އިންސާނާ ގޯޅިއަޅުވާލުމުގައި އިސްދައުރެއް އަދާކުރަނީ އަމިއްލަ އެދުމެވެ. ކޮންމެ ކަމެއް ވެސް ހަލާކުވުމުގެ އައްޑަނައަކަށް ވެފައި ވަނީ އަމިއްލަ އެދުމެވެ. ތިމާއަށް މޮޅުގޮތް ހޯދަން މަސައްކަތްކުރުމަކީ އިންސާނާގެ ޠަބީއަތުގެ ތެރޭގައި ވާކަމެކެވެ. މިފަދަ އެދުންތަކުގެ ރަޖަލުގެ ދަށުގައި ތިބޭ މީހުންނަކީ އަނެކުންނާ މެދު ވިސްނާ ބައެއް ނޫނެވެ. ތިމާ ބޭނުންވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އެއްބަނޑުއެއްބަފާ މީހުން މަރާފައި ވެސް އެބަހުއްޓެވެ. އަދި މިއަށްވުރެ ބޮޑު ނުރައްކާތެރި ކަމަކާ ވެސް ކުރިމަތިލުމަކީ ކޮށްފާނެ ކަމެކެވެ.
އާންމު ގޮތެއްގައި އަމިއްލަ އެދުން އިސްކުރެވިފައިވަނީ ލޯބިވެރިއަކާ ހުރެ، ނުވަތަ ފައިސާއާ ހުރެ، ނުވަތަ ވެރިކަމާ ހުރެއެވެ. ގިނައިން ހިނގާފައިވާ ބޮޑެތި ހާދިސާތައް ހިނގާފައިވަނީ ވެރިކަމާ ހުރެއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގާލާއިރު މީގެން ކޮންމެ ކަމަކާ ގުޅިގެން ހިނގާފައިވާ ހާދިސާތަކަކީ ވެސް ވަކި މިވެނި ކަމެއް ކުޑައޭ ބުނެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ.
ތާރީޚުގެ ފަތްފުށްތައް އުކާލާއިރު ކިންގް އާތަރއަކީ އިނގިރޭސިވިލާތުގައި ގިނަ އަހަރުތަކެއް ވަންދެން އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ހޯދައިދީ ދަމަހައްޓައިދިން މަޤުބޫލު އަދި ކުޅަދާނަ ވެރިއެކެވެ. އާޚިރުގައި ކިންގް އާތަރއަށް ދިމާވި އެންމެ ބޮޑު ކަމަކަށްވީ ކިންގް އާތަރގެ އަންހެނުންނާއި ފްރާންސްގެ ހަނގުރާމަވެރިއެއް ކަމަށްވާ ސާރލޭންސޮލެޓްއާ ދެމެދު ލޯބީގެ ގުޅުމެއް އުފެދި ސިއްރުތައް ދުޝްމިނުންނަށް ހާމަވާން ފެށުމެވެ. އަދި މި ދުވަސްވަރަކީ ކިންގް އާތަރގެ ހަނގުރާމަވެރިން، ކްރިސްޓިއަން ދީނުގައި ވަރަށް މާތް އަދި ޚާއްޞަ ކަންވާރުކޮޅެއް ހޯދުމުގެ ކެމްޕޭނެއް ހިންގި ދުވަސްވަރެކެވެ. ކިންގް އާތަރ ރޯމަނުންނާ ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރު ކަމަށްވާތީ އާތަރ ހުންނެވީ ގަނޑުވަރާ ވަރަށް ދުރުގައެވެ. މި ދަނޑިވަޅުގައި އާތަރގެ ދެބެއިންގެދެދަރި މީހެއްކަމަށްވާ “މޯޑަރޑް” ރަސްކަމުގެ ތަޚުތަށް ދަހިވެތިވެގެން ކިންގް އާތަރ ހަނގުރާމާގައި ޤަތުލުވެއްޖެކަމަށް އަޑުފަތުރާފައި ރަސްކަމުގެ ތަޚުތަށް އިސްވާން މަސައްކަތް ފަށައިގަތެވެ. އާޚިރު ނަތީޖާއަކަށްވީ ކިންގް އާތަރގެ އަތުން ކޮއްކޮ ޝަހީދުކޮށްލެވި، ކިންގް އާތަރއަށް ލިބުނު ގެއްލުމުގައި ނުކުޅެދޭ މީހެއްގެ ގޮތުގައިވެ، ނިކަމެތި ހާލުކޮޅުގައި އަވަހާރަވުމެވެ.
އަޅުގަނޑުމެންގެ އަވައްޓެރި ޕާކިސްތާނުގެ ފަހުގެ ހާދިސާތަކަށް ނަޒަރު ހިންގާލާއިރު މިހާރު ޕާކިސްތާނުގެ ރައީސް ޕަރުވޭޒް މުޝައްރަފަކީ އޭނާގެ ކުޅަދާނަކަމާއި ޤާބިލުކަމުގެ ސަބަބުން އަދި ތެދުވެރި ވަފާތެރިއެއްގެ ގޮތުގައި ދެކިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ވެރިކަމުގައި 1998 ގައި ޖެނެރަލް ޖީހާންގިރީ ކަރަމަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އާރމީ ޗީފް އޮފް ސްޓާފްކަން ދެއްވާ އަދި ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއަރމަންކަމަށް އިސްކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި 1999 ވަނަ އަހަރު ޕްރައިމް މިނިސްޓަރ ނަވާޒް ޝަރީފްއާއި އަސްކަރީ ވެރިންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުން މުޝައްރަފްގެ ޣައިރު ހާޒިރުގައި މުޝައްރަފް ވަޒީފާއިން ވަކިކުރެއްވުމުން މުޝައްރަފް ގެންނެވި ވަގުތީ އިންޤިލާބެއްގައި ޕާކިސްތާނުގެ ވެރިކަމާ ޙަވާލުވެލެއްވީ މުޝައްރަފެވެ. އަދި ދުވަސްތަކަކު އެކަށީގެންވާ ހަމަޖެހުމެއްގައި އޮތުމަށްފަހު މިހާރު ޕާކިސްތާނަކީ ދުނިޔޭގެ މީޑިޔާގައި ކޮންމެ ދުވަހަކު ވެސް ފަލަސުރުޚީއެއް އަޅާ ޤައުމެކެވެ.
ދިވެހިރާއްޖެއަށް ނަޒަރު ހިންގާލިކަމުގައި ވިއަސް ހިންގާފައިވާ ބޮޑެތި ޖަރީމާތަކާއި ހާދިސާތައް ވަރަށް ވެސް ހިތާމަވެރި އަދި ނުރައްކާތެރިއެވެ. ރާއްޖެއަށް ކުރިމަތިިވި މިފަަދަ ކޮންމެ ހާދިސާއެއްގައި ވެސް އިސްރޯލެއް އަދާކޮށް މޭސްތިރިއަކަށް ވެފައިވަނީ ދިވެހި ބިމަށް އުފަން ދަރިއެކެވެ. ގިނައިން ރާއްޖެއާ ތޮޅިފައި ވަނީ ޕޯޗްގީޒުންނެވެ. އެބައިމީހުންނަށް އަމިއްލަ ހާލައިގެން ތެދުވެވިފައި ވަނީ އެއްފަހަރުއެވެ. އެއީ އަލީރަސްގެފާނު ޝަހީދުކޮށްލި ހަނގުރާމާގައެވެ. އޭގެކުރިން ކޮންމެފަހަރަކު ވެސް ޕޯޗްގީޒުންގެ އަތުން ދިވެހިންނަށް ލިބިފައިވަނީ ނަޞްރާއި ކާމިޔާބެވެ. މިކަމުގެ އަޞްލަކީ ދިވެހިންގެ ތެރޭގައި އޮތް ބަދަހި ގުޅުމާއި ހިތްވަރާއި ފަންވަރެވެ. ޤައުމިއްޔަތު ދެކެވާ ލޯތްބާއި، ވަަޠަން މިނިވަންކަންމަތީ ލެހެއްޓުމަށް ވާ ޤުރުބާނީއެވެ.
ރާއްޖޭގެ މިިނިވަންކަމާއި އިސްތިޤުލާލް ގެއްލުވާލި އެ ހަނގުރާމައިގެ މޭސްތިރިއަކީ ވެސް ރާއްޖޭގައި ރަސްކަންކުރެއްވި ޙަސަން ރަސްގެފާނު 9 ވަނަ އެވެ. ރާއްޖޭގައި ޣައިރުދީން އުފައްދަން މަސައްކަތްކޮށް ނާކާމިޔާބުވެގެން ރާއްޖެ ދޫކުރި ޙަސަން ރަސްގެފާނު 9 ވަނަ ރޭވިރޭވުން ދިޔައީ ފަނުފުލުންނެވެ. އެކަމުން ޙަސަން ރަސްގެފާނަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. ނުބައި މަކަރުވެރި ރޭވުމުގެ ދަށުން ރާއްޖެއާ ތޮޅުމަށް ފޮނުވި ކެޕްޓަން އަނދިރިއަނދިރިންނަކީ ޕޯޗްގީޒުންގެ ލޭހިނގާ މީހެއްކަމުގައި ވިއަސް ވިހާބޮޑުވީ ދިވެހިރާއްޖޭގައިކަމުން ގޯވާ ކަޅު ފަރަންޖީ (އަނދިރިއަނދިރިން) ގެ ރޭވުން މާނުބައެވެ. ބޮޑުވުމަށްފަހު ޕޯޗްގީޒުންނާ ގުޅުނު އަނދިރިއަނދިރިން ފުރަތަަމަ ރެކީ ދަތުރުގައި ރާއްޖެ އައިސް ގޯވާއަށްދިޔަ މަގުމަތީގައި ޢަލީރަސްގެފާނުއަށް އޮޅުވާލައިގެން ނުބައި ރޭވުމެއްގެ ދަށުން އަނދިރިއަނދިރިންގެ ކޮއްކޯފުޅު މަތުއްކަލާ ގަނޑުވަރުން ނެރެގެން ނައު ދައްކާލުމަށް ނަވަށް ގެންގޮސް ކާންދީ ނިންދެވުމަށްފަހު މަތުއްކަލާއަށް ނޭނގި ފުރައިގެން ދަމުން ހަތަރެސްފައިގައި ބަރުބަނދެފައި ކަނޑުފައްތައި މަރާލީއެވެ. ދެވަނަ ފަހަރަށް އަނދިރިއަނދިރިން އައިސް ހަނގުރާމަކުރަން ފެށުމުން ދިވެހިންނަށް ކާމިޔާބު ނުވާނެކަމުގެ ބިރު ހީވެގެން ދިވެހިންތައް ފިލައި އަލީރަސްގެފާނު އެކަނި ގިނިކަނި ކުރެއްވުމުން އަލީރަސްގެފާނު ޝަހީދުކޮށްލައި ޕޯޗްގީޒުން ރާއްޖެއަށް ވެރިވެގަތެވެ. މިކަމުގައި ޙަސަން ރަސްގެފާނަށް ވީހަމަ އެއްވެސް މޮޅެއް ނެތެވެ.
ދެން ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއަށް ވިސްނާލި ކަމުގައި ވިޔަސް ދިވެހި ޚާއިނުންގެ ބަޔަކު ހިންގި ޒަމާނީ ނުރައްކާތެރި ހަނގުރާމާގައި ވެސް ދިވެހިން އެކަތިގަނޑަކަށްވެ ދެއްކި ހިތްވަރާއި ބަދަހި ގުޅުމުގެ ސަބަބުން މާތްﷲ ގެ އިރާދަފުޅުން ޚާއިނުންވީ ބައްޔެވެ. ދުނިޔެއަށް ފަޟީހަތްވެ ރާއްޖެެއަށްވީ ގިނައެވެ. މޮޅުގޮތް ހޯދުމަށް މަސައްކަތްކުރި ޚާއިނުންނަކީ މިއަދު ތާކުންތާކު ޖެހޭ ބަޔަކަށް ނުވެއެވެ. އެދުވަހު އެބައިމީހުންނަށް ކާމިޔާބުވީނަމަ ރާއްޖެ މިގޮތުގައި ނޯތީހެވެ. ރާއްޖެ އަޅުގަނޑުމެންގެ އަތްދަށުން ދިޔައީހެވެ. އަދި އެޚާއިނުންނަށް އެއްވެސް ފައިދާއެއް ނުކޮށް ރާއްޖެއަކީ ދިވެހި ދައުލަަތަކަށް ނުވީސްކަން ޔަގީނެވެ. ވިސްނާ ފިކުރުކުރާ ކޮންމެ މީހަކީ ވެސް މިފަދަ ކަންތައްތަކުން ޢިބްރަތް ހާސިލުކުރާ ބަޔަކަށް ވަމާތޯއެވެ.