މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ވަނީ 1990 ވަނަ އަހަރުގެ މަރިޗުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 33 އަހަރާއި، 09 މަހާއި، 01 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ ސަރވިސް ނަންބަރަކީ 1862 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ އަސްކަރީ ހަޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ވަނީ ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރެއްވި ކޯސްތަކުގެ ތެރޭގައި ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ފުރިހަމަކުރެއްވި އެންސީއޯ ކޭޑަރ ޓްރޭނިންގކޯހާއި، ވީއައިޕީ ޕްރޮޓެކްޝަން ކޯހާއި، ޕާކިސްތާނުގެ މިލިޓަރީ އެކެޑަމީން ފުރިހަމަ ކުރެއްވި އޮފިސަރ ޓްރޭނިންގ ކޯހާއި، އިންފެންޓްރީ ކެޕްޓަން ކެރިއަރ ކޯހާއި، ޑިފެންސް ރިސޯސް މެނޭޖްމަންޓް ކޯސް ހިމެނެއެވެ. މީގެ އިތުރުން އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން މާސްޓަރސް އޮފް އާރޓްސް އިން ސްޓްރެޓޭޖިކް ސެކިއުރިޓީ ސްޓަޑީސް އާއި، ވޯރ ކޮލެޖް ޑިޕްލޮމާ އަދި ކުވެއިތުގެ މުބާރަކް ޢަބްދުﷲ ޖޮއިންޓް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގައި މާސްޓަރސް އޮފް މިލިޓަރީ ސައިންސް ވަނީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ސެމިނަރތަކާއި އަސްކަރީ އެންމެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ ވަނީ ތަމްސީލުކޮށްދެއްވާފައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ވަރަށް މުހިންމު ކޮމާންޑް އެޕޮއިންޓްމަންޓްތަކާއި ސްޓާފް އެޕޮއިންޓްމަންޓްތަކެއް ވަނީ އަދާކުރައްވާފައެވެ. މިގޮތުން ފާހަގަ ކުރެވޭ މުހިންމު ބައެއް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސަރވިސް ކޯރގެ ކޮމަޑާންޓްގެ މަޤާމު، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމު، ޑައިރެކްޓްރޭޓް އޮފް ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމާއި އެ ސަރވިސްގެ ކޮމާންޑަރުގެ މަޤާމު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަޤާމު، ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ މަޤާމާއި އެ ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމު، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމު، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އެޖުޓަންޓްގެ މަޤާމާއި ކޮމާންޑިންގ އޮފިސަރުގެ މަޤާމު، އެންއެސްއެސް ޓްރޭނިންގ ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިކާގެ މަޤާމު، ރީޖަނަލް ހެޑްކްއޯޓަރޒް –  ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ މަޤާމާއި އާރުއެޗްކިޔު ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު ހިމެނެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ހުންނެވީ ސަރވިސް ކޯރގެ ކޮމަޑާންޓްގެ މަޤާމުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ ހައިސިއްޔަތުން ވެސް ގެންދެވީ އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ވަނީ ދިވެހި އަސްކަރިއްޔާގެ ތަފާތު ބޯޑުތަކާއި ކޮމިޓީތަކާއި މަޖިލިސްތަކުގައި ވެސް އަގުހުރި މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން ސިފައިންގެ ލަފާދޭ މަޖިލިހުގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، އެ ބޯޑުގެ ވައިސް ޗެއަރމަންކަމާއި، މިލިޓަރީ ޖަސްޓިސް ކޮމިޝަންގެ މެންބަރުކަމާއި، އެމްއެންޑީއެފް ރިޓަޔަރަމަންޓް ބޯޑުގެ ޗެއަރމަންކަމާއި، ސިފްކޯ މެނޭޖްމަންޓް ކޮމެޓީގެ ވައިސް ޗެއަރމަންކަމާއި، އެ ކޮމެޓީގެ ޗެއަރމަންކަމާއި، ސިފައިންގެ ވެލްފެއަރ ފަންޑުގެ ގަވަނިންގ ބޯޑުގެ މެންބަރުކަމާއި، ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމާއި، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ ޗެއަރމަންކަމާއި، ޖޫނިއަރ އޮފިސަރސް ޕްރޮމޯޝަން ބޯޑުގެ ޗެއަރމަންކަމާއި، އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ  މެންބަރުކަމާއި، އެމްއެންޑީއެފް އެކްރެޑިޓޭޝަން ބޯޑުގެ މެންބަރުކަމާއި، ސިފައިންގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ހިންގާ ކޮމެޓީގެ ހިންގާ ސެކްރެޓަރީގެ ހައިސިއްޔަތުން ކޮށްދެއްވާފައިވަނީ އިޚްލާޞްތެރި ޚިދުމަތްތަކެކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެ އަދާކުރެއްވި އިސް ދައުރާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ޓަކައި ސިފައިން ކުރި މަސައްކަތާއި ހިންގި ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރާއި، 2016 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރާއި، ކޮވިޑް-19 ގެ އާލަމީވަބާއާ  ގުޅިގެން ދިވެހި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ސިފައިންގެ ޖެނެރަލް އޮފިސަރެއްގެ ގޮތުގައި އަދާކުރެއްވި އިސް ދައުރު ޚާއްޞަގޮތެއްގައި ފާހަގަ ކުރެވެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 13 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ހާސިލުކުރައްވާފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެއްޔާއި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށް، ހުނަރުވެރިކަމުގެ ކުލަ، އަމާޒަށް ބަޑިޖެހުމުގެ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށް އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު  ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތްތަކެކެވެ. ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވި މި ދިގު މުއްދަތުގެ އަގުހުރި ޤައުމީ ޚިދުމަތަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަޤާމަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު އައްޔަން ކުރައްވާފައެވެ.

 

ޝެއަރކުރެއްވުމަށް