2007 ސެޕްޓެންބަރު 29 ގައި ސަލްޓަންޕާކްގައި އައިއީޑީއެއް ގޮއްވާލި ހާދިސާއަށްފަހު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަލްޤައިދާގެ ވީޑިއޯތައް ދުނިޔެއަށް އާއްމުކުރަމުންދާ ވެބްސައިޓެއްގައި އއ. ހިމަންދޫގައި ހައްދުފަހަނަ އަޅާފައިވާ ގޮތްތައް ގެންގުޅޭ މީހުންނަށް އެހީވުމަށް ގޮވާލާފައިވާ ވީޑިއޯއެއް އާންމުކުރުމުންނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ހުރިހާ ފަރާތަކުން އަޅުގަނޑުމެންގެ ދީނަށާއި ސަގާފަތަށް މިހިރީ ދުނިތައް އަމާޒުވެފައެވެ. މިއީ ވަރަށް ކުޑަކުޑަ މީސްކޮޅު މަދު ޤައުމެކެވެ. ޒަމާނުއްސުރެ ސުލްޙަވެރިކަމާ އެކު ދިރިއުޅެމުންއައި ބަޔަކު އުޅުނު ޤައުމެކެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މި ޤައުމުގެ މިނިވަންކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކަށްވުރެ ވަރުގަދަ މަސައްކަތްތަކެއް މިއޮތީ ކުރަން ޖެހިފައެވެ. ޤައުމުދެކެ ލޯބިވާ، ދީނަށް ވަފާތެރި ދަރިންތަކަަކަށް މި ޤައުމު އެބަ ގޮވައެވެ. ޣާފިލުނުވެ، ލޯހުޅުވައިގެން ތިބެ ޤައުމު ދިފާޢުކުރަން އެބަ ޖެހެއެވެ.

ޗާޑަކީ އެފްރިކާގެ މެދުތެރޭގައި އޮންނަ ޤައުމެކެވެ. އަޣުލަބިއްޔަތު އޮންނަނީ މުސްލިމުންނަށެވެ. އާބާދީއަކީ 9.1 މިލިއަން މީހުންނެވެ. ޗާޑަކީ ބޭރުގެ އެހީއަށް އަބަދުވެސް ބޭނުންވެފައިވާ އަދި ބޭރުގެ އެހީދޭ އެކިއެކި ޖަމާއަތްތަކުން ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ. 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި “އެހީދޭ” ޖަމާޢަތަކުން ހިންގަން އުޅުނު ވަރަށް އަނިޔާވެރި އަމަލެއް އެ ޤައުމުގެ ސަލާމަތީ ބާރުން ވަނީ ހުއްޓުވާފައެވެ. އެހީ ދިނުމުގެ ނަމުގައި ޗާޑުގައި ހަރަކާތްތެރިވަމުންދިޔަ ފަރަންސޭސިވިލާތާއި ސްޕޭންގެ މީހުން ހިމެނޭ މި ޖަމާޢަތުން ދިހަ އަހަރާއި ސާދަ އަހަރާ ދެމެދުގެ ސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ވަގަށް ނެގިއެވެ. އެމީހުން މަސައްކަތްކުރީ މި ކުޑަކުދިންތައް ޔޫރަޕަށް ގެންދާށެވެ. މިކަން ހުއްޓުވީ އެ ކުދިން އަރުވައިގެން ދަތުރަށް ތައްޔާރުކޮށްފައިއޮތް މަތިންދާބޯޓް ޗާޑުގެ ސިފައިން ހަތިޔާރާ އެކު ގޮސް ވަށާލައިގެންނެވެ. މިހާ ގިނަ އަދަދެއްގެ ކުޑަކުދިން ޔޫރަޕަށް ގެންދަން މި ޖަމާއަތުން މަސައްކަތްކުރީ ކޮން ބޭނުމެއްގައިކަމާ މެދު ދުނިޔޭގެ މީޑިޔާގައި ފެތުރިފައިވާ ޚަބަރުތައް ތަފާތެވެ. ޗާޑުގެ ސަރުކާރުން ބުނެފައިވަނީ އެ ކުދިން ގެންދަން މަސައްކަތްކުރީ އެ ކުދިންގެ ކިޑްނީއާއި ހަށިގަނޑުގެ ގުނަވަންތަކުގެ ބޭނުމުގައި ކަމަށެވެ. މީޑިޔާގެ ބައެއް ރިޕޯޓްތައް ބުނެފައިވަނީ މިކަމުގެ ބޭނުމަކީ ވަގުތީ ފާޙިޝް އަމަލުތައް ހިންގުން ކަމަށެވެ. އެހެން ބައެއް ރިޕޯޓްތަކުގައި ވާގޮތުގައި މިއީ އަޅުންގެ ސިއްރު ވިޔަފާރިއެކެވެ. އަދި މިއީ ދީން ބަދަލުކޮށް މުޅި ޗާޑްގައި ކްރިސްޓިއަން ދީން ފެތުރުމަށް ހިންގާ ކެމްޕޭނެއްގެ ދަށުން ހިންގި ޝައިތާނީ އަމަލެއް ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވެއެވެ.

ފަޤީރު ޤައުމުތަކުގައި އެހީދޭ ޖަމާޢަތްތަކުގެ ގޮތުގައި ގިނައިން ހަރަކާތްތެރިވަނީ ހުޅަނގުގެ މުއްސަނދި ޤައުމުތަކަށް ނިސްބަތްވާ ޖަމާޢަތްތަކުންނެވެ. މި ޖަމާޢަތްތަކަށް ވަރަށް ގިނަ ފަޤީރު ޤައުމުތަކުން ބަރޯސާވެއެވެ. ބައެއް ޤައުމުތަކުން އެ ޖަމާއަތްތަކަށް ކޮށްފައިވާ އިތުބާރެއްގެ ސަބަބުން އެ ޤައުމުތައް ވަނީ ވަރަށް ބޮޑު ޣާފިލުކަމެއްގެ ތެރޭގައެވެ. މީގެ ތެރޭގައި އިސްލާމީ ޤައުމުތައް ވެސް ހިމެނެއެވެ. އިސްލާމީ ޤައުމުތަކުގައި ހުޅަނގުގެ ނަސޯރާ ޖަމާޢަތްތަކުން އެހީގެ ނަމުގައި އަޤީދާ ފާސިދުކުރުމާއި ނަސޯރާދީނުގެ ގޮތްތައް ފެތުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެއެވެ. އެހީ ފޯރުވައިދޭ މަދަދުގާރުންގެ ގޮތުގައި އިންސާނުންގެ ސިފަ ޖެހިގެން ތިބެ ޝައިތާނީ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޣާފިލުވެގެން ތިބެއްޖެނަމަ ކޮންމެ ފަދަ ގޮތެއް ވެސް މެދުވެރިވެދާނެއެވެ. ދީނާއި ސަގާފަތާއި އަނބިދަރިން ގެއްލުމުގެ ބިރު ވެސް އެބައޮތެވެ.

ރާއްޖެއަކީ ވެސް އިސްލާމީ ކުޑަކުޑަ ޤައުމެކެވެ. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ބޭރުގެ ގޮތްނޭނގޭ ޖަމާއަތްތައް ވެސް އުޅެއެވެ. ބައެއް ޖަމާޢަތްތަކުން އެމީހުންނަކީ “އެހީދޭ” ޖަމާޢަތްތައް ކަމަށް ބުނަމުންދެއެވެ. އަދި ރާއްޖެއާ ބެހޭގޮތުން ތަފާތު ދިރާސާތައްކޮށް ތަފާތު ގޮތްގޮތަށް ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ފާޑުކިޔާ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ވެސްދެއެވެ. މިއީ އަޅުގަނޑުމެން ޣާފިލުވެގެންވާނެ ކަމެއް ނޫނެވެ.

ކުރިމަތިވަމުން އަންނަ ކޮންމެ ގޮންޖެހުމަކަށް ވެސް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށެވެ. ޤައުމީ ދިފާޢީ ބާރުގައި ސިފަވަންތަކަމާއި ޤާބިލުކަން އިތުރުކުރަން ޖެހެއެވެ. އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުކުރަން ޖެހެއެވެ. ޤައުމަށް ޓަކައި ދީނަށް ޓަކައި ފަސްނުޖެހި ކުރިއަށް ނިކުމެ ފުރާނައިން ޤުރުބާންވާން ތައްޔާރަށްތިބި ސިފައިންނާއި އެހެން މީހުންނާ އެއް ހަމަ ނުވާނެކަން ޤަބޫލުކުރަން ޖެހެއެވެ. ސިފައިންނަށް ދެވޭ އިނާޔަތްތައް ކޮންމެ ޤައުމެއްގައި ވެސް ނިސްބަތުން ބޮޑީ ސަބަބުތަކެއް އޮންނާނެތީއެވެ. އެ ސަބަބަކީ ސިފައިންނާ ހަވާލުވެފައިވާ ވާޖިބާއި ޒިންމާތަކާއި މަސްޢޫލިއްޔަތުތަކެވެ. އިއްޔެ ވެސް މި ޤައުމުގެ މިނިވަންކަމާއި ދީނުގެ ދިފާޢުގައި ނިކުތީ ސިފައިންނެވެ. މާދަމާ ވެސް ނިކުމެ ކުރީ ސަފުގައި ފުރާނައިން ޤުރުބާންވާން ޖެހިއްޖެނަމަ އެކަމަށް ވެސް ފަސްނުޖެހި ކުރިމަތިލާނީ ސިފައިންނެވެ. 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ފުރަތަމަ ޝަހީދުވެގެން ވެއްޓުނީ ވެސް ސިފައިންގެ މީހެކެވެ. އެ ދުވަހު ދުޝްމިނުންނާ ދެކޮޅަށް ފުރަތަމަ ހަމަލާދިނީ ވެސް ސިފައިންގެ މީހެކެވެ. ރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށް އައިސްފައި މިއޮތީ ވެސް ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ސިފައިންނަށް ކުރެވޭ ހޭދައަކީ ބޭކާރު ހޭދައެއް ކަމަށާއި ސިފައިންނަކީ ޤައުމަށް ބޭކާރު ބައެއް ކަމަށް ދައްކަން ކުރާ މަސައްކަތަކީ ފޫނެއް ފަޔަށް ފުރޭނެ ފެނެކެވެ. މި ބާވަތުގެ ވާހަކަތައް ދައްކާ މީހުންގެ މަޤްޞަދަކީ ޣާފިލުކަމުގެ ނިދިން ޤައުމު ނިންދަވާލުމެވެ.

ޝެއަރކުރެއްވުމަށް