ޝަހީދު އަލިރަސްގެފާނު ޝަހީދުވެވަޑައިގެން ގޮތުގެ ވާހަކަ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި “ތާރީޚު އިސްލާމި ދީބާ މަޙަލް”ގައި އޮތް ގޮތާއި ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ފޯކުލޯރުގައި ކިޔާގޮތާ ތަފާތުތަކެއް ހުރެއެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 1 ޝައުބާން 965 (މީލާދީން 19 މޭ 1558) ގައެވެ. އޭރު އެ ރަދުންގެ ރަސްކަމަށް 2 މަހާއި 15 ދުވަހެވެ. ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންނަށް ރާއްޖެ ހިފުނީ އެ މީހުން ރާއްޖެ ހިފަން ކުރި ތިންވަނަ ދަތުރުގައެވެ.
“މި ގުރާބުތަކުގެ ކައްޕިތާނަކަށް ހުރީ އަދިރިއަދިރި ނަމަކަށް ކިޔާ މީހެކެވެ. މި ބައި މީހުން ރާއްޖެ ފޯރި އިރު ޢަލީ ރަސްގެފާނުގެ ވެރިކަމަށްވީ ދެމަހާއި ފޮއި ދުވަހެވެ. ދެން ފަހެ މި ފަރަންޖީންތައް ހަތިޔާރުތަކާއި ބަޑިތަކައިގެން މާލޭގެ ހުޅަނގުފަރާތު އަތިރިމައްޗަށް ފައިބައްޖައޫއެވެ. އެ ހިނދު ޢަލީ ރަސްގެފާނު ކަނޑިއާއި ދުނިދަނޑިއާއި ތީރު އެޅި ބޮޑު ލަޝްކަރައިގެން ފަރަންޖީންތަކާ ހަނގުރާމަ ކުރެއްވުމަށް ނުކުމެވަޑައިގެންފިއެވެ. އޭރު ޢަލީ ރަސްގެފާނު ހުންނެވީ ތޫނު ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ލަޝްކަރުގެ އެންމެ ކުރިއަށް ނުކުމެވަޑައިގަނެއެވެ. ދެންފަހެ ޢަލީ ރަސްގެފާނު ޢީދު މިސްކިތް ހުރި ހިސާބަށް ކައިރިވެވަޑައިގެންފައި އެ ރަސްގެފާނުގެ ލަޝްކަރާ ދިމާއަށް އެނބުރި ވަޑައިގެން ފަސް ބައްލަވައިލެއްވިއެވެ. އޭރު އެބައިމީހުން ދުވެ ފިލަނީއެވެ. އެ ރަސްގެފާނުގެ އަރިހުގައި ހިތްވަރާއެކު ސާބިތުވެ ތިބީ ބޮޑުވަޒީރާއި ޚާދިމުން ކުރެ މީހެކެވެ. އެ ހިނދު ހިތްވަރުފުޅު ގަދަ މި ރަސްގެފާނުގެ އަރިހުގައި ދެ ފަހުލަވާނުންނައިގެން އަދާވާތްތެރީންގެ ބޮޑުވެގެންވާ ލަޝްކަރުގެ ކުރިމައްޗަށް ހަލުވިކަމާއެކު ނުކުމެވަޑައިގެންފިއެވެ. މީގެ ތިން ބަޠަލުން ހިތްވަރުގަދަ ސިންގާތަކެއް ފަދައިން ދުޝްމިނުންގެ ހަމަލާތަކާ ކުރިމަތި ލެއްވީ ބިރުގެ ކަންފުޅެއް ވެސް ނެތިއެވެ.”
އަލިރަސްގެފާނުގެ ޝަޚްޞިއްޔަތާއި، ހަނގުރާމައަށް ނުކުމެވަޑައިގެންނެވިގޮތް ޙަސަން ތާޖުއްދީނު ވަނީ ވަރަށް ރީތިކޮށް ސިފަކޮށްދެއްވާފައެވެ. އަލިރަސްގެފާނު ވަރަށް ތޫނު ކަނޑިކޮޅަކާއި އައްޑަނަކޮޅެއް ހިއްޕަވައިގެން ލަޝްކަރުގެ ކުރީގައި ހުންނަވައި ޖިހާދަށް ނުކުމެވަޑައިގަތެވެ. ލަޝްކަރު ދުވެ ފިލާ މަންޒަރު ފެނިވަޑައިގެންނެވި ހިނދު ވެސް އެ ރަދުންގެ ނިންމެވީ ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވިލިނގިލީ ރައިވެރިބޭގެ ވާހަކައެއް ނެތެވެ. އެ ވާހަކަ އޮންނަނީ ތުންތުންމަތިން ކިޔެމުން އަންނަ ފޯކުލޯރުގައެވެ.
“ފަހެ ނުލަފާ ކާފަރުންތަކަށް މި ތިން ބޭފުޅުންގެ ހިތްވަރުފުޅާއި ޢަޒުމުފުޅުގެ ވަރުގަދަކަން ފެނުމުން އެއުރެންގެ ހިތަށް ބިރުވެރިކަމާއި ސިހުންތެރިކަން ވަނެއެވެ. އަދި އެ ބޭފުޅުންނާ ކުޑަތަންވެލުމަށް ވެސް އެބައިމީހުންކަމަށް ނުކެރުނެވެ. ދެންފަހެ އެބައިމީހުން އެ މީހުންގެ އަތުހުރި ބަޑިތަކުގެ އުންޑަތައް ވިއްސާރަ ވިލާގަނޑަކުން ވާރޭވެހޭ ފަދައިން ވިއްސާން ފަށައިފޫއެވެ. ދުޝްމަނުން ފޮނުވަމުންދިޔަ އުންތަކުންކުރެ އުންޑައެއް ޢަލީ ރަސްގެފާނުގެ ހަށިކޮޅަށް އަރައިގެން މި ރަސްގެފާނު ޝަހީދުވެއްޖެއެވެ. ހަމައެއާއެކު ވަފާތެރި ވަޒީރާއި ޚާދިމު ވެސް ދުޝްމިނުންގެ އުންޑަތަކުގެ ޝިކާރައަކަށް ވެ ޝަހީދުވެއްޖެއެވެ.”
އަލިރަސްގެފާނާއި އެ ރަދުންގެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ޝަހީދުކުޅައީ، އެ ބޭފުޅުންގެ ޢަޒުމާއި ހިތްވަރު ފެނިފައި ކުރިމަތިލާން ނުކެރި ދުރުގައި ތިބެގެން ބަޑިން ހަމަލާދީގެންނެވެ.
“ދެން ކާފަރުންތައް ރަށުތެރެއަށް ވަދެ ދިވެހިރާއްޖޭގެ ވެރިކަން އަތުލައިފިއެވެ. މުސްލިމުންކުރެ ބަޔަކު ގޮޑުދޮށަށް ނުކުމެ ބަލައިއިރު ފެނުނީ ޢަލީ ރަސްގެފާނާއި އެ ރަސްގެފާނުގެ ދެ އެކުވެރީން ޝަހީދުވެގެން ބިންމައްޗަށް ވެއްޓިވަޑައިގެންފައި ވަނިކޮށެވެ. ދެން ފަހެ އެބައި މީހުން އެ ބޭފުޅުން ޝަހީދުވެ ވެއްޓިވަޑައިގަތް ތާނގައި ފަސްދާނުލައި މަހާނައިގެ ވަށައިގެން ފާރެއް ފަދައިން އުސްކޮށް ގާޖެހިއެވެ. އޭރު އެ ފާރު ވަށައިގެން އޮތީ މޫދެވެ. އެ ބޭފުޅުން ފަސްދާނު ލެވިފައިވާ ތަނަކީ ރަސްރަސްކަލުންނާއި އެންމެހައި މީސްތަކުން ޒިޔާރަތްކޮށްއުޅޭ ތަނެއްކަމުގައި ވިއެވެ.”
އަލިރަސްގެފާނާއި ހިތްވަރުގަދަ އަނެއް ދެ މުޖާހިދުން ޝަހީދުވެވަޑައިގަތުމުން ދުޝްމިނުން މާލެއަށް އަރައި ވެރިކަން ކުރަންފެށީއެވެ. އަލިރަސްގެފާނާއި އަނެއް ދެ ބޭފުޅުން ވެސް ޝަހީދުވެގެން ވެއްޓިވަޑައިގެން ތަނުގައި އެ ބޭފުޅުން ފަސްދާނުލައި ޒިޔާރަތް ހެދީ ފަހުން ރަށުން ބަޔަކު އައިސްގެންކަމަށް ތާޖުއްދީން ލިޔުއްވާފައިވެއެވެ.
- ހަވާލާ: އަލްޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.