މަލީޝާއަކީ އިންޑިޔާ ފިރިހެނެއްގެ ދަރިއެކެވެ. މަލީޝާގެ މަންމަ ދޫކޮށްލައިފައި އޭނާގެ ބައްޕަ ފީރޯޒް ދިޔައީ މަލީޝާގެ ޢުމުރުން 14 އަހަރުގައެވެ. މަލީޝާއަކީ ރަށުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާއެވެ. އެންމެ ދޮން ކުއްޖާއެވެ. ތުނިތުނި ރަތް ތުންފަތެކެވެ. މަޑުމުށި ކުލައިގެ ފަން އިސްތަށިގަނޑެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. އުފާވެރި ހިނިތުންވުމެކެވެ. އޭނާގެ އެ ހިނިތުންވުން ހިތާމައަކަށް ބަދަލުވީ ބައްޕަ ފުރައިގެން ދިޔަތާ އަހަރު ވެސް ނުވަނީހެވެ. ދޮންބައްޕައެއް ގެއަށްއައި ހިސާބުންނެވެ. އެ ދުވަހުން ފެށިގެން އޭނާގެ ދެ ލޮލުގެ ތެރެއިން ކަރުނަ ފޫއްދާނުލާ ހަމައެންމެ ދުވަހެއް ވެސް ނުދެއެވެ. ކިރިޔާ ވެސް ހިތާމަތަކާ ދުރަށް ޖެހިލެވެނީ އަތޮޅު މަދަރުސާގެ ލައިބްރަރީން ގެންނަ ވާހަކަ ފޮތްތަކާ އެކު ހޭދަކުރާ ވަގުތުކޮޅުގައެވެ.
މަލީޝާ އެނދުގައި ބަންޑުން އޮށޯވެލައިގެން އޮވެ، ޚިޔާލުތައް އެއްފަރާތްކުރަމުން ވާހަކަ ފޮތެއް ހުޅުވާލިއެވެ. “ޝާޒުގެ ގަލަމުން” ލިޔެފައިވާ “ފަޅޯގަހެއްގެ ހިތާމަ” ކިޔަން ފެށިއެވެ.
އަހަންނަކީ ވަރަށް ބަދުނަޞީބު މީހެކެވެ. އަހަރެންނަށް އޮތީ ރުއިމެވެ. ގިސްލުމެވެ. އަހަރެންގެ ލޮލުން ކަރުނަ ހިކޭ ހަމައެންމެ ވަގުތެއް ވެސް ނާދެއެވެ. އަހަރެންގެ ބަދުނަޞީބު ދުނިޔެ ކަލެއަށް ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ދުނިޔެއަށް އުފަންކުރީ ހދ.ނޮޅިވަރަންފަރު، މަޝްހޫރު ކަޅުބެއާދަނެވެ. އޭނާ އަހަރެން އުފަންކުރުމަށް ޓަކައި، އޮށް އިންދީ އެ ރަށު ހިޔަލަ ޝަރީފާގޭ ގޯތިތެރޭގައެވެ. އަހަރެން ދުނިޔެއަށް އުފަންކުރުމަށް ޓަކައި ހިޔަލަ ޝަރީފާގެ ދެމަފިރިން ބުރަ މަސައްކަތްތަކެއް ކުރިއެވެ. ފޮނި ހުވަފެންތަކެއް ދުށްޓެވެ. ދަރިއަކު ލިބުމުގެ އުފަލުން މަޙުރޫމްވެފައިވާ އެ ދެމަފިރިން އަހަރެން ބިމުގައި ޤަރުބަ ގަތިއްސުރެ ވަރަށް އޯގާތެރިކަމާ އެކު ބެލެހެއްޓިއެވެ. ވަރަށް ލޯބިން ފެން ދިނެވެ. އެތައް ޤުރުބާނީއެއް އަހަންނަށް ޓަކައި ވިއެވެ. އަހަރެން ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން އެ ދެމަފިރިންގެ މުޅި ދިރިއުޅުމަކީ އަހަރެން ކަމުގައި ދުށްޓެވެ.
އެކުވެރިޔާއެވެ. އަހަންނަށް ވެސް ކުޑައިރެއް އައެވެ. ތުއްތު ދުވަސްވަރެއް އައެވެ. އަހަރެން ބޮޑުވަމުން އައިލެއް އަވަސްކަމުން އަހަރެން ފަޚުރުވެރިވީމެވެ. ދުނިޔެއިން އުފާ ލިބިދާނޭކަމަށް ހީކުރެވުނެވެ. އެކަމަކު ކަންވީގޮތް ޞުބްހާނަﷲ… އަހަރެންގެ ބައްޓަމަށް ބަދަލު އަންނަން ފެށި ހިސާބުން އަހަރެންނަށް އެތައް ބައެއްގެ ގޯނާ ލިބެން ފަށައިފިއެވެ. އަހަރެންގެ ނަސީބު ދެރަކަމުން ވެސް ކަންނޭނގެއެވެ. އަހަރެން ފުރާވަރަށް އެރި ތަނުން ބައްޕަ ކަޅުބެއާދަނު ނިޔާވެއްޖެއެވެ. މަންމަ ޝަރީފާ އެހެން ބައްޕައެއް ގެއަށް ގެނައެވެ. މުޙައްމަދުބެއަކީ މަންމަ ކޮންގޮތަކަށް ވިސްނާފައި އެ މަޤާމަށް ގެނައި މީހެއްކަމެއް އަހަންނަކަށް އެއްވެސް ގޮތަކަށް ނޭނގުނެވެ. މަންމަ ޝަރީފާ އަލައޮޅަށް ދާވަގުތު އަހަރެންގެ ގާތުގައި އެ ނުލަފާ ދޮންބައްޕަ މުޙައްމަދުބެ އެނބުރެއެވެ. އެއްދުވަހަކު އަހަރެންނާ ގާތަށް ވަރަށް ކައިރިއަށް އައިސް ފަތްތަކުގައި ފިރުމަން ހުއްޓާ ފަޅޯ އަޅަން އުޅޭ ކަމުގެ ނިޝާން “އެތުއްތު ތުއްތު މާކޮޅު” އޭނާއަށް ފެނިއްޖެއެވެ. “އަހަނ. މިއޮއް ފަޅޯ އަޅަނީ. ޝަރީފާއަށް ދޮންކަޅު ވެސް އަންގައެއްނުލާނަން.” އޭނާގެ ޖުމުލައިން އަހަރެން ބިރުން ފިއްކަނޑައިގެން ދިޔައެވެ. އެ ދުވަހު އެ އަނިޔާވެރި ހަންބޯ އަތުގެ ރާޅުކަމަށް އެތައް އިރެއް ވަންދެން ކެތްކުރަން ޖެހުނެވެ.
އެކުވެރިޔާއެވެ. އަހަރެންނަށް ޤުދުރަތުން ވާހަކަ ދެއްކުމުގެ ބާރެއް ލިބިފައެއް ނުވެއެވެ. އެހެން ނޫންނަމަ، އަހަރެން ރޮއިރޮއިފައި އޭނާގެ އަނިޔާވެރި ވާހަކަތައް ޝަރީފާއަށް ކިޔައިދޭނަމެވެ. އެކަމަކު ކުރާނެކަމެއް ނެތެވެ. އަހަންނަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިނުވާ ނިކަމެތި މަޚުލޫޤެކެވެ. އޭނާގެ ކޮންމެ ދުވަހަކު ވެސް މި ޢަމަލު ތަކުރާރުކުރަމުން ދަނިކޮށް މާ ހަރުވެ ފަޅޯ އެޅުމުގެ އުފާ އަހަންނަށް ލިބިއްޖެއެވެ. ގަސްދޮށަށް އައިސް ގޮސްވާ މާބުރުތަކާއި ކޮކާތަކަށް އަހަރެންގެ ރީތިކަމާއި ނިޔަނެތިކަން ދައްކާ ތުއިވެލުމަށް ކުޑަހިނދުކޮޅެއް ލިބުނެވެ. ދެން އައީ ނަގޫރޯޅިއެއް ފަދައިން އެ ނުލަފާ މުޙައްމަދުބެއެވެ. އޭނާގެ އަނިޔާވެރި އަތުން މާބުރުތަކާއި ކޮކާތައް ފަހާލިއެވެ. އަހަރެންގެ ހަށިގަނޑުތެރޭ ބިރުން ތެޅިތެޅިއޮތް ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ އެ ރަތް އަނގުރުގަނޑެއް ފަދަ ބޮޑު ދެ ލޮލުން މަށާ ދިމާއަށް ބަލާލިގޮތުން މަގޭ މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. އޭނާގެ ކަޅި، ކޮޅުކޮޅުމައްޗަށް އަވަސް އަވަހަށް ހިނގަން ފެށިއެވެ. އޭނާ ބުނާކަހަލައެވެ. “ފަޅޮލެއް ކީއްކުރަން، ފަތެއް ވެސް މިއަދަކު ނުބައިންދާނަން. މިއީ ރަނުގެ ފުރުޞަތެއް.” އޭނާގެ ހިތުގެ އަޑު އިވުމުން ކިތަންމެ ފަހަރަކު ފައި ކުރުކޮށްފައި އޭނާގެ ބަނޑުކޮޅުގައި ޖަހަން އަހަރެން ހިތަށް އެރިއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟
އަހަރެންނަށް ޤުދުރަތުން އެފަދަ ފައެއް ލިބިފައެއް ނެތެވެ. އަހަރެންގެ ދެފައި ބިމުގައި ވަޅުލައިގެން ކޮޅަށް ހުރުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެންނަށް ރުއިން ނޫން ކަމެއް ނުކުރެވުނެވެ. އޭނާގެ އެ އަނިޔާގެ ތެރޭގައި އަހަންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަހަންނަކީ ނިކަމެތި ފަޅޯގަހެކެވެ.
“މުޙައްމަދާ! މުޙައްމަދާ!” އަހަރެންގެ ކަންފަތުގައި ޖެހުނީ ޝަރީފާގެ އަޑެވެ. އަހަރެން ހެއްދެވި ފަރާތަށް އުފަލުން ހަމްދުކުރެވުނެވެ. “އޯތް މަ އެބައުޅޭ. މި ކުކުޅުކޮށީ ކައިރީ މި އުޅެނީ.” އޭނާގެ އެ މަތިޖެހުމާއެކު ދުވެފައިގޮސް ކުކުޅުކޮށީ ކައިރީ އިށީނދެ އެ ކޮށިފުޅަފުން އޮށިގަނޑެއް ދަމައިގަނެގެން އެ ބިމަށް ޖަހާ، އެ އައްސަން އުޅޭގޮތް ދައްކަން ފެށިއެވެ. “ޝަރީފާ. ވަރަށް ބަނޑުހައިވެއްޖެ. ހިނގާ ކާން ހަދައ ދޭންދާން.” ޝަރީފާ ހިނގާފައި އައިސް އެތަނަށް ނުހުއްޓެވެނީސް މުޙައްމަދުބެ ޝަރީފާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
އެކުވެރިޔާއެވެ. އޭނާ ދުވެފައި ދިޔައިރު ގައިގައި އަޅައިގަނެގެން ވެސް އެތައް ފަތެއް ބިންދައިގެން ދިޔައެވެ. ބައެއް ފަޅޮލަށް އަނިޔާވިއެވެ. އެރޭ ހަތަރުދަމު އަހަރެންނަށް ރުއިން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. އަހަރެންގެ މުޅި ހަށިގަނޑަށް އަނިޔާވެފައިވާތީ، އަޅާވޭނުންނެވެ. ފަތްތައް ބިނދި، ބުރުސޫރަ ގެއްލި، ކުލަ ބަދަލުވެފައިވާތީ، މާދަމާ މަ ހިތްހަމަޖައްސައިދޭން އަންނަ މާބުރުތަކާއި ކޮކާތައް ސުވާލުކުރާނެތީއެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އެ މާބުރުތައް އަހަރެން މަތިން ފޫހިވެދާނެތީއެވެ. އެ ކޮކާތަކުގެ މަލާމާތް ލިބިދާނެތީއެވެ.
މަލީޝާއަށް ގިސްލެވޭތާ ކިތަންމެ އިރެކެވެ. ދެ ލޮލުން ކަރުނަ ފައިބާތާ ކިތަންމެ އިރެކެވެ. އެކަމަކު، އޭނާއަށް އެކަމެއް އިޙުޞާޞެއް ނުވެއެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ފުރާޅުމައްޗަށް ވެއްޓުނު ބަނބުކޭލެއްގެ އަޑުންނެވެ. ދުނިޔޭގެ ހޭވެރިކަންވީ މި ހިސާބުންނެވެ. އޭނާ ދެލޯ ފޮހެލިއެވެ. މަޑުމަޑުން ފޮތް ލައްޕާލިއެވެ. ފޮތް މޭގައި ޖައްސާލިއެވެ. ދެލޯ މަރާލިއެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ފަޅޯގަހަށް އެ ޙާލު ޖެހުނީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ނެތީމައެވެ. ހަތަރެސްފައި ލިބިފައި ނެތީމައެވެ. އަހަރެންނަކީ ގުނަވަންތައް ހަމަޔަށް ހުރި ފުރިހަމަ އިންސާނެކެވެ. އަނގައިގައި ދޫ އެބައޮތެވެ. ދެކޮޅު ހެދުމުގެ އިޚުތިޔާރު އެބައޮތެވެ. ޝަކުވާ އުފުލުމުގެ ބާރު އެބައޮތެވެ. ދެން އަހަރެންނަށް މިހެން މިވީ ކީއްވެގެން ބާއެވެ؟ އަހަރެންގެ ސިކުނޑި ހަމައެހާ ޅައީ ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ކިބައިގައި ނެތީ ހިތްވަރެވެ. ކެރުމެވެ.
-ނިމުނީ –