އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމުން ގެއްލިގެންދިޔައީ އަގުހުރި ދިވެހި ދަރިއެކެވެ. މަޢުލޫމާތުގެ ފުންޚަޒާނާއެކެވެ. ތަޖުރިބާގެ މާސިންގާ ކަނޑެކެވެ.

ބައިޤަރުނަށްވުރެ ދިގު ޚިދުމަތުގެ ފުންމާޒީއެއް ދޫކުރައްވާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ކުއްލި އާލާސްކަންފުޅަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ 2008 ޖުލައި 22 އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެ އާލާސްކަންފުޅަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:56 ހާއިރު އޭނާ ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ޖޫން 1 ވަނަ ދުވަހު ފުރަމާލޭގައެވެ. އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމްގެ ބައްޕައަކީ އަލްމަރުޙޫމް ސައިކުރާ ޅަހުއްތުއެވެ. މަންމައަކީ ހެންވޭރު ހޮޅުދޫގޭ އަލްފާޟިލާ ޙައްވާފުޅެވެ. ސައިކުރާ އިބްރާހީމް ނަޢީމް ކިޔަވާ ވިދާޅުވީ މަދަރަސަތުލް މަޖީދިއްޔާއިންނެވެ. މަދަރުސާ ނިންމެވީ ދެވަނަ ފޯމުންނެވެ. އެއީ އޭރު މަޖީދިއްޔާގައި އޮންނަ އެންމެ މަތީ ކުލާހެވެ. ނަޢީމް ކިޔެވުން ނިންމަވާ މަދުރަސާއިން ވަކިވެލެއްވި ދުވަހު ޤައުމީ ޚިދުމަތަށް، ސަރުކާރަށް ބޭނުންފުޅު ކުރައްވައި ޤައުމީ ޚިދުމަތަށް ކުރިމަތިލައްވައި ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވިއެވެ. ސައިކުރާ އިބްރާހީމް ނަޢީމް ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 15 ފެބުރުވަރީ 1953 ގައެވެ. ސިވިލް ސާރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން އޭނާ މުސްކުޅި ކުރައްވާފައިވަނީ 2008 މެއި 1 ވަނަ ދުވަހުއެވެ. އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިއިރު އޭނާގެ އުމުރުފުޅަކީ 73 އަހަރެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ވުޒާރަތުލް ދާޚިލިއްޔާގެ ސެކެރެޓަރީކަމާއި، ދިވެހިރާއްޖޭގެ ތާރީޚް ލިޔާ ކޮމެޓީގެ ސެކެރެޓަރީކަމާއި، މަދަރަސަތުލް މަޖީދިއްޔާއާއި މަދަރަސަތުލް އަމީނިއްޔާއާއި މަދަރަސަތުލް އަމީރު އަޙުމަދުގެ އަންހެން ގޮތްޕާއި ފިރިހެން ގޮފީގެ މުދައްރިސްކަމާއި، ކުޅިވަރު މުންތަޡަމްގެ އިދާރީ ޙަރަކާތްތެރިއެއްގެ ރޯލާއި، މުލިއާގެ ސެކެރެޓަރީކަމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި، ރައީސް އޮފީހުގެ ޑިރެކްޓަރުކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމާއި އަދިވެސް ކިތަންމެ މަޤާމެކެވެ.

ފަންސާސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ޤައުމަށް ޚިދުމަތްކުރެއްވި އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމްއަކީ، ދިވެހި ޖުމްހޫރީ ތިން ރައީސުންނާއި ތިންބޮޑުވަޒީރުންގެ އަރިހުގައި ވަރަށް ޚާއްޞަ މަޤާމްތަކެއްގައި ޚިދުމަތްކުރެއްވި އިޚްލާސްތެރި ޚިދުމަތްތެރިއެކެވެ. އެއީ ދިވެހި ޤައުމު އިނގިރޭސި އިސްތިއުމާރީ ބާރުގަދަ ވަކިތަކުގެ ދަށުން ސަލާމަތްވުމަށް ތެޅިގަތްވަގުތު އާނ! އަހަރެން ވެސް އެބަހުރީމޭ ވިދާޅުވެ ހަރަކާތްތެރިވެލެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އެއީ އެބޭފުޅެއްގެ ހަމައެކަނި އަޑު އިވުމުން އިތުރު ތަޢާރަފަކާ ނުލައި އެބޭފުޅަކު އެންމެނަށް އެނގިގެންދާ އެންމެންގެ އެކުވެރި ރަޙުމަތްތެރިއެކެވެ. ސާދާ މިޒާޖެއްގެ ސަމާސާ ބޭފުޅެކެވެ. އެއީ އެބޭފުޅެއްގެ އަމިއްލަ އާއިލާ ނިސްބަތްވާ ނަމަށް ފަޚުރުވެވަޑައިގަންނަވާ ފަޚުރުވެރިއެކެވެ. ޚިދުމަތްތެރި ދިވެހި ޤައުމުގެ ޚާދިމެކެވެ.

53 އަހަރު ޤައުމަށް ޚިދުމަތް ކުރެއްވި މި ޚިދުމަތްތެރިޔާއަކީ ދެކުނުގެ ބަޣާވާތް ހަމަޖެއްސެވުމަށް އޭރުގެ ވަޒީރުއްދާޚިލިއްޔާ އެމްވީ މޯލްޑިވްސް ސްޓާގައި ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ތެރެއިން އެންމެ އަރިހުގައި އުޅުއްވި އެއް ޚާދިމެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ ޢުދުވާނު ލޮލުން ދެކި އެ ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ ވަޑައިގެންނެވި ހަތިޔާރެއް ޔުނީފޯމެއްނެތި، ޤައުމަށް ޓަކައި ސާބިތުކަމާއެކު އޭނާގެ އަމިއްލަފުޅު ވިސްނުމާއި ޙިކުމަތުން ޖިހާދުކުރެއްވި މުޖާހިދެކެވެ. ރާއްޖެތެރޭގެ ރަށެއްގައި ހުންނަވައިގެން މެދުކެނޑުމެއްނެތި އެ ބިރުވެރި އަށާރަ ގަޑިއިރުގެ ތެރޭގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގައި މަސައްކަތެއް ކުރެއްވި ޚާދިމެކެވެ. ނޮވެމްބަރ ތިނެއްގެ އުދުވާނުގެ ޙަޤީޤީ މަންޒަރު ލޮލުން ނުދެކި އޭގެ ޙަޤީޤީ އަޑެއް ވެސް ނީވި ނޮވެންބަރު ތިނެއްގެ ޚިދުމަތުގެ ޝަރަފުވެރި ޝީލްޑް ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅާއެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމްއަކީ މި ޒަމާނުގެ ފަންނާނުންނާއި އަދީބުންނާއި ޝާޢިރުންގެ ތެރެއިން އަރާހުންނެވި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ސައިކުރާ އިބްރާހީމް ނަޢީމްގެ ޝާޢިރާނާގެ ގަލަންކޮޅުން ދުނިޔޭގައި ދެމިތިބި މީހުން ޚިޔާލީ ދުނިޔޭގެ ހާލަތު ތަޖުރިބާއަކުން ޝާޢިރާނާ ޝުޢޫރަކުން އިލްތިމާސްކުރެއްވި ޝާޢިރެކެވެ. އެ އިލްތިމާސްއަކީ:

“ހާދަދެރައޭ ހަޔާތަށް 

ދެން އަލުން ދިރުމެއްނެތޭ

މާދަމާވެސް ދިރިތިބޭނޭ

ކަމުގެ އުންމީދެއް ނެތޭ”

އާދެ! އެއިޑްސްއާއި ޑްރަގުގެ ނުރައްކަލުން ސަލާމަތްވުމަށް ސައިކުރާ އިބްރާހީމް ނަޢީމް ކުރެއްވި މި ޢިލްތިމާސް ވަނީ މުޅި ރާއްޖެއަށް ފެތުރިގެން ގޮސްފައެވެ. ދިވެހިރާއްޖެއަށް މަޝްހޫރުވެގެންދިޔަ ސިފައިންގެ ޑަނޑޫރާ ޝޯވްގެ ޒަރީޢާއިންނެވެ. އެއީ މި ދެންނެވި އިލްތިމާސް ޚިޔާލީ ހާލުގެ ދުލުން އިންޒާރު ކުރެއްވި މުންޒިރެވެ. ދުރުވިސްނަވާ އަޅުގަނޑުމެންނަށް ސަލާމަތުގެ މަގަށް ގޮވާލެއްވި ނާޞިޙެވެ.

އެ ބޭފުޅަކީ އެބޭފުޅެއްގެ ހިނގާ ގަލަންކޮޅުން އެކުލަވާލެއްވި އެކި ދިގުމިނުގެ ގިނަ ވާހަކަތަކުން އެތައް ބައެއްގެ މުނިފޫހިފިލުއްވައި ދެއްވަމުން ގެންދެވި ލިޔުންތެރިޔާއެވެ. މޮޅު ތަމްސީލު ލިޔުންތެރިއެކެވެ. އާދެ! އަދި މިހާތަނަށް އެންމެ ގިނަ ތަމްސީލް ލިޔުއްވި އަދި އެންމެ ގިނަ ތަމްސީލް ކުޅެން ދަސްކޮށްދެއްވި މުމައްސިލެވެ. ސްޓޭޖް ޝޯވް ހުށަހެޅުމުގައި ދެވަނައެއްނެތް މިސާލެކެވެ. ފުރިހަމަ ހުށަހެޅުންތެރިއެކެވެ. ރޭޑިއޯ އެނައުންސަރެކެވެ. ރޭޑިއޯއިން ފުޓްބޯޅައާއި އެކި ކުޅިވަރުތަކާއި ރަސްމިއްޔާތުގައި ރާއްޖޭގައި އެންމެ ފުރަތަމަ އަދި އެތައް އަހަރެއް ވަންދެން ދެއްވި ކޮމެންޓްރީ ދެއްވި ކޮމެންޓޭޓަރެވެ. އަދި އެޔަށްވުރެ މަޝްހޫރުކޮށް އިސްތިހާރު ގޮވުންތެރިއެކެވެ. ދިވެހިރާއްޖެއަށް އެކިނަންނަމުގައި ޚިދުމަތް ކުރައްވަމުން އަންނަ ރޭޑިއޯ ސްޓޭޝަން އާދެ، މިއަދުގެ ދިވެހިރާއްޖޭގެ އަޑު، އެ ސްޓޭޝަން މީގެ ސާޅީސް އަހަރު ކުރިން ރާއްޖެއަށް ޢިއުލާނު ވެގެންދިޔަ ވަގުތު ފަޚުރުވެރި އަޑުގެ ވެރިޔާއެވެ. އެ ސްޓޭޝަންގެ އެނައުންސަރެވެ. ރިޕޯޓަރެކެވެ. އަދި ސެކެރެޓަރީ ވެސްމެއެވެ. އެކިކަންކަމުގައި އެ ސްޓޭޝަންގެ މަސައްކަތްކުރެއްވި ޚިދުމަތްތެރިއެކެވެ.

އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމްއަކީ އަރާހުންނެވި ލިޔުންތެރިއެކެވެ. ދިވެހިއަކުރުގެ މޮޅު ފަރުމާކުރުންތެރިއެކެވެ. އަވަސްލިޔުމުގެ ކުޅަދާނަ ލިޔުންތެރިއެކެވެ. ރޭޑިއޯއާއި ނޫސްތަކުގެ މަޝްހޫރު ރިޕޯޓަރެކެވެ، ޖާނަލިސްޓެކެވެ. ސަރުކާރުގެ ޚަބަރާއި، މުންނާރާއި އަލްޙުއްޔާއާއި ވިޔަފާރި މިއަދާއި ފަތިހާއި، ސިނަމާފަދަ އެތައް ނޫހެއްގެ ލިޔުންތެރިއެކެވެ. ރިޕޯޓަރެކެވެ. އަދި ދުވަހު ނޫސް މޫންލައިޓްގެ ރިޕޯޓަރެކެވެ. އަދި އެ ނޫހުގެ އެޑިޓަރު ވެސްމެއެވެ. ނޫސްވެރިކަމުގެ ރަންގަލަން ލިބިލައްވާފައިވާ ވަރަށް މަދު ބޭފުޅުންގެ ތެރެއިން އެއްބޭފުޅެވެ. ލިޔުމާއި ފަރުމާކުރުމުގެ ޝަރަފުވެރި ޤައުމީ އިނާމް ލިބިލައްވާފައި ހުންނެވި އަދި ހަމައެކަނި ޝަރަފުވެރިޔާއެވެ. އެބޭފުޅަކީ ލިޔުންތެރިކަމުގެ ޤައުމީ ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި ޅެންވެރިކަމުގެ ޤައުމީ ޚިދުމަތް ހިތްވަރުދިނުމުގެ އިނާމާއެކު ތަފާތު ރޮނގުރޮނގުން ޤައުމީ ފެންވަރުގެ ހަ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި މިނިވަން ފަންސަވީހުގެ އިނާމާއި ނޮވެންބަރު ތިނެއްގެ ޝަރަފުވެރި އިނާމް ވެސް ހިމެނެވެ.

ސައިކުރާ އިބްރާހީމް ނަޢީމްއަކީ ޔަމަނުގެ މައުސޫމާފަދަ އެތަކެއް ލޯބީގެ ޅެންތަކާއި ވަރަށްގިނަ ޤައުމީ ޅެންތަކުގެ އުފެއްދުންތެރިޔާއެވެ. އެއީ ސިފައިންގެ އެންމެންގެ ވެސް އެކުވެރި ބޭފުޅެކެވެ. އެއީ ވޭތުވެދިޔަ ތޭރަ ވަރަކަށް އަހަރު ސިފައިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އާދެ އެއީ ގޮވާލެވުނު ކޮންމެ ވަގުތެއްގައި ކޮންމެ މަަސައްކަތެއްގައި “އޯޑަރަށް ޤުރުބާނީ ޚިދުމަތުން ހުރިތަނުން ތައްޔާރުވެގެން ދޭ އެހީ އިންސާނީ ޚިދުމަތުން” ނޭ ވިދާޅުވެ ހަމަ އެނޭވާގައި “ކެރިތިބީ ޤުރުބާނީ ޢަޒުމުގާ މަރުވެދާނީ ޤައުމީ، ރޫޙުން މަރުވެދާނީ ޤައުމީ ޚިދުމަތުން” ނޭ ވިދާޅުވެ ޢަމަލުން އެކަން ދެއްކެވި ބޭފުޅެކެވެ.

އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމްއަކީ ސިފައިންގެ ހުރިހާ ކަމެއް ދެކެ ނުހަނު ލޯބިވާ އެކަން އޭނާގެ ބަހާއި ޢަމަލުން ދައްކަވަމުން “އިސްނަގާ ކުރިއަށްދާނީ ސިފައިން ޢަޒުމުގާ ސީދާވާހެން، ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ، ފަސްގަނޑާ ދީނާ ޤައުމަށްޓަކާ އޭގެ ރޫޙާނީ ބާރުން، ޤައުމީ ޚިދުމަތް ނަޞްރުއެދި ޝަހީދީލޭ ޖިހާދުގާ ދޭނީ”އޭ ގޮވައިލެއްވި ޝާޢިރާނާ އަޑުގެ ވެރިޔާއެވެ. އެންމެން އެކުވެގެން ބޭރުން ޤައުމަށް އަންނަހާ ބާޣީ ބާރާ، ބިރުތަކާ ލާދީނީ ކަންކަމާ ވިހަނުބައި ސުންޕާ އޮއިވަރު ނެތިކުރަން ސިފައިންގެ ސަފުތަކުގެ މެދުގައި ޚިޔާލީގޮތުން ހުންނަވައިގެން ގޮވާލެއްވި ސިފައިންގެ އެކުވެރި ޚިދުމަތްތެރިޔާއެވެ.

އެހެންކަމުން ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާތީ އެކަމުގެ އަގުވަޒަންކުރައްވައި 2007 ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ ޚާއްޞަ އިޙުތިފާލުގައި ސިފައިންގެ ފަރާތުން އޭނާއަށް ވަނީ ޝަރަފުގެ އައްޑަނަ އަރުވާފައެވެ. ޢާންމުންގެ ތެރެއިން އެންމެ ފުރަތަމަ މި އައްޑަނަ ޙާސިލުކުރެއްވި ބޭފުޅަކީ ވެސް ސައިކުރާ އިބްރާހީމް ނަޢީމްއެވެ. 1992 ވަނަ އަހަރުން ފެށިގެން ނަޢީމު ސިފައިންގެ ތާރީޚު ލިޔުއްވުމުގެ ގޮތުން މަޢުލޫމާތު އެއްކުރައްވައި އެ މަޢުލޫމާތުތައް 180 ބަޔަށް ބައިކުރައްވައި އަދި މި ދެންނެވި ބައިތަކުގައި އޮޅުންނާރާގޮތަށް ރައްކާކުރެވޭނޭ ނިޒާމެއް ޤާއިމް ކުރެއްވިއެވެ. މިހާތަނަށް އެކުލަވާލެވުނު ބައިތަކުގެ ތެރެއިން “ދިވެހިރާއްޖޭގެ އަސްކަރީ ނިޒާމުގެ ފެށުން” މި ފޮތް ވަނީ ލިޔެ ނިންމައި ސަފްޙާ ނަންބަރު ޖައްސަވައި، ފޮޓޯތައް ތަރުތީބުކުރައްވާފައެވެ. އިތުރަށް ބޭނުންވާ ފޮޓޯތަކުގެ ލިސްޓް ވެސް ހައްދަވައި ބައެއް ފޮޓޯ ނަގަންވާ ގޮތް ވެސް ވިދާޅުވެ ދެއްވާފައެވެ.

އާދެ! އަދިވެސް އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމްގެ ޤައުމީ ޚިދުމަތަށް ތަޢުރީފު ކުރެވުނު ވަރަށްވުރެ އެބޭފުޅެއްގެ ޤައުމީ ޚިދުމަތުގެ ވިދުވަރު މާގަދައެވެ. އެއީ އަޅުގަނޑުމެން ނަމޫނާއެއްގެ ގޮތުގައި ބަލައިގެން އެބޭފުޅެއްގެ ޤައުމީ ޚިދުމަތުގެ ހަޔާތްޕުޅުން ޢިބުރަތްތަކެއް ހާސިލުކޮށް ފިލާވަޅުތަކެއް ލިބިގަންނަންވީ ބޭފުޅެކެވެ. އާދެ! އެއީ އަޅުގަނޑުމެން އެންމެންގެ އެކުވެރި އަދި ޚިދުމަތްތެރި ނަޢީމެވެ. މި މަރުޙޫމްގެ ފުރާނަޔަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

ޝެއަރކުރެއްވުމަށް