އިންސާނާއަށް އިވޭ ހުރިހާ އަޑެއް ވެސް އުފެދެނީ ކޮންމެވެސް ދެ އެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މި އަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާ ކިޔާ ގުނަވަނަކީ ކަންފަތެވެ. މި ނާޒުކު ގުނަވަން މި އަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާ ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ.

އިންސާނާގެ ކަންފަތުގެ އެތެރޭގައި 20،000 ފިތުގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ޕިޔާނޯއެއްވާކަމަށް ބުނިނަމަވެސް އެއީ ދޮގަކަށް ނުވާނެއެވެ. މީގެ 100 އަހަރުކުރިން މިކަން ސާބިތުކުރުމަށް 31 އޮގަސްޓް 1821 ގައި ދެކުނު ޖަރުމަންގެ ސްޓޭޓެއްކަމަށްވާ ބްރޭންޑެންބާރގްގެ ވެރިރަށް ޕޮޓްސްޑަމްއަށް އުފަންވި މަޝްހޫރު ސައިންޓިސްޓް ހާމަންވޮން ހެލްމޯޓްޒް އޭނާގެ ޕިޔާނޯއާ ދިމާއަށް ހަލޭއްލެވުމުގައި ގިނަވަގުތުތަކެއް ހޭދަކުރިކަމަށް ވެއެވެ. ޕިޔޯނާގެ ޑެމްޕަރ ޕެޑަލްއަށް ފިއްތުމަށްފަހު ބާރަށް ހަޅޭއްލަވައިގަތުމުން ޖަވާބުގައި ޕިޔާނޯ ވެސް އަޑުތަކެއް އިއްވައެވެ. މީގެ ސަބަބަކަށް ވަނީ ހަޅޭއްލަވާގަތް އަޑުގައި ހިމެނޭ ފްރީކުއެންސީއާ ދިމާވެ ޕިޔާނޯގެ ނަރުތައް ވައިބްރޭޓްވުމެވެ. އެހެންކަމުން، ޕިޔާނޯއަކީ އުފެއްދުމުގެ އިތުރުން އަޑު ދެނެގަންނަ ވަސީލަތެއްކަމަށް ވެސް ބެލެވިދާނެއެވެ. ހެލްމޯޓްޒް ބުނާގޮތުގައި އިންސާނާގެ ކަންފަތުގެ އެތެރޭގައި އަޑު ދެނެގަތުމުގެ ނިޒާމް ވެސް މަސައްކަތްކުރަނީ ގާތްގަނޑަކަށް މިކަހަލަ ގޮތަކަށެވެ.

ކަންފަތް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އަޅުގަނޑުމެން އާއްމުކޮށް ކަންފަތޭ މި ކިޔާބައި އަދި އެ ތަނަށް އެންމެ ފުރަތަމަ އަޑު ބާނިތައް ޖަމާވެ ތޫރިއޭ މިކިޔާ މަޑުހަންކޮޅު، އެބައިގައި ހިމެނޭ ބޭރު ކަންފަތް، ޚާއްޞަ ތިންކަށިކޮޅު، ހެމަރ އެންވިލް އަދި ސިރަޕް އެކުލެވޭ މެދުކަންފަތް އަދި އެހިސާބެއްގައި އަޑުބާނިތައް ތަޙުލީލުކޮށް އެ އަޑެއްގެ އުސްތިރިމިން (ޕިޗް) އަދި ގަދަމަޑުމިން (އިންޓެންސިޓީ) އަދި މިނޫންވެސް މިކަހަލަ ހުރިހާ މަޢުލޫމާތެއް ސިކުނޑީގެ އަޑާބެހޭ ސަރަހައްދަށް ފޮނުވައިދޭ ބައިކަމަށްވާ އެތެރެ ކަންފަތެވެ. ހެލްމޯޓްޒް އެތެރެ ކަންފަތަށް ބަލަމުން ދަނިކޮށް ފެނުނީ ވަރަށް ކުޑަކުޑަ 20000 ފިތުގެ މައްޗަށް އެކުލެވޭ ޕިޔާނޯއެއްގެ ގޮތަށް ސިފަވާ އެއްޗެކެވެ. ކޮންމެ ފިތަކީ ހެއަރ ސެލްއެކެވެ. އިންސާނާއަށް އިވޭ ކޮންމެ އަޑަކަށް ހެއަރސެލްއެއްވެއެވެ. މިދިރޭ އަޑު ތަޙުލީލުކުރާ ވަސީލަތަށް ބެސިލަރ މެމްބްރޭންއޭ ކިޔައެވެ. މިބައި ފޮނުވިފައިވަނީ ފިނިހަކައެއްގެ ބައްޓަމަށް ސިފަވާ ޚާއްޞަ ފެނަމުން އެތެރެ ފުރިފައިވާ ކޮކްލިއޭގެ ތެރޭގައެވެ.

އަޑުބާނިތައް ވައިގެ ތެރޭގައި ދަތުރުކުރަމުން ގޮސް ބޭރު ކަންފަތުގެ އެތެރެއަށް ވަނުމަށްފަހު ތޫރީގައި ބީހުމުން އޭގެން އުފެދޭ ވައިބްރޭޝަންތަކުން އުފައްދާ އަޑުބާނިތައް ހެމަރ އެންވިލް އަދި ސިރަޕްގައި ބީހުމަށްފަހު އެތެރެ ކަންފަތާ ދިމާލަށް ދަތުރުކުރެއެވެ. އެތެރެ ކަންފަތުން އެންމެ ފުރަތަމަ މި ބާނިތަކަށް މަރުހަބާ ކިޔަނީ ކޮކްލިއޭއެވެ. ކޮކްލިއޭގެ އެތެރޭގައިވާ ޚާއްޞަ ފެންތަކުގެ ތެރެއިން މި ބާނިތައް ދަތުރުކުރަމުންގޮސް އެކި ވަރުވަރުގެ ހެޔަރސެލްތަކަކުން އެކުލެވިގެންވާ ބެސިލަރ މެމްބްރޭންއާ ހަމަވުމުން އެފްރީކުއެންސީ ދިމާވާ ހެއަރސެލްއެއް ޖަވާބުދާރީވުމަށްފަހު އެ ހުރިހާ މަޢުލޫމާތެއް ސިކުނޑީގެ އަޑާ ބެހޭ ސަރަހައްދަށް އަޑުގެ ނާރުގެ ޒަރިއްޔާއިން ފޮނުވައެވެ.

ބައެއް ސައިންޓިސްޓުން ބުރަވާގޮތުގައި ކޮކްލިއޭގެ އެތެރޭގައިވާ ފެނަކީ ވެސް އަޑުބާނީ ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. ސަބަބަކީ ހެޔަރސެލްތަކުން އެނގެނީ އަޑުގެ ޕިޗް ނުވަތަ އުސްތިރިމިން ކަމެވެ. އަޑުގެ ގަދަމަޑުމިން އަދި ޓިމްބަރއާއި މިނޫންވެސް އެހެނިހެން ހުރިހާ މަޢުލޫމާތުތަކެއް އެނގެނީ މުޅި ކޮކްލިއޭ ރެސޮނޭޓްވެ އޭގައިވާ ފެނުގެ އެހީގައި ކަމަށްވާތީއެވެ.

އިންސާނާއަށް އެންމެ ބަރު ނުވަތަ ތިރި އަޑަކަށް އިވެނީ 20Hz އެވެ. އެއަށްވުރެ ދަށަށް ގޮސްފިނަމަ އަޑެއްގެ ގޮތަކަށް އިޙުސާސެއް ނުކުރެވެއެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ ބެސިލަރ މެމްބްރޭންގައި މި ފްރީކްއެންސީ ދެނެގަންނާނެ ހެއަރސެލްއެއް ނެތުމެވެ. ހަމަމިގޮތަށް އަޑު މަތިވެގެން 20000Hz އަށްވުރެ މައްޗަށް އެރުމުން އިންސާނުންނަކަށް އެ އަޑެއް ނުއިވެއެވެ. އާއްމުކޮށް މިޔުޒިކީ ގޮތުން ބޭނުންކުރެވޭ ފްރީކްއެންސީތަކަކީ، 20Hz އިން ފެށިގެން 5000Hz އާ ހަމައަށެވެ. މިއީ އާއްމުކޮށް މިޔުޒިކުގައި ބޭނުންކުރެވޭ ގްރޭންޑް ޕިޔާނޯއާއި ބޮޑެތި އޯގަންޕައިޕްއިން އުފައްދައިދޭ އަޑުގެ މިންވަރެވެ. މިއީ އިންސާނަކަށް އަޑުއަހާލަން ފަސޭހަ މިންވަރެކެވެ. މިއަށްވުރެ ދަށަށް އަޑުދިޔުމުން ކަންފަތަށް އުދަނގޫވެ މުޅި ހަށިގަނޑަށް އޭގެ އިޙްސާސްތައް ކުރުވަމުންދެއެވެ. އަދި އަޑުމަތިން 20000Hz އާ ހަމައަށް ދަންދެން ކޮންމެވެސް ތޫލިއަޑެއް އިވެއެވެ. އެހެންނަމަވެސް މިޔުޒިކުގައި ބޭނުންކުރާކަށް ރަނގަޅެއް ނޫނެވެ. އަދި 20000Hz އިން މައްޗަށް ދިޔުމަށްފަހު އެއްގޮތަކަށް ވެސް އަޑެއް ނުއިވެއެވެ. އިންސާނާގެ ކަންފަތަށް ނުއިވޭ އަޑުތައް އެހެން ގޮތްގޮތަށް ބޭނުންކުރެވެއެވެ. އަދި ފުންކަނޑުތަކުގެ ފުންމިން ބެލުމުގައި ވެސް ބޭނުންކުރެވެއެވެ. 20Hz އަށްވުރެ ތިރީ ފްރީކްއެންސީތައް ބޭނުންކުރެވެނީ ބޮޑެތި ސިނަމާތަކުގައި ބޭއްވޭ ޑްރާމާގައި ގުގުރާ އަޑާ އެއްކޮށެވެ. މިގޮތަށް ބޭނުންކުރުމުން ބަލަންތިބޭ މީހުންގެ ހަށިގަނޑަށް އޭގެ އިހްސާސްތައް ޙަޤީޤަތާ އެއްގޮތަށް ކުރުވަމުންދެއެވެ.

އިންސާނާއަށް އަޑުއިވޭގޮތް ހޯދުމަށް ޓަކައި އަދިވެސް ދަނީ މަސައްކަތް ކުރެވެމުންނެއެވެ. އެކި ދުވަސްވަރު އެކި ސައިންޓިސްޓުން އެކި ގޮތްގޮތަށް މިކަން ސާބިތުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެންމެ ފުރިހަމައަށް މިކަން ތަޙުލީލުކޮށްފައިވާކަމަށް ބުނެވެނީ ހެލްމޯޓްޒްއެވެ.

ކޮންމެ ގޮތަކަށް ކަންވީގޮތަކަށް ވީނަމަވެސް ހަމައެކަނި އެނގޭ އެއްޗަކީ ކަންފަތަކީ ވަރަށް ނާޒުކު ގުނަވަނެއްކަމެވެ. ފްރީކްއެންސީ ދެނެގަންނަ އަދި މިހާތަނަށް ނޫފެދޭވަރުގެ ފުރިހަމަ އަޑުބާނި ތަޙުލީލުކުރާ މެޝިނެއްކަމެވެ. ވަސީލަތެއްކަމެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ.

ޝެއަރކުރެއްވުމަށް