ކޯސްޓްގާޑަކީ، ޚިދުމަތުގެ ދާއިރާގައި ވަރަށް ބޮޑަށް ފިރިހެނުންގެ ޑޮމިނޭޝަން އޮތް ކަނޑުގެ ބާރެކެވެ. ކޯސްޓްގާޑުގެ ޚިދުމަތްތަކަށް ބަލާއިރު، ސާޗް އެންޑް ރެސްކިޔުއާއި، ކަނޑުމަތީގެ އެކިއެކި ހާދިސާތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި މި ނޫންވެސް އޮޕަރޭޝަނަލް ދާއިރާތަކުގައި މުޅިން ވެސް ފެންނަމުން ދިޔައީ ފިރިހެން ސިފައިންގެ ދައުރެވެ. ކޯސްޓްގާޑުގެ ޚިދުމަތުގައި އަންހެން ސިފައިން ހަރަކާތްތެރިވަމުން އަންނަތާ ޒަމާންތަކެއް ވީނަމަވެސް، މީގެކުރިން އެ ކަނބަލުންގެ ދައުރު ބޮޑަށް ފެންނަމުން ދިޔައީ އިދާރީ ހިންގުމުގެ ދާއިރާގައެވެ.
ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވާން ފަށައިފިއެވެ. ކޯސްޓްގާޑުގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ދުވަހެއް ދުވަހަކަށް މިއަދު އަންނަނީ ބޮޑުވަމުންނެވެ. ދިމާވަމުންދާ ގޮންޖެހުންތަކާއި ހުރަސްތައް ކަނޑައްތުކޮށް، ކޯސްޓްގާޑްގެ ގާބިލް އަދި ޚިދުމަތްތެރި މެމްބަރުންގެ ގޮތުގައި އެ ކަނބަލުން ސާބިތުވެ ކުރިހޯއްދަވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުމަށް އަންހެން ސިފައިން ފެށި ދަތުރުގައި މިއަދު ފެންނަމުންދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ ތަނެވެ. އޮޕަރޭޝަނަލް ދާއިރާތަކުން އަންހެނުން ކުރިއެރުމަށް ހުރި ހުރަސްތައް މުގުރާލައި، ޒަމާނުންސުރެ ފިރިހެނުންގެ ޑޮމިނޭޝަން އޮތް ސަގާފަތް ބަދަލުކޮށްލުމުގައި އެކަނބަލުން ތިބީ ސާބިތުކަމާ އެކުގައެވެ.
މިއީ، އެފަދަ ނަމޫނާއެއް ދައްކަމުންދާ، ދެ އަންހެން ސިފައިންގެ ވާހަކައެވެ. ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ ހުންގާނުގައި ހިފައިގެން ދިގު ދަތުރުތަކަށް ނިކުމެ، ގަދަ ކަނޑުގައި ދުއްވައި، އާ މިސްރާބަށް އެ ޚިދުމަތް ގެންގޮސްދޭން ތިބި ދެ ކަނބަލުންގެ ވާހަކައެވެ. މި ދެ ކަނބަލުން ދައްކަމުން އެ ގެންދަނީ، ކޯސްޓްގާޑުގެ މިޝަން ހާސިލުކުރުމުގައި އަންހެނުންގެ ބައިވެރިވުމާއި އެމީހުންގެ ޤާބިލުކަމާއި ޚިދުމަތްތެރިކަމުގައި ނަމޫނާ މިސާލެކެވެ. އާދެ، އެއީ، ކޯސްޓްގާޑުގެ ހާބަރކްރާފްޓްގެ ކުރޫންގެ ގޮތުގައި މިހާރު މަސައްކަތްކުރަމުންދާ، ޕްރައިވެޓް ލަމްޝާ ޢަލީ (ސނ: 8406) އާއި، ޕްރައިވެޓް ޙައްވާ ރައީފާ (ސނ: 8348) އެވެ.
އެ ދެ ކަނބަލުންގެ ފަރާތުން ފެންނަމުންދާ އާދަޔާޚިލާފު ހިތްވަރާއި ކެރުމަކީ، ރުކުރުވާލެވިފައިވާ ކޯސްޓްގާޑްގެ ސަފުތަކުގެ ތެރޭގައި، މިންތީގެ ސިންދަފާތުތައް މިންކުރުމަށް، އަންހެނުންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ލިއްބައިދިނުމަށް އެމްއެންޑީއެފްގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފެންނަންހުރި ދިރިހުރި ނިޝާނެކެވެ. ކޯސްޓްގާޑް ހާބަރކްރާފްޓްގައި ހިންގާ ކަނޑުމަތީގެ އޮޕަރޭޝަންތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގައި ފިރިހެން ސިފައިންނެކޭ އެއް ސަފެއްގައި މިއަދު އެ ދެ ކަނބަލުންގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ދަނީ ދައްކަމުންނެވެ. އަންހެން ސިފައިންނަކީ، ކަނޑުމައްޗަށް ވެސް ގަދަ، ހިތްވަރާއި ފަންވަރު ހުރި ބައެއްކަން އެ ކަނބަލުންގެ ޢަމަލުތަކުން އެ ގެންދަވަނީ ސާބިތުކޮށްދެމުންނެވެ.
ޤައުމީ ޚިދުމަތުގެ އިސްސަފުގައި މަސައްކަތްކުރުމުގެ އަޒުމުގައި، 2021 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅުނު ޕ. ލަމްޝާ ޢަލީއާއި، ޕ. ޙައްވާ ރައީފާ ކިޔައިދިން ގޮތުގައި، ކޯސްޓްގާޑުގެ ޚިދުމަތުގެ ދާއިރާތަކުގެ ތެރެއިން އަންހެން ސިފައިން ހަމައެކަނި މަސައްކަތްކުރަން ޖެހޭނީ އިދާރީ ހިންގުމުގެ ދާއިރާގައި ކަމުގައި، ދެކޭދެކުމަކީ ބަދަލުވާން ޖެހޭ ވިސްނުމެކެވެ. ކޯސްޓްގާޑުގެ ޚިދުމަތުގެ ވަރަށް ގިނަ ދާއިރާތަކަކީ، ފިރިހެން ސިފައިންނެކޭ އެއްފަދައިން އަންހެން ސިފައިންނަށް ވެސް މަސައްކަތްކުރެވޭނެ ފުރުޞަތުތައް ފަހިވެފައި ހުރި ދާއިރާތައް ކަމުގައި ފާހަގަކުރިއެވެ.
“އަންހެނަކަށް ވީތީ ވަކި ނުކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން. އަންހެނުންގެ ވިސްނުން ބަދަލުކޮށްލަނިކޮށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ، ކޮންމެ އަންހެނަކަށް ވެސް.” ޕ. ރައީފާގެ ޝުޢޫރަކީ މިއެވެ.
އެ ކަނބަލުން ކިޔައިދިން ގޮތުގައި، 68 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމަށް ފަހު، އަލަށް ކޯސްޓްގާޑުގެ ޚިދުމަތާ ގުޅުނު ހިސާބުން ވެސް ކޯސްޓްގާޑުގެ ފުޅާ ޚިދުމަތުގެ ދާއިރާތަކުގެ ތެރޭގައި އަންހެން ސިފައިންގެ ދައުރު ފެންނަންހުރީ ވަރަށް މަދު މިންވަރަކަށްކަން ފާހަގަކުރެވުނެވެ. އަދި، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ދާއިރާއަކަށް ނިކުމެ މަސައްކަތްކުރުމުގެ އަޒުމު އާވެގެން ދިޔަ މައިގަނޑު ސަބަބަކީ އެއީ ކަމުގައި ކިޔައިދިނެވެ.
“ކޯސްޓްގާޑުގެ ޚިދުމަތާ ގުޅުމަށް ފަހު އަޅުގަނޑަށް ފާހަގަކުރެވުނީ، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ފީލްޑްގައި އަންހެން ސިފައިން މަސައްކަތް ނުކުރާކަން. އަޅުގަނޑަކީ ޠަބީޢަތުގައި ވެސް ވަރަށް އެކްޓިވްކޮށް އުޅެން ބޭނުންވާ މީހެއް. އެހެންވެ، ހިތަށް އެރީ މާލޭ އޭރިއާ ސެކަންޑް ސްކޮޑްރަންއަށް އަޅުގަނޑު ބަދަލުކުރީމަ ފީލްޑަށް ނިކުމެ، އަޅުގަނޑު މަސައްކަތް ކުރާނީ ހާބަރގައޭ. މިހާރު މިހުރީ ހާބަރ ކްރާފްޓްގެ ކުރޫއެއްގެ ގޮތުގައި.” ޕ. ލަމްޝާގެ ތަޖުރިބާތައް ހިއްސާކުރަމުން ކިޔައިދިނެވެ.
ކޯސްޓްގާޑްގެ ހާބަރ ކްރާފްޓްގެ ކުރޫއެއްގެ ގޮތުގައި އަންހެނުން މަސައްކަތްކުރުމަކީ އެކަނބަލުންނަށް، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެއީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ގޮންޖެހުންތައް ބޮޑު، އަދި މަތީ ފެންވަރެއްގައި އެ ކަނބަލުންގެ ކިބައިގައި، ކަމުގެ ހުނަރާއި، ސްޓްރެންތާއި، ކެތްތެރިކަން ހުރެގެން ނޫނީ ޕާފޯމަންސް ނުދެއްކޭނެ ދާއިރާއެކެވެ. އެ ދާއިރާގައި މަސައްކަތްކުރުމަށް ޓަކައި އެމީހުންނަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވާންޖެހެއެވެ. ނެވިގޭޝަންއާއި ސީމަންޝިޕް އަދި ސަވައިވަލް ފަދަ ހުނަރުތައް ދަސްވެފައި ތިބި ބަޔަކަށް ވާން ޖެހެއެވެ. ފިރިހެނުންގެ ޑޮމިނޭޝަން އޮތް ދާއިރާއެއް ނަމަވެސް، ޓީމެއްގެ ގޮތުގައި ލީޑްކޮށް، އެކުގައި މަސައްކަތްކުރާ ސިފައިންނާއި، މައްޗަށް ތިއްބަވާ ވެރިންނަށް އިޙްތިރާމާއެކު މުޢާމަލާތްކުރެވޭ ބަޔަކަށް ވާންޖެހެއެވެ. ބަދަލުވަމުން އަންނަ ހާލަތްތަކާއި މާހައުލަށް އަވަހަށް ހޭނުމަށް ފަރިތަ ބަޔަކަށް ވާންޖެހެއެވެ.
މިއިން ކޮންމެ ކަމަކީ، މަސައްކަތުގެ މާހައުލަށް ނިކުތުމުގެ ކުރިން އެކަމަށް ޚާއްޞަ ތަމްރީނުތަކާއި، ހުނަރުތައް އަށަގަންނުވައިގެން ނޫނީ ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ. އެހެންކަމުން، ޕ. ލަމްޝާ ޢަލީއާއި، ޕ. ޙައްވާ ރައީފާ ބޭނުންވި އަމާޒަށް ވާސިލުވުމަށް ޓަކައި، ފުރަތަމަ ކުރަންޖެހުނު ކަމަކީ، އެ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމެވެ. މިގޮތުން، ޕ. ލައިޝާއާއި ޕ. ރައީފާ ވަނީ، ކޯސްޓްގާޑު ޚިދުމަތާ ގުޅުމަށް ފަހު ކޯސްޓްގާޑު ބޭސިކް ކޯހާއި، ބަންގްލަދޭޝްގައި ހިންގި ވީބީއެސްއެސް ކޯހަކާއި، ރާއްޖޭގައި ހިންގި ފިޝިންގ ބޯޑިންގ ވެޝެލް އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން ޕ. ލައިޝާ ވަނީ، އޯޕަން ވޯޓަރ ޑައިވިންގ ކޯސް ވެސް ފުރިހަމަކޮށްފައެވެ.
ހަށްޓަށް ބުރަ އެ ތަމްރީނުތައް ފުރިހަމަކުރުމުން، ހާބަރކްރާފްޓްގެ ކުރޫއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސް، އެ އުޅަނދުފަހަރުގައި ދިގު ދަތުރުތަކަށް ނިކުމެ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުލިބެއެވެ. އެ އުޅަނދުތަކުގެ ހުންގާނުގައި ހިފެނީ، އެކަމަށް ބޭނުންވާ ޚާއްޞަ ލައިސަންސް ނަގައިގެންނެވެ. އާދެ، ޕ. ލައިޝާއާއި ޕ. ރައީފާ ވެގެންދަނީ، ފަހުގެ ތާރީޚެއްގައި އެ އުޅަނދުތައް ދުއްވުމުގެ ކަނޑުގެ ލައިސަންސް ނެގި ފުރަތަމަ ކަނބަލުންނަށެވެ.
ކޯސްޓްގާޑްގެ އުޅަނދުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ޒާތުންނާއި، އެކަމަކީ ފިރިހެނުންނަށް އެކަނި ކުރެވޭ ކަންކަމުގެ ގޮތުގައި ބައެއް ފަރާތްތަކަށް ގަބޫލުކުރެވިފައި އޮތުމުގެ ސަބަބުން، އެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އަންހެނުންނަށް ބައެއްކަހަލަ ޑިސްކްރިމިނޭޝަންތައް ރައްދުވުމަކީ ތަބީޢީ ކަމަކަށް ވެދާނެއެވެ.
“މިކަހަލަ މަސައްކަތެއް އަޅުގަނޑުމެން ކުރަން ފެށީމަ ޕޮޒިޓިވް އަދި ނެގަޓިވް ކޮމެންޓްތައް ވެސް ލިބުނު. ބައެއް މީހުން ބުނަމުންދިޔައީ، އަޅުގަނޑުމެންނަށް މިތާކު މަސައްކަތެއް ނުކުރެވޭނޭ، އަންހެނުންނަކީ ކަނޑުމައްޗަށް ބަލި ބައެކޭ، ކަނޑުމައްޗަށް އަރާފަ ހޮޑުލީމަ ކަމެއް ނުކުރެވޭނޭ، މާގިނަ ދުވަހަކު ތިމީހުން މިތާކު ނޫޅޭނޭ.”
މަސައްކަތްކުރަން ފެށި ފުރަތަމަ ދުވަސްކޮޅު ބައެއް މީހުންގެ ފަރާތުން މިފަދަ ކޮމެންޓްތައް ލިބުނު ނަމަވެސް، މިއަދު ކޯސްޓްގާޑުގެ އުޅަނދުތަކުގައި އަންހެނުންނަށް ވެސް މަސައްކަތްކުރެވޭނެކަން އެންމެން ވެސް ގަބޫލުކުރަން ފަށައިފި ކަމުގައި ޕ. ލައިޝާ ކިޔައިދިނެވެ.
“މިހާރު ގިނަ މީހުން ބުނޭ އެފަދަ ނެގަޓިވް ކޮމެންޓްތައް ވެސް ޕޮޒިޓިވްކޮށް ނަގައިގެން މަސައްކަތްކުރާށޭ، ތި ކުދިންނަށް ވެސް ވާނޭ، ފިރިހެނުން ކުރާ ހުރިހާ ކަމެއް ކުރެވޭނޭ.”
ފިރިހެނުންނާ އެއް ސަފެއްގައި، އަންހެނުންނަށް ވެސް މަސައްްކަތް ކުރެވޭނޭކަން މިއަދު ގިނަ ބަޔަކު ގަބޫލުކުރަން ފެށުމަކީ، އެ ދާއިރާގައި ކުރިއަށް ދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި އެ ކަނބަލުން ފާހަގަކުރިއެވެ.
“އަބަދުވެސް އަޒުމަކީ މިކަހަލަ މަސައްކަތްތަކަކީ އަންހެނުންނަށް ވެސް ވާނެ ކަމެއްކަން ދައްކައިދިނުން، އަދި، އަންހެނުންނަށް ވެސް ވާނޭ، ކުރެވޭނޭ، ހާބަރކްރާފްޓް ވެސް ދުއްވޭނޭ، މީހުން ބުނާތީ، އަޅުގަނޑުމެން ކުރާ މަސައްކަތާ ދޭތެރޭ ވަރަށް ޕްރައުޑްވޭ ހަމަ. އެފަދަ ކޮމެންޓްތަކުގެ ސަބަބުން އަޒުމު އާވެގެންދޭ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގަ ކުރިއަށްދާން އިތުރު ހިތްވަރެއް ލިބިގެންދޭ.” ހިނިތުންވުމާއެކު ޕ.ރައީފާ ބުންޏެވެ.
އެ ދެ ކަނބަލުން ކިޔައިދިން ގޮތުގައި، ކޯސްޓްގާޑުގެ ފީލްޑު ދާއިރާގައި އެ ކަނބަލުން މަސައްކަތްކުރަން ފެށިތާ މިހާރު އަހަރެއްހާ ދުވަސްވީއިރު، އެ ކަމަށް އެ ކަނބަލުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތީ އުފެދިފައެވެ. އަދި، ކުރިމަގުގައި ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި މަސައްކަތްކުރުމަކީ ކުރާ އުންމީދެއް ކަމުގައި ހާމަކުރިއެވެ.
އަމިއްލަ ޝައުޤުވެރިކަމާއެކު ނުކުމެ، އެ ދެ ކަނބަލުންގެ ޚިދުމަތްތައް ކޯސްޓްގާޑުގެ ފްރަންޓްލައިންގައި ފެންނަން ފެށުމަކީ، އެ ކަނބަލުންގެ ކެތްތެރިކަމާއި، ޚިދުމަތަށް އޮތް މަތިވެރި ލޯބި ހާމަވެގެންދާ ކަމެކެވެ. އަދި، އޭގެން ރަމުޒުކޮށްދެނީ އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި ފާހަގަކޮށްލެވޭ މައިލްސްޓޯންތަކެއް އެ ކަނބަލުން ހާސިލުކުރަމުންދާ ކަމެވެ. އެ ކަނބަލުންގެ އިސްނެގުމާއި ކެރުމާއި ހިތްވަރުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކުގެ އަންހެން ސިފައިންނަށް ކުރިއަރައި ދިނުމުގައި ހަމަހަމަ ފުރުސަތުތައް ކޯސްޓްގާޑްގެ ކެރިއަރުގައި ހުޅުވާލެވިފައިވާކަން ހާމަވެގެން ގޮސްފިއެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ ބޮޑުވެގެން ދިޔުމަކީ، އޭގެ ސަބަބުން ކޯސްޓްގާޑްގެ އޮޕަރޭޝަނަލް އިފެކްޓިވްނެސްއާއި، ކޮމިޔުނިޓީ އެންގޭޖުމަންޓް ފަދަ ދާއިރާތަކަށް ވަރަށް ބޮޑު އިޖާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ. އަންހެނުންގެ ތަފާތު ނަޒަރިއްޔާތަކާއި، މައްސަލަ ހައްލުކުރުމުގެ ޤާބިލުކަމާއި، އޮޕަރޭޝަނަލް ތަޖުރިބާއަކީ ފިރިހެން ސިފައިންނެކޭ އެއްފަދައިން މުހިންމު ކަންކަމެވެ. އޭގެ ސަބަބުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުން ފެށިގެން ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކާ ހަމައަށް މިޝަންތަކުގެ ފައިދާ ކޯސްޓްގާޑަށް އިތުރުވެގެން ދާނެކަން ޔަޤީނެވެ. ޚާއްޞަކޮށް ފްރަންޓްލައިން ލީޑަޝިޕް ރޯލްތަކުގައި އަންހެނުން ހިމެނިގެން ދިޔުމަކީ، ކޯސްޓްގާޑްގެ ޖުމްލަ ގާބިލްކަން ވަރުގަދަވެގެން ދާނެ ކަމެކެވެ.
“ސިފައިންގެ ޚިދުމަތަކީ ވަރަށް ގިނަ ދާއިރާތަކުން ކުރިއަށްދެވިދާނެ ޚިދުމަތެއް. ސިފައިންގެއަށް ވަންނަން ބޭނުންވާ އަންހެން ސިފައިންނަށާއި، ސިފައިންގޭގައި މަސައްކަތްކުރާ އަންހެން ސިފައިންނަށް އަޅުގަނޑުމެން ބުނެލަން އޮތީ ކެރިގެން ކަންކަމާ ކުރިމަތިލައިގެން އެކަމެއް ކުރާށޭ، ކަންކަމާ ފަސް ނުޖެހޭށޭ، އެއީ ކޮންމެ ކަހަލަ މަސައްކަތަކަށް ވިޔަސް، އެކަމެއް ކާމިޔާބު ކުރުމުގެ ރޫހުގައި މަސައްކަތްކޮށްފިއްޔާ އެކަމެއް ކާމިޔާބުކުރެވޭނޭ. އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް މިހާރަކު ނެތޭ.” އައްޑަނައަށް ދިން ބަސްދީގަތުން ނިންމާލަމުން ޕ. ލައިޝާއާއި ޕ. ރައީފާ ހާމަކުރިއެވެ.