ދިވެހި ސިފައިންނަކީ އަބަދުވެސް އިޖުތިމާޢީ ހަރަކާތްތަކުގައި، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ބައެކެވެ. ޚިދުމަތުގައި 116 އަހަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާ މި މުއައްސަސާގެ ޚިދުމަތަށް ނަޒަރު ހިންގާލާއިރު، ދިވެހި ސިފައިންނަކީ ޚިދުމަތަކީ އިޖުތިމާޢީ ގޮތުން އަބަދުވެސް ފާހަގަކޮށްލެވޭ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ބައެކެވެ.

މީލާދީ ސަނަތުން 1960ގެ ކުރިން ރާއްޖޭގައި އެއަރޕޯޓެއް ނޯވެއެވެ. ނަމަވެސް 1907 އޮކްޓޫބަރު 25 ވަނަ ދުވަހު މަތިންދާބޯޓެއް، މާލެ ޖެއްސިކަމުގައި ތާރީޚު ބުނެއެވެ. އެ ބޯޓަކީ މާލެ، ބަނދަރުގައި އޮތް ޖަޕާން މަނަވަރަކުން އައި ބޯޓެއްކަމުގައި ވެސް ތާރީޚު ހެކިދެއެވެ. އެހެންކަމުން 1960ގެ ކުރީކޮޅުގެ އަހަރުތަކާ ހަމައަށް އައިއިރު ރާއްޖެއަށް ވެސް ވައިގެމަގުން ދަތުރުފަތުރުކުރުން މުހިންމުކަމުގައި ފާހަގަކުރެވިގެން ހުޅުލޭގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވިއެވެ. މި މަސައްކަތަކީ އެ ދުވަސްވަރު ރާއްޖޭގައި ކުރަމުންދިޔަ އެންމެބޮޑު މަސައްކަތްކަމުގައިވާތީ ސިފައިން އެ މަސައްކަތާ ކުރިމަތިލީ ނުހަނު ޖޯޝާއި ފޯރީގައި “ރާއްޖޭގައި އެއަރޕޯރޓެއް ބާއްވާނަމޭ” ބުނެ އެ އަޒުމާ އެކުގައެވެ.  އެއަށްފަހު ކައްދޫގައްޔާއި ހަނިމާދޫގައި ހަދާފައިވާ އެއަރޕޯޓް ތައްޔާރުކުރުމުގައި ވެސް ސިފައިން މަސައްކަތްކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ.

ސިފައިން ތިބެނީ އަބަދުވެސް އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވެގެން ތިބޭ ފަދައިން އަތުވެދާނެ މަސައްކަތަކަށް ވެސް ތައްޔާރުވެ ނިކަން ހުޝިޔާރުވެ ކެރިގެންނެވެ. މިގޮތުން މާލޭގެ ބިން ހިއްކުމަށް ސަރުކާރުން ފެށްޓެވި މަސްރޫޢުގެ ދަށުން 1970 މެއި 12 ވަނަ ދުވަހަކީ ސިފައިން ގިނަ އަދަދަކަށް ވެލި ހަދިޔާ ކުރި ދުވަހެކެވެ. އެ ދުވަހު ސިފައިން މަސައްކަތްކޮށްފައިވަނީ ޖޯޝާއި ފޯރީގައި ވަރަށް ގަޔާވެ ކެރިގެންނެވެ. އަދި އިއްޔެއަށް ވުރެ މިއަދު ގެނެވޭ ވެލީގެ ޢަދަދު އިތުރުކުރުމަށް ނިޔަތްގަނެގެން މޭ މަހުގެ 13 ވަނަ ދުވަހު މަސައްކަތް ފަށައިގަތީ ފަތިހުގެ ވަގުތެއްގައި ކުރީ ދުވަހަށް ވުރެ ބޮޑަށް ތައްޔާރުވެގެންނެވެ. ކުރީ ދުވަހު ހަދިޔާކުރި ވެއްޔަށް ވުރެ ގިނަ ވެލި ހަދިޔާކުރުމަށެވެ. ނަމަވެސް އެ ދުވަސް ވެގެން ދިޔައީ ވަރަށް ހިތާމަވެރި ދުވަހަކަށެވެ. ދޫނިދޫން ބަނޑަށް ވެލި ބަރުކޮށްގެން މާލެ އަންނަނިކޮށް ކަނޑު ގަދަވުމުން ބަނޑަށް ރާޅު އަރައި، ބަނޑު އަޑިއަށްގޮސް ސިފައިންގެ ހަ މީހުން މި ދުނިޔެއާ އަލްވަދާޢުކީ ދުވަހަކަށެވެ. މިއީ ސިފައިންގެ ޙަޔާތުގައި ހިނގި މި ބާވަތުގެ އެންމެބޮޑު ހާދިސާކަމުގައި ވެސް ދެންނެވިދާނެއެވެ.

ސަރުކާރުން އެއިރަކު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ ކޮންމެ ކަމެއްގެ ވެސް އެންމެ ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރާ އެއްބަޔަކީ ދިވެހި ސިފައިންނެވެ. އަދި ސިފައިން، ކަމެއްގައި ބައިވެރިވުމަކީ އެކަމެއްގައި އިސްކޮށްއުޅޭ ބަޔަކަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާ ކަމެކެވެ. މާލޭގެ މަގުހެދުމަށް އަކިރި ހަދިޔާކުރުން ވެސް ވެގެންދިޔައީ އިޖުތިމާޢީ ހަރަކާތުގައި ސިފައިންކުރި ވަރަށްބުރަ މަސައްކަތަކަށެވެ. 1988 އޮގަސްޓް 10 ވަނަ ދުވަހު ސިފައިން ޢަމަލީގޮތުން ފެށްޓި އެ ބުރަ މަސައްކަތް ކޮށްފައިވަނީ 50 ޓަނުގެ ބަރު އުފުލޭ ބަނޑެއްގައި ތަނބުރުދޫން ވެލި ނަގައިގެންނެވެ.

ދިވެހި ރައްޔިތުންނަށް އެކަމަކުން ފައިދާއެއް ކޮށްފާނެ ކޮންމެ ކަމެއްގައި ވެސް ދިވެހި ސިފައިން އަންނަނީ ވެވެންއޮތް އެންމެމަތީ ދަރަޖައެއްގައި އެހީވަމުންނެވެ. މުޖުތަމަޢުގައި ދިރިހުރުމަށް ޓަކައި ލޭ ބޭނުންވާ ތެލެސީމިޔާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގައި ވެސް އެންމެ ގިނައިން ލޭ ހަދިޔާކުރާ އެއް ބަޔަކީ ސިފައިންކަމުގައި ދެންނެވިދާނެއެވެ. މީގެއިތުރުން ވަކިން ޚާއްޞަގޮތެއްގައި ސިފައިންގެ 108 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 2000 އޭޕްރީލް 24 ވަނަ ދުވަހު ސިފައިން ތެލެސީމިޔާ ކުދިންނަށް ލޭ ހަދިޔާކޮށްފައިވަނީ ފާހަގަކޮށްލެވޭ ގޮތެއްގައެވެ. އެންމެ ސީނިއަރ ރޭންކުތަކުން ފެށިގެން އެންމެ ޖޫނިއަރ ރޭންކުގެ ސިފައިން ބައިވެރިވެގެން އެ ދުވަހު އެ ހަދިޔާކުރި ލެޔަކީ އިންސާނިއްޔަތަށްޓަކައި ވެސް ސިފައިން ކޮށްފައިވާ ފާހަގަކޮށްލެވޭ ކަމެކެވެ.

ރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި ސިފައިންކުރާ ބުރަ މަސައްކަތްތަކުގެ ސަބަބުން ވެސް ސިފައިންނަށް އަންނަނީ އަބަދުވެސް ޝުކުރާއި ތަޢުރީފުގެ ބަސްތަކެވެ. 1987 އޭޕްރީލް 10 ވަނަ ދުވަހުގެރޭ މާލޭގެ ހުޅަނގު ފަރާތަށް ރާޅު (ބޮޑުރާޅު) އަރައި އެ ފަރާތުގައި އަޅާފައިއޮތް ދޯނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ޖެހިގެންއައި ދުވަހު ރާޅުއަރައި ހުޅަނގު ފަރާތުގައިހުރި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެ، ރާޅުއެރި ސަރަޙައްދު ސާފުކޮށް، ގެތަކަށް ލޮނު ވަނަނުދިނުމަށް ޓަކައި ސިފައިން ހުއްޓުމެއްނެތި ކޮށްފައިވާ ބުރަ މަސައްކަތަކީ ދިވެހި ރައްޔިތުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަތް ކަމެކެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހުއެރި ސުނާމީ ކާރިސާއާ ގުޅިގެން އެކަމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސިފައިން އަނބިދަރިންނާއި އާއިލާ އަދި ގެދޮރު ދޫކޮށް އެތައް ދުވަހެއް ވަންދެން ރެއެއް ދުވާލެއްނެތި ކުރި ބުރަ މަސައްކަތަކީ ވެސް ދިވެހިރައްޔިތުން ހިނިތުންވެ އުފަލާއެކު ބަލައިގަތް ކަމެކެވެ. އެދުވަހު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އިތުރު އިތުބާރަކާއި ލޯތްބެއް އުފެދިގެން ދިޔައެވެ. ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންގެ ހިމާޔަތާއި ސަލާމަތަށް އަތުކުރި އޮޅާލައިގެން ތިބި ބައެއްކަމުގައި ބުނަމުން ދިޔައެވެ.

އަދި މިނޫނަސް ތަފާތު ގިނަ މަސައްކަތްތަކެއް އިޖުތިމާޢީގޮތުން ސިފައިން ކުރާކަމުގައި އެއްވެސް ދިވެއްސަކު ދެބަހެއް ނުވާނެއެވެ. ތަފާތު ދާއިރާތަކާ ގުޅޭ ތަފާތު ގިނަ ކަންތައްތަކެއް މުޖުތަމަޢަށް ޓަކައި ސިފައިން ދަނީ އަބަދުވެސް ކުރަމުންނެވެ. މިގޮތުން ކުޑަކުދިން އެއްތަނަކަށް އެއްވެ މަޖާކޮށްހަދާނެ ވަކި ތަނެއް ނެތުމުން ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާ ގުޅިގެން ކުރުމަށް ހަމަޖެއްސެވި ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން “ކުޑަކުދިންގެ ބަގީޗާ” ހަދައި 2004 އޭޕްރީލް 21 ވަނަ ދުވަހު ހުޅުވުމަކީ ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ޓަކައި ކުރެވިފައިވާ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކުޑަކުދިންނަށް ރަނގަޅު ވެއްޓެއް ޤާއިމްކުރުމަށް ޓަކައި ބަގީޗާއަށް ބަދަލުގެނެސް ދުވަހުންދުވަހަށް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ވެސް ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. އަދި މާލެ އަތޮޅު ހުރާގައި މަސްވެރިންގެހިޔާއެއް ހަދައި، 2004 ނޮވެންބަރު 11 ވަނަ ދުވަހު ހުރާގެ ރައްޔިތުންނާ ޙަވާލުކުރުން އެއީވެސް ސިފައިން ކުރަމުންދާ އިޖުތިމާޢީ މަސައްކަތްތަކުގެ ޗޭނަށް ބޮޅެއްއިތުރު ވެގެން ދިޔަކަމެކެވެ. މިނޫނަސް ވަގުތީ ލޯކަލް މާރުކޭޓްހެދުން ފަދަ މަސައްކަތްތަކަކީ ސިފައިން ޤައުމަށް ޓަކައި އިޖުތިމާޢީގޮތުން ވަމުންއަންނަ އެހީތަކުގެތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތަކެވެ.

ސިފައިންގެ ދިގު ތާރީޚުގެ ބޮޑުބައެއް ހޭދަވެފައިވަނީ މިހާރަށްވުރެ ވެސް ބޮޑަށް އިޖުތިމާޢީ ހަރަކާތްތަކުގައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަލިފާން ނިއްވުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނަށް އެހީތެރިވެ މީހުންނާއި މުދާ ސަލާމަތްކޮށްދިނުމާއި، ފަޅުކޮނުމާއި، ފަޅުސާފުކުރުމާއި، ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތައް ހައްލުކުރުމުގައި ސަރުކާރުން ޢަމަލީގޮތުންކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކާޅާއި ވާ އަދި ބުޅަލާއި މީދާ މަދުކުރުމާއި، މަދިރިބޭސްޖެހުންފަދަ ކަންތައްތަކަކީ ވެސް ސިފައިން ވަރަށް ގިނައިން ކޮށްފައިވާ މަސައްކަތްތަކެވެ. އެދުވަސްވަރު މި ހުރިހާ އިޖުތިމާޢީ ހަރަކާތްތަކުގައި އިސްކޮށް ސިފައިން ހަރަކާތްތެރިވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނޭ ވެސް ދެންނެވިދާނެއެވެ. އެދުވަސްތަކުގައި ސިފައިންނަށް، މިހާރު ތަމްރީނު ދޭގޮތަށް، ތަމްރީނު ނުދެވުމާއި އަސްކަރީގޮތުން މިހާރު ހަރަކާތްތެރިވާ ވަރަށް ވެސް ހަރަކާތްތެރިވާން ނުޖެހޭތީކަމުގައި ދެންނެވިދާނެއެވެ. އެހެންކަމުން ކުރީގައި ސިފައިން ހަރަކާތްތެރިވާން ޖެހެނީ އާންމު ގޮތެއްގައި އިޖުތިމާޢީ ކަންތައްތަކުގައިކަން ފާހަގަކޮށްލެވެއެވެ.

ޝެއަރކުރެއްވުމަށް