2004 ޑިސެންބަރ 26 ވީ އާދީއްތަ ދުވަހަކީ އަޖައިބު ކުރުވަނިވި ބިރުވެރި ދުވަހެކެވެ. ބިރުވެރިކަމާއި ހައިރާންކަން އިންސާނުންގެ ހިތްތަކަށް ވެރިވެގަތް ނުރައްކާތެރި ދުވަހެކެވެ. އެތައް ލައްކަ ބަޔެއްގެ ދިރިއުޅުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެންދިޔަ، އަދި ހަމަ އެހާ ގިނަ ބަޔެއްގެ ފުރާނަ މި ދުނިޔެއާ އަލްވަދާޢުކީ ދުވަހެވެ. މާތް ﷲ މިފަދަ ދެވަނަ ދުވަހެއް އަޅަމެންނަށް ނުދައްކަވާށިއެވެ.

ހަފުތާގެ އާދީއްތަ ދުވަހަކީ ރަސްމީކޮށް އޮފީސްތަކާއި ސްކޫލުތައް ހުޅުވިފައި ހުންނަ ދުވަހަކަށް ވާތީ ހެނދުނުގެ ވަގުތަކީ ގިނަ ބަޔަކު ހޭލާ އުޅުނު ވަގުތަކަށް ވުމުން އެ ދުވަހުގެ 06:25 ހާއިރު އައި ވަރުގަދަ ބިންހެލުމެއްގެ ޝޮކާއެކު އެކަން ހިނގިކަމުގެ އަޑު ހިނދުކޮޅެއްގެ ތެެރޭގައި ރަށުތެރޭގަޔާއި ރަށްރަށުގައި ފެތުރިގެން ގޮސްފިއެވެ. އެއް ރަށުން ފުރައިގެން އަނެއް ރަށަށް ދިއުމަށްޓަކައި ކަނޑުމަތީގައި ދަތުރުކުރަމުންދިޔަ މީހުންނަށް ވެސް އެ މީސްމީހުންގެ އާއިލާތަކުން ގުޅައި އެ ޚަބަރު ދިނެވެ.

އެއްވެސް މީހަކު ބިންހެލުމެއް އައިސްގެން އެކަމުގެ ސަަބަބުން ވެދާނެ ގޮތަކާމެދު ކުޑަކޮށް ވެސް ވިސްނަައެއް ނުލައެވެ. މި ކަމަކީ ދުވަހަކު ވެސް މި ކުޑަކުޑަ ދިވެހިރާއްޖެ އިހުސާސްކުރަން ޖެހިފައިވާ ކަމަކަށް ނުވާތީވެއެވެ. މިފަަދަ ކަމެއް ހިނގައިފިނަމަ އެކަން އެނގޭނެފަދަ ވަޞީލަތެއް ނެތްތާނގައި އެކަމާ ބެހޭ މަޢުލޫމާތެއް ވެސް ނެތެވެ.

އިންޑޮނޭޝިޔާގެ ސްމަޓްރާއަށް އައި ބިންހެލުމަކީ ދުނިޔެ ދުށް މިފަދަ ދެވަނަ ބޮޑު ސުނާމީކަމުގައި ވެސް ތާރީޚުތައް ބުނެއެވެ. އެހެންނަމަވެސް ފުރަތަމައެރި ސުނާމީ އެއީ މީގެ އެތައް އަހަރެއް ކުރިން ހިނގާފައިވާ ކަމަކަށްވާތީ އެކަމުގެ މަޢުލޫމާތު ހުރި މީހަކު ނެތޭ ބުނުމަކީ ވެސް ނިޞްބަތަށް ބަލާއިރު ކުށަކަށް ނުވާނެއެވެ.

އައި ބިންހެލުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީވެ، އޮފީސްތަކާއި ސްކޫލުތަކަށް ދިޔުމުގެ އިތުރުން ގިނަ ބަޔަކު މަަސައްކަތުގައި މަސްޢޫލުވެގެން އުޅެނިކޮށް، 2004 ޑިސެންބަރ 26 ވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު ކުއްލި ގޮތަކަށް އިވުނު އަޑަކީ ރާޅެއް އަރައިފި ކަމުގެ އަޑެވެ. މިހެން ބުނުމުން ވެސް މަންޒަރު ނުފެންނަ އެއްވެސް މީހަކު އެކަމާ މާބޮޑަކަށް ހާހެއް ނުވެއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެތައް ގިނަގުނަ މަސައްކަތްތަކުން ބިނާކޮށްފައިހުރި އިމާރާތްތަކާއި ގޯތި ފާރުތައް ވައްޓައި، ގޭގެޔާއި މަގުމަތީހުރި ބައެއް ތަކެތި ރާޅުގެ އޮއިވަރާއެކު އަންނަތަން ފެނުމުން ބައެއް މީހުން ޝޮކް ޖެހި ހެދޭނުހެދޭއެއް އަދި ކުރެވޭނުކުރެވޭއެއް ނޭނގި ދުވެ، ތަންތަނަށް އަރައި ހަދަމުން ގެންދިޔައިރު މީސްމީހުންގެ އަނބިދަރިންނާއި އާއިލާ، މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ޙާލާމެދު ވެސް ވިސްނާލަން ސިކުނޑި ނުކުޅެދުންތެރިިވިއެވެ. މަންޒަރު ފެންނަ ކޮންމެ މީހަކު ހިތަށްއެރީ ދުނިޔެ ޤިޔާމަތް ވަނީ ބާވައެވެ؟ މިއޮތީ އަޖަލުގެެ ދުވަސް އައިސްފައެވެ. ރަށްތައް ގަންބުވައިގަތީއެވެ. މިއީ ފަހުޒަމާނުގެ އަލާމާތެކޭ ވެސް ބުނެއުޅެއެވެ. އުޅެވޭ ގޮތަކުން ބާވައެވެ؟ މިކަމަކީ ދިވެހިރާއްޖެއަށް އެކަނި އައި ކަމެއް ބާވައެވެ؟

މިކަހަލަ ހާސްކަމެއްގެ ތެރޭގައި އުޅުނުއިރު ކޮންމެ ރަށެއްގެ ބަޔަކަށް ވެސް ހީވަނީ މިކަމެއް މެދުވެރިވީ އެ ބަޔަކު އުޅޭ ރަށަށް އެކަނި ކަމެވެ. ކުޑައިރުކޮޅަކުން ބައެއް ރަށްރަަށަށް އެއްފަރާތުން އެރި ރާޅު އަނެއް ފަރާތުން ފައިބައިގެން ދިޔުމުން ނުވަތަ ރަށުތެރޭގައި ހިނގާބިނގާވެ އުޅެވެން ނެތުމުން ގާތްތިމާގެ ރަށްޓެހިންނަށް ގުޅަން އުޅެ ރަށްރަށަށް ވެސް ފޯނުގެ ޚިދުމަތް ނުލިބެން ފެށުމުން އިތުރު ރަށްރަށަށް ވެސް އަސަރުކުރީކަން އެނގުނެވެ. އަދި ރަށްރަށުގެ ޙާލަތު ނޭނގޭތީ ވަގުތުން ދޯނިތަކާއި ލޯންޗުތައް ރަށްރަށަށް ފޮނުވައިގެން ހާލުބަަލަން ފެށްޓުނެވެ.

ވަރަށް ވެސް ދެރައެވެ. ގޭގޭދަށުންނާއި ގަސްގަސްދަށުން ނެރެން ޖެހުނީ ފުރާނަ ނެތް އެތައް މަސްގަނޑުތަކެކެވެ. ރަށުތެރޭގައި ވަނީ ގޯތިގެދޮރު ނެތި ބިކަހާލުގައި ޖެހިފައިވާ އެތައް ބަޔެކެވެ.

ސަރުކާރުން އެޅުއްވި ހަރުދަނާ އަވަސް ފިޔަވަޅެއްގެ ސަބަބުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކާބޯތަކެއްޗާއި އަންނައުނު އެ ނިކަމެތިންނަށް ފޯރުކޮށްދެވުނެވެ. އަދި މިއަދާ ހަމައަށް ވެސް ގޯތިގެދޮރު ނެތިފައިވަނީ އެތައްއެތައް ބަޔެކެވެ. ފެނުނު ބިރުވެރި މަންޒަރުގެ އިތުރުން އުމުރުގައި ކުރެވިފައިވާ ހުރިހާ ކަމަކާއި ހޯދުނު ހުރިހައި އެއްޗެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނެތިދިއުމުގެ ސަބަބުން އެކަމާ ވިސްނައި މޮޔަވާވަރުވެފައި ތިބީ ވެސް އެތައް ބަޔެކެވެ. މާތްﷲ މި ބިމަށް މިފަދަ ދެވަނަ ދުވަހެއް ނުދެއްކެވުމަށް އެދި ﷲ ހަޟުރަތުގައި ދުޢާ ދަންނަވަމެވެ.

ޝެއަރކުރެއްވުމަށް