ދިވެހި ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ އާއްމު ކަމެކެވެ. ސައިހޮޓާތަކުގައްޔާއި ކެފޭ ރެސްޓޯރަންޓްތަކުގައްޔާއި ހޮޅުއަށިއަށީގައި އެންމެ ބާރަށް ވާހަކަ ދެކެވޭ މަޢުޟޫއަކީ “ތަލަވާ މައްސަލަ” އެވެ. އެކިމީހުންގެ ބޮލުން އިސްތަށި ފައިބަނީ އެކިގޮތަށެވެ. އެއްބައެއްގެ ނިތްކުރީގެ ދެފަރާތު ކައިރިއަށް ޚަރީފް މޫސުން އާދެއެވެ. އަނެއް ބައެއްގެ ބޮލުގެ މެދަށް ސުނާމީ އަރައެވެ.

ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅައި ބޭސް ދީގެން ދިގުކޮށް ތަލަވާހިސާބު ފޮރުވައިލެވޭތޯއެވެ. ފަހަތުން ދިގުކުރާ ތޮރާވެޔޮ ކުރިމައްޗަށް އެއްލައެވެ. އަރިމަތިން ދިގުކުރާ ޕެޝަންފުރުޓްވެޔޮ ބޯމަތިން އަނެއްފަޅިއަށް އެއްލައެވެ. މިފަދަ މީހާ ފެންނައިރު ހީވާނީ ޖެހިގެންއިން މީހާގެ އިސްތަށިގަނޑުގެ ބައެއް ބޮލުގައި އަޅައިގެން އިންނަހެންނެވެ. އެވަރުން ވެސް މައްސަލައަކަށް ހައްލެއްނުލިބި އިސްތަށިކޮޅު ފައިބާ ވިއްސިވިހާލިވެ ފަތްވެެރެމުންގޮސް ޑިންތަލަ ނުވަތަ ސެޓީތަލައަކަށް ބަދަލުވެދާނެހެން ހީވެ ލޯގަނޑުން އިރުއިރުކޮޅާ ބަލައި ރޮއި ކަރުނައަޅައި އުޅެތެވެ. ބޮލުގައި އަޅާ ބޮޑެތި ބުރުސް ފެންނަ ކޮންމެ ފަހަރަކު މާޒީ ހަނދާންވެ ކަރު އެލޭނެއެވެ. މެދުގޯތިތެރޭ މަށަންދަތި ދަމާހެން ފުނާއެޅި އިސްތަށިގަނޑު ނެތުމުން ހިތުގައި ޖެހޭނެއެވެ. އެހާމެ ސެންސިޓިވް ވާނެއެވެ. މީހަކު ވާހަކަ ދައްކަމުން ހިތްތަލައޭ ބުނާއަޑު އިވުނަސް މަލާމާތްކުރަނީއޭ ހިތައި ގިސްލެވޭނެއެވެ. ފިކުރު ކުރުމަކީ ބޮލުން ފަތްވެރޭ ކަމެކެވެ. އެކަމަކު ބޮލުން ފަތްވެރެންޏާ ފިކުރު ކުރެވޭނެއެވެ. ފިކުރު ނުކުރާށެވެ. ފަރުވާއާއިގެން އަވަސްވެގަންނާށެވެ.

1 – ތިންތަލަ

ނިތްކުރިމަތިން ބޮލުގެ ދެކައިރިން އިސްތަށިފައިބާނަމަ އާޚިރުގައި ބަދަލުވާނީ ތިންތަލައަކަށެވެ. މާނައަކީ ނިތްކުރިން ތަލަވަމުންދާނީ 3 ގެ ބައްޓަމަށެވެ. މިކަމަށް އޮތް ހައްލަކީ ވަރުގަދަ ލޯބޮޑު އަވިއައިނެއް ހޯދައި ނިތްކުރިން އެ ހުސްވަމުންދާ ބައިގައި އަޅުވާފައި ބޭންދުމެވެ. އެއްކަލަ ވަޅުބުރިއެއްފަދަ ނިތްކުރިއަށް ފުރިހަމަކަން ލިބުނީއެވެ.

2 – ސުންތަލަ

މި ތަލަ އުފަންވަނީ ބޮލުގެ މެދުންނެވެ. މަޑުމަޑުން ބޮލުގެ މެދުން އިސްތަށި ފައިބަމުންގޮސް ބޮލުގެ މެދުގައި ސުމެއް އެޅެއެވެ. އެ ސުން ސާދަވިލޭރޭއަށް ހަނދު ބޮޑުވަމުން އަންނަ ބީދައިން ބޮޑުވަމުން ގޮސް މުޅިބޮލަށް ފެތުރޭނެއެވެ. ދެރަނުވާށެވެ. މިކަމުގެ ހައްލަކީ ޒީރޯ ކަޓަކަށް ޤުރުބާން ކުރުމެވެ. އޭރުން އެއްކަލަ ސުންތަލަ ގެއްލި މިލިޓަރީ ކަޓަކަށް ބަދަލުވާނެއެވެ. “އެއީ ތަލައެކޭ” ބުނުމުގެ ބަދަލުގައި ބުނާމީހާ ބުނާނީ “އެއީ ސިފައިންގެ ކުއްޖެކޭ” މިހެންނެވެ. ސިފައިންގެ މީހެއްގެ ޝަރަފާއި ޢިއްޒަތް ލިބި މިލިޓަރީ މީހަކަށް ބަދަލުވާށެވެ.

3 – ތިރީސްތަލަ

މިއީ “ތިންތަލަ” އާއި “ސުންތަލަ” އާ ދެ ޕެކޭޖް އެއްކޮށް ލިބުމުން ވާގޮތެކެވެ. ނިތްމަތީ 3 އެޅިފައި އޮންނައިރު ފުއްކިބައާ ދިމާ މަތިން މެދުގައި އޮންނާނީ ސުމެއް އެޅިފައެވެ. މިފަދަ މީހުންނަށް ވެސް އޮތް ހައްލަކީ “ސުންތަލަ” ލިބޭ މީހާ އަމަލު ކުރާހެން އަމަލުކޮށް މިލިޓަރީ ވެލުމެވެ. ނުވަތަ އަނގައިން ހިފަހައްޓައިލުމެވެ. ޒުވާބު ދިނުމުގެ ގޮތުން ބުނާށެެވެ. “މިއީ 30 ތަލައެވެ. މީގެން އަންގައިދެނީ މަށަކީ 30 އަހަރުގެ ޒުވާނެއްކަމެވެ.”

4 – އައިލެންޑް ތަލަ

އައިލެންޑް ތަލައަކީ ނިތްކުރިމަތީގައި ބޮނޑިއަކަށް އިސްތަށިކޮޅެއް ފަޅުރަށެއްގެ ސިފައިގައި ހުރެފައި ދެފަރާތު ކައިރިއާއި މަތިން އިސްތަށި ފައިބަމުން ގޮސް ވާތަލައަށް އިނގިރޭސިބަހުން ކިޔާ ނަމެކެވެ. މިހެން ކިޔާ ސަބަބެއްކަމަށް ތަލަޔާ ބެހޭ ރިސަރޗް ހައްދަވާ ޕްރޮފެސަރުން ވިދާޅުވަނީ ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އިސްތަށިފުޅު ވެސް މިހެން ހުރުމެވެ. މި ބާވަތުގެ ތަލައަކީ ރާއްޖޭގައި އެންމެ މަދުން އާލާވާ އެއް ވައްތަރެވެ. ކަންބޮޑު ނުވާށެވެ. ފަޚުރުވެރި ވާށެވެ. އައިލެންޑް ތަލައަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އޮފިޝަލްކޮށް ޑްރެސްކުރާށެވެ. ކޯޓްފަޓްލޫނު ވެސް ލެވެންޏާ ލާށެވެ. ޝާހީވެގެން ހުންނާށެވެ.

5 – ޑިންތަލަ ނުވަތަ ސެޓީތަލަ ނުވަތަ ތަލަބިގަރު

މިއީ ތަލައިގެ އެންމެފަހު ސްޓޭޖެވެ. އަދި އެންމެ ޤަދީމީ ވައްތަރެވެ. މިއީ މިސްރުގެ މަޝްހޫރު ހާމާންގެ ފުށުން ވާރުތަވެގެން އަންނަ ވައްތަރެކެވެ. މި ވައްތަރުގެ ތަލައަށް ބަދަލުވާނީ އިސްތަށި ވެރެމުންގޮސް ކިނދު އިސްތައްޓަށް ބަދަލުވެ އެ އިސްތަށި ވެސް ފޭބުމުންނެވެ. އެންމެހައި އޮފުވެފައި އޮމާންވާނެއެވެ. މިފާޑުގެ ތަލަ ހުންނަ މީހުންނަށް އޮތް އެޑްވާންޓޭޖަކީ ފަސޭހައިން މަޝްހޫރުކަމެއް ހޯދުމެވެ. ހިކިމީހެއްނަމަ ރެފްރީ ޖަރޒީގައި ގިނައިން އުޅޭށެވެ. ލޯބޮޑުކޮށްގެން ހުންނާށެވެ. ކޮލީނާ ހެދިގެން އުޅޭށެވެ. ފަލަނަމަ ރެސްލިން ކެރެކްޓަރއެއް ކޮޕީކުރާށެވެ. ތަލަ ފޮރުވަން ތޮފިއަޅާނެކަމެއް ނެތެވެ. އެ ޒަމާން ހިނގައްޖެއެެވެ.

ޝާއިރަކު ތަލަވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކިޔާފައިވެއެވެ.

ޑިންތަލައަަކަސް ހިތްދަތި ނުވާށި

ސުންތަލައަކަސް މަޑުމޮޅި ނުވާށި

އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ތިމާއަށް ލިބިފައިވަނީ ޑިންތަލައަކަސް ސުންތަލަތަކަސް ނުވަތަ އެހެން ބާވަތެއްގެ ތަލައަކަސް އެކަމާ ހިތާމަކޮށް މޮޅިކަމާއި ހިތްދަތިކަން ހިތްމައްޗަށް ނުގެންނާށެވެ. ސާމަރާ ދޫނި ވެސް އެސޮރުގެ ރީތިކަމާމެދު ފަޚުރުވެރިވެ އުފާކުރަމުންގޮސް އެސޮރުގެ ތޮޮށިކަށިމަތި ފެންނަހިނދު ރޮއި ހިތާމަކުރެތެވެ. އެގޮތަށް ތަލަވާ ގިނަ މީހުންގެ ގައިގައި ބޯކޮށް ހެދިފައި ހުންނަ އިސްތަށި ފެނި ތިމާގެ ފިރިހެންވަންތަކަން ހިތަށް އަރައި ކިބުރުވެރިވެވެއެވެ. އެކަމަކު ލޯގަނޑުން ހަމަ ބޯ ފެނުމާއެކު އެ އުފާވެރިކަން ގެއްލި ހިތާމައިގެ ފުން ކަނޑަކަށް ގެނބިގެން ދެއެވެ. އެހެން ނުވިސްނާށެވެ. ހިތްވަރު ކުރާށެވެ. މޫސުމަށް އަންނަ ބަދަލަކާއެކު އަދި ފަހުން ވެސް ބޮލުން އިސްތަށި ފަޅާނެކަމަށް އުންމީދު ކުރާށެވެ. ސުނާމީގައި ހިކިފަސްބައެއް ސަހަރާގައި ގަސް ވެސް ފެޅީތާއެވެ.

ޝެއަރކުރެއްވުމަށް