މަދަރުސީ ވެށްޓެއްގައި ކިޔެވުމުގެ ފުރުސަތު ލިބުމުގެ ކުރިން އޮތީ ދަންނަ މީހުން ކުރެން އަކުރު ދަސްކުރުމާއި ވިޔަކުރަން ދަސްކުރުމާއި ޤުރުއާން ކިޔަވަން ދަސްކުރުމެވެ. އަޅުގަނޑު ހިތުން މިއީ އެތައް ވޭލާއަކުއްސުރެ ވަރަށް ފަހަކާ ޖެހެންދެން ލިޔަންކިޔަންދަތުމުގެ އާދަ އޮތް ގޮތެވެ. މި ފަހަރު ހަނދާނުގެ ޑައިރީން މި ލިޔެލަނީ އަޅުގަނޑު ޤުރުއާން ކިޔެވުމުގެ ކަންކަން ކުރި ދުވަސްތަކާއި އެ ދުވަސްތަކުގައި ހިތުން ނުފިލާ ހުރި މުހިންމު ބައެއް ހަނދާންތަކުގެ ވާހަކައެވެ.

އަޅުގަނޑަށް ކީރިތި ޤުރުއާނުގެ އަލިފުބާއާއި ފިލިތައް ދަސްކޮށްދެއްވައި ޤުރުއާން ކިޔަވަން ދަސްކޮށްދެއްވީ އަޅުގަނޑުގެ ބޮޑު އެދުރުދައިތައެވެ. އާދެ އައްޑޫ ދޮންމަނިކެއެވެ. އަޅުގަނޑުމެން ކުދިން ކިޔާ ނަމުން ނަމަ “ދޮންމަނިކައްތަ”އެވެ. އެއީ އާދަޔާ ޚިލާފު އެދުރުދައިތައެކެވެ. ނިލަންދޫގެ އެތައް ޖީލެއްގެ ކުދީންގެ ޤުރުއާން އެދުރަކީ ދޮންމަނިކައްތައެވެ. ރަށުގައި މިހާރު ވެސް ޤުރުއާން ކިޔަވައިދެއްވާ ގިނަ އެދުރުދައިތައިންނަކީ ދޮންމަނިކައްތަގެ ދަރިވަރުންނެވެ.  ދޮންމަނިކައްތަ އަޅުގަނޑު ދެކެ ވަރަށް ލޯބިވެލައްވާނެއެވެ. އަޅުގަނޑު ބަސްއަހާ ވަރުންނާއި އުޅޭލެއް ގާތްކަމުންނާއި ލޯބިކަމުން ދޮންމަނިކައްތަ އަޅުގަނޑަށް ގޮވައިލައްވަނީ ވެސް “ފުތާ” ކިޔުއްވައިގެންނެވެ. މިހާރުގެ ބަހުން ނަމަ އެ ބުނުއްވަނީ “ދަރިފުޅާ”އެވެ. އެއް ދުވަހަކު ބައްޕަގާތުގައި ބުނުއްވި ހަނދާން މިހާރުވެސް އެބަ ހުއްޓެވެ. “އެ ކަލޯއަކީ ދޮންމަނިކެދައްތާގެ މިތުރާ ދީ ކަލޯ” މިހެންނެވެ. އެ ބުނުއްވީ އަޅުގަނޑަކީ ދޮންމަނިކައްތަގެ މިތުރު ކަމުގައެވެ. އާދެ އެކުވެރިޔާ ކަމުގައެވެ.

އެދުރުދައިތަ ކުދީންނަށް އަކުރާއި ފިލި ދަސްކޮށްދެއްވަނީ ވޮށުފިލާގައެވެ. އަޅުގަނޑަށް ވެސް އެކަން ކޮށްދެއްވީ އެ މޭރުމުންނެވެ. އެ ފޭޑީގައެވެ. ވޮށުފިލާގައި ހުންނަނީ ހިމުން ވެއްޔެވެ. ވޮށުފިލާ ވެލީގައި އަކުރު އަޅުއްވަނީ އެދުރުދައިތަގެ ޝަހާދަތް އިނގިލީންނެވެ. އޭރު ވޮށުފިލާ ހުންނާނީ އެދުރުދައިތަގެ އުނގުމަތީގައެވެ. އަޅުގަނޑުމެން ތިބެނީ އެދުރުދައިތަގެ ކުރިމަތީގައި ކޮޅަށެވެ. ފުރަތަމަ އަކުރު ކިޔަން ޖައްސަވަނީ ވަކިވަކި ކުދިންނާއެވެ. ދެން ހުރިހައި ކުދިން ގެންނަވައިގެން އެދުރުދައިތަގެ އަޑުދަށުން އަކުރުތައް ކިޔުއްވައެވެ. އެއީ އަކުރު ދަސްކުރަން ނިކަން ފަސޭހަ ގޮތެކެވެ. އަލިފުބާގެ އަކުރުތަކާއި ފިލިތައް ދަސްވުމުން ދެން ފަހުން އަކުރާއި ފިލި ލިޔުއްވައި ދެއްވީ ފިލާގައެވެ. އަޅުގަނޑު އަތުގައި އޮންނަނީ ބަނބުކެޔޮ ލަކުޑިން ހަދައިފައިވާ ނިކަން ހެޔޮވަރު ފިލައެކެވެ. އެންމެ ފުރަތަމަ ޖެހުނީ އެދުރުދައިތަ ފިލައިގައި ލިޔުއްވާ އަކުރާއި ފިލި މަތީގައި އަކުރާއި ފިލި އަޅާށެވެ. އާދެ އަކުރުމަތީ އަކުރު އެޅުމެވެ. ފިލިމަތީ ފިލި އެޅުމެވެ. މިއީ މި ޒަމާނުގައި ވެސް މަދަރުސީ ތައުލީމުގައި މި ކަން ކުރުމުގެ އަސާސީ ހުނަރެވެ. އަޅުގަނޑު ވެސް ފަހުން ވީ މުދައްރިސަކަށެވެ. ކުޑަކުދީންނަށް އުނގަންނައި ދިނުމުގައި އެދުރުދައިތަގެ ބައެއް “މެތަޑްތައް” ބޭނުން ކުރަމެވެ. އެ ފަދަ ކޮންމެ ހިނދެއްގައި އެދުރުދައިތައަށް ކުރެވެނީ ހުސްވުމެއް ނެތް ތާރީފެވެ.

ފިލާ ކިޔަވައި ނިމުމުން ހުރިހައި ކުދިން ކަހަލަ ގޮތަކަށް ދަނީ ގެއަށެވެ. ދެތިން ހަތަރު ކުއްޖަކު އެދުރުދައިތަ މަޑު ކުރުއްވާނެއެވެ. އޭގެތެރޭ އެކަކަށް އަބަދުވެސް އަޅުގަނޑު ވިއެވެ. އެދުރުދައިތަގެ ގިފިލީގައި އަންނާރު ގަހެއް ހުރެއެވެ. ރަށުގައި އެއީ އޭރު ވެސް އަދި މިހާރު ވެސް ނިކަން ތަދު އެއްޗެކެވެ. މިހެންވުމުން އަންނާރެއް ލިބުން ވަނީ “ޖަންނަތުން” މޭވާއެއް ލިބުން ފަދަ ކަމަކަށެވެ. އެދުރުދައިތަ އަޅުގަނޑަށް ވަރަށް ގިނައިން އަންނާރު ދެއްވާނެއެވެ. އަންނާރަކީ އަޅުގަނޑަށް އެންމެ މީރު މޭވާއެވެ. އަޅުގަނޑުގެ ހިތުގައި އަންނާރަށް ޝައުގާއި ލޯބި ހަގީގަތުގައި ޖެއްސެވީ އެދުރުދައިތައެވެ. ދެން އެންމެ ގިނައިން ދެއްވީ ފެނު ކެއްކި ހިއްކި ބަނބުކޭލެވެ. އަޅުގަނޑުމެންގެ ބަހުރުވައިގައި ކިޔަނީ “ހިއްކީކޭލެ”އެވެ. އެ އެއް އޭރު ވެސް އަދި މިހާރު ވެސް އަޅުގަނޑަށް އެހައި މީރު އެއްޗަކަށް ނުވެއެވެ. އެ ކަން އެދުރުދައިތައަށް ވެސް އެނގިލައްވާނެއެވެ. ކޮންމެއަކަސް، ޚަތިމުން ބަލައިގެން ޤުރުއާން ކިޔަވަން ދަސްކޮށްދެއްވީ ދޮންމަނިކައްތައެވެ. އަލިފުބާއާއި ފިލިތައް ނިމި ޤުރުއާން ޖަހައިދެއްވީ ދޮންމަނިކައްތައެވެ. ޚަތިމު ފަށްޓަވައި ދެއްވީ ވެސް ދޮންމަނިކައްތައެވެ.

ޚަތިމު ފެށި ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ރަށުގައި އޮންނަ އާދަކާދައިގެ މަތިން ބޮނޑިބަތް ފަރިވަޅެއް އެދުރުދައިތައަށް މަންމަ ގެންދިޔައެވެ. ފަރިވަޅަކީ މި ފާޑު ކަންކަމާ ގުޅިގެން ދީއުޅޭ ބޮނޑިބަތުގެ ހަދިޔާއެކެވެ. ނުވަތަ މި ފަދަ ނަންނަމުގައި ދީ އުޅޭ ތަކެއްޗަށް ދިވެހިބަހުގައި ބޭނުންކުރާ ލަފުޒެކެވެ.

ބޮނޑިބަތް ފަރިވަޅު ހިފައިގެން އަޅުގަނޑު ގޮވައިގެން އެދުރުދައިތަ ދުރުވީ ރަށުގެ ދެކުނުކޮޅުގައި އޮންނަ ޒިޔާރަތަކަށެވެ. އެ ޒިޔާރަތަށް ކިޔައި އުޅުނީ “ކަރާނާވަލު ޒިޔާރަތާ” މިހެންނެވެ. އޭރުގެ އާދަކާދަ އޮންނަ ގޮތުން މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ ޒިޔާރަތްދޮށުގައި ކިޔަވައި ސަލަވާތް ކިޔަވައި ދުޢާކޮށް ހެދުން އެއީ ކަރާމާތާއި ބަރަކާތް އިތުރުވާ ކަމެއް ކަމުގައެވެ. ކޮންމެއަކަސް އާދަކާދައިގެ މަތިން ކަރާނާވަލު ޒިޔާރަތަށް ގޮސް ޚަތިމު ފަށްޓަވައިދެއްވީ އެދުރުދައިތައެވެ. އެ ތާނގައި އެދުރުދައިތަ ދުޢާކޮށް ހެއްދެވިއެވެ. މުޅިން ކަންވީގޮތެއް ހަނދާނެއް ނެތެވެ. ދެން ފެށުނީ ފިލާގައި ޢައްމާ ފޮތުން ސޫރަތްތައް ލިޔެ ދަސްކުރާށެވެ.

ޚަތިމް ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް އެދުރުދައިތަ ވަރަށް ބޮޑަށް ބަލިވެލެއްވިއެވެ. ދެން އަޅުގަނޑުމެންނަށް ވަގުތީ ގޮތުން ކިޔަވައި ދެއްވީ ލަތީފާއްތައެވެ. އާދެ ނިލަންދޫ އެދުރުގޭ ލަޠީފާއެވެ. ލަތީފާއްތައަކީ ވެސް ދޮންމަނިކައްތަގެ ދަރިވަރެކެވެ. މާގިނަ ދުވަހެއް ނުވެއެވެ. ދޮންމަނިކައްތަ ނިޔާވެއްޖެއެވެ. އެދުރުދައިތަ ނިޔާވި ދުވަސް ވީ ޙަޔާތުން ބައްދަލުވި ހިތާމައިން ކަޅިވި ދުވަހަކަށެވެ. ނިޔާވި އިރު އަޅުގަނޑު އެދުރުދައިތަގެ ގާތުގައި ހުރީމެވެ. ޖަނާޒާގެ ކަންކަމުގައި އެ އުމުރު ކުޑަކުއްޖަކަށް ވެވުނު އެންމެ ރަނގަޅަކަށް އަޅުގަނޑު ޝާމިލްވެ އުޅުނީމެވެ. ލޮބުވެތި އެދުރުދައިތަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ހިތުގެ އިޚުލާޞްތެރިކަމާ އެކު މާތް ﷲގެ ޙަޟްރަތަށް ދެންނެވޭ އަބަދީ ދުޢާއަށް ނިމުމެއް ނެތެވެ.

އެދުރުދައިތަ ނިޔާވިއިރު ޚަތިމު ވެސް އަޅުގަނޑުގެ ނުނިމެއެވެ. ޚަތިމު ނިންމައިދެއްވީ ލަތީފާއްތައެވެ. އެއީ އަޅުގަނޑުގެ ދެވަނަ އެދުރުދައިތައެވެ. އޭރު ލަތީފާއްތަމެންގެ ގެ ހުންނާނީ އަޅުގަނޑުމެންގެޔާ އިންވެގެންނެވެ. އެއީ ހުވަނދުމާގެއެވެ. އެހެންވީމާ ލިލީމާގޭ ގިފިލީ ފާރުބުރިމަތިން އަރައިގެން ހުވަނދުމާގެއަށް ދިޔުން އަޅުގަނޑަށް ވީ ނިކަން ފަސޭހަ ކަމަކަށެވެ. އަޅުގަނޑުމެންގެ ގޭގެ ބަދިގެ ކުރިމަތީގައި ނިކަން ބޮޑު ކުންނާރު ގަހެއް ހުންނާނެއެވެ. އެހައި ރަހަމީރު ކުންނާރެއް އަޅުގަނޑު އަދި ދުވަހަކުވެސް ނުކަމެވެ. ކުންނާރު ގަހުން ކުންނާރު ބިންނަން އަރަނީ ގޭގެ ވަށައި ރާނައިފައިވާ އިންފާރު މައްޗަށެވެ. އެ ފާރު މައްޗަށް އަރައި ބިންނަ ކުންނާރުތަކުން ގިނަ ކުންނާރު ވެރޭނީ ލަތީފާއްތަމެންގެ ގޯތީގެ ތެރެއަށެވެ. އާދެ ހުވަނދުމާގޭ ގޯއްޗަށެވެ. ލިލީމާގެޔާއި ހުވަނދުމާގެ މިހައިވެސް ކައިރިއެވެ. އެހެންވީމާ، އެ ގާތްކަން ދެ ގޭގެ އަހުލުބައިތުންނާ ވެސް އޮންނަނީ ނިކަން ބަދަހިކޮށެވެ.

ޚަތިމްކޮށް ނިމުނު ދުވަހަކީ ވެސް އުފާވެރި ދުވަހެކެވެ. ގެއިން މަންމަ ފަރިވަޅު ހަދައިގެން ލަތީފާއްތަމެން ގެޔަށް ގެންދިޔައެވެ. އެ ގޭގައި އެކަމުގެ އުފާތައް އެއް ފުރާވަރު ކުދިންނާ އެކު އޮތެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ ޓޮފީ މެޓާ ދެއްވީ ލަތީފާއްތައެވެ. އެއީ ރަށްރަށުގައި އޭރު ކުރާ ޒާތު ކަމެއް ވެސް ނޫނެވެ. އެކަމަކު ލަތީފާއްތަ ޓޮފީ ހައްދަވައެވެ. ކުޑަ ތާހަކުންނެވެ. ގެރިކިރާއި ހަކުރު އެއްކުރައްވައިގެންނެވެ. އަޅުގަނޑާއި ފިޔާޟުއާ ދެމީހުންނަށް މާ މީރުވެގެން އުޅޭތީ ލަތީފާއްތަ އެއްދުވަހަކު ޓޮފީ ހައްދަވަން އުޅުއްވިއެވެ. ކުއްލިޔަކަށް ފެނުނީ ޓޮފީ ތާސް ދުންގަތް ތަނެވެ. ޓޮފީ މުޅިން ޚަރާބުވީއެވެ.

ފަޔާޟަކީ ލަތީފާއްތަގެ ދަރިއެކެވެ. އަޅުގަނޑާ ވަރަށް ރަހުމަތްތެރިވާނެއެވެ. މިހާރު ވެސް ނިކަން ގާތްވާނެއެވެ. އަޅުގަނޑުމެން ދެމީހުން ޤުރުއާން ކިޔެވީ ދާދި އެކުއެކީގައެވެ. އެކަމަކު ފަޔާޟް އުމުރުން ދެތިން އަހަރު ބޮޑުވާނެއެވެ. މިކަހަލަ ނިކަން ބައިވަރު ހަނދާންތައް އެ ދުވަސްވަރު ހިތަށް އެރުމުން އެބަ އާވެއެވެ. ލަތީފާއްތަ ވެސް ނިޔާވެއްޖެއެވެ. ވަރަށް ފަހުންނެވެ. އެއީ އަބަދުވެސް ގުޅުން އޮތް ހެޔޮ ދައްތައެކެވެ. މާލެ ކިޔަވަން އައި ފަހުން  ޗުއްޓީގައި ރަށަށް ދާ ކޮންމެ ފަހަރަކު ލަތީފާއްތާއާ ބަދަލުކުރަމެވެ. ލަތީފާއްތަ ގާތުގައި އިނދެ  އުނދޯލި ހެއްލަމެވެ. ކޮންމެއަކަސް މިއަދު ލަތީފާއްތަ ވެސް ވަނީ ހިތުގެ ހަނދާނުގައެވެ. މާތް ﷲ ލަތީފާއްތަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ކުޑަ އިރުގެ ހަނދާންތަކަކީ އުފާވެރި ހަނދާންތަކެކެވެ. ޤުރުއާން ކިޔެވި ދުވަސްތަކުގެ ހަނދާންތައް ޚާއްޞައެވެ. ހުކުރު ދުވަހަށް ފިލާ ދޮވުމާއި ފިލާގައި ކެލާ ލުމާއި މާބުޅާމާ ހުދުކެލާގައި ޖަހައިގެން ޒީނަތްތެރިކުރުން ފަދަ ކަންކަމަކީ ޤުރުއާން ކިޔެވުމުގެ ޅަފަތުގެ ހަޔާތުގައި ހަނދާނުގައި ރަސްކަން ކުރާ އުފާވެރި ހަނދާންތަކެކެވެ.

ޤުރުއާން ކިޔަވައި ނިމިގެން ގެޔަށް އާދެވޭނީ ގާތްގަނޑަކަށް ހެނދުނު 8:30 ނުވަތަ 9:00 އެހައިކަންހައި އިރުއެވެ. ގެއަށް އައިސް ގެއިން މަންމަ ދޭ އެއްޗަކުން ނާސްތާކޮށްލައިގެން ދެން އާންމުކޮށް ގޮސްއުޅޭ ހަނދާންވަނީ އެކުވެރީންނާ އެކު ގުރިއާއި ކަސްބޮލާއި ކަށްޓަފުޅި ހިފާށެވެ. އެއީ މަޖާ ކަމެކެވެ. އުފާވެރި ކަމެކެވެ. ގޭގެ ވަޅުގައި މަސް އޮޅުކޮށްގެން ގެންގުޅުން އެއީ އޭރުގެ ވަރަށް ގިނަ ކުދިން މުނިފޫހިފިލުވާން އާންމުކޮށް ކުރި އެއް ކަމެވެ. އަޅުގަނޑުމެންގެ ގޭގެ ވަޅުގައި ވެސް ގުރިޔާއި ކައްޓަފުޅި ވަޅަށް ނުތަކާ ވަރަށް ހުއްޓެވެ.

ފަހުންފަހުން އައިސް ބޭބެ އަޅުގަނޑަށް ގޭގެ ގިފިލިތެރޭގައި ކުޑަކުޑަ ޓޭންކެއް ރާނައި ދިނެވެ. އެ ކަންވީ ލިބުނު މާ ބޮޑު އުފަލަކަށެވެ. އެ ފަދަ ޓޭންކެއް އޭރު ހުރީ އަޅުގަނޑު އަތުގައި އެކަންޏެވެ. ބައެއް ރައްޓެހިން ގެނެސްގެން ޓޭންކު ދައްކައި ނިކަން “ފޮނިވެސް” ކެނޑީމެވެ. ހަގީގަތުގައި ކުޑައިރުގެ މި ފަދަ އުފާތައް ވަނީ މިއަދު އެ ކަންކަމާ މެދު ވިސްނީމާ ހިތަށް ލިބޭ ވަރަށް ބޮޑު އުފާތަކަކަށެވެ. ރަށްފުށުގައި ބޮޑެތިވާ އަޅުގަނޑު ފަދަ ކުދީން އުޅޭ އުފާވެރި މިނިވަން ދިރިއުޅުން ވަރަށް ހިތްގައިމެވެ. އެންމެ ދެރަވަނީ ތުއްތު އިރާއި ކުޑަ އިރު އަޅުގަނޑު އުޅުނު އުފާވެރި މިނިވަން ދިރިއުޅުން އަޅުގަނޑުގެ ލޮބުވެތި ދަރީންނަށް ހޯދައި ނުދެވުނީތީއެވެ. ކުދީން ލިބުނު އިރު ދިރިއުޅުމުގެ ހާލަތާއި ތަނާއި ޒަމާން ވަނީ އެތައް ގޮތަކަށް ބަދަލުވެފައެވެ.

ހިތަށް އަރައެވެ. އަޅުގަނޑުމެން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން މި އަންނަ އައުމުގައި އަޅުގަނޑުމެންގެ ދިވެހިވަންތަ ވެށްޓާއި ދިވެހިވަންތަ ސަގާފަތާއި އާދަކާދައާ މެދު އަޅައިނުލަނީ ކީއްވެގެން ބާވައެވެ! އިއްޔެގެ ދިވެހި ކުދިން ދިވެހި ވެށިން އިއްޔެ ހޯދި އުފަލާއި ހިތްހަމަ ޖެހުން އަދުގެ ކުދީންނަށް އަދު ލިބޭނޭ ހެން ތަރައްގީގެ މަގުތައް ކޮށައި އާރާސްތު ނުވަނީބާވައެވެ!  އުފާވެރި އަމާން އަތިރިމަތިތަކާއި ހިތްގައިމު ހޭޅިފަށްތަކާއި ހުދު ހިމުން ސާފު ދޮންވެލީގެ ގުދުރަތީ ހިތްގައިމުކަން މުސްތަގުބަލުގެ ރާއްޖޭގެ ގޮނޑުދޮށްތަކުން ފެންނާނޭހެން ތަރައްގީގެ އިސްތިރާޖީ ތަދުބީރުތައް ނުރޭވޭނެ ބާވައެވެ! މޫދާއިވިލުތަކުގާއި ދިގުފާލަންކޮޅުތަކުން އުސްފުންމުން ފުންމަމުން ބުރުއަޅަމުން ފުން މޫދުތަކަށް  ފުންމައިލައި ފަޅުމަތީ ބޮއްކޮރާފަހަރާއި ބައްތެލިފަހަރުތަކަށް އަރައި މޫދަށް ފުންމައިލައި ފަތައި ފީނައި އުފާކުރުމުގެ ހިތްހަމަ ޖެހުން އަދުގެ ދިވެހި ދަރީންނަށް ހޯދައިދެވޭނޭ ހެން ތަރައްގީއާއި ކުރިއެރުމުގެ ގައުމީ މަގުޗާޓުތައް ނުކުރެހޭނެ ބާވައެވެ! ސުވާލަކަށް ފަހު ސުވާލެކެވެ. ދިވެހީންނަށް ހޯދައިދެވޭނެ ހަގީގީ ތަރައްގީއަކަށް ވާނީ ރާއްޖޭގެ މުސްތަގުބަލަށް ރާއްވާ ތަރައްގީގެ ތަދުބީރުތަކުން މި ދެންނެވި ފަދަ ކަންކަމަށް، އާދެ ދިވެހިވަންތަ ދިރިއުޅުމަށް، ދިވެހިއްޔަތަށް ޖާގަ ދީގެން ކުރާ ތަރައްގީ ނޫންތޯއެވެ!

 

ޝެއަރކުރެއްވުމަށް