އިސްލާމީ އިލްމުވެރިއަކުން، ހަނގުރާމަވެރި ފަހުލަވާނަކަށް ބަދަލުވި އުމަރު އަލް މުޚްތާރަކީ މީގެ 90 ވަރަކަށް އަހަރު ކުރިން އިޓަލީގެ ހަތިޔާރު އެޅި އިސްތިޢުމާރީ ލަޝްކަރާ ދެކޮޅަށް ލީބިޔާގައި ގެރިއްލާ ހަނގުރާމަ ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާއަކީ ލީބިޔާގެ ގައުމީ ބަޠަލެއްގެ އިތުރުން ބޮޑެތި އަދި ދަތި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެއްވި އިންސްޕިރޭޝަނަލް ރަމްޒެކެވެ.
ލީބިޔާގައި މިނިވަންކަން ހޯދުމަށް ހަނގުރާމަކުރެއްވި މުޚްތާރު އުފަންވެވަޑައިގަތީ 1856 ވަނަ އަހަރުން ފެށިގެން 1862 ވަނަ އަހަރާ ދެމެދު ލީބިޔާގެ މިނިފާ ޤަބީލާއަށެވެ. އެއީ އޭރުގައި ލީބިޔާގައި އެންމެ ފާހަގަކޮށްލެވޭ އެއް ގަބީލާއެވެ. މިނިފާއަކީ ލީބިޔާއާއި މިޞްރާއި ދެމެދުގައި އޮންނަ މާމާރިކާގެ ޒަމާންވީ ސަރަޙައްދުގެ ޢަމަޒީޣީން ޢަރަބި ބައެކެވެ. އެއީ އިޓާލޯ-ތުރުކީ ހަނގުރާމައިގައި އުޘްމާނީ އެމްޕަޔަރުން ނެގި ސަރަހައްދެކެވެ.
މުޚްތާރުގެ ބައްޕާފުޅުގެ އެދުމުގެ މަތިން މުޚްތާރު ތަރުބިއްޔަތު ކުރެއްވީ ދީނީ ޢިލްމުވެރިއެއް އަދި ޢާއިލާގެ ރަހުމަތްތެރިއެއް ކަމުގައިވާ ޝައިޚް ޙުސައިން ޣާރިޔާނީއެވެ. ޣާރިޔާނީގެ އިރުޝާދުގެ ދަށުން ޒުވާން މުޚްތާރު ވަރަށް އަވަހަށް މުޅި ޤުރުއާން ހިތުން ހިތުދަސްކުރެއްވިއެވެ. އަދި ޔުނިވާސިޓީ އޮފް ޖަގްބޫބުއިން ދީނީ ތައުލީމު ހާސިލު ކުރެއްވިއެވެ.
އެއަށްފަހު މުޚްތާރު ދަތުރުކުރެއްވީ ލީބިޔާގެ އިރުމަތީގެ އަލް ޖަގްބޫބް އޮއެސިސްއަށެވެ. އެއީ އޭރު ޝައިޚް މުޙައްމަދު އިބްނު ޢަލީ ސެނުސީ އުފެއްދެވި އިސްލާމީ އިޞްލާޙީ ޙަރަކާތެއް ކަމުގައިވާ ސެނުސިއަން ދާވާގެ އަސްކަރީ މައި މަރުކަޒެވެ. އެއާއެކު މުޙްތާރު ވެގެންދިޔައީ އެ ހަރަކާތުގެ މެންބަރަކަށެވެ. އޭރުގެ މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އަލް މަހްދީ އަލް ސެނުސީ އާއި ސެނޫސިއަން ހަރަކާތުގެ ހިމެނޭ މުސްލިމް އިލްމުވެރިންގެ ކިބައިން ތިއޮލޮޖީ އާއި އިސްލާމިކް ސައިންސްގެ ޢިލްމު ދަސްކުރައްވައި އަށް އަހަރު ވަންދެން، ދީނީ އިލްމުވެރިއެއްގެ ގޮތުގައި އެ ސަރަހައްދުގައި ޚިދުމަތްކުރެއްވިއެވެ.
1911 ވަނަ އަހަރު އިޓަލީވިލާތުގެ އިސްތިޢުމާރުން ލީބިޔާއަށް އަރައިގަތުމާއެކު، މުޚްތާރު ވަނީ އިސްތިޢުމާރީ ބާރުތަކުގެ ދަށުގައި ހުރި ލީބިޔާ ބިންތައް ހޯދުމަށް، ހަނގުރާމަކުރި މުޖާހިދުންގެ ލަޝްކަރުގެ ނުރަސްމީ ލީޑަރަކަށް ވެވަޑައިގެންފައެވެ.
“We don‘t surrender, we win or we die“
މި ޝިއާރުގެ ދަށުން، އިޓަލީ ސިފައިންނާ ދެކޮޅަށް ވަރުގަދަ ގެރިއްލާ ހަނގުރާމައެއް އުމަރު ފެށްޓެވިއެވެ. އަސްކަރީ ވަރުގަދަ އުކުޅުތަކާއެކު ސަހަރާ ތެރޭގައި ދިގުދެމިގެންދިޔަ މި ހަނގުރާމައާއެކު “ލަޔަން އޮފް ދަ ޑެޒަރޓް” (ސަހަރާގެ ސިންގާ) ގެ ނަމުން ޢުމަރު އަލް މުޚްތާރު މަޝްހޫރުވެގެން ދިޔައެވެ. މިނިވަންކަން ހޯއްދެވުމަށް ޢުމަރު ފެށްޓެވި އަސްކަރީ މި ހަރަކާތަށް ލީބިޔާ ރައްޔިތުންގެ ފަރާތުން ފުޅާ ދާއިރާއެއްގައި މަދަދާއި އެހީތެރިކަން ވެސް ލިބިގެން ދިޔައެވެ.
އިޓަލީ ސިފައިންނަށް އަސްކަރީ ގޮތުން ޢުމަރުގެ ލަޝްކަރު ބަލި ނުކުރެވުމުން އެމީހުން ވަނީ ޢުމަރުގެ ލަޝްކަރުގެ ސަޕޯޓް ބޭސްތަކާއި ސަޕްލައި ލައިންތަކަށް އަމާޒުކޮށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން ކާބޯތަކެއްޗަށް ވިހަލައި، ހައްޔަރުކުރާ މުޖާހިދުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތައްދީ މަރާފައިވެއެވެ. ބޭނުމަކީ ހަނގުރާމަވެރިންގެ ހިތްވަރު ކަނޑުވާލަން މަސައްކަތް ކުރުމަށެވެ. ނަމަވެސް، އެ ހުރިހާ ކަމަކުން ވެސް މުޖާހިދުންނަށް ލިބިގެންދިޔައީ އިތުރު ހިތްވަރެވެ.
ގިނަ އަހަރުތަކަކަށް ދެމިގެން ދިޔަ ހަނގުރާމައަށްފަހު 11 ސެޕްޓެމްބަރު 1931 ގައި، އިޓަލީވިލާތުގެ ސިފައިން އޭނާ ޒަޚަމްކޮށް، އަތުލައިގަތެވެ. އަދި އޭގެ ދެތިން ދުވަސް ފަހުން އޭނާގެ މައްޗަށް ޝަރީއަތް ހިންގައި މަރުގެ ހުކުމް އިއްވިއެވެ. އުމުރުފުޅުން 73 އަހަރުގައި ޢުމަރު މުޚްތާރަށް މަަރުގެ އަދަބު ދިނީ 1931 ސެޕްޓެމްބަރު 16 ވަނަ ދުވަހު ބެންގާޒީގެ ދެކުނުގައި އޮންނަ ސުލޫކް ކޮންސެންޓްރޭޝަން ކޭމްޕްގައި އޭނާގެ ސަޕޯޓަރުންގެ ކުރިމަތީގައެވެ.
އުމަރު އަލް މުޚްތާރުގެ ޚިދުމަތަކީ އެ ދުވަހުން ފެށިގެން ލީބިޔާގެ ރައްޔިތުންނަށް ދާއިމީ އަސަރެއް ކުރުވި ކަމެކެވެ. 2011 ވަނަ އަހަރު ލީބިޔާގެ އޭރުގެ ރައީސް ކާނަލް މުއައްމަރު އަލް ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިން ވެސް ވަނީ “ލަޔަން އޮފް ދަ ޑެޒަރޓް” އަކީ އެމީހުންގެ އަމިއްލަ ތަރިކައެއް ކަމަށް ބަލައިގެންފައެވެ. ލީބިޔާގެ ފައިސާގެ ގޮތުގައި ބޭނުންކުރާ، 10 ދީނާރުގެ ނޫޓުގައި އަދިވެސް އުމަރު އަލް މުޚްތާރުގެ ތަސްވީރު ބޭނުންކުރެއެވެ.
ރިފަރރެންސް: .islam21c.com