ދިވެހި ސިފައިން އުފެދި، ސިފައިންގެ ޚިދުމަތް ކުރިއަރަމުން އައީ، ހީނުކުރާފަދަ ހަލުވި ގޮތެއްގައެވެ. ސިފައިންގެ ޚިދުމަތާއެކު ފަންސާސް ހަތަރު އަހަރު މާޒީވެ ދިޔައިރު، ސިފައިންގެ ޚިދުމަތް އޮތީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތެއް ކަމުގައި ވެފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ޒިންމާ ދިވެހިންނަށް ފަހުމްވެ، މި ޚިދުމަތަަށް ދިވެހިން ތިބީ ޝައުޤުވެރި ވެފައެވެ. އެކިއެކި ކަންކަމުގައި ރައްޔިތުންނަށްޓަކައި ވަމުންދިޔަ ޤުރުބާނީތަކަށް ފަނޑުކަމެއް ނާންނާނެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތީ ބިންވަޅު ނެގިފައެވެ. ޕަންޖާބު ރެޖްމެންޓްގައި ބައިވެރިވެލެއްވި 13 ބޭކަލުން މާލެ ދުރުވި ފަހުން، ސިފައިންގެ ޚިދުމަތަށް ކުރިއެރުމުގެ ކުލަޖެހެން ފެށުނެވެ. މި ޒަމާންވީ މުއައްސަސާ އެންމެ ފުރިހަމަ ގޮތުގައި ސިފަވަންތަކަމުގެ ފޭރާން ލެވެމުން ދިޔައެވެ. ލަސްތަކެއްނުވެ ސިފައިންގެ ތެރޭގައި ކުރިން އުފަންނުވާ އެތައް ކަމެއް، ދިޔައީ ފުލުފުލުގައިހެން އުފަންވެ، ދިރެމުން، އާވެއާލާވަމުންނެވެ.
މިގޮތުން އަލަށް ތަޢާރަފު ކުރެވުނު ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ސިފައިންނަށް ދިދަ ދެއްވުމެވެ. ސިފައިންނަށް ފުރަތަމަ ދެއްވި ދިދައަކީ، “ރާއްޖޭގެ މި ކުދިކުދި ޖަޒީރާތަކުގެ ޤުދުރަތީ ރީތިކަމާއި، ވަށައިގެންވާ ކަނޑުތަކުގެ ޤުދުރަތީ މުއްސަނދިކަމާއި، ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމުގެ މަތިވެރިކަން” ހާމަވެގެންދާފަދަ އަރުތަވެރި ފުން މާނަތަކެއް އެކުލެވޭ ފަދަ އެ ޒަމާނާ އެކަށީގެންވާ ދިދައެކެވެ. މި ދިދައިގައި އެކުލެވެނީ ތިން ކުލައެކެވެ. އެއީ “ފެއްސާއި، ހުދާއި، ނޫ” މި ތިން ކުލައެވެ. އަދި އެ ދުވަސްވަރަކީ ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރުކަމަށް ވާތީ، ސިފައިންގެ ދިދައިގައި ހިމަ ރަތް ފޮތިފަށަކުން ދަނޑިމައްޗެއް ލެވިފައި ހުންނަ ކަމަށް ވެސް އެ ދުވަސްވަރު ނެރެމުންދިޔަ “ސަރުކާރުގެ ޚަބަރު” ގައި ލިޔެފައިވެއެވެ.
ސިފައިންނަށް ފުރަތަމަ ދިދަ ދެއްވީ، 16 ރަޖަބު 1366 ހ. (06 ޖޫން 1947) ވީހުކުރު ދުވަހުއެވެ. އެެއީ ފުރަތަމަ ފާހަގަ ކުރެވުނު ސިފައިންގެ އަހަރީ ދުވަހެވެ. ސިފައިންގެ ޙަޔާތުގައި އެ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ދިދަ ދެއްވުމުގެ އިތުރަށް ގިނަ ކަންތައްތަކެއް ތަޢާރަފުވި ދުވަހެއްގެ ގޮތުގައި އެ ދުވަސް ފާހަގަ ކުރެވެއެވެ. ސިފައިން ފުރަތަމަ ބޭންޑާއެކު ރޫޓްމާޗެއް ކުރިދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރެވޭއިރު، ފުރަތަމަ އުފެއްދި ސިފައިންގެ ލަވަ “ލެފްރައިޓް ކުރިޔަށް ފައި ގެންދަމާ” ސިފައިން މަގުމަތީ ހިނގާލުމުގައި ފުރަތަމަކީ ދުވަހަކީ ވެސް ހަމަ އެ ދުވަހެވެ. އަދި ސިފައިން ފުރަތަމަ ބަޑިމުބާރާތް ވެސް ބޭއްވުނީ އެ ދުވަހުގައި ކަމަށް ވުމީވެސް އެ ދުވަސް ޚާއްޞަވެގެންދާ ގިނަ ސަބަބުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ސަބަބު ކަމުގައި ވެއެވެ. އެ ދުވަހު ބަޑިމުބާރާތް އޮތީ ދޫނިދޫގައެވެ.
ސިފައިންނަށް ދިދަ ދެއްވީ މި ދެންނެވި ދުވަހުގެ ހަވީރު، ހެންވޭރު ރަސްމީ ބޯޅަ ބިމުގައި އޮތް ޚާއްޞަ ޙަފުލާގައެވެ. އެ ޙަފުލާގައި ސިފައިންގެ ދިދަ ސިފައިންގެ މާތްވެރިޔާ އަލްއަމީރު މުޙައްމަދު އަމީނުގެ އަތްފުޅަށް ދެއްވީ އޭރު ދައުލަތް ހިންގާ ވަލީކޮމެޓީގެ މެމްބަރެއް ކަމުގައިވާ އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނެވެ. ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނަކީ ފުރަތަމަ ސިފައިން އުފެދުނުއިރު، ސިފައިންގެ ޚިދުމަތް ފަށްޓަވައިދެއްވި ހިތްވަރުގަދަ އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހެންވޭރުގޭ ޢަލިދީދީއެވެ. އެމަނިކުފާނުގެ އަތްޕުޅުން ސިފައިންނަށް ދިދަ ދެއްވިދެއްވުމަކީ ވެސް ސިފައިންނަށް ލިބުނު ވަރަށް މަތިވެރި ޝަރަފެއްކަމުގައި ދަންނަވަން ޖެހެއެވެ.
އެނގިފައިވާ ގޮތުގައި މި ދިދަ ސިފައިން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައި އޮތީ އޭރު ރާއްޖޭގެ ތަޚުތަށް އިންތިޚާބުކުރެވިފައިވާ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނު ރާއްޖެވަޑައިގަންނަވާ ދުވަހުގައި ކަމަށްވާތީ، އަލަށް މި ދެއްވި ދިދައިގެ ބަދަލުގައި އެ ދުވަހު ހެންވޭރު ރަސްމީ ބޯޅަބިމުގައި ހުރި ދިދަ ދަނޑިއަށް ނެގީ ޤައުމީ ދިދަ ކަމަށް ވެއެވެ. ބައެއް ލިޔުންތަކުގައި ސިފައިންނަށް މި ދެވުނު ފެއްސާއި ހުދާއި ނުލުގެ ދިދަ ބޭނުން ކުރެވުނުކަން އެނގެން ނެތްކަމަށް ލިޔެފައިވާތީ ފެނެއެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫންކަން އެނގެނީ ތިންފަޅިއަށް މެދަށް ހުދު ކުލަ ފެންނަންހުރި ދިދައެއް ތަފާތު ތިން ދުވަސްވަރެއްގައި، ތިން ކަމެއްގައި ސިފައިން ބޭނުންކޮށްފައިވާތީއެވެ.
މީގެ ތެރެއިން އެއް ކަމަކީ، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ތަޚުތަށް އިންތިޚާބު ވުމާ ގުޅިގެން މާލެ ވަޑައިގެންނެވި ދުވަހު، އެމަނިކުފާނަށް ކުރުނީސް ކުރުމަށްޓަކައި ސިފައިން ބަޑި ހިފައިގެން ސަފުހަދާފައި ފަނޑިޔާރުގޭ ދޮށުންލާފައި އަތިރީމާފަންނުގޭ ދޮށަށް ދިޔައިރު ސިފައިން ޤައުމީ ދިދައާއި ސިފައިންގެ ދިދަ ހިފައިގެން ތިބިއިރު ފެންނަންހުރި ސިފައިންގެ ދިދައަކީ ތިން ފަޅިއަށް މެދަށް ހުދު ވާގޮތަށް ހުރި ދިދައަކަށް ވާކަމެވެ. އަނެއް ކަމަކީ، މި ތިން ކުލައިގެ ދިދައަށް ވިސްނާލުމުން ތިން ކުލަ ތަފާތުކަން ފާހަގަވާ ކަމެވެ. އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު މާލެ ވަޑައިގެންނެވި ތާރީޚުކަމަށް ބެލެވެނީ 02 އެޕްރީލް 1948 އެވެ.
އޭގެފަހުން 1953 ގައި ރާއްޖޭގެ ވެރިކަން ފުރަތަމަ ފަަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށް ތައްޔާރުވަމުން ދިޔައިރު ޖުމްހޫރީ ދަރުބާރަށް ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި ސިފައިން ކުރުނީސް އެރުވުމުގެގޮތުން ބޮޑުފާލަން ކައިރީގައި އެތުރިފައިއޮތްއިރު ވެސް ސިފައިންގެ ދިދައަކަށް ހުރީ އިސްވެ ދެންނެވި ތިން ކުލައިގެ ދިދަކަން ފާހަގަކުރެވެއެވެ.
ސުމުއްވުލް އަލްއަމީރު މުޙައްމަދު އަމީނުގެ ދައުރު އިންޤިލާބަކުން ނިމިގޮސް އިންޤިލާބީ ކޮމެޓީގެ މުއްދަތަށްފަހު ރާއްޖޭގެ ވެރިކަން 1954 މާރިޗު 7 ގައި ރަސްކަމަކަށް ބަދަލުވިއިރު ރަސްކަމުގައި ހުންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ދައުރުގެ ތެރޭގައި ސިފައިން ފެއްސާއި ނުލާއި ހުދުގެ ދިދަ ބޭނުންކޮށްފައި ވާކަން އެނގެއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގައި އެހެން ގޮތަކަށް ސިފައިންގެ ދިދަ ބޭނުންކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ. އެއީ ކަޅާއި ހުދު ހުރަސް ރަހައަށް، ދަނޑި ކައިރިއަށް ކަޅު ބައި، ދުރަށް ހުދުބައި ވާގޮތަށް ބޭނުންކުރިކަން ފާހަގަވާ ދިދައެކެވެ.
މިކަން އިތުރަށް ސާފުކުރުމަށް 1958، 1959 ހާހިސާބު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންނާ ޚިޔާލު ބަދަލު ކޮށްލުމުން، ލިބުނު މަޢުލޫމާތުން އެ ބޭބޭފުޅުންގެ ހަނދުމަފުޅުތަކުގެ މައްޗަށް ބުރަވެ ދަންނަވަން ޖެހެނީ އަދި އެހެން ވާހަކައެކެވެ. އެއީ 1958 ހާ ހިސާބަށް އައިއިރު ސިފައިން ބޭނުންކުރަނީ ކަޅާއި ހުދުގެ ދިދައެއް ނަމަވެސް ދިދައިގެ ފޮތިގަނޑު މެދުން ހުރަހަށް ފަތިޖަހައިގެން ދެބުރި ގުޅުވުމުގެ ބަދަލުގައި ދިދައިގެ މެދުން ދިގަށް ފަތިޖަހައިގެން މައްޗަށް ހުދު ތިރިއަށް ކަޅު ހުންނަ ގޮތަށް ދެފަޅި ގުޅުވައިގެން ހަދާފައިވާ ދިއެއްކަމަށްވާ ވާހަކައެވެ. ކަޅު ތިރިއަށް، ހުދު މައްޗަށް ހުރި މި ދިދައަކީ ދިދައިގައި އެއްވެސް ބެޖެއް ނުވަތަ އެއްވެސް ނިޝާނެއް ނެތް ދިދައެކެވެ. އެ ދުވަސްވަރު ސިފައިން، ކުޅިވަރުތަކުގައި ސިފައިންގެ ދެ ޓީމް ވަކިކުރަނީ ވެސް ސިފައިންގެ ދިދަ ރަމްޒުކޮށްދޭ ފަދައިން ކަޅާއި ހުދުން ސިފައިންގެ ބެހިފައިވާ ދެ ދަންފަޅި ވަކިކޮށްދޭ ނިޝާނެއް ގޮތުގައެވެ.
1978 ނޮވެންބަރު 11 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މިހާރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ޙަވާލުވެ ވަޑައިގެންނެވިއިރު ސިފައިންގެ ދިދަ ހުރީ ހަމަ މި ދެންނެވި ފަދައިންނެވެ. އެ ދިދަ އޭރު ބޭނުންކުރަނީ ވެސް މަދު ފަހަރަކުއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، 1979 ޖޫން 6 ގައި ސިފައިންގެ ނަން “ނޭޝަނަލް ސެކިއުރިޓީ ސާރވިސް” މި ނަމަށް ބަދަލުކުރައްވައި، އެ ދުވަހަށް ބެޖާއި ދިދަ ފަރުމާކުރައްވައި އޭރު ހުރި ހަމައެކަނި ސިފައިންގެ މަރުކަޒު “ބަނޑޭރިގޭ” ގޭޓަށް ކުރިމަތިވާގޮތަށް ސްޓޭޖު ތައްޔާރުކޮށް ފަރުމާކުރެވުނު ބެޖު ހަރުކޮށް، އެ ދުވަހު ހެނދުނު 6:00 ގައި ސިފައިންގެ މަރުކަޒުގައި ޤައުމީ ދިދައާއި ސިފައިންގެ ދިދަ ނަންގަވައި، ސްޓޭޖް ހުޅުވައިދެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އޭގެ ފަހުން ސިފައިންގެ ދިދައާއި ޤައުމީ ދިދަ، މަރުކަޒުތަކުގައި، ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ދަނީ ނަގައި ތިރިކުރަމުންނެވެ. ސިފައިންގެ މަރުކަޒުތަކުގައި މިހާރު ވެސް ދިދަ ނަގައި ތިރިކުރާގޮތަށް މިލިޓަރީ އުސޫލުން ދިދަ ނަގައި ތިރިކުރުމަށާއި، ދިދަ ނަގަން :ރިވެލި”، ދިދަ ތިރިކުރަން “ރިޓްރީޓް” (ކޯލް) ކުޅޭގޮތަށް ހަމަޖެހިގެން އެގޮތުގެ މަތިން ފުރަތަމަ ދިދަނެގުނީ، ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާ ގުޅިގެން 1992 އެފްރީލް 21 ވަނަ ދުވަހު ހެނދުނު 6 ޖެހިއިރު ބަނޑޭރިގޭގައި އޮތް ދިދަނެގުމުގެ ރަސްމިއްޔާތުގައެވެ.
މި ދިދަ ބޭނުންކުރާތާ 26 އަހަރާއި ދުވަސްތަކެއްވުމުން ސިފައިންނާއި ފުލުހުން ދެ މުއައްސަސާއެއްގެ ދަށުން މަސައްކަތް ކުރާގޮތަށް ހަމަޖެހުމާ ގުޅިގެން ސިފައިންގެ މަސްޢޫލިއްޔަތާއި ނަމަށް ބަދަލު އައުމާ ގުޅިގެން ސިފައިންގެ ބެޖު މިހާރު އެވާ ގޮތަށް ފަރުމާކޮށް އެ ބެޖު ހިމަނައިގެން ދިދަ ބޭނުންކުރަން ފެށީ 2006 އެޕްރީލް 21 ގައެވެ. މިހާރު މި ބޭނުންކުރާ ދިދައިގައި ހިމެނޭ މައިގަނޑު ދެބައި ކަމުގައިވާ ކަޅާއި ހުދު ރަމްޒުކޮށްދެނީ ސިފައިންނަކީ ރެޔާއި ދުވާލު (24 ގަޑިއިރު) ޤައުމީ ޚިދުމަތުގައި ދެމިތިބި ބައެއްކަމެވެ.