އެއީ މީގެ ގާތްގަނޑަކަށް 1440 އަހަރު ކުރިއެވެ. މި އުންމަތުގެ ސައްޢިދުލް މުރްސާލީން ދިއްލާލަދެއްވި އިސްލާމީ ޢަދާލަތުގެ ކުލަގަދަ ވޮށިން ދުނިޔެ ބަބުޅާލި ޒަމާނެވެ. ސަހަރާގެ ކިއްލާތަކުން ފެށިގެން ދިޔަ އަލިކަން ދުނިޔޭގެ ހަތަރު ބިތް ރޯޝަން ކުރެއްވިއެވެ. އިސްލާމީ އަޚްލާޤިއްޔާތުގެ ހުވަނދުން މުޅި ފަޒާ ޒީނަތްކުރުވާ އިންސާނާގެ ފިކުރަ ގުޅިފައިވާ އެންމެހައި ޢުލޫމުތަކާއި އީޖާދުތަކުން ދުނިޔެ އާޝޯޚުކުރުވިއެވެ. މާއްދިއްޔާތާއި ރޫހާނިއްޔާތުން ކުރެ ވަކި ފަރާތަކަށް ބުރަވުމެއްނެތި ދުނިޔެ ނުދެކޭ ފަދަ ޢަދުލުވެރިކަމުގެ އައު ބާބެއް ފެށިގެން ދިޔައެވެ. ޖަހާލަތުން ބަނަވެފައިވި ބިންތައް ފަތަހަކޮށް، އެބިންތަކުގައި އިސްލާމީ ދަންމަރުގެ ހުޅުކޮޅު ރޯކޮށްލެއްވިއެވެ. އިސްލާމީ ތަރުބަވީ ވެށި ޤާއިމުކުރެއްވިއެވެ. އެ ޢިލްމީ މަކްތަބުތަކުން ނުޖޫމީ، ނޫރާނީ އަދި ސައިންސުގެ ރޮނގުން އެތަށް ޢާލިމުންނެއް އުފަންކުރުވިއެވެ. ތަހުޒީބާއި ތަމައްދުނުގެ އައު ސާސްކަފަކަށް ދުނިޔެ މަރްޙަބާކީ މުސްލިމުންގެ ރަންޒަމާނުގައިއެވެ.

ރަން އަކުރުން ލިޔެވިފައިވާ މުސްލިމުންގެ ރަންޒަމާން ވަނީ މަޒީގެ ސޮފްޙާތަކާއި އެކުވެފައިއެވެ. މި ސަފްޙާތައް އަދުގެ އިސްލާމީ ފަތްފުއްތަކުގައި ނުލިޔެވޭންވީ ކީއްވެ ހެއްޔެވެ؟ އާދެހެވެ. މިއަދު ރަސޫލާ صلى الله عليه وعلى آله وسلم ގެނެސްދެއްވި މާކާރިމުލް އަޚްލާޤު ވަނީ މުސްލިމުންނާއި ބީރައްޓެހި އެއްޗަކަށް ވެފައިއެވެ. މުސްލިމުންގެ ޙައްޤުގައި ކަނޑި އުފުއްލައްވަންކެރޭނެ ޙާލިދު ބުން ވަލީދެއް ނެތެވެ.ޢަދުލުވެރިކަމާއި ސުލްޙައިގައި ވިދާލި ފަދަ ޢުމަރު ބުން ޢަބްދުލްޢަޒީޒެއްނެތެވެ. ދުނިޔޭގައި ބޭސްވެރިކަމުގެ ރަސްމަގު ފަހި ކޮށްދެއްވި އިބުން ސީނައެއްވެސް ނެތެވެ.ނަމަވެސް ކީރިތި ޤުރްޢާނުގައި މާތްﷲ ވާޙީކުރައްވާފައިވާ މިބަސްފުޅަށް ފިކުރު ކޮށްލަމާތޯއެވެ. اِنَّ اللّٰهَ لَا يُغَيِّرُ مَا بِقَوۡمٍ حَتّٰى يُغَيِّرُوۡا مَا بِاَنۡفُسِهِمۡ [ސޫރަތް: އައްރަޢުދް]

ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމެއްގެ ޚާލަތެއް،
ނުވާނަމަ ޤައުމުގައި ޚާލަތު ބަދަލު ކުރުމުގެ ޚިޔާލާތެއް،

މި ބަސްފުޅުގައި އަދުގެ މުސްލިމުން ހިފައިގެން އިސްލާމީ އުއްމަތުގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލަތު ގެންގުޅުންމީ އަލުން ރަންޒަމާނެއް ޢިއާދަކުރެވޭނެކަން ރަމްޒުކޮށްދޭކަމެއް ނޫންތޯއެވެ. އެހެނީ އިސްލާމީ މަތިވެރި އަޤީދާގައި ސާބިތުވެ ހުރި މުސްލިމުން މިއަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންނަމުންދެއެވެ. ޔަހޫދީންގެ ހަމަލާއަކަށް ބެލުމެއްނެތި ފަލަސްތީނުގައި މުސްލިމުން ދަނީ الله أكبر ގެ މަތިވެރި ތަކްބީތު އަޑުހަރުކޮށް ގުގުމަމުންނެވެ. ބިމާ ހަމަވެފައިވާ ގޭތަކުގައި ބޯހިޔާވަހި ކޮށްލާނެ ގޮތެއްނެތަސް މާތްﷲ އަށް ސަޖިދަކުރުން ހުއްޓާއެއް ނުލައެވެ.ކާނެ އެއްޗެއް، ބޯނެ ފެންފޮދެއްނެތަސް ރޯދައިގެ އަޅުންކަން ފުރިހަމަކުރާ އެތަށް މުސްލިމުންނެއް ސިރިޔާ،އަފަޣާނިސްތާނު ފަދަ އިސްލާމީ ޤައުމުތަކުން ފެނިގެންދެއެވެ. މިއަދު ދުނިޔޭގައި ދެ ބިލިއަނެއްހާ މުސްލިމުން އެއްފަރާތަކަށް އަޅުކަން ޚާލިސް ކުރާއިރު އެއްމެ ގިނަމީހުން ވަންނަ ދީނަކީ ވެސް އިސްލާމްދީނެވެ.

މުސްލިމުންގެ ރަންޒަމާނުގައި އިލްމުވެރިކަން ވިދާލީ ރަން ޝުޢާޢުތައް ފޮނުވާލާ ހަނދެއްފަދައިންނެވެ. ނިޔަމިކަމާއި ފަލަކީއިލްމާއި ފިޒިކްސްއާއި، އާކިޓެކްޗަރ، އިތުރުން ކެމިސްޓްރީ ފަދަ ޢުލޫމުތަކުގެ ބައްޕައިންނަކީ މުސްލިމު ޢާލިމުންނެވެ. ދުނިޔޭގައި ފުރަތަމަ ޔުނިޔާވަރސިޓީއެއް ގޮތުގައި”އަލްޤަރްވިއްޔީން” އުފައްދަވައި، އެކި ރޮނގުތަކުން ޑިގްރީ ތަޢާރަފުކޮށް، މިއަދު ދަސްވެނިން ބޭނުންކުރާ ޠާބު ނުވަތަ ގައުންވެސް އީޖާދުކުރެއްވީ މުސްލިމުންނެވެ. އަދި ކޮބައިތޯއެވެ. ކަރުދާސް އުފައްދަވައި ފޮތްތަކުގެ ސިފައިގައި އިލްމުވެރިން ހޯދަވައި ފަލްޞަފާތަކާއި ޤާނުނުތައް ފޮތެއްގެ ސިފައިގައި ލިޔުއްވައި ރައްކާކުރެއްވި ދުނިޔޭގެ ފުރަތަމަ ލައިބްރެރީ “ބައިތުލް ޙިކްމާ “އަކީވެސް މުސްލިމުންގެ މިލްކެކެވެ.ޢިލްމުވެރިކަމާއި ގުޅޭގޮތުން އިސްލާމީ ތާރިޚުން ނަގައިދިން ފިލާވަޅުތައްދާނީ އަދުގެ މުސްލިމުން ލިބިގަނަމުންނެވެ. އެގޮތުން އިމާމު މާލިކުފަދައިން ޅައުމުރުގައި ޤުރުޢާން ޙިފްޒުކުރުމުގެ އެތައް ސިލްސިލާތަކެއް ހިންގަމުންދެއެވެ. ޒުވާން ޙާތިބުން އުފައްދައި ދީނީ އިލްމް އުގަންނައިދޭ މަކްތަބުތައްދަނީ ހުޅުވަމުންނެވެ. ބައިތުލް ހިކްމާގެ ނަމުގައި އިމާރާތެއްނެތަސް އެ މަސައްކަތްކުރުމަށް “ކިންގް ފަހްދު ކޮމްޕޮލެކެސް” ފަދައެތައް ތަނެއް އިސްލާމީ ޤައުމުތަކުން ފެނިގެންދެއެވެ.

މުސްލިމުންގެ ރަންޒަމާނެއް ބިނާކުރުމުގެ އަސްލަކީ އިސްލާމީ އުއްމަތުން ހޯދި އިޤްތިސާދީ ރަންފައުނުތަކެވެ. މިގޮތުން ޢުމަރު ބުން ޢަބްދުލް ޢަޒީޒުގެ ވެރިކަމުގައި ޒަކާތުގެ ނިޛާމު ހަރުދަނާ ކުރުމަށް ޓަކައި ޢުސޫލުތަކެއް ކަނޑައެޅުމުގެ ނަތީޖާއަކީ އެއަހަރު އެފްރިކާއިން ނެންގެވި ޒަކާތް ބަހާނެ ބެހެނިވެރިއެއް ނެތުމުން،އަޅުންގަނެ މުސްލިމުންގެ ހައިބަތު އިތުރުކުރެއްވިއެވެ.މިކަމުން ނަމޫނާ ލިބިގަނެގެން އަދުގެ އިސްލާމީ ބޮޑެތި ޤައުމުތަކުންނާއި ދިވެހިރާއްޖެއިން ވެސް މިވަނީ”ޒަކާތު ހައުސް”އުފައްދާފައިއެވެ.މީގެއިތުރުން އުމަވީ ދައުލަތުގެ ޚަލީފާ ޢަބްދުލް މާލިކު “މަނިޓޮރީ ރިފޯރމް” އަކީ މިއަދުވެސް ބޮޑެތި ޔުނިވާރސިޓީތަކުގައި ކިޔަވައިދޭ ފަލްޞަފާއެކެވެ. ސޮވެރިންގ ފަންޑާއި ވެލޯސިޓީ އޮފް މަނީ ސާކިޔުލޭޝަން އުފެދުމުގެ އަސްލު ކަމަށް ވާއިރު އިސްލާމީ ތާރީޚުން ޢިބްރަތް ހާސިލުކޮށް މިއަދުގެ މުސްލިމުން ޢިޤްތިޞާދު ފުޅާކުރާކަމީ މުސްލިމުންގެ ރަންޒަމާނަށް އަލުން ވާސިލުވެވިދާނެކަން ދަލާލު ކޮށްދޭކަމެކެވެ.

މުސްލިމުންގެ އުފެއްދުންތެރިކަމުގެ ފަތްފުއްތަކުން ފެންނަނީ ވިޔަ އަކުރާއި، ސުމެއް ބޭނުންކުރާނެ ގޮތާއި، ވަގުތުގަލާއި، ޒަޚުރަފާ އެކަންޏެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ބިޔަބޮޑު ޗާޓު ކުރުއްސަވައި، ވައިކުޑަ އާއި، މަތިންދާބޯޓްގެ ފިޔަގަނޑާއި، ދަގައްފާނު ސަމުގާ އާއި، ދުނިޔޭގައި ފުރަތަމަ މަރްޞަދު ބިނާކުރެވުނީވެސް ބަޣުދާދުގައިއެވެ. ދެން އަދުގެ ދުނިޔެއަށް ނަޒަރު ހިންގާލަވާށެވެ. ކީރިތި މާތް ނަބިއްޔާ ފަރުމާކުރެއްވި ބިނާވެށިން އެދުރުވެ. މިއަދު ދުނިޔޭގެ އެންމެ އުސް ޢިމާރާތަކީ މުސްލިމުންގެ ބިނާއެކެވެ. ފަންނިއްޔާތުގެ ދުނިޔައަށް ދަތުރުކުރުމުގައި މުސްލިމުން ފަންނުވެރިންވަނީ ޕީސީ ވައިރަސް އިން ފެށިގެން ޑީސީ ޓޮރާންސްފޯމަރާއި ލިތިއަމް އަޔަން ބެޓެރީގެ އިތުރުން ތްރީޑި ގްރަފިކްސްގެ މުހިންމު އުންސުރުތައް ހޯއްދަވާފައެވެ. މީގެއިތުރުން ކަނޑުގައި ދުއްވާ ސަބްމެރިންނާއި ސެޓަލައިޓާއި ޖައްވުގައި ޒައްރާތަކުގެ ދިރާސާއެއް ކުރައްވާފައިއެވެ. މިނޫނަސް މިއަދު ދުނިޔޭގައި އުފައްދާފައިވާ އިޖާދުތަކާއި ހޯދާފައިވާ ހޯދުންތަކުން މުސްލިމުންގެ ދައުރުބޮޑުވުމަކީ ރަންޒަމާން އަލުން ޢިއާދަކުރެވޭނެކަން އަންގައިދޭ ކަމެކެވެ.

މިއަދުގެ ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ތަރައްޤީގެ އަސާސަކީ އިސްލާމީ ޙަޟާރަތެވެ. މި ހަޟާރަތުން ދަރުސް ލިބިގަނެގެން އަދުގެ މުސްލިމުން އިސްލާމި ރަންޒަމާނެއްގެ ފައތިހަކަށް އަލިވިލޭނެއެވެ. ކީރިތިﷲ،އިސްލާމީ ރަންޒަމާނެއް ޢިއާދަކުރުމަށް ކުރާ މަސަކަތުގައި ބަރަކާތް ލައްވާށި. އާމީން

ޝެއަރކުރެއްވުމަށް