- ރާގު: ޗައުދަވީކަ ޗާނދުހޯ…
މަޢުނަވީ ހަނދާންތަކެއް އާލާވެ، އާދެއޭ
ދައުރާވަމުން ހިތުން އެ ހަނދާން އައުވަމުންދެއޭ
އައްޑިހައަށެއް ނޮވެންބަރު ތިނަކުން އެދިން ޒަހަރު (2)
އަސްތާ! ނުދާނެޔޭނެތި ހިތަކުން އެކުރި އަސަރު
ފަށްފަށްވަމުން ޒަމާންތަކުގައި ދެމި ހިނގާނެއޭ
އައިމާ ތިނެއް ނޮވެންބަރު ދިވެހީންގެ ހިތްތަކަށް (2)
ހައިކޮށްނުލާ ދަނީވަދެ ފުންވީ ޝުޢޫރުތައް
ގައިމޭ އެ ހާދިސާގެ ހަނދާން ވަކިނުވާނެއޭ
ފުން ހަމަހިމޭންކަމެއްގެ ތެރޭގައި ގައުމުއޮތީ (2)
ސުންޕާކަމެއް ބިރެއްގެ ހިލަން ވެސް ނުވެސްނެތީ
ފެންނާނެ އެންމެރީތި އަމާންކަންމަތީގައޭ
އަޑުފަށްގަނޑެއް އިވެންފެށި މާގަދަޔަކަށް ދުރުން (2)
މަޑުކޮށްނުލާ ހިމޭން އަލި ފަތިހެއް ފެށުނުތަނުން
އަޑުތައް ނުކެނޑި ދިއުން ބިރުވެރިކަން ފެތުރިއައޭ
ހަތިޔާރުއެޅި ޖަމާޢަތެއް މާލޭ ބިމަށް އަރައި (2)
ފަތިހުގެ ހިމޭންކަމާއެކު މަގުތައް ބަލައި ހިނގައި
މަތިކޮށް ސިފައިންގެ ގޭޓް އަމާޒެއްކަަމަށް ވިއޭ
ގޭޓްގެ ދިފާޢަކަށްހުރި ގައުމީ އެ ފަހުލަވާން (2)
ދޭޙަމަލަތައް ދިފާޢުކުރެއްވީ އެ ނޯޖަވާން
ލޭ ފަސްގަނޑަށް މި ލޮބުވެތި ޤުރުބާންކުރެއްވިއޭ
ޙަމަލާދެމުން އައީ އެކި މާލޭގެ ތަންތަނަށް (2)
މަރަމުންނެ ރައްޔިތުންއަދި ރަޙްމެއްނުވާ ގޮތަށް
އަމަނާ އަމާންކަމާ ތަނުއޮތް ގެއްލުވާފައޭ
މުޅިރާއްޖެ ހުއްޓުމެއްގެ ތެރޭގައި އެދުހު އޮތީ (2)
ގުޅުމެއް މުއާޞަލާތުގެ ތަނަކާ ނުވެސް ނެތީ
މުޅިރާއްޖެއަށް ބިރާ ސިހުމާ އިންތިހައި ވިއޭ
ހިތްވަރު ކަށީންނަގައިދިޔަ ސިފައިންގެ ފައުޖަކުން (2)
ސިއްސައިލިޔޭ އަރައިތިބި ބާޣީއެ ދުޝްމިނުން
ހިތްތަކުގެ ބިރުކަނޑާތިބެގޮސް ނަޞްރު ހޯދިއޭ
ލުޠުފީގެ ރޭވުމާއަދި ސަގަރޭގެ ރޭވުމުން (2)
ޢުދުވާނަކަށް އައީގިނަ ތަމަޅައިންގެ ޓައިގަރުން
ލަދުވެތިކަމާއެކީ ދިވެހީން އަތްދަށަށް އައޭ
ނަޞްރުގެ ދުވަސް މިއީއަދު ދިވެހީން އުފާކުރާ (2)
ނަޞްރަށް އެ ދެއްވި މާތްވި އިލާހަށް ޙަމްދުކުރާ
ނަޞްރާ ނަޞީބުގައި މިގައުމު ލައްވަވާށިއޭ