހެންވީ ސަބަބު ވަރަށް ތަފްސީލްކޮށް ބަޔާކޮށްދީފައިވާ، މިނެކިރަން ގެންގުޅޭ ސްކޭލް އެކެވެ.
ބިހޭވިއަރަލް އޮބްޒަރވޭޝަން ސްލޭކް (BOS): ބިހޭވިއަރަލް އޮބްޒަރވޭޝަން ސްކޭލްއަކީ، BARS އައީ ހިލާފައް، ބެލުމަށް ކަނޑައެޅިފައިވާ ހުނަރެއް، މިސާލަކަށް “މުވައްޒަފެއްގެ ރޭވުންތެރިކަން” މިހުނަރު 1 ނޫނީ 5 ގެ ރޭޓުން އިންސާފް ކުރާއިރު، 1 ނޫނީ 5 ލިބެންވީ ސަބަބު ބަޔާންނުކޮށް، 1 ކީ ކޮބައިކަން ( ވަރަށް ދަށް) އަދި 5 ކީ ކޮބައިކަން (ވަރަށް ރަނގަޅު) މިހެން ލިޔެފައިވާ ސްކޭލް އެކެވެ.
ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމްއަކީ ހަމައެކަނި މުވަައްޒަފެއްގެ މަސައްކަތްކުރާގޮތް އަންދާޒާ ކުރުމުގެ ބަދަލުގައި ކުރެވެމުންދާ މަސައްކަތް ދަނީ އޯގަނައިޒޭޝަންގެ ގޯލްސް ހާސިލުވާނޭހެން ކުރެވޭ މަސައްކަތެއްތޯ އާއި ހަމައެކަނި މަސައްކަތް ނިންމުމުގެ ބަދަލުގައި މަސައްކަތުގެ ފެންވަރު މިހާރު ކުރަމުން އަންނަގޮތަށްވުރެން ރަނގަޅު ކުރުމަށް ޑިޒައިން ކުރެވިފައިވާ ސިސްޓަމްއެކެވެ. އެޕްރައިސަލް އާއި ހިލާފަށް ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް މިއީ، މަސައްކަތްކުރަމުން ދާ ވަގުތު އެކުރެވެމުންދާ މަސައްކަތެއް ކައިރިން ސްޕަރވައިޒްކޮށް ދޭންޖެހޭ ޕީޑްބެކް ދޭ ސިސްޓަމްއެކެވެ. މުއައްސަސާއެއްގެ ލަނޑުތަކާއި ދިމާލަށް މަސައްކަތްކުރުމަށް ބާރު އަޅާ ގޮތަށް މަސައްކަތް ހަވާލުކުރި ފަރާތާއި މަސައްކަތް ކުރަމުންދާ މުވައްޒަފާއި ދެފުއް ފެންނާނެހެން ވަގުތު ފާއިތުނުވަނީސް ވާހަކަދެކެވެއެވެ. މިކަމުގެ ސަބަބުން ކުރެވެމުންދާ މަސައްކަތް އަބަދުވެސް މުއައްސަސާގެ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތެމުން ދާނެއެވެ.
މުވައްޒަފުންގެ މަސައްކަތް ކުރުމުގެ ފެންވަރ އަންދާޒާ ކުރުމަށް ހެދިފައިވާ ކޮންމެ ސިސްޓަމް އަކީ އޭގައި ގިނަ ގޮންޖެހުންތަކެއް އެކުލެވިގެންވާ އެއްޗިއްސެވެ. ވަކިން ހާއްސަކޮށް ބެލެވިފައިވާ މުއްދަތެއް ނިމުމަށްފަހު، ކުރެވުނު މަސައްކަތް އަންދާޒާ ކުރުމަށް BAR ނުވަތަ BOS ސްކޭލެއް ބޭނުންކުރެވޭނީ، ސްކޭލްގައި ބަޔާންކޮށްފައިވާ އެޓްރިބިއުޓްސް ރަނގަޅަށް ފަހުމްވެ، ބެލެވިފައިވާ މުއްދަތުގައި މުވައްޒަފުން ކުރި މަސައްކަތް ގާތުން ބަލަމުން ގޮސްފައިވާނަމައެވެ. މީގެ އިތުރަށް ޕާރސަނަލް ނޯޓްސް ގެންގުޅުމަށް އާދަވެފައިވާނަމައެވެ. މަސައްކަތުގެ މާހައުލް ހަލަބޮލިވެފައިވާއިރު ހަނދާނުގައި އެންމެ ފަހުން ހިނގާފައި ހުރި އިންސިޑެންޓްތައް ހުރުން އެކަށީގެންވެއެވެ. ނޫނީ 3 މަސް ދުވަހުގެ ތެރޭގައި ހިނގާފައިވާ ބޮޑުކަމެއް އެކަނި ހަނދާނުގައި ހުރުން މިއީ ވަރަށް ގިނައިން ވާކަމެކެވެ. މިގޮތަށް މުވައްޒަފުންގެ ޕަރފޯމަންސް އަންދާޒާކުރާއިރު އެންމެ އިންސާފަށް އަންދާޒާ ނުކުރެވޭނެކަން ދަންނަންޖެހެއެވެ.
ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމްއަކީ ހުއްޓުމެއްނެތި މުޅިއަހަރުގައި މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބައްޓަން ކުރެވިފައިވާ އެއްޗަކަށް ވިޔަސް މި ސިސްޓަމް ރަނގަޅަށް ހިންގުމަށް ޓަކައި ވަރަށް ގިނަ ކަންކަން ފުރިހަމަ ވާންޖެހެއެވެ. މީގެ ތެރޭގައި އޯގަނައިޒޭޝަންގެ ލަނޑުދަނޑިތައް ކަނޑައަޅާފައި ހުރުމާއެކު އެއީ SMART އޮބްޖެކްޓިވްސް ތަކަކަށް ވާންޖެހެއެވެ. މި އޮބްޖެކްޓިވްސް ތައް ހާސިލުކުރުމަށް ޓަކައި އެކްޝަން ޕްލޭންއެއް (Objectives Key Result – OKR) އޮންނަންޖެހެއެވެ. މި އެކްޝަން ޕްލޭން ކުރިއަށްދާގޮތް ބެލޭނެ ނިޒާމެއް “ޓްރެކަރ” އެއް ހެދިފައި އޮންނަންޖެހެއެވެ. ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ރިވިއު ކުރެވި، މުވައްޒަފުންގެ އަގުވަޒަންކުރެވެން ވެސް ޖެހެއެވެ. ވަކިން ހާއްސަކޮށް މުވައްޒަފުންނާއެކު ކުރެވޭ މުވާމަލާތަކީ މަސައްކަތް ހަވާލުކުރެވޭ ގަޑިއާއި ނިމޭ ގަޑީގައި ކުރެވޭ ކަމަކަށް ނުހަދައި، އަބަދުވެސް ވުވައްޒަފުންނާއި ގާތުން ވާހަކަ ދެކެވެން ޖެހެއެވެ. މިކަންކަން މިއީ ޕަރފޯމަންސް މެނޭޖް ކުރުމަށް ޓަކައި ސުޕަވައިޒަރުން ފެންވަރުގައި މަސައްކަތްކުރާ މީހުން ހާއްސަ ސަމާލުކަމެއް ކޮންމެހެން ދޭންޖެހޭ ބައެއް ކަންކަމެވެ. މުވައްޒަފުންގެ މަސައްކަތް އަންދާޒާކުރުމަށް ކުރެވޭ ބުރަ މަސައްކަތަކީ، އޭގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޅި މުއައްސަސާގެ ކުރިމަގާއި ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ޓަކައި އިންސާފްވެރި ނިޒާމަކުން އަގުވަޒަންކުރެވޭނީ މުއްޒަފުންގެ ޕަރފޯމަންސް ރަނގަޅަށް އިވެލުއޭޓް ކުރެވިގެންނެވެ.