އިލާހީ ޤާނޫނާ އެއްގޮތަށް ހުޅަނގު ފަރާތަށް ފެތުރިފައިވާ ފަރުބަދަތަކުގެ މަތީން އިރުއޮއްސޭން ދަނީއެވެ. އިރުގެ ދިލަ ހޫނުކަން ކެނޑި ޖައްވުގައި އަނދިރިކަން ރަސްކުރަން ފަށައިފިއެވެ. ފަރުބަދަ މަތީގައި ތިބި ދެ ޒުވާނަކު މި މަންޒަރަށް ނަޒަރު ހުއްޓާލައިގެން ތިބީއެވެ. އޭގެތެރެއިން އެކަކަށް ތަސައްވަރު ކުރެވުނީ ރޭގަނޑު ފެށުނުކަމެވެ.އަނެކަކަށް އިހުސާސް ކުރެވުނީ ފަތިހަށް ދުނިޔެ ތައްޔާރުވީކަމެވެ.

އާދޭހެވެ. އިރުއޮއްސޭ ކޮންމެ ފަހަރަކީ ރޭގަނޑުފެށި ފަތިހަށް ތައްޔާރުވުމުގެ ފުރުސަތަކެވެ. ނަމަވެސް މި ދެކުންތަކާ މެދު އެއްފަހަރާ ވިސްނަނީ މަދު ބައެކެވެ. އެހެނީ ކަންތައްތައް މަތިމަތިން ދެކޭ މީހަކަށް ފެންނާނީ ކޮންމެ ކަމެއްގެ ވެސް ބޭރު ފުށެވެ. އެ ކަމަކާ މެދު ފުންކޮށް ވިސްނުމަކީ އެ ފަދަ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ފުން ނަޒަރަކުން ކަންތައްތައް ދެކޭ މީހަކަށް ވަރަށް ދުރު ފެންނާނެއެވެ. ބޭނުންވަނީ މިފަދައިން ވިސްނާ ސިކުނޑި އެކެވެ. ކަމެއްގައި “ނާކާމިޔާބީ” އާ ކުރިމަތިލުމަކީ އެކަމެއް ނުވާނެ ކަމަށްބަލައި ފޮތްލައްޕާލުމުގެ އާދައެއް ނޫނެވެ. އައު ޞަފުހާއެއްގައި އަލުން ތަސްވީރުތައް ކުރުހާލައި”ކާމިޔާބީ”ގެ މަގުޗާޓު ރާވާލުމުގެ ވިސްނުމެވެ.

އޮޑީދޯނިފަހަރު ބަންނަނީ ބަނދަރުގައި އަޅާފައި ބެހެއްޓުމަކަށް ނޫނެވެ. ނަމަވެސް ދަތުރަށް ފުރައި މަންޒިލާ ހަމައަށް ވާސިލުވެވޭތޯއެވެ. އަރުތައަށް މަސައްކަތްކުރާ އިންސާނާގެ ކަންހުންނަން ޖެހޭ ގޮތަކީ މީއެވެ. ކާމިޔާބު ހޯދުމަށް ހަމައެކަނި ސިކުނޑިން ވިސްނުމުގެ ބަދަލުގައި މަސައްކަތުގެ މައިދާނަށް ނިކުމެ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ކަނޑުގައި ރާޅު އުފެދި އެ ރާޅުތައް ތޫފާނަކަށް ބަދަލުވެދާނެކަމަށް ސަމާލުވެގެންނެވެ. އިންސާނުންގެ ތެރޭގައި ތަފާތު އެތައް ވައްތަރެއްގެ ބަޔަކު އުޅޭނެކަން ހަދާންކުރަން ވާނެއެވެ. އެކެއްގެ މަޞްލަޙަތާއި އަނެކެއްގެ މަޞްލަޙަތާ ފުށުއަރާ ފަހަރު ވެސް އާދެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ތަފާތު ޖަޒުބާތުތަކާއި އަސަރުތައް ވެސް ކުރެއެވެ. ކޮންމެ ހިނިތުންވުމަކީ ހިތްހެޔޮކަމުގެ ނިޝާނެއް ނޫންކަން ދެނެގަންނަން ޖެހެއެވެ. ކާމިޔާބު އެދޭ މީހާއަށް އޮތީ ރާސްތާއަށް ހުރަސްއެޅޭފަދަ ވިސްނުންތަކުން އެއްކިބާވެ ލަނޑުދަނޑިއަށް ވާސިލުވުމުގެ މަގު އަމާން ކުރުމެވެ.

އެކަނިވެރިކަމާއެކު ޝަހަރެއްގައި ދިރިއުޅުނު ރާހިބަކު ފާރެއް ރޭނިއެވެ. މެހެމާނުންތަކެއް އެ ޝަހަރަށް ކުރި ޒިޔާރަތުގައި އެ ފާރާ ދިމާއަށް ބަލަން ތިބެފައި ބުންޏެވެ. “މިއީ ހާދަހާ ރީތި ފާރެކެވެ.” އެހިނދު ރާހިބުމީހާ އާ އެމީހުން ސުވާލުކުރިއެވެ. “ލޯފުޅު ފުހީތޯއެވެ؟ އެހެރަ ރީތި ފާރު ހުތުރު ކޮށްލި ދެ ގައު ފެނިވަޑައެއް ނުގަނޭތޯއެވެ؟” ސުވާލަށް އޭނާ ދިން ޖަވާބުގެ ސަބަބުން ރާހިބުމީހާގެ ނަޒަރު އެއް ފަހަރުން ބަދަލު ވެގެން ހިނގައްޖެއެވެ. އޭނާ ބުންޏެވެ. “ނޫނެކެވެ. ކަތިކޮށް އެހެރަ ދެ ގައު އަހަންނަށް އެބަ ފެނެއެވެ. އަދި ނުލާހިކު ރީތިކޮށް، ސީދަލަށް އެހެރަ ނުވަ ސަތޭކަ ނުވަދިހަ އަށް ގައު ވެސް އެބަ ފެނެއެވެ.” މިއީ އަހަރެމެން ތެރެއިން ގިނަ އިންސާނުންނަށް ވެސް ވާގޮތެކެވެ. ކުރެވޭ މަދު ކުށެއްގެ ދަށުވެ، ރަނގަޅަށް ކުރެވޭ އެތައް ކަމެއްގެ މަތީން ހަނދާން ނައްތާލައި ނާކާމިޔާބީގެ މާޔޫސްކަން އިސްކުރަނީއެވެ. ނަމަވެސް މިއީ ކާމިޔާބީގެ ޝަރުތުތަކާ ބީރައްޓެހި ރުކުނެކެވެ.

ﷲ ތަޢާލާގެ މި ދުނިޔޭގައި، ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް ފުރުސަތު ބަންދުވެގެން ދިއުމަކީ ވާނޭ ކަމެއް ނޫނެވެ. މިއީ ގުދުރަތުގެ ނިދާއެވެ. ކުރެވޭން އޮތް ކަމެއްގެ މަގު ބަންދުވުމާއެކު، ހަމަ އެ ވަގުތު އެހެން ކަމެއްގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެއެވެ. ހުޅަނގު ފަރާތަށް އިރުއޮއްސުމާއެކު ގިނަ އިރުތަކެއް ނުވެ އިރުމަތީ ފަރާތުން އަލިކަންގަދަ ވޮށެށް ބަނބުޅަން ފަށައެވެ. މުޅި ޖައްވުވަނީ ހަނދުގެ އަލިން ރޯޝަންވެފައެވެ. މިއީ އިންސާނާގެ ދިރިއުޅުމުގެ ކަންތައްތައް ވެސް އޮންނަ ގޮތެވެ. ކޮންމެ ނާކާމިޔާބެއްގައި، ކާމިޔާބީގެ އައު ފުރުސަތެއް ފޮރުވިފައި އޮވެއެވެ. އެހެންކަމުން އިންސާނުންނަށް އޮތީ ބުއްދީގެ ތަރާދުން ވިސްނައި ބަލިވީބަލިވުން މޮޅުވުމަކަށް ބަދަލުކޮށްލުމެވެ. އޭރުން ކާމިޔާބުގެ މެޑެލި ލިބޭނެކަން ކަށަވަރެވެ.

ދެންއޮތީ ކާމިޔާބު ދަމަހައްޓަން މަސައްކަތްކުރުމެވެ. ގަހަކަށް ނަޒަރު ހިންގާލަމާތޯއެވެ. އޮށް އިންދައި ކުރިލާ ގަސް ފޯދި ފަތްފަޅާ ހެދިބޮޑުވުމަށް އެތައް މަރުހަލާއެއް ކަނޑައްތުކުރެއެވެ. ކެއްތެރިކަމާއެކު ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުން ޗާލު ކުލަތަކުގެ ފޮނި މޭވާ ލިބެއެވެ. މިކަމާ އިންސާނުންގެ ދިރިއުޅުމާ މާބޮޑު ތަފާތެއް ނެތެވެ. ކެތްތެރިކަން އިސްކޮށް  މަދުން ލިބުނަސް ހިތްހަމަ ޖައްސާލައިގެން ހުންނަން ވީއެވެ. ފަހުން ގިނައިން ލިބޭނޭ ކަމުގެ އުއްމީދު ކުރަންވީއެވެ.އޭރުން ނަތީޖާ ފޮނިވާނެކަން ގައިމެވެ.

ކާމިޔާބީއަށް ޓަކައި ފައްސިކޮށް ވިސްނިދާނެއެވެ. ކެނޑިނޭޅި މަސައްކަތްކޮށް ހެދޭ ގޯސްތަކުގެ ބަދަލުގައި ފުރުސަތުގެ ބޭނުން ވެސް ހިފިދާނެއެވެ. ނަމަވެސް މި އެންމެހައި ކަމެއް ކުރިޔަސް ކާމިޔާބަކީ މާތްﷲ ދެއްވާ ނިޢުމަތެއްކަން ހަނދާކުރަންވާނެއެވެ. ފުރިހަމަ އިސްލާމީ އިޢުތިޤާދުގެ މަތީގައި ސާބިތުވެ އިޚުލާސްތެރިކަމާއެކު ދެމިހުންނާށެވެ. އޭރުން ކާމިޔާބީގެ މަގުޗާޓު ފުރިހަމަ ވާނެއެވެ.

ޝެއަރކުރެއްވުމަށް