އިސްރާއީލާއި ފަލަސްތީނުގެ މައިގަނޑު މައްސަލައަކީ 19 ވަނަ ގަރުނުގެ ފަހުކޮޅު އުފެދުނު ޔަހޫދީ ޒަޔަނިސްޓް ހަރަކާތްތަކުގެ ސަބަބުން ފެންމަތިވި މައްސަލައެކެވެ. މި މައްސަލައިގެ “އަސްލު” ގުޅެނީ، ފަލަސްތީނުގެ ބިންތަކަށް ޔަހޫދީ ޒަޔަނިސްޓުން ވެރިވެގަތުމަށް ރޭވި ހީލަތްތެރި ރޭވުމާ ހަމައިންނެވެ.
ތާރީޚަށް ނަޒަރު ހިންގާލާއިރު، ޒަޔަނިސްޓް ހަރަކާތް އުފަންވެގެން އައީ، ޔޫރަޕްގައި ޔަހޫދީންނާ ދެކޮޅަށް ގެންގުޅުނު ތަފާތުކުރުންތަކާ ދެކޮޅު ފިކުރުތަކުގެ ތެރެއިންއެވެ. ޚާއްޞަކޮށް ފަރަންސޭސިވިލާތުގައި ހިނގައިދިޔަ “ޑްރޭފުސް އެފެއާޒް” ގެ ނަމުން މަޝްހޫރުވި، ޔަހޫދީ އޮފިސަރަކާ ދެކޮޅަށް ނާއިންސާފު ދައުވާތަކެއްކޮށް ޖަލަށްލި ހާދިސާއަކީ އެ ހަރަކާތް އުފަންވުމުގައި މުހިންމު ދައުރެއް ކުޅުނު ހާދިސާއެކެވެ. މި ހަރަކާތް ފުޅާވެ، ޔަހޫދީ ދައުލަތެއް ފަލަސްތީނު ބިމުގައި ގާއިމުކުރުމުގެ ވިސްނުން ތިލަކުރި މީހަކީ، ޔަހޫދީ އެކްޓިވިސްޓެއް ކަމުގައިވާ ތިއޮޑޯ ހެޒްލްއެވެ.
19 ވަނަ ގަރުނުގެ ފަހުކޮޅަށް އައިއިރު، ޔަހޫދީން ފެނިގެންދިޔައީ އެމީހުންގެ ނުފޫޒާއި ބާރު ޔޫރަޕްގައި ގަދަވެގެން ދިޔަ ދުވަސްވަރަކަށެވެ. ޚާއްޞަކޮށް ޔަހޫދީންގެ އުނދަގޫ ބޮޑުވެ، ޔޫރަޕުން އެމީހުން ބޭރުކޮށްލުމުގެ ވިސްނުންތައް ބައެއް ގައުމުތަކުން ފާޅުގައި ހިންގާފައިވެއެވެ. ޔަހޫދީންނާ ކުރިމަތިލާން ޖެހުނު މި ތަފާތުކުރުންތަކުގެ ރައްދުގައި، ތިއޯޑޯ ހެޒްލް ހިމެނޭ ގޮތަށް ޔަހޫދީ ފިކުރުގެ މީހުންނާއި އެމީހުންނަށް ވާގިވެރިވާ އެކްޓިވިސްޓުންގެ ގުރޫޕްތަކުން ފަލަސްތީނުގައި ޔަހޫދީންގެ ވަޒަނެއް ގާއިމުކުރުމަށް ވަކާލާތު ކުރަން ފެށިއެވެ. މި ޚިޔާލުތައް ބިނާވެފައިއޮތީ ޔަހޫދީންނަށް ޔޫރަޕުން ކުރަމުންދިޔަ ނަފުރަތާއި ތަފާތުކުރުންތަކުން ސަލާމަތްވެ، ޔަހޫދީންގެ ވަކި ދައުލަތެއްގެ ގޮތުގައި “ދައުލަތެއް” އުފެއްދުމުގެ މައްޗަށެވެ. އަދި، ޔަހޫދީން ގަބޫލުކުރާ ދީނީ ފޮތްތަކުގައި ލިޔެފައިވާކަމަށް ބުނާ، ގުދުސްގެ ބިމާ ގުޅިފައިހުރި ތާރީޚީ ގުޅުންތަކުގެ މައްޗަށް ބުރަވެ، ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ އިޙްތިޔާރީ ބިމުގެ ގޮތުގައި ކަނޑައަޅަން ނިންމިއެވެ.
މި ޒަމާނުގެ ޒަޔަނިޒަމްގެ ބިންގާ އެޅިގެންދިޔައީ، 1896 ވަނަ އަހަރު ހެޒްލް ލިޔުނު “ޑެ ޖޫޑަންސްޓާޓް” ނުވަތަ “ދަ ޖޫވިޝް ސްޓޭޓް (ޔަހޫދީންގެ ދައުލަތް)” މި ފޮތުންނެވެ. އެ ފޮތުގައި، ޔޫރަޕްގައި ޔަހޫދީންނާ ދެކޮޅު ފިކުރުތަކަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ގާއިމްކުރުން ކަމުގައި އޭނާ ލިޔެފައިވެއެވެ.
އެފަހުން، ޒަޔަނިސްޓް ހަރަކާތް ރަސްމީކޮށް އުފައްދައި، އެ ހަރަކާތުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ސްވިޒަލޭންޑުގައި 1897 ވަނަ އަހަރުއެވެ. މި ބައްދަލުވުމުގައި ޒަޔަނިސްޓުންގެ ބޮޑުންގެ މަޝްހޫރު ޕްރޮޓޮކޯލްތައް އިޢުލާނުކުރިއެވެ. މި ޕްރޮޓޮކޯލްގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި ދުނިޔެއަށް އަތްގަދަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތައް ޒަޔަނިސްޓް ހަރަކާތުގެ ދަށަށް ގެނައުމުގެ އެޖެންޑާ އެ ފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރިއެވެ. އޭރު ފަލަސްޠީނު އޮތީ އަރަބި ގިނަ ގައުމުތައް ފަދައިން އުސްމާނީ ދައުލަތުގެ ދަށުގައެވެ.
އިނގިރޭސި މެންޑޭޓްގެ ޒަމާން
1914 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނުއިރު، އުސްމާނީ ދައުލަތް ފެނުނީ، ޖަރުމަނާއި އިޓަލީއާއެކު އޮތް ހަނގުރާމައިގެ ބައިވެރިއެއްގެ ގޮތުގައެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނީ ޖަރުމަނާއި ޖަރުމަނަށް ވާގިވެރިވީ ބާރުތައް ބަލިވެގެންނެވެ. އެ ހަނގުރާމައިން ޖަރުމަނާއެކު އޮތް އުސްމާނީ ދައުލަތް ބަލިވުމުގެ ސަބަބުން، އުސްމާނީ ދައުލަތުގެ އަތްދަށުން އިނގިރޭސި އިސްތިޢުމާރުގެ ދަށަށް ފަލަސްތީނު ދިޔައެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ ދެމެދުގައި ބަހާލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔައީއެވެ. އަދި ބޮޑު ހަނގުރާމައަށް ފަހު އެކުލަވާލި “ލީގް އޮފް ނޭޝަންސް” އިން ކަނޑައެޅި “މެންޑޭޓް ނިޒާމް” ގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ބިންތަކަށް ބާރު ހިންގުމުގެ އިދާރީ އަދި ގާނޫނީ ބާރު އިނގިރޭސި ރަސްކަމަށް ލިބުނީއެވެ. އެ މެންޑޭޓް ނިޒާމުގެ ދަށުން އިނގިރޭސިންނާ ފަލަސްތީނު ހަވާލުކުރީ، ފަލަސްތީނުގެ އާބާދީއަށް ނުވަތަ ޑިމޮގްރަފީއަށް އެއްވެސް ބަދަލެއް ނުގެނައުން ޝަރުތުކޮށްފައެވެ.
މިތަނުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، ވިހިވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އެ ބިމުގައި އުޅެނީ އަރަބިން ކަމާއި، އަދި، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައި ކަމެވެ. އޭރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އަދި އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ.
ކޮންމެއަކަސް، އިނގިރޭސިންނަށް ފަލަސްތީނު އިސްތިޢުމާރުކުރަން ލިބުން ވެގެންދިޔައީ، ޔޫރަޕުން ޔަހޫދީން ފައްސާލައި މެދުއިރުމަތީގައި ޔަހޫދީން އާބާދުކުރުމަށް ހުޅަނގުގެ ބާރުތަކަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން، މުއްސަނދި ޔަހޫދީން އެދެމުުންދިޔަ އެދުމާ އެއްގޮތަށް ޔަހޫދީންގެ އާބާދީތައް ފަލަސްތީނު ބިމުގައި ވަޒަންވެރި ކުރުމަށް ޓަކައި، 1917 ވަނަ އަހަރު އިނގިރޭސިން “ބަލްފޯ ޑިކްލެރޭޝަން” ގެ ނަމުގައި މުއާހަދާއެއް އެކުލަވާލައި “ފަލަސްތީނުގައި ޔަހޫދީންގެ ގައުމީ ބިމެއް ގާއިމުކުރުމަށް” ތާއީދުކޮށް، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސިން ހުޅުވާލިއެވެ. އަދި، ޔަހޫދީން އާބާދުކުރުމުގެ ފުރަތަމަ މަރުހަލާގެ ބިންގާ އަޅައި، އެ މުއާހަދާގެ ދަށުން ޔޫރަޕުގެ އެކި ގައުމުތަކުން ފަލަސްތީނުގެ ބިމަށް އާދަޔާޚިލާފަށް ޔަހޫދީން ހިޖުރަކުރަން ފެށިއެވެ. މައިގަނޑު ގޮތެއްގައި، ޔަހޫދީން، ފަލަސްތީނަށް ހިޖުރަކުރީ ޔޫރަޕުންނެވެ. އިނގިރޭސިންގެ މެންޑޭޓްގެ ދަށުގައި ފަލަސްތީނު އޮތް ދުވަސްވަރު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުން އިތުރުވެ، ޑިމޮގްރަފިކް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މި ހިޖުރަކުރުން ހުޅުވާލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީން ކަމުގައި ވުމެވެ. އޭގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނުގެ އަރަބި ރައްޔިތުންނާ ދެމެދު ހަމަނުޖެހުންތައް އިތުރުވެގެން ގޮސްފައިވެއެވެ.
ފަލަސްތީނު ބިންތައް ބަހާލުމާއި ޔަހޫދީ ދައުލަތް އުފެއްދުން
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް ފަލަސްތީނުގެ ބިންތައް އޮތީ އިނގިރޭސިންގެ އަތްދަށުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޖަރުމަނުގެ ނާޒީން ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެތައް މިލިއަން ޔަހޫދީން މަރާލުމާ ގުޅިގެން ޔޫރަޕުގައި އެމީހުންނާ މެދު ވަރަށްބޮޑު ހަމްދަރުދީއެއް އުފެދުނެވެ. މި ހަމްދަރުދީގެ ފައިދާ ނަގައި، ފަލަސްތީނު ބިމަށް ޔަހޫދީން ކުރަމުންދިޔަ ދައުވާތަކުގެ އަޑު އިހުނަށްވުރެ ގަދަކުރަން ފެށިއެވެ. އަދި، ފަލަސްތީނުގެ ބިމުގައި “ޔަހޫދީ ދައުލަތް” އުފެއްދުމުގެ ވިސްނުން ފުޅާކޮށް، ޔޫރަޕުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ޔަހޫދީން އާބާދުކުރަން ފެށިއެވެ. އެއަށްފަހު، 1945 ވަނަ އަހަރު އުފެއްދި އދ. އިން ޤާނޫނީ ބާރު ދީގެން، ފަލަސްތީނު ބައިބައިކޮށްލުމުގެ ޕްލޭން ހީލަތްތެރިކަމާއެކު އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އެކުލަވާލިއެވެ. އެގޮތުން، ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަން އެގޮތުގައި އޮއްވައި، އދ. އިން، 1947 ވަނަ އަހަރު ފަލަސްޠީނުގެ ބިންތައް ބެހުމަށް ނިންމިއެވެ. ޔަހޫދީންގެ ފުރިހަމަ ތާއީދު ލިބިގެންދިޔަ އެ ޕްލޭނަށް، އަރަބި ލީޑަރުން ފާޅުގައި ދެކޮޅު ހެދިއެވެ.
އެހެނަސް، އ.ދ.ގެ ފަރާތުން 1948 ގައި ފަލަސްތީނު ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދީ، ފަލަސްތީނުގެ ބިމުގައި “އިސްރާއީލު” ގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކޮށް، މެދުއިރުމަތީގައި ހުޅަނގުން ބޭނުންވި “ފިތުނައިގެ އޮށް” އިންދައިފިއެވެ. އދ.ގެ މި ނިންމުމާ އެއްގޮތަށް، ފަލަސްތީނު ބިމުގެ 55 އިންސައްތަ ޔަހޫދީންނަށް އަދި ހުޅަނގު އައްސޭރިއާއި ޣައްޒާ، ފަލަސްތީނަށް އަދި ގުދުސްއަކީ އދ.ގެ ޓްރަސްޓީޝިޕެއްގެ ދަށުގައިވާ ސިޓީއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ. ޔަހޫދީ ދައުލަތް އިޢުލާނުކުރުމުގެ ތަންކޮޅެއް ކުރިން ޔަހޫދީންގެ ދުއްތުރާތަކާ ގުޅިގެން އޭރު ފަލަސްތީނުގެ ބިމުން އިނގިރޭސިން ވެސް ފައިބައިގެން ގޮސްފިއެވެ.
ހަނގުރާމަތަކާއި ހަމަނުޖެހުންތައް
ހުޅަނގުގެ ވާގި ލިބިގެން 1948 ވަނަ އަހަރުގެ މޭ މަހު ފަލަސްތީނުގެ ބިމުގައި އުފެއްދި އިސްރާއީލްގެ ޔަހޫދީ ދައުލަތަކީ، ފަލަސްތީނުގެ ރައްޔިތުންގެ އެތައް ޙައްޤުތަކެއް ނިގުޅައިގަނެ، މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ އަނދަވަޅަށް ވައްޓާލުމަށް ރޭވުންތެރިކަމާއެކު އެމީހުން އިންދި ފިތުނަވެރިކަމުގެ އޮށެކެވެ. އެ ދައުލަތް އުފެއްދުމާ އެކު، ޢަރަބި ގައުމުތަކުން ފަލަސްތީނު މިނިވަން ކުރުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް 1948 އިން 1949 އާ ދެމެދު ހަނގުރާމަކޮށްފައިވެއެވެ. އެހެން ނަމަވެސް މި ހަނގުރާމައިގައި ޢަރަބި ގައުމުތައް ނާކާމިޔާބީވެ ފަލަސްޠީނުގެ ބިމުގެ، އިތުރު ބައިތައް އިސްރާއީލުން އަތްދަށުލައި، ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ބިމަށް ޔަހޫދީން ވެރިވެގަތެވެ. މި ހަމަނުޖެހުމުގައި، ފަލަސްތީނުގެ އެތައް ލައްކަ ބަޔަކު ގެދޮރު ދޫކޮށް، އަވަށްޓެރި އަރަބި ޤައުމުތަކުގައި ރެފިއުޖީންނަށް ވެގެން ދިޔައެވެ.
އެ ހަނގުރާމަ ނޫނަސް، އިސްރާއީލް އުފެދުނު ފަހުން، އަރަބި އަވަށްޓެރި ގައުމުތަކާ އެކު އެތައް ހަނގުރާމައެއް ކޮށްފައިވެއެވެ. އޭގެތެރޭގައި، 1956 ވަނަ އަހަރުގެ ސުއޭޒް ކްރައިސިސްއާއި، 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައާއި، 1973 ވަނަ އަހަރު ހިނގި ޔޮމް ކިޕޫރު ހަނގުރާމައަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ޑައިނަމިކްސް ބައްޓަންކުރި ފާހަގަކޮށްލެވޭ ކޮންފްލިކްޓްތަކެވެ.
ޚާއްޞަކޮށް، އިސްރާއީލާ ދެކޮޅަށް އަރަބި ގައުމުތަކުން ކުރި “ހަ ދުވަހުގެ ހަނގުރާމަ”އިގައި، ފަލަސްތީނުގެ ވަރަށް ބޮޑު ބައެއް އިސްރާއީލްގެ ވަކިތަކުގެ ދަށަށް ދިޔައެވެ. އެގޮތުން އިސްރާއީލުން ވަނީ، އެ ހަނގުރާމައިގައި، އިރުމަތީ ގުދުސްއާއި، ހުޅަނގު އައްސޭރިއާއި، ޣައްޒާ ސްޓްރިޕްގެ އިތުރުން، މިސްރުގެ ސިީނާ ޕެނިންސުލާ، އަދި ސޫރިއާގެ ގޯލާންގެ ބިންތަކާއި އުރުދުންގެ ވާދީގެ ބައެއް ބިންތައް އަތުލައިގަނެފައެވެ. އިސްރާއީލުން ހިފާފައިވާ އެ ސަރަހައްދުތަކާއި ބިންތަކަކީ އިސްރާއީލްގެ ޔަހޫދީންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ މައިގަނޑު މައްސަލަ ވެސް މެއެވެ.
އިސްރާއީލު ސިފައިން ހިފާފައިވާ އެ ބިންތަކުން ފޭބުމަށް ގޮވާލައި 1967 ވަނަ އަހަރު އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެއެވެ. ނަމަވެސް އެ ބިންތަކުން ފޭބުމަށް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި އދ.ގެ ގަރާރުތަކަށް ފާޅުގައި ގޮންޖަހައި ނުކިޔަމަންތެރިކަން ދައްކައި، ހުޅަނގު އައްސޭރިއާއި ސޫރިޔާގެ ގޯލާންގެ ބިމުގައި ހަލުވިކަމާއެކު ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭގެފަހުން، 1982 ވަނަ އަހަރު ވެސް އިސްރާއީލުން ވަނީ ލުބްނާނަށް އަރައި ގަތުލުއާންމު ހިންގާފައެވެ. އެ ކޮންފްލިކްޓްގައި ފަލަސްތީނު ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ މުޖާހިދުންގެ އަތުން ހަތިޔާރު ނިގުޅައިގަތެވެ. އަދި، ލުބްނާނުގައި ހުރި ފަލަސްތީނުގެ ރެފިއުޖީ ކޭންޕްތަކުގައި ދިރިއުޅެމުންދިޔަ ފަލަސްތީނުގެ ރެފިއުޖީންނާ ދެކޮޅަށް އިސްރާއީލުން ހިންގި ލާއިންސާނީ ގަތުލުއާންމުގައި ފަލަސްތީނުގެ އާންމުންގެ ތިންހާސް މީހުން ދެ ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައިވެއެވެ.
ސުލްހައިގެ މަރުހަލާއާއި އޮސްލޯ އެއްބަސްވުން
އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސުލްހައިގެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުން 1983 އިން 1993 ވަނަ އަހަރާ ދެމެދު ނޯވޭ މެދުވެރިއަކަށް ވެގެން ސިއްރު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. މިގޮތުން، އިސްރާއީލާއި ފަލަސްތީނު ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އާ ދެމެދު 1993 ވަނަ އަހަރު ސޮއިކުރި “އޮސްލޯ އެއްބަސްވުމުގެ ދަށުން، ސުލްހަ ގާއިމުކޮށް، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް އިޢުލާނުކުރިއެވެ. ހަމައެއާއެކު، މި އެއްބަސްވުމުގެ ދަށުން އިސްރާއީލްގެ ދައުލަތަށް ފަލަސްތީނުން އިޢުތިރާފުވުމަށް ވެސް އެއްބަސްވެވުނެވެ. އާޚިރުގައި މި އެއްބަސްވުން ވެގެން ދިޔައީ، ޔަހޫދީ ޒަޔަނިސްޓުންގެ އަޑިނޭނގޭ މަގުސަދުތައް ހާސިލުކުރުމަށް ލިބުނު ޤާނޫނީ ފާހަކަށެވެ. އެ އެއްބަސްވުމުގައިވާ ގިނަ ކަންކަމަކީ މިއަދު ވެސް އިސްރާއީލުން އިހުތިރާމްކުރާ ކަންކަމެއް ނޫނެވެ. ޔަހޫދީން އިޢުތިރާފު ވަނީ އެމީހުންނަށް ފައިދާވާ ކަންކަމުގައި އެކަންޏެވެ.
ފަލަސްތީނުގެ އަމިއްލަ ވެރިކަމުގެ އިދާރާއެއް ގާއިމުކުރުމަށް އޮސްލޯ އެކޯޑްގައި އެއްބަސްވި ނަމަވެސް، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމަށް އިސްރާއީލުން މިއަދާ ހަމައަށް ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އަދި، ފަލަސްތީނުގެ އަމިއްލަ ވެރިކަމުގެ އިދާރާއަކީ، އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހިންގާ އިދާރާއަކަށް އޮތީ ހަދާފައެވެ. ފަލަސްތީނުގެ ހިފާފައިވާ ބިންތައް ކަމަށް އދ. އިން ގަބޫލުކުރާ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފޭބުމަށް ވެސް އިސްރާއީލުން ދެކޮޅު ހެދިއެވެ. ހަމައެއާއެކު ހުޅަނގު އައްސޭރި އެއްކޮށް އަތްދަށުލުމަށް ޓަކައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔައެވެ.
ޔަހޫދީންގެ މި ހީލަތްތެރި ރޭވުންތަކާއި ލާއިންސާނީ ޢަމަލުތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ތެދުވުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށެވެ. އަދި، އެ މައްސަލައިގެ ސުލްހައަށް އެޅެމުންދާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އޮތް ރުޅިވެރިކަމުގެ ގުޅުން އިތުރަށް ގޯސްވެ، ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް އުތުރި އެރުމެއް ނުވަތަ އިންތިފާދާއެއް ފެށިއެވެ.
ފަލަސްތީނުގެ އިންތިފާދާތައް
ފަލަސްތީނުގެ ފުރަތަމަ އިންތިފާދާ (1987-1993) އާއި ދެވަނަ އިންތިފާދާ (2000-2005) އަކީ އިސްރާއީލުގެ ޔަހޫދީ އިސްތިއުމާރާ ދެކޮޅަށް ކެތްނުކުރެވިގެން ހިންގި އުތުރިއެރުންތަކެކެވެ. އެ ދުވަސްވަރު ވަރަށް ފުޅާކޮށް މުޒާހަރާތަކާއި މަދަނީ ނުކިޔަމަންތެރިކަމުގެ އަމަލުތަކާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. މި އުތުރިއެރުންތަކުގައި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލްގެ ފައިޓަރު ޖެޓްތަކާއި ޓޭންކްތަކާއި ބޮޑުބަޑިން ދިން ހަމަލާތަކާ ދެކޮޅަށް ބޭނުންކުރި ހަތިޔާރަކީ އޮއްގަލެވެ. މި އުތުރިއެރުންތަކުގައި މައުސޫމް ފަލަސްތީނުގެ ގިނަ ބަޔަކު އިސްރާއީލުން ޝަހީދުކޮށްލާފައިވެއެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އޮތް ދުޝްމަންކަން އިތުރު ފުން ވަޅުގަނޑަކަށް ވެއްޓިގެންދިޔައެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ދާއިމީ ސުލްހައެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް މިއަދާ ހަމައަށް ކުރިއެރުމެއް ލިބިފައި ނުވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކަށް ޒަޔަނިސްޓް އިސްރާއީލުން ފާޅުގައި ގޮންޖަހައި ދެކޮޅުވެރިވަމުން ދާތީއެވެ. އަދި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި އިސްރާއީލުން ގެންގުޅޭ ހީލަތްތެރި އަދި ލާއިންސާނީ އަމަލުތަކުގެ ސަބަބުންނެވެ. ފާއިތުވެދިޔަ އަހަރުތަކަށް ނަޒަރު ހިންގާލާއިރު، އިސްރާއީލުގެ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިތުރުވެފައިވާއިރު، 2008-2009 އާއި، 2012، އަދި 2014 ވަނަ އަހަރު ޣައްޒާގައި ހިނގި ހަމަނުޖެހުންތައް ހިމެނެއެވެ.
އިސްރާއީލުން ދަނީ ކޮންމެ އަހަރަކު ޣައްޒާއާ ދެކޮޅަށް ހިސާރުގެ އިތުރު ފިޔަވަޅުތައް އަޅައި ޣައްޒާ ޖަލަކަށް ހަދާފައެވެ. އަދި ވަޔާއި އެއްގަމާއި ކަނޑުގެ މަގުން ޣައްޒާއަށް ވަދެ ނުކުތުން އެއްކޮށް ކޮންޓްރޯލްކޮށް، އިސްރާއީލުގެ ހިސާރާއި ވަރުގަދަ އަޅުވެތި ކަމެއްގެ ދަށަށް ޣައްޒާ ގެންގޮސްފައެވެ. މިއަދާ ހަމައަށް ވެސް ޣައްޒާ އޮތީ އިސްރާއީލުގެ ހިސާރާއި އިސްތިޢުމާރުގެ ދަށުގައެވެ.
ރެފަރެންސް:
- ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް. “ފަލަސްތީނުން ފިލާވަޅެއް: ގައުމީ ކަންކަމުގައި ޢާންމުން ހޭލުންތެރިވުން.”
ލިޔުންތެރިންގެ ގުޅުން (2014) “ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލްގެ މައްސަލަ”
ސެންޓަރ ފޮރ ޕްރިވެންޓިވް އެކްޝަން (2023) “އިސްރައީލީ ޕަލަސްޓީނިއަން ކޮންފްލިކްޓް”
ޔުނައިޓެޑް ނޭޝަންސް (2023) “ދަ ކުއެސްޗަން އޮފް ޕަލަސްޓީން”