މި ރީތި، އަމާން، ސުލްހަވެރި މަންޒިލެއް ފަދަ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަކަމުގައި ވިޔަސް، ސުލްޙަވެރިކަމާއި އަމާންކަމުގައި ދިރިއުޅެމުން އަންނަ ރައްޔިތަކު ތިބި ޤައުމެކެވެ. ދުނިޔޭގެ އެތަން މިތަނުން މިއަދު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ އަމާން، އެންމެ ސުލްޙަވެރި، އެންމެ ހިތްގައިމު މަންޒިލަކީ ދިވެހިރާއްޖެއެވެ. އެންމެ ހިތްހެޔޮ ބަޔަކު ދިރިއުޅޭ ޤައުމަކީ ދިވެހިރާއްޖެއެވެ. އެންމެ ރީތި ގޮނޑުދޮށްތަކެއް އޮތް ތަނަކީ ވެސް މި ކުޑަކުޑަ ދިވެހިރާއްޖެއެވެ. ޤުދުރަތީ ރީތިކަމެއް ހިމެނިގެންވާ އެންމެ ރީތި ފަރުތަކެއްވާ އެއް ޤައުމަކީ ވެސް ހަމަ މި ދިވެހިރާއްޖެއެވެ. މިއީ އެއްވެސް ދިވެއްސަކު އުފާ ނުވާނެ ކަމެއް ނޫނެވެ. ފަޚުރުވެރި ނުވާނެ ކަމެއް ވެސް ނުމެނޫންމެއެވެ. މި ކަންކަމުން އެނގެނީ ދިވެހިންނަކީ އެބައިމީހުންގެ ކިބައިގައި އަހުރަވެތިކަމުގެ މަތިވެރި އާދަ އަށަގެންފައިވާ ބައެއް ކަމެވެ. ނިޔަނެތިކަމާއި ޚުލްޤް ހެޔޮކަމާއި އިޙްސާންތެރިކަމުގެ ގޮތުން ލާމަސީލު ބައެއް ކަމެވެ. މިގޮތުން ބަލާއިރު ދިވެހިންނަށް ލިބިފައިވާ ނަމާއި، ލިބިފައިވާ ކުރިއެރުމުގެ އަސްލަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރިކަމެވެ. އެކަކުއަނެކަކަށް ކަމޭހިތުމާއި އަޅާލުމެވެ. ޤައުމަށް ޓަކައި ފަޚުރުވެރިވާ ބަޔަކަށް ވުމެވެ.
ދިވެހިން މިއަދު މިވަނީ ދިވެހިންގެ ހިންމަތާއި މިންނަތުން ތަރައްޤީގެ އުސްމިންތަކަށް ވާސިލުވުމުގެ ދަތުރު ފަށާފައެވެ. އިހަށް ނުކުރެވޭ އާ ތަޖުރިބާތަކެއް ހާސިލުކުރުމުގެ މަގުމަތީގައެވެ. ތަހުޒީބުގެ އާ ހެދުމަކުން ޖަރީވާން ތައްޔާރުވެފައެވެ. ބުނެވެން އޮތީ މިއަދު ދިވެހިންނަކީ، ތަރައްޤީއަށް ލޯހުޅުވިފައިވާ ތަރައްޤީއަށް ޝައުޤުވެރިވެފައިވާ، ބައެއް ކަމުގައެވެ. ޤައުމިއްޔަތު ދިރުވާ، ޤައުމުގެ ނަން ދަމަހައްޓަން ބޭނުންވާ، ޤައުމީވަންތަ ރޫޙެއްހުރި ބައެއްކަން ދުނިޔެއަށް އެބައިމީހުންގެ ހިންމަތާއި މިންނަތުން މިވަނީ ދައްކުވައިދީފަައެވެ. މި ނިޢުމަތް މި ގޮތުގައި ދަމަހައްޓަން ބޭނުންނަމަ، ޚިޔާލު ތަފާތުވުމެއް ހުއްޓަސް ޤައުމަށް ޓަކައި ފަޚުރުވެރިވާ އެއްވެސް ދިވެހި ދަރިއަކު، ޤައުމީ މަސްލަހަތަށް ވުރެ ތިމާގެ އަމިއްލަ މަސްލަހަތު ކުރިޔަކަށް ނުނެރޭނެއެވެ. ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު އެހެން ބައެއްގެ އަތްމައްޗަށް ދިއްކޮށްލާކަށް ނުރުހޭނެއެވެ. ބޭރުތަކެއްޗަށް ރޭރުވެގެން ހޭހަންނުވާ ބީދައިން ދޭހާ އެއްޗަކަށް ޤައުމުގެ އަމާންކަމާއި މިނިވަންކަން ވިއްކާލާކަށް ހިތެއް ނުރުހޭނެއެވެ. ނަމަވެސް ފުންކޮށް ވިސްނާލުމުން، ރުހުނަސް ނުރުހުނަސް، ޤަބޫލުކުރިޔަސް ނުކުރިޔަސް ދިވެހިންގެ މާޒީގެ ދުރުމީން ބަލާލުމުން، ފެންނަ މަންޒަރުތައް ސިފަ ވަނީކީ އަދި މުޅިން މި ދެންނެވި ފަދައަކުން ނޫނެވެ.
ދިވެހިންގެ ފުން މާޒީގެ ތެރެއަށް ނަޒަރު ހިންގާލުމުން ފެންނަނީ ވަރަށް ހިތާމަހުރި ބިރުވެރި ހާދިސާތަކެކެވެ. އެއިން ކޮންމެ ހާދިސާއެއް ކުރިމަތިވެފައިވަނީ ނުވަތަ އެހާދިސާތަކުން ދިވެހިންނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި ހުރީ މި ޤައުމަށް އުފަން، އަމިއްލަ އެދުމުން ފުރިގެން ތިބި މަކަރުވެރި މަދު ދިވެހި ބައެއްގެ ސަބަބުންނެވެ. އެބައިމީހުން އަމިއްލަ ފައިދާއަށް ޓަކައި ޤައުމަށް ކުރިމަތި ކުރުވި ނާމާންކަމާއި ބިރުވެރިކަމުގެ ސަބަބުންނެވެ. އަނިޔާއާ އަޅުވެތިކަމުގެ ސަބަބުންނެވެ. އެފަދަ ކޮންމެ ބިރުވެރި ވަގުތެއްގައި ހިތިކަރުނައިގެ ސައިލުތައް މި ލޮބުވެތި ބިމުގައި ފެތުރިފައިވާކަން ތާރީޚީ ޞަފުޙާތައް ހެކިދެނީ އެ ކަންކަމާ މެދު ލަދުވެތިވާން ޖެހޭފަދަ ދަރަޖައަކަށެވެ. ރުއިމާއި ގިސްލުމުގެ ވޭނީ ކެކުޅުން މި އަމާން ޖައްވުގައި ނަޣަރާ ކުރި ކަމުގެ ހެކިތައް ފެންނަނީ ވަކި ސަހަލު ކޮށެއް ނޫނެވެ. ޤައުމުގެ މުސްތަގުބަލު ކިލަނބުކޮށްލުމަށްޓަކައި އެތައްއެތައް ވިއްސާރަވިލާތަކެއް މި އަމާން ޖައްވުގައި އުފައްދައި، އޭގެ ބާރު ވަޔާއި ބިރުވެރިކަމާ މުޅި ޤައުމު ކުރިމަތި ކުރުވިކަން ހާމަވަނީ އެކަންކަމުގެ ހިތިއަސަރު ދުވަހަކު ދިވެހިންގެ ބުރަކަށިތަކުން ނުފިލާނެ މިންވަރަކަށެވެ.
އެފަދަ ކޮންމެ ބިރުވެރިކަމަކުން، ޤައުމަށް އަމާންކަން ގެނެސްދީފައިވަނީ، ޤައުމުގެ އަގުހުރި އެތައްއެތައް ދަރިންނެއް އެކަންކަމުގެ ސިކާރައަކަށް ވެގެން ދުނިޔެއިން ވަކިވެ، މި ބިމުގައި ވަޅުލެވި ފޮރުވިގެންނެވެ. އަދިހަމަ އެއާއެކު، ޤައުމަށްޓަކައި ޖިހާދުގެ ކަމަރު ބަންނަވައިގެން ނުކުމެ، ލެޔާއި ދާ އޮހޮރުވައި، އެ ބައެއްގެ މުޅި ހަކަތަ ޤައުމަށްޓަކައި ޤުރުބާންކޮށް ރެޔާއިދުވާލު އެކަމުގައި ހޭދަކޮށްގެންނެވެ. މިފަދަ ބައެއް ކަންތައްތަކަށް މިއަށްވުރެ ކައިރިން ބަލާލާއިރު ވަރަށް ބިރުވެރި، ވަރަށް ލަދުވެތި، ވަރަށް ހިތްދަތި ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ.
9 ވަނަ ޙަސަން ރަސްގެފާނުގެ ސަބަބުން ޤައުމަށް ކުރިމަތިވި ނުރައްކާ
މިގޮތުން ބަލާއިރު ފާހަގަކުރެވޭ އެއްކަމަކީ ހިޖުރައިން 957 އިން 959 އަށް ރާއްޖޭގެ ތަޚުތުގައި ރެދަލިކުރެއްވި އައްސުލްޠާނު ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަލޯކަ މަހާރަދުން، އާދެ! ނުވަނަވަ ޙަސަން ރަސްގެފާނުގެ ދުވަސްވަރެވެ. އެ ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ އޭގެ ކުރިން ރަސްކަމުގައި ދެމިހުންނެވި އެ ރަދުންގެ ބޭބޭފުޅު، އައްސުލްޠާން މުޙަންމަދު ސިރީ ސިންގާބަވަނަ މަހާރަދުން ޤަތުލު ކުރައްވާފައެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު އެ ރަދުންނަށް ލިބެންއޮތް މޮޅުތަކެއް ހާސިލުކުރުމަށް އިސްލާމްދީނުގެ އަދުއްވުންގެ ކިބައިން ވާގި ހޯދުމުގެ އެދުންފުޅުގައި އިސްލާމްދީން ދޫކުރައްވާކަން ރާއްޖޭގައި އިޢުލާނުކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ދޫކުރައްވައި ކޮއްޗެއަށް ވަޑައިގެން އެ ތަނުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ވަޑައިގަތީ ގޯވާއަށެވެ. އެތާނގެ ބާރުހުރި ފަރާތަކާ ގުޅިވަޑައިގެން އެތަނުގެ ޢީސާއީދީނުގެ ބޭކަނބަލަކާ ކައިވެނިކުރައްވައިގެން އެތަނުގައި ހުންނަވައި މި ޤައުމަށް ކުރިމަތިކުރުވި ނުރައްކާތެރި ބިރުވެރި ކަންތައްތަކަކީ ދިވެހިފަސްގަނޑުން ދުވަހަކު ނުފޮހެވޭނެ ބިރުވެރި ކަންތައްތަކެކެވެ. ރާއްޖޭގެ ރައްޔިތުން ޣައިރު ދީނަށް އެނބުރުމަށް ކުރި މަސައްކަތާއި، އަދި އެ ރޫޙުގައި ވެރިކަން އަތުލައި ދިވެހިންގެ މައްޗަށް ނުފޫޒު ހިންގައި ނަޞާރާދީން މި ޤައުމުގައި ފެތުރުމަށް ފެށްޓެވި މަސައްކަތަކަށް ހުއްޓުމެއް ނުގެނައެވެ.
6 ވަނަ ޢަލީރަސްގެފާނު ޝަހީދުކޮށް، ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ކަސްތޮޅުގައި ދިވެހިރާއްޖެ
ޕޯޗްގީޒުންގެ ދުއްތުރާތައް 9 ވަނަ ޙަސަން ރަސްގެފާނުގެ އެދިވަޑައިގަތުމުގެ މަތިން ނިންމައިނުލައި ކުރިޔަށް ގެންދިޔައީ ވަރަށް ރޭވުންތެރިކަމާއި ކެހިވެރިކަމާ އެކުގައެވެ. ފަހަރަކަށްވުރެ ފަހަރަކު އެބައިމީހުންގެ ބާރު ގެންދިޔައީ ގަދަކުރަމުންނެވެ. ނަތީޖާ ނިމިގެން ދިޔައީ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިއުމުންނެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ދިވެހިންކުރި ވަރުގަދަ ހަނގުރާމައިގައި އޭރު ރަސްކަމުގައި ހުންނެވި އައްސުލްޠާނު ޢަލީ (ހަވަނަ) ގަދަފަދަ ހިތްވަރުފުޅާއެކު ކުރިމަތިލައްވައި ހަނގުރާމަކުރަމުން ދަނިކޮށް އެ ރަދުންނާ، ޚާއްޞަ ދެ ޚާދިމެއް ފިޔަވައި އެންމެން ހަނގުރާމައަށް ފުރަގަސް ދީ “އަލި ރަދުންނެކޭ އަނދިރި ރަދުންނެކޭ ތިމަންމެންނަށް ހަމަހަމައޭ” ބުނެ ޤައުމުގެ ވެރިކަން ޕޯޗްގީޒުންނަށް ދޫކޮށްލާފައި މައިދާނުން ފައިބައިގެން ދިއުމުން އެ ރަދުން ގިނިކަންޏާވުމުން، އެންމެފަހުން ޢަލީރަސްގެފާނުން ޝަހީދުކޮށް، ޕޯޗްގީޒުންގެ ބާރުގެ ދަށަށް މި ޤައުމު ދިޔައީއެވެ.
އެފަހަރު ޕޯޗްގީޒުން 15 އަހަރާ ހަތްމަހެއްހާ ދުވަސް ވަންދެން ރާއްޖެ އެ މީހުންގެ އަޅުވެތިކަމުގެ ދަށުގައި ވަނިކޮށް، އެ އަޅުވެތިކަމަށް ނިމުމެއް ގެންނެވީ އުތީމު ބޮޑުތަކުރުފާނާއި އެ ތަކުރުފާނުންގެ ހިތްވަރުގަދަ ފްލީޓުގެ ހިންމަތާއި މިންނަތުންނެވެ. އެތައް ބިރުވެރި ހާދިސާއަކާ ކުރިމަތިވި ނަމަވެސް އެ ތަކުރުފާނުންގެ ދުރު ވިސްނުންފުޅާއެކު ފަސްޖެހުމެއްނެތި ނުކުމެވަޑައިގެން ފެށްޓެވި ވަރުގަދަ ހަނގުރާމަ ނިންމެވީ މި ބިންތަކުން ޕޯޗްގީޒުންގެ ވަސް ފިލުވާލުމަށްފަހުގައެވެ.
ކަލާފާނުގެ އަރިހުގައި ތިބި ބޭކަލުން ޚިދުމަތަށް ފުރަގަސްދިނުމުން ހޮޅިން ކަލާފާނު ޝަހީދުކުރުުން
އައްސުލްޠާނު އިބްރާހީމް (3 ވަނަ) ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނަކީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުންގެ ދަރިކަލެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ “ކަލާފާނު” ގެ ނަމުންނެވެ. ރަސްކަންކުރެއްވީ 993 އިން 1017 އަށެވެ. މި ރަދުންގެ ރަސްކަމުގެ ފަހު ދުވަސްތަކުގެ ތެރޭގައި ހޮޅިން ރާއްޖެއާ ދެކޮޅުވެރިކަމުގައި އައި ޚަބަރު ލިބުނެވެ. އެހެންކަމުން ރަސްކަމުގެ ބޮޑުން އެއްކުރައްވައި މަޝްވަރާކުރުމުން އެ ރަދުންނަށް ލަފާއެރުވީ ހަނގުރާމަކުރުމަށްވުރެ ފިއްލަވާވަޑައިގަތުން ބުއްދިވެރިކަމުގައެވެ. އެހެންކަމުން ބޮޑުންގެ ލަފާފުޅަށް އިޙުތިރާމްކުރައްވައި، ނަވެއްގައި ފިއްލެވުމަށް ދަތުރު ފެށްޓެވީ ހިމާޔަތުގެ ލަޝްކަރާއި ބޮޑުންނާއި އަރިހުބޭކަލުންނާ ވެސް އެކުގައެވެ. ނަމަވެސް ގަނޑުވަރުގައި ޢާއިލާގެ ބައެއް ބޭފުޅުން ބެއިތިއްބިއެވެ. ކަނޑުމަތިން ރަދުންގެ ނާކޮޅާ ހޮޅިންގެ އުޅަނދުފަހަރާ ދިމާވެ ހަނގުރާމަ ފެށުނު ވަގުތު އެ ރަދުންގެ ވަފާތެރި ޚާދިމް، ޖަމާލުކަލޯއާއި އެ ރަދުން، އެ ނުރައްކަލުގެ ތެރެއަށް ދޫކޮށްލާފައި އަރިހުގައި ދިޔަ މީހުން ނަވުން ފުންމާލައިގެން ކައިރީގައި އޮތް ފަޅުރަށަކަށް އެރީއެވެ. ގަދަހިތްވަރުފުޅާއެކު ހަނގުރާމަކުރި ނަމަވެސް ކަލާފާނާއި ޖަމާލުކަލޯ ޝަހީދުވީއެވެ. ދެން ދުޝްމިނުން ލަހެއްނުވެ މާލެއައިސް ގަނޑުވަރު ތެރެއިން އަތުޖެހުނުހާ އެއްޗެއް ވަގަށް ނަގައިގެން އެންމެފަހުން ދިޔައީ ކަޅުތުއްކަލާ ވެސް ގޮވައިގެންނެވެ.
އަމިއްލައެދުމުގައި ހޮޅިންގެ އަތްދަށަށް ރާއްޖެ
އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (3 ވަނަ) “ސިރީ ނަވަރަންނަ ކީރިތި މަހާރަދުން” ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 1163 ވަނަ އަހަރުގައެވެ. މި ރަދުން މަޝްހޫރުވެފައިވަނީ ކޮރުބަންޑާރައިންގެ ނަމުންނެވެ. މި ރަދުންގެ ރަސްކަން ސުލްޙަވެރިކަންމަތީގައި ހިނގަމުން ދަނިކޮށް، ޤައުމަށް ޚިޔާނާތްތެރިވި ދެ ޚާއިނުން ކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަޠީބް އަޙުމަދު މުހްޔިއްދީނު، މަކަރުވެރިކަމުގައި ވެރިކަން އަތުލުމަށް، ކަންނަންނޫރު ޢަލީރާޖާގެ ވާގިހޯދައިގެން ކުރިމަސައްކަތުން ޢަލީރާޖާ ފޮނުވި މަލަބާރީންގެ ބަޔަކު (ހޮޅިން) އައިސް މާލެ ހިފައި، ގަނޑުވަރު އަންދާލާފައި އެމީހުން އެނބުރި ކަންނަންނޫރަށް ދިޔައީ ރަދުންނާއި، އިބްރާހީމް ރަސްގެފާނުންގެ ދަރިކަލުން މުޙައްމަދާއި އަދިވެސް އެތައް ދިވެހިންނެއް ގޮވައިގެން އެމީހުންގެ ވެރިކަން ހިންގުމަށް ހޮޅިންގެ ބަޔަކު އިސްކޮށްފައެވެ. މިކަން ހިނގީ ހިޖުރައިން 1166 ވަނަ އަހަރު ޞަފަރު މަހުގެ ތެރޭގައެވެ. މި މީހުންގެ ބާރު ހޯދި މަކަރުވެރިންނަށް އެއްމިޔަކަނުން ހެވިލަހެވިލައި އެ މަކަރުވެރިކަން މަތީގައި ތިބެވުނުކަމަށްވަނީ ދާދި މަދު ދުވަސްކޮޅެއްގައެވެ. އާޚިރުގައި ޤައުމަށް ޚިޔާނާތްތެރިވި މި ދެ ޚާއިނުންނަށް ޙައްޤު ޖަޒާ ލިބި ހޮޅިންގެ މަކަރުވެރިކަމުގައި އެ ދެ މީހުން ނިމިދިޔައީއެވެ. ބުނެވެނީ ކަނޑުފެއްތީ ކަމުގައެވެ.
މި އަނދިރި ވަޅުގަނޑުން ދިވެހިން ސަލާމަތްކޮށްދެއްވީ ހުރާގޭ ދޮން ޙަސަންމަނިކުފާނުގެ މިންނެތް މަސައްކަތުންނެވެ. ދޮންބަންޑާރައިން އިސްވެ ހުންނަވައިގެން ދޮންބަންޑާރައިންނާ އޭނާގެ އެ ހިތްވަރުގަދަ ލަޝްކަރު ހޮޅިންނާ ކުރިމަތިލައްވައި، ކުރެއްވި ރޭވުންތެރި ވަޠަނީ ރޫޙުން ފުރިގެންވާ ގަދަފަދަ ހަނގުރާމައިގައި ނަޞްރު ލިބުނީ ދިވެހިންނަށެވެ. މިކަމުގައި ދޮންބަންޑާރައިން ގެންގުޅުއްވި ޙިކުމަތު ޢަމަލީއަކީ ދިވެހިންގެ ކިބައިގައި ހުރި މިފަދަ ޚާއްޞަ ކުޅަދާނަކަން ދައްކުވައިދިން ކަމެކެވެ. ރާއްޖެ، ހޮޅިންގެ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަތް ކުރެވުނުއިރު އެ އަނިޔާއަށް ކެތްނުކުރެވިގެން ނިކަމެތި އެތައް ރައްޔިތުންނެއް ވަނީ މި ދުނިޔެއާ އަބަދަށް އަލްވަދާޢު ކިޔާފައެވެ. ބިރުވެރި އެތައް ކަންތައްތަކަކާ ރައްޔިތުންނަށް އޮތީ ކުރިމަތިކުރުވާފައެވެ.
ވެލާނާގޭ މުޙައްމަދުދީދީ ވެރިކަން ހޯދުމަށް ޕިޝޯރީން ގެނައުން
އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (3) ގެ ރަސްކަމުގައި ރާއްޖޭގެ ވެރިކަން އަތުލުމަށް ވެލާނާގޭ މުޙައްމަދު ދީދީ ޕިޝާވަރުން ޕިޝޯރީން ގޮވައިގެން މާލެ އަންނަން އައި މަގުމަތީ، ޅ.ހިންނަވަރަށް ފައިބައި އެ ރަށުގެ މީހުންނަށް އެތައް ދުއްތުރާއެއް ކުރިއެވެ. އެއަށްފަހު މާލެ އައުމަށް އެ ރަށުން އޮޑިއެއް ފޭރިގަނެގެން އައިމަގުމަތީ، 1327 ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ބޮޑުބަނޑޮހުގައި ތިއްބައި ސިފައިން ގޮސް އެމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކޮށް އެމީހުން ހައްޔަރުކޮށްގެން ސިފައިން އެމީހުން މާލެ ގެނައީއެވެ. މިއީ ފަހުގެ ތާރީޚަށް ބަލާއިރު ރާއްޖޭގައި އުފެދުނު ސިފައިން އެންމެ ފުރަތަމަ ކުރި ހަނގުރާމައެވެ. މި ހަނގުރާމައިގެ ކޮމާންޑަރަކަށް ހުންނެވީ ސިފައިންގެ ފުރަތަމަ ކޮމާންޑަރ، ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާޢީލް ދީދީއެވެ. މިކަން ވެސް ޕިޝޯރީންނަށް ކާމިޔާބުވިނަމަ ވެރިކަން ކުރާކަށް ވެލާނާގޭ މުޙަންމަދުދީދީއެއް އަދި އެހެން ދީދީއެއް ވެސް ނުހުރީސްކަމާ މެދަކު ޝައްކެއްނެތެވެ. ހޮޅިންނެކޭ އެއްފަދައިން ތިބީހީ ޕިޝޯރީންނެވެ.
1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ލިބުނީ ބަޔާން ނުކުރެވޭވަރުގެ ބޮޑު ގެއްލުންތަކެއް
އެންމެ ފަހުން ރާއްޖޭގެ ރައްޔިތުންގެ ކުށެއްނެތް އެތައް ބަޔަކު ޤަސްދުގައި މަރައި އެތައް އަނބިންނެއް ހުވަފަތްކޮށް އެތައް ދަރިންނެއް ޔަތީމުކުރި ހާދިސާއަކީ ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން ތަމަޅަ ޓައިގަރުން ހަތިޔާރާއެކު 1988 ނޮވެންބަރު 3 ރޭ މާލެ އަރުވައި ރާއްޖޭގެ ދިފާޢީމަރުކަޒަށް ޙަމަލަދީ އަދި ކުށެއްނެތް އެތައް ބަޔަކު މަރައި ހިންގި ލާއިންސާނީ ޢުދުވާނެވެ. ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި މި ހިންގި ޢުދުވާނުގައި ފަޅުއޮޑިފަހަރުން މީހުން ގެނެސް ޖުމްހޫރީމައިދާނުގައި ގަދައަވީގައި ނިވައިފަތްގަނޑަކަށް ބައިތިއްބައިގެން އެމީހުންގެ ނިވަލުގައި ތިބެގެން އެމީހުންގެ ބުރަކަށިތަކުގެ މަތީގައި ބަޑިޖައްސައިގެން ޤައުމުގެ ދިފާޢީމަރުކަޒަން ދެމުންގެންދިޔައީ ވަރުގަދަ ޙަމަލާއެވެ.
ނަމަވެސް އެދުވަހު މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ސިފައިން ދިން ރައްދު ޙަމަލާގައި ތަމަޅައިން ފުރަތަމަ ވެސް ސިއްސުވާލީ ސިފައިންގެ ތެރެއިން ޢުމުރުން 20 އަހަރު ނުފުރޭ ޅަޒުވާން ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ކުއްލި ޙަމަލާއިންނެވެ. އޭނާގެ އެ ވަރުގަދަ ޙަމަލާއިން ސިފައިންނަށް ތައްޔާރުވާނެ ވަގުތު ކިތަންމެ ރަނގަޅަކަށް ވެސް ހޯދައިދެއްވުމަށްފަހު އެ ހަނގުރާމައިގައި އޭނާ ޝަހީދުވީ މި ޤައުމުގެ ވެރިކަމަކީ އެފަދައަކުން އަރައިގަންނަން އަންނަހާ ބަޔަކަށް ލިބިދާނެ އެއްޗެއް ނޫންކަން ކިތަންމެ ރަނގަޅަކަށް ވެސް އަންގައިދީފައެވެ. އަދި މި ޢުދުވާނުގައި ދުޝްމިނުންގެ ހާލިތައް ދެނެގަނެ އެ ހާލިތައް ވިއްސިވިހާލި ކޮށްލުމުގެ މަތިވެރި ޢަޒުމްގައި ސިފައިންގެ ތެރެއިން އެ ދުވަހު ބޭރަށް ނުކުންނެވި 10 ފަހުލަވާނުންނަކީ ޤައުމުގެ ޙައްޤުގައި ސިފައިން ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހޭނެކަން މުޅި ދުނިޔެއަށް ހާމަކޮށްދެއްވި ހިތްވަރުގަދަ ފަހުލަވާނުންތަކެކެވެ. އޭގެތެރެއިން ތިން ބޭކަލަކު ޝަހީދުވިއެވެ. އެ ބޭކަލުންގެ ހަށިތަކުން ފޭދިގެން ދިޔަ ލެއިން މި ބިމުގައި ޤައުމާއި ވަޠަންގެ ޙައްޤުގައި ޖިހާދުކުރުމުގެ އާރޫހެއް އުފަންކުރުވިއެވެ. މި ޢުދުވާނުގައި ޝަހީދުވެދިޔައީ ހަމައެކަނި ސިފައިންނެއް ނޫނެވެ. ސިފައިންގެ 8 ބޭކަލުންގެ އިތުރަށް ޢާންމުންގެ 11 މީހަކު ވެސް ޝަހީދުވިއެވެ.
މިއީ ދިވެހިންގެ ތެރޭގައި އުފެދުނު ދިވެހިންގެ ނަމުން ނަން ކިޔައިގެން ތިބި ބައެއްގެ ސަބަބުން ޤައުމަށް ކުރިމަތިވި ބަޔާންކުރަން ދަތި ބިރުވެރި ނުރައްކާތެރި ހާދިސާތަކެވެ. މިފަދަ ކަންކަމުން ލިބިފައިވާ ފިލާވަޅުތަކަކީ މިއަދު ވެސް މާދަމާ ވެސް ހަނދާންކުރަންޖެހޭނެ، އެއިން ޢިބްރަތް ހާސިލުކުރަންޖެހޭނެ ފިލާވަޅުތަކެވެ. މިފަދަ ކަންކަން ޤައުމަށް ކުރިމަތިކުރުވި ބަޔަކީ ޤައުމާމެދު ފަޚުރުވެރިވެވޭނެ ބައެއް ކަމަކަށް ނުދެންނެވޭނެއެވެ. ޤައުމަށްޓަކައި ފަޚުރުވެރި ވެވޭނީ އެ ބައެއްގެ ބަހާއި ޢަމަލުން، މަސައްކަތާއި ހުނަރުން ޤައުމަށް ރީތި ނަން ހޯދައިދީ، ޤައުމު އޭގެ އެންމެ ފުރިހަމަގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭން ވިސްނާ މީހެއް ނުވަތަ ބަޔަކަށެވެ. ޤައުމު ބައިބައިކުރުވައި ޤައުމުގެ ސުލްޙަމަސްލަޙަތު ނަގާލާ، ޤައުމަށް ގެއްލުން ދޭން ވިސްނާ މީހަކަށް ނުވަތަ ބައަކަށް ދުވަހަކު ވެސް ޤައުމާމެދު ފަޚުރުވެރިއެއް ނުވެވޭނެއެވެ.
އަދުގެ ޒުވާނުންނަކީ މިފަދަ ކަންކަމުން ޢިބްރަތް ހާސިލުކޮށްގެން، ޤައުމަށް ނަފާވާނެ ގޮތްތައް ދަނެ، ޝަހީދު ޙުސައިން އާދަމާއި، ޝަހީދު އާދަމް ނަޞީރު ފަދަ، ޝަހީދު މުޙައްމަދު އިބްރާހީމްއާއި ޝަހީދު މުޙައްމަދު ޙަސަން ފަދައިން، އެއަށްވުރެ ކުރިންނަމަ ޝަހީދު ޢަލީރަސްގެފާނާއި އުތީމު ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ޤައުމު ދެކެ ލޯބިވާ ބައަކަށް ވުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ. މި ޤައުމު މި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދެވޭނީ މި ދެންނެވި ބަޠަލުން ފަދައިން ޤައުމު ދެކެ ލޯބިވާ، އިޚުލާޞްތެރި ތެދުވެރި ބައަކަށް މި ޤައުމުގެ އެންމެ ހާފަރުދުން ވެގެންނެވެ. އިސްވެ ދެންނެވިފަދަ މަކަރުވެރި ޚާއިނުންނަށް އެފަދަ ފުރުސަތެއްނުދީ އެފަދަ ފަރާތްތަކުގެ ވިސްނުން ބަދަލުކޮއްލާހާ ހިތްވަރު ޤައުމުގެ ޒުވާން ދަރިންގެ ކިބައިގައި ހުރެގެންނެވެ. މި މުޖުތަމަޢު އެގޮތުގައި ބިނާކުރެވިގެންނެވެ. ޤައުމަކީ މަންމައެވެ. މި މަންމައަށް އުފަން ކޮންމެ ދަރިއަކު މި މަންމައަށް ޓަކައި ތެދުވެރިވުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެކެވެ.