ޤައުމަކީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫނެވެ. ޤައުމަކީ ވަކި މީހެއްގެ މިލްކެއް ވެސް ނޫނެވެ. ޤައުމަކީ އެ ޤައުމެއް ހިއްސާކުރާ ހަމަ ކޮންމެ ރައްޔިތެއްގެ ތަނެކެވެ. ޤައުމުގެ ކުރިއެރުމާއި ޤައުމުގެ ކެރިފޯރުންތެރިކަން ހިއްސާކުރާނެ ބަޔަކީ އެ ޤައުމެއްގެ ފަރުދުންނެވެ. ޤައުމުގެ ކުރިމަގު އުޖާލާކަމާއެކު ފެންނަނަމަ އެ ޤައުމެއްގެ ރައްޔިތުންގެ މޫނުމަތިން ހާއުފާވެރިކަމުގެ މަންޒަރުތައް ހާމަވެގެން ދާނެކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން ޤައުމުގެ ޙައްޤުގައި ޖިހާދުކުރިހާ މުޖާހިދުންގެ ކުރިމަތީގައި ޤައުމު ސިފަވެގެން ދަނީ ޤައުމަކީ އެމީހާ އެތަނަށް އުފަންވި މަންމަ ކަމުގައެވެ. ޝަރަފާއި ޢިއްޒަތާއި ޙުރުމަތާއެކު ބަލައިގަންނަންޖެހޭ އަމިއްލަ ވަޠަންކަމުގައެވެ. މައިވަންތަ ކުލުނު ފަދަ ވަރުގަދަ ކުލުނެއް އެމީހަކު އުފަން ފަސްގަނޑާމެދު އޮންނަ ފަދައަކުންނެވެ. ތިމަންނައަކީ މިވެނި ޤައުމެއްގެ ރައްޔިތެކޭ ބުނެވޭއިރު ހިތަށް ކުރެވޭ އިޙުސާސާއި އަމިއްލަ ނަފުސަށް ލިބޭ އުފަލަކީ އެހެން ކޮންމެ ކަމަކުން ލިބޭ އުފަލަށް ވުރެ މާ މަތިވެރި އުފަލެއްކަމަށް ޤަބޫލުކުރެވެނީ މި ދެންނެވި ސަބަބަށް ޓަކައި ކަމުގައި ނޫނީ ނުވާނެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ހާދިސާތަކަށް ބަލާއިރު، ރާއްޖޭގައި ޤައުމަށް ޓަކައި ޤުރުބާންވެ އެބައިމީހުންގެ ފުރާނަ މި ޤައުމުގެ ޙައްޤުގައި ޤުރުބާންކުރެއްވި ހިތްވަރުގަދަ ބަޠަލުންގެ ނަންކިޔޭ ހިނދު ހެވިކަމަށް ކުޅަދާނަ ހަނގުރާމަވެރިންނާއި، ކަންވެރިންނާއި، ރައިވެރިންނާއި މިފަދަ އެތައް ފަންނެއްގެ ބޭފުޅުން ހިމެނެއެވެ. އަދި ހިތްވަރުގަދަ އަންހެން ބޭފުޅުން ވެސް ހިމެނޭކަމީ ވަކިން ކުޑަކަމެއް ނޫނެވެ. އެގޮތުން އަޅުގަނޑު ފާހަގަކުރަން މި ގަސްތުކުރަނީކީ ވަރަށް މުހިންމު ވަރުގަދަ ޖިހާދެއް ކުރެއްވި ފަރާތެއްގެ ވާހަކައެވެ. ފަހަރެއްގައި ވެސް ވިލިނގިލީ ރައިވެރިބެއެއް ނޫނެވެ. ދުވާފަރު ދަންޑެހެލެއް، ނޮޅިވަރަމްފަރު އެދުރުކަލޭފާނެއް އަދި ކަނބާޢައިޝާ ރަނިކިލެގެފާނެއް ނޫނެވެ. ދޫދޫމަތިން ދެކެވެމުން އަންނަ ފޯކްލޯއެކެވެ. ނަމަވެސް އެވާހަކައާ ގުޅުން ހުރި ޙަޤީޤަތެއް ފެންނަން އޮތުމާއެކު އެ ވާހަކައިގާ ކޮންމެވެސް ވަރެއްގެ އަސްލެއް ވާކަމަށް އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރާތީ އެއީ ޙަޤީޤަތެއްނަމަ އެކަމުގައި ޤައުމުދެކެ ލޯބިވާ ފަރާތްތަކެއް ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކަށް އެކަން ހިމެނޭތީ އެ ވާހަކައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ތާރީޚު ވެސް، އަދި ޒަމާންވީ ބައެއް ތާރީޚީ ހާދިސާތަކަކީ ވެސް، އަކުރުންއަކުރަށް ލިޔެވިގެން އައިސްފައި ހުރި ކަންކަމަކަށް ނުވެއެވެ. ބައެއް ވާހަކަތައް ދޫދޫމަތިން ދެކެވެމުން އަންނަ ވާހަކަތަކުގެ ގޮތުގައި އައިސްފައިވާއިރު އެ ވާހަކަތަކަށް އުނިއިތުރު އައިސް އެކަންކަމުގެ އަސްލާ މެދު މީހުންގެ ހިތުގައި ސުވާލު އުފެދޭވަރަށް ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް ރާއްޖެ އިސްލާމްވުމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ އޭގެ މާނަ ތަފާތުވާފަދަ ގޮތްތަކަކަށް ދެކެވެމުން އައިސްފައިވާ ވާހަކަތަކެކެވެ. ނަމަވެސް އެކަމަކީ ކޮންމެވެސް ސިފައެއްގައި ހިނގި ކަމެއްކަން ކޮންމެ މީހަކު ވެސް ޤަބޫލުކުރެއެވެ.

ރާއްޖޭގެ ވެރިރަށް ކަމަށްވާ ފުރަމާލެއަކީ ރާއްޖޭގެ ރަސްކަމުގެ އާރާއި ބާރު، އަދި އެންމެހާ އަމުރު މަޢުރޫފު ނެރެހަދާ ރަސްކަމުގެ ގަނޑުވަރު ހުރި ރަށެވެ. އެހެންކަމުން ކުރީޒަމާނުގައި ބޭރުގެ ހަނގުރާމަވެރިން މާލެއަރާ އެކިވަރުގެ ގެއްލުންދީ އަތުޖެހުނު އެއްޗަކާ، އަތުޖެހުނުހާ މީހަކު ގޮވައިގެން ދާކަން ދިވެހި ތާރީޚުން ހެކިދެއެވެ. އެގޮތުން ޕޯޗްގީޒުންނާއި ދިވެހިން ކުރި ހަނގުރާމާގައި 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދުވެ ދިވެހިން ޕޯޗްގީޒުންގެ އަޅުވެތިކަމުގެ އުނގަށް ވެއްޓުމުގެ އިތުރުން ހިޖުރައިން 1017 ހ. ވަނަ އަހަރު މަލާބާރީންގެ ބަޔަކު ރާއްޖެ އައިސް ކަލާފާނާ ހަނގުރާމަކޮށް، އެ ރަދުން ޝަހީދުކުރުމަށްފަހު މާލެއަރާ ގަނޑުވަރު ތެރެއިން އަތުޖެހުނުހާ އެއްޗެއް ފޭރިގަނެގެން ދިޔައިރު، ދިޔައީ ގަނޑުވަރުތެރޭގެ ބޭފުޅެއްކަމަށްވާ ކަޅުތުއްކަލާ (ފަހުން ބޮޑުރަސްގެފާނު) ގޮވައިގެންނެވެ. އޭގެފަހުން ހިޖުރައިން 1170 ހ. ވަނަ އަހަރު އައްސުލްޠާނު މުކައްރަމް މުޙައްމަދު އިމާދުއްދީނުގެ ރަސްކަމުގައި ވެސް ކަންނަންނޫރު ޢަލީރާޖާ ފޮނުވީމައި މަލަބާރީން ދިވެހިރާއްޖެއާ ހަނގުރާމައަށް އައިސް ގަނޑުވަރު އަންދާލައި، ރަދުންނާއި، އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކާ އަދިވެސް ދިވެހިންގެ ތެރެއިން ވަރަށް މާތް ބަޔަކު، ކަންނަންނޫރަށް ގެންގޮސް ހޮޅިންގެ ވެރިކަމެއް ރާއްޖޭގައި ފެށިއެވެ.

އެ ނުރައްކާތެރި ފަހަރުތަކުގައި އެ އަނިޔާތަކުން ސަލާމަތްވެ ތިބުމަށް ޓަކައި ދިވެހިން ކޮށްފައިވަނީ ހަމައެކަނި ކަނޑިބަޑީގެ ހަނގުރާމައެއް ނޫނެވެ. ލޮންސިއާއި ސިލޭހައިގެ ހަނގުރާމައެއް ވެސް ނޫނެވެ. އާންމުކޮށް ބޭރުގެ ބާރުތަކުގެ ދުއްތުރާތައް ރާއްޖެއާ އަމާޒުވާ މޫސުމަކީ އިރުވައި 4 މަސް ދުވަސްކަމަށްވާތީ، އެ ދުވަސްވަރާ ދިމާކޮށް، ބަޑިހެލުމާއި، އިރުވައިކޮލިލުމާއި، އިރުވައިމައުލޫދު ކިއުމާއި، އިރުވައިކަންޒޫރި ދިނުންފަދަ ކަންކަމުގެ އިތުރުން 25 ޒިޔާރަތަށް ދުން ދިނުންފަދަ ފިކުރީ ކަންކަން ކޮށްއުޅުނެވެ. އިރުވައި ކޮލީގައި ކިޔާއުޅޭ އިބާރާތަކީ “ދެބަނޑޮސް ދޭތެރެއިން އޮޑިއެއް، ދޯންޏެއް ނުވަނުމަށާއި، ފާރުދޮށް ކޮށައި ދަމަށް އަރާން ކުރާއަމުރު” މިއެވެ. މި ކޮލިލުމަށްފަހު ދެބަނޑޮސް ދޭތެރެއަކުން ރާއްޖޭގެ އެއްވެސް އުޅަނދެއް ނުވަންނާނެއެވެ. ވަނަސް ވަންނާނީ ހަތުރުވެރިކަމުގައި އަންނަ ބޭރު ހަނގުރާމަވެރި އުޅަނދެއް ކަމުގައި ދިވެހިން ތިބެނީ ޤަބޫލުކޮށްގެންނެވެ. މިއީ ވެސް ރާއްޖެ ދިފާޢަށް ކޮށްއުޅުނު ކަމެކެވެ. މިއީ ފިކުރީ ގޮތުން އެ ޒަމާނުގައި ދިވެހީންގެ ތެރޭގައި ކަންހުރި ގޮތެވެ.

މި ދެންނެވި ދުވަސްވަރު މާލޭގެ ދިފާޢަށް، ޤަބޫލުކުރަން ދަތި އެތައް ކަންތައްތަކެއް ކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ވަރަށް ކުރިން އަހާ ވާހަކައަކާ ގުޅުން ހުރި ހެއްކެއް ފެނިފައިވާތީ، އެކަމުގައި އަޅުގަނޑުގެ ސިކުނޑިން ވިސްނާލުމުން ފެންނަންހުރި ބައެއް ކަންކަން ކިޔުންތެރިންނާ ހިއްސާ ކޮށްލަން ގަސްތު ކުރަމެވެ. އެ ވާހަކަ އަޅުގަނޑު އަހާގޮތް ތިރީގައި ނަކަލު ކޮށްލަނީއެވެ.

“ރާއްޖޭން ބޭރުން ހަނގުރާމަވެރިން މާލެއަށް އަރައި މާލޭގެ ތަންތަން ފޭރި، މީހުން އަތުލައިގަނެ ހިތުހުރި ގޮތެއް ހަދާތީ، އެ ދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަސްކަލަކު، މާލޭ ބޮޑު ގަނޑުވަރާ ދިމާ އުތުރުން ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯށި ނަމަކަށް ކިޔާ ދޮރޯއްޓެއް ބެހެއްޓެވިއޭ. އެ ދޮރޯށި މެދުގައި ވަރަށް ބޮޑު ގަލެއް ބޭއްވިއޭ. އެ ގަލަކީ މުއްދަތުލާ ގާގަނޑޭ.”

މި ދޮރޯށި ހަދާފައި އެގާ ބޭއްވީ މާލެއިން އުތުރުން ކަންވެރިއަކާއި، މާލެއިން ދެކުނުން ކަންވެރިއަކާއި، މާލެގެންނަވައި، އެ ދެ ބޭކަލުން ދެއްވެވި އިރުވަރުގައި، ކަނޑުން ލޮނު ނަގައިގެން ހަތް ހިރިގާވަޅުން ފެން ނަގައިގެން ގެނެސް އެ މަތުރާފައި، އެކަކު ވަޅުތެރޭގައި އަނެކަކު މަތީގައި ތިބެގެން އެ ކިޔެވި ކިޔެވެއްޔަށްފަހު އަޑީގައިހުރި މީހާގެ ބޯމައްޗަށްވާ ގޮތަށް މާރުޖަހާ އުފުލާފައި އޮތް ގާ ކަނޑާ ވައްޓަލީ ކަމުގައެވެ. އެކަން ކުރީ އެމީހާގެ ވެސް ރުހުމުގައި އެމީހާގެ އާއިލާގެ މަރު ދުވަހަށް ސަރުކާރުން ބަލާގޮތަށް އެއްބަސްވެގެން ކަމަށް ކިޔައެވެ. މި ދެންނެވި ގާ ފެއްތުމަށްފަހު، ބޭރުން އަންނަ މީހަކު މާލެ އަރުވަނީނަމަ، އަރުވަނީ އެ ގާ މަތިން ކަމަށާއި، އެ ގާ މައްޗަށް އެމީހަކު އަރާއިރަށް އެމީހަކު ތުރުތުރުއަޅައިގަނެ، އެމީހާގެ ޚިޔާލު ބަދަލުވެ، އައިލަކަށްވުރެ އަވަހަށް ދާންއުޅޭކަމަށް ވެސް އެ ވާހަކާގައި ކިޔައެވެ.

މި ވާހަކަ އަހާފައިވަނިކޮށް ވަރަށް ފަހުން، ދާރުލްއާސާރަށް ދެވުނު ދުވަހެއްގައި ސަލްޓަންޕާކު ގޯތިތެރޭގައި ހަތަރު ބިއްތަރި އެއްވަރު ކުޑަތަންކޮޅެއް ދިގުކޮށް އޮތް ބޮޑު ހިލައެއް (ބޯމިނުގައި ގާތްގަނޑަކަށް ކައިވަތަކަށް ވުރެ ކުޑަނޫން، ދިގުމިނުގައި 5 ވަރަކަށް ފޫޓު ފުޅާމިނުގައި 4 ވަރަކަށް ފޫޓު ހިލައެއް) އޮއްވާ ފެެނުނެވެ. އެ ހިލައިގެ މެދުގައި، އެ ހިއްލާ ހަދަން މާރުޖަހަން ލޯވަޅެއް އަޅާފައިވާތީ ވެސް ފެނުނެވެ. މި ހިލަ ފެނިގެން އެ ހިލައާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްލުމުގެ ގޮތުން އެތަނުގައި ހުންނެވި ދާރުލްއާޞާރުގެ އިސް ބޭފުޅެއްކަމަށްވާ އަލްފާޟިލް ޢަލީ ވަޙީދު އަރިހުގައި އެއީ ކޮން ހިލައެއްތޯ ދަންނަވާލުމުން އެ ހިލައަކީ ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯށި ތެރޭގައި އޮތް ހިލަ ކަމަށާއި، ޖުމްހޫރީމައިދާން ހަދަންވެގެން އެ ހިލަ ނަގައިގެން ގެންގޮސް އަލިމަސްޔޫބީލް ކާނިވާ ތެރޭގައި ބާއްވާފައި ވަނިކޮށް އެ ހިލައަކީ ވަރަށް ތާރީޚީ ހިލައަކަށްވާތީ، ގެނެސް ސަލްޓަންޕާކު ތެރޭގައި ބޭއްވީކަމަށް ވިދާޅުވިއެވެ. ޢަލީ ވަޙީދު ކުރެން އިތުރަށް އެ ހިލައާ ބެހޭގޮތުން ދަންނަވާލުމުން، އެ ހިލައަށް މީހުން “މުއްދަތުގާ” ކިޔާ ކަމަށާއި، ބުނެއުޅޭ ގޮތުގައި ބޭރުން ވަޑައިގަންނަވާ ބޭބޭފުޅުން މާލެއަށް އަރާވަޑައިގަންނަވާނީ އެ ހިލަ މަތިން ކަމަށާއި އެ ހިލަ މައްޗަށް އަރާއިރަށް އެމީހެއްގެ ވިސްނުން ބަދަލުވެއޭ، މިކަހަލަ ވާހަކައެކޭ ދައްކަނީ ކަމަށް ވިދާޅުވިއެވެ.

މި ވާހަކަކޮޅާ އަޅުގަނޑު އަހަމުންއައި ވާހަކައާ ގުޅުވާލީމައި އެ ހިލައަކީ، ވަރަށް މުހިންމު ހިލައެއްކަން އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އޭގެ ދަށުގައި މީހެއްގެ ފުރާނަ ދުއްވާލިކަމަށް ކަނޑައެޅިގެން ނުވިނަމަވެސް ކޮންމެވެސް މުހިންމު ކަންތައްތަކެއް ހިނގާފައިވާ ތާރީޚެއްއޮތް ހިލައަކަށް އެ ހިލަވާނޭކަމަށް ދަންނަވަން ޖެހެއެވެ.

މި ދެންނެވި ހިލަ އޮތް ކަމަށް ބުނާ ދަތުރަށް އަރާ ވަޑައިގަންނަވާ ދޮރޯށި ހުރި ހިސާބު ގާތްގަނޑަކަށް މިހާރު އެވަނީ ޖުމްހޫރީމައިދާނުގެ މެދަކާ ވާހިސާބެވެ. ފަހުގެ ތާރީޚުގައި އެ ދޮރޯށި ބޮޑުކޮށް ރާނާ އެ ދޮރޯށި މަތީގައި 4 މާރިޗު 1966 ގައި ބޮޑުގަޑިއެއް ބެހެއްޓިއެވެ. ފަހުން ކޯއްޓޭކޮޅަށް ގެނެވުނު ބަދަލަކާ އެކު ވެސް އެ ހިސާބު ހިމެނިގެންދިޔައީ ބޭރުން ގެންނަ މުދާ ބާލާ އުޅޭ ކާރޫބާރޫ ބޮޑު މުހިންމު ސަރަޙައްދެއްގެ ގޮތުގައެވެ. އެ ދުވަސްވަރު ކަސްޓަމު ސަރަޙައްދު ކިޔާއުޅުނީ އެ ސަރަޙައްދަށެވެ. ބޮޑެތި ގުދަންތަކާއި މުދާ ބޭލުމުގައި މީހުން އަވަދިނެތި އުޅުނުއިރު، ކަނޑުމަގުން މީހަކު އައިސް މާލެ ފައިބާނަމަ ފުރަތަމަ ވަންނަންޖެހޭ ތަނަކީ ކަސްޓަމްސް ސަރަޙައްދުގައިހުރި ކަސްޓަމްގެ ބެގޭޖް ރޫމަށެވެ. މިބައި ހުންނަނީ ކާޑު ބާލާ ތިން ގުދަނުގެ އިރުން ޖުމްހޫރީމައިދާނުގައި ދޮށިމޭނާ ބިލްޑިންގގެ އުތުރަށް އޮތްބިމުގައެވެ.

ކޮންމެއަކަސް ޤައުމަށް ޓަކައި އެ ގަލުގެ ދަށުގައި މީހަކު އެ މީހާގެ ފުރާނަ އެނގިހުރެ ގަސްތުގައި ޤުރުބާންކުރި ކަމަށް ވާނަމަ އެމީހަކީ ޤައުމަށް ޓަކައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބަޠަލަކަށް ނޫނީ ނުވާނެއެވެ. އޭނާގެ ހިތުގައި ޤައުމާމެދު އުފެދިފައިވާ ޤަދަރާއި ލޯބި އެއީ ދުނިޔަވީ އެއްވެސް ޙާލަތެއްގައި އަޅާކިޔާލެވޭނެ ވަރުގެ ކަމަކަށް ނުވާނެއެވެ. އެތައް ބައެއްގެ ޙައްޤުގައި މި ޤައުމުގެ ކީރިތިކަމާއި މޫރިތިކަމުގެ އަގަކަށް ދީން ޙިމާޔަތްކުރުމުގެ އައްޑަނައަކަށް އޭނަ ހެއްދެވިކަމަށް އެ ވާހަކައިގައި ކިޔަނީ އޭނާގެ ފުރާނައެވެ. އަދި މީނާގެ މި ޢަމަލުން ދައްކައިދެނީ، މި ލިޔުން ފަށަމުން އަޅުގަނޑު ދެންނެވިހެން، ޤައުމަށް ޓަކައި ކޮންމެ މީހަކަށް ވެސް މަތިވެރި ޖިހާދެއް ކުރެވިދާނެ ކަމެވެ. މާތްﷲ އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި މިހާރު ވެސް ޖުމުހޫރީމައިދާނުގެ ސަރަޙައްދުގައި ބޭރުގެ ޢިއްޒަތްތެރިންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވޭ ރަސްމިއްޔާތަކުން ރަމުޒުކޮށްދެނީ މި ޤައުމުގެ މިނިވަންކަމަށް ޓަަކައި ފިކުރީ ކަންތައްތަކެއް އެ ސަރަޙައްދުގައި ކޮންމެ ސިފައެއްކަމުގައި ނަމަވެސް ހިނގާ ގޮސްފައިވާކަމެވެ.

ޝެއަރކުރެއްވުމަށް