ޙިކުމަތާއި ހުނަރާއި މަތިވެރި ޢަޒުމަކާއެކު ހަރުދަނާ

ޚިދުމަތަށް ކުރިމަތިލަމާހޭ ހެޔޮހިތުން ތިބެ ވާގިދޭން.

އުންމަތުގެ ނަޞްރާ ނަޞީބާ ކާމިޔާބުގެ ސިއްރަކީ

އުންމަތުގެ އެތަކެއް ދަރިންގެ ޖިހާދުކަން ހިނގަމާ ދެކޭން

ކޮންމެ އުފަލެއް ކޮންމެ ޝަރަފެއް ވެސް ލިބުން ގުޅިފާ ވަނީ

އޮންނަ ގަދަ އީމާނަކާކަން ދަނެ ހިނގާށޭ ހެކި ދެކޭން.

ޖިއޮލޮޖިކަލް ސާރވޭތަކުން ހާމަވަމުން އެނގެމުންދާ ގޮތުން އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ދޮންވެލީގެ ބިންތައް އުފެދިފައިވަނީ ގާތްގަނޑަކަށް 57 މިލިއަން އަހަރު ކުރީގައެވެ. އާކިއޮލޮޖިކަލް ސާރވޭތަކުން ފެންނަމުންދާ ނިޝާންތަކުން ބައެއް އާކިއޮލޮޖިސްޓުން ދެކެވަޑައިގަންނަވާ ގޮތުގައި 2000 ބީސީގެ ކުރިން މި ލޮބުވެތި ބިން ޢިމާރާތްވެވި މި ރާއްޖޭގައި މީހުން އުޅެން ފަށާފައި ވެއެވެ. މި ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ ހަތަރު ހާސް އަހަރު ވެދާނެކަމަށް ބައެއް ލިޔުންތެރިން ލިޔުއްވައެވެ.

ޢީސާ ޢަލަހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ވެސް ދެކުނު އިންޑިޔާ މީހުން ދިވެހިރާއްޖޭގެ ޖަޒީރާތައް ދަންނަ ކަމުގެ ހެކި އެބައިމީހުންގެ މުސްކުޅި ލިޔެކިޔުންތަކުން ފެނެއެވެ. ފަހުގެ ލިޔުންތަކުގައި ދިވެހި ރަށްތަކަށް ނިސްބަތްކޮށްފައި ވަނީ ކަނޑުގެ ބޯދާ ޖަޒީރާތަކުގެ ނަމުންނެވެ. ނޭޝަނަލް ސެންޓަރ ފޯރ ލިންގްއިސްޓިކް އެންޑް ހިސްޓޮރިކަލް ރިސާރޗުން ނެރުއްވި “ދިވެހި ރައިޓިންގ ސިސްޓަމްސް” ފޮތުގައި ލިޔުއްވާފައިވެއެވެ.

މި ރާއްޖެ ޢިމާރާތްކުރެވި އާރާސްތުވެގެން އައި ދުވަސްވަރެއް ކަނޑައެޅިގެން އެނގެން ނެތްކަމަށް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، “ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ގައި ލިޔުއްވާފައި ވެއެވެ. “ދިވެހިރާއްޖޭގައި ބަޔަކުއުޅޭތާ ހަމަގައިމު ވެސް އެއްހާސް ނުވަސަތޭކަ ފަންސާހަކަށް އަހަރު ވެއްޖެކަން ކަށަވަރެވެ.”

ނޯވޭގެ މަޝްހޫރު އާކިއޮލޮޖިސްޓް ތޯ ހައިޑާލް ގަބޫލުކުރައްވާ ގޮތުގައި ޔޫރަޕުގެ ގައުމުތަކުން އިންޑިއާ ކަނޑަށް ވަނުމުގެ 1000 އަހަރު ކުރިން މި ޤައުމުގައި ވަރަށް ކުރިއަރާފައިވާ ޙަޟާރަތެއް ވެއެވެ.

ދިވެހިންނާއި ސިންގަޅައިން ވާހަކަދައްކާ އުޅޭ ބަހާއި ހަށިތަކުގެ އެއްވައްތަރުކަމަށް ޓަކައި ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި މި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ސިންހަޅައިންނެވެ. އެހެންނަމަވެސް، ސްރީލަންކާގެ މަހަވަންސާގައި ދިވެހިރާއްޖެއާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނެތުމުން އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަށް ބަލިކަށިކަން ލިބިފައިވެއެވެ. އަނެއް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިން މޮށެއުޅޭ ބަހަކީ އޭގެ މޫތައް ސާންސްކިރިޓް ބަހާ ހަމައަށް ފޯރާފައިވާ އިންޑޯ – ޔޫރަޕްގެ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މި ސަބަބަށް ޓަކައި ދިވެހިން ވާހަކަދައްކާ ބަހާއި ބޯދާޒަމާނުގައި ތަންތަނަށް ކިޔާއުޅުނު ނަމުން ދިވެހިންނަކީ އިންޑިއާގެ ސަބްކޮންޓިނެންޓުން ކޮންމެވެސް ދުވަސްވަރެއްގައި އައިސް ވަޒަންވެރިވި އާރިޔަންސްއާއި ޑްރެވިޑިއަން ނަސްލުގެ ބައެއްކަމަށް ލަފާކުރައްވައެވެ.

މި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކާ މެދު ތާރީޚީ ޢިލްމުވެރިންގެ ޚިޔާލުފުޅުތަކުގައި ތަފާތުތަކެއް ހުރިކަމުގައި ވީނަމަވެސް ޒަމާނީ ޢިލްމީ ކުރިއެރުމާއި ސައިންސްގެ ހޯދުންތަކުގެ އަލީގައި މާދުރުނޫން މުސްތަޤުބަލެއްގައި ދިވެހިންގެ ޙަޤީޤީ ކާބަފައިންނަކީ ކޮން ދަރިކޮޅަކުން އައި ކޮން ބައެއްކަން ހާމަވެގެން ހިނގާދާނެކަމަށް އުންމީދުކުރެވެއެވެ.

މި ރާއްޖޭގައި މީހުން ވަޒަންވެރިވި ދުވަސްވަރަކާއި ފުރަތަމަ ވަޒަންވެރިވީ ބައެއް އެނގެންނެތް ނަމަވެސް އާކިއޮލޮޖިކަލް ހޯދުންތަކުގެ އަލީގައި މި ޙަޟާރަތުގެ ދޮށިކަން އެނގި ސާބިތުވެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ދިވެހި ބިމުގެ ދޮށިކަމުގެ ވާހަކަދައްކާ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ފަޚުރުވެރިވަމުން އަންނައިރު، އެވޭލާ ބޯދާ ޒަމާނުގެ ތާރީޚުން އޭރު މި ރަށްތަކުގައި އުޅުނު ބަޔަކާއި އެބައިމީހުންގެ ދިރިއުޅުން ހުރިނެތްގޮތުގެ ކުޑަމިންވަރެއް ވެސް ސާފުވާން ނެތްކަމެވެ. އެވޭލާ ކާބަފައިން މި ގައުމަށް ޓަކައި ވެވަޑައިގެންފައިވާ ފިދާގެ މަތިވެރިކަން ހާމަވާން ނެތްކަމެވެ. ރާއްޖޭގެ ތާރީޚުން ކިތަންމެ ކުޑަމިންވަރެއް ވެސް ސާފުވާން އޮތީ މީލާދީން 1141 ވަނަ އަހަރުގެ ފަހުންނެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން، “ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ގައި ލިޔުއްވާފައިވެއެވެ. “ތާރީޚީ ހެކިތަކުން އެނގޭކަމަކީ، މި ރާއްޖޭގައި އަމިއްލަ ވެރިކަމެއް ހިނގަމުން އަންނަތާ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމެވެ.”

ތާރީޚުގެ ބައެއް ދައުރެއްގައި ޕޯޗްގީޒް ދައުލަތުގެ، އަނެއްބައި ދައުރުގައި ޑަޗް ދައުލަތުގެ ޙިމާޔަތް ލިބިގެންވީ ރަސްކަމެއް، 1887 ވަނަ އަހަރާ ހަމައަށް ހިނގަމުން އައި މި ރާއްޖެއަށް އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުން ފެންނަ ގޮތުގައި ރާއްޖެ އިސްލާމްވީ ފަހުން ބޭރުގެ ފަރާތްތަކުން ރާއްޖެއާ ތޮޅެން ފަށާފައިވަނީ 15 ވަނަ ޤަރުނުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މަޝްހޫރު ރަށްދެބައިގޭ ކަޅުމުޙައްމަދު މަނިކުފާނު، ފަހުން އައްސުލްޠާނު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން، ދިވެހި ތާރީޚުގައި މަޝްހޫރު ކަޅުމުޙައްމަދު ރަސްގެފާނު ވެރިކަމާއި ރަސްކަމުގެ ދަހިވެތިކަމުގައި ކަންނަންނޫރު ޢަލީރާޖާގެ މަދަދަށް އެދިވަޑައިގެންނެވުމުން ކަޅުމުޙައްމަދު މަނިކުފާނަށް ދިވެހިރާއްޖޭގެ ރަސްކަން ހޯދައިދިނުމުގެ ބަހަނާގައި ކަންނަންނޫރު އަލީރާޖާ އައެވެ. ކަޅުމުޙައްމަދު ރަސްގެފާނަކީ ދިވެހިރާއްޖޭގެ ޢީސާއީ ރަސްގެ، ނުވަވަނަ ޙަސަން ރަސްގެފާނުގެ ކާފާފުޅެވެ.

ދިވެހިންގެ މި ލޮބުވެތި ވަޠަނާއި ޤައުމުގެ ދިގު ތާރީޚުން އަޅުގަނޑުމެންނަށް އެނގެނީ ދާދި މަދު މިންވަރެކެވެ. ޤައުމާއި ވަޠަނުގެ ޙައްޤުގައި ހިނގައިދިޔަ ހަނގުރާމައިގެ މަޢުލޫމާތު ފިލަނީ އެއަށްވުރެ ކުޑަމިންވަރަކަށެވެ. އިންޑިޔާގެ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިންގެ ހިތްވަރުގަދަ ކާބަފައިން 300 ބީސީގައި އިންޑިއާގައި ވެރިކަންކުރި ޗޯލާ އެމްޕެއަރާ ދެކޮޅަށް ގައުމުގެ އިސްތިޤުލާލާއި މިނިވަންކަން ޙިމާޔަތް ކުރުމަށް ޓަކައި ހަނގުރާމަ ކުރިކަން އެނގެން އެބައޮތެވެ. އަދި 985 އިން 1013 އަށް އިންޑިއާގެ ވެރިކަންކުރި ރާޖާރާޖާ ދަ ގްރޭޓްގެ ވެރިކަމުގެ ދުވަސްވަރުގައާއި، 1013 އިން 1044 އަށް އިންޑިއާގައި ވެރިކަން ކުރި ރާޖެންދުރަ 1 ގެ ވެރިކަމުގައި ދިވެހިންނާ ހަނގުރާމަކޮށް ދިވެހިރާއްޖެ ހިފިކަމަށް އިންޑިއާގެ ލިޔުންތަކުގައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި “ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ” ފޮތުގައި ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް ކަށަވަރުވެ އެނގޭ އެއްޗަކީ އެއިން ކޮންމެ ފަހަރަކު ވެސް އަދި ކޮންމެ ހަނގުރާމައެއްގައި ވެސް ދިވެހިން ގަދަހިތްވަރާއެކު ހަނގުރާމަކޮށް ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު އަނބުރާ ހޯދާފައިވާ ކަމެވެ. މި ދެންނެވި ދެންނެވުމުގެ ދަލީލަކީ 1151 އަހަރު ރާއްޖެ އިސްލާމްވިއިރު ރާއްޖޭގައި އޮތީ މިނިވަން ރަސްކަމެއްކަން ތާރީޚުން އެނގޭ ކަމެވެ.

މި ދެންނެވި ހަނގުރާމަތަކުގައާއި އޭގެކުރިންނާއި ފަހުން ހިނގައިދިޔަ ހަނގުރާމަތަކުގައި ޝަހީދުވެގެން ދިޔަ، އެ ޝަހީދުންގެ ހަނދާން ދިރުވަމުންދާއިރު އެ ޝުހަދާއުންގެ ލިސްޓުން އަޅުގަނޑުމެންނަށް ފެންނަނީ ދެއަތުގެ އިނގިލިތަކުން ގުނާލެވޭފަދަ ދާދިމަދު ބޭފުޅުންކޮޅެކެވެ.

އަޅުގަނޑުމެން ތަކުރާރުކޮށް ދައްކަނީ 6 ވަނަ ޢަލީ ރަސްގެފާނު ފުށެތިކާލުންނާ ތޮޅެ ޝަހީދުވެވަޑައިގެން ވާހަކައެވެ. ނޫނީ، އިބްރާހީމް ކަލާފާނު ހޮޅިންނާ ތޮޅެ ޝަހީދުވީ ވާހަކައެވެ. ނުވަތަ އުތީމު ތިންބެއިން ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި ޢަލީތަކުރުފާނު ޝަހީދުވެވަޑައިގެންނެވި ވާހަކައާއި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ހިނގާދިޔަ ޢުދުވާނުގައި ސިފައިންގެ ތެރެއިން ޝަހީދުވި 8 ބޭފުޅުންގެ ވާހަކައެވެ.

ވެރިކަމުގެ ތެރޭގައި ހިނގާފައިވާ ބަޣާވާތްތަކާއި ވެރިކަން ކުރަމުން އަންނަ ޚާންދާނު ތެރޭގައި ރަންސަންދާނައިގެ ވާދަވެރި ދަހިވެތިކަމުގައި ހިނގާފައިވާ ފިތުނަތަކާއި ގައުމުގެ ބޮޑުންގެ މެދުގައި ހިނގާފައިވާ ދެކޮޅުވެރިކަން ތާރީޚުން ފެންނަލެއް މަދެއްނޫނެވެ. އެހެނަސް މި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެން ފެށިކަމަށް ބެލެވޭ ހިސާބުން ފެށިގެން ބަލާއިރު މިފަދަ ކަންކަން ފެންނަން ހުރީ ނިސްބަތުން ދާދިމަދުންނެވެ. ފެންނަން ހުރިކަމެއްގެ ވެސް ކުޑަނަމަވެސް ތަފުޞީލެއް ލިބިފައެއް ނުހުރެއެވެ. ކޮންމެ ނީހައެއް ފެށިނިމޭއިރު އެތަކެއް ބައެއްގެ ލޭ އޮހޮރި އޭގެތެރެއިން އެތަކެއް ގިނަ ހަރުކަށި އަނިޔާވެރިންތަކެއް އުފެދިގެން ގޮސްފައިވާތަން ތާރީޚުން ފެނެއެވެ. އެފަދަ މިސާލުގެ ގޮތުން ހިލާލީ ދަރިކޮޅުގެ ރަސްކަލުންގެ މެދުގައި ހިނގާދިޔަ ކަތިލުންތަކާއި ދިވެހި ތާރީޚުގައި މަޝްހޫރު ބުރަކިރަނިންނާއި ކަޅުމުޙައްމަދު ރަސްގެފާނު ފަދަ، ރެހެންދި ޚަދީޖާއާއި އެ ކަމަނާގެ ފިރިފިރިކަލުން ފަދަ ބޭފުޅުން ފުދެއެވެ.

މި ލޮބުވެތި ޤައުމާއި ވަޠަނުގެ ހައްގުގައި ހިނގާދިޔަ ހަނގުރާމަތަކުގެ މަޢުލޫމާތު އެނގޭކަށް ނެތެވެ. ކޮންމެވެސް ބަޔަކު އަޅުގަނޑުމެންގެ މިދިގު ތާރީޚުގައި ހިނގާގޮސްފައިވާ ހަނގުރާމަތަކާއި ޢުދުވާނުތައް ވަކިކޮށް ތާރީޚުގެ އަލީގައި ހޯދައި ބަލާ ދިރާސާކުރަން ވެއްޖެއެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި 300 ބީސީގައި ޗޯލާ އެމްޕެއަރާ ދެކޮޅަށް ކުރެވިފައިވާ ހަނގުރާމަތަކާއި، ރާޖާރާޖާ ދަ ގުރޭޓްގެ ދެބަފައިންގެ ވެރިކަމުގައި 985 އިން 1044 އަށް ހިނގާފައިވާ ހަނގުރާމަތަކާއި، 15 ވަނަ ސައްތައިގެ ތެރޭގައި ހިނގާދިޔަ ހަނގުރާމަތަކާއި، 1988 ވަނަ އަހަރު ހިނގާދިޔަ ހިތާމަވެރި އުދުވާނު ނޫން ކިތަންމެ ކިތަންމެ ހަނގުރާމަތަކާއި ޢުދުވާނުތަކެއް ދިވެހިން ތަޖުރިބާކޮށްފައި ވާނެއެވެ. އެތައް ބައެއް އެ ހަނގުރާމަތަކުގައާއި ޢުދުވާންތަކުގައި ޝަހީދުވެގޮސްފައި ވާނެއެވެ. އެއިން ކޮންމެ މުޖާހިދަކީ އެބޭފުޅުންގެ ފެށުމާއި ނިމުން އަޅުގަނޑުމެންނަށް ނޭނގުނު ނަމަވެސް، ނޫނީ އެ ބޭބޭފުޅުންގެ ނަންފުޅުތައް ތާރީޚުން ފެންނަންނެތް ނަމަވެސް، ޤައުމާއި ވަޠަނަށް ޓަކައި ޝަހީދުވެގެންދިއަ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެއެވެ. މި ދެންނެވި އަދި ނުދަންނަ ޝުހަދާއުންގެ ޒިކުރާ ދިރުވާނެ ދަނާވައްޗެއް ހުންނަން ވާނެއެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ޒުވާނުން ޝަހީދުންގެ ދަނާވަތިތަކަށް ޒިޔާރަތްކޮށް އެބޭފުޅުންގެ ޙަޔާތްޕުޅު ދިރާސާކޮށް ދަސްކުރަންވާނެއެވެ. އެބޭފުޅުންެ ވެވަޑައިގެން މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމަކީ އެއީއެވެ. އެބޭފުޅުންގެ ރޫޙުން ދިވެހި ޤައުމިއްޔަތަށް ފުރާނަ އެޅިގެން ދާނީ އޭރުންނެވެ. ޤައުމީ ލޯބި ހިތްތަކުގައި އާވެއާލާވެގެން ދާނީ އޭރުންނެވެ.

ފިސްފިސްވެ މުޅީން ދިޔަޔަސް ވިރިގެން ފަސްދާނުލެވުނު ކަށިތައް ނެތިގެން،

އިސްނެންގެވި ކާބަފައިން ދެއްވާ އަޞްލީ މިނިވަން ރޫޙޭ ލިބެނީ.

ޝެއަރކުރެއްވުމަށް