އައްސުލްޠާން މުތެއި ކަލަމިންޖާ ސިރީ ބުވަނަ އަބާރަނަ މަހާރަދުންނަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ވަޑައިގެންނެވި ދެވަނަ ރަސްގެފާނެވެ. މި ރަދުންނަށް ރަސްކަން ލިބިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވިއިރު އިންނެވި ރަދުން އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) ޙައްޖުގެ މަތިވެރި އަޅުމަށް ފުރާވަޑައިގެން ޚަބަރެއް ނުވުމުން ނުވަތަ އަވަހާރަވުމުންނެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚު އިސްލާމި ދީބާ މަޙަލްގައި ވާގޮތުން ”އެ ރަސްގެފާނަށް ވެރިކަމުގެ ބައިޢަތު ހިފުނީ ޢަދުލުވެރި މުޙައްމަދު ރަސްގެފާނު ދަތުރަށް އަރާވަޑައިގެން ޣައިބުވެވަޑައިގަތުމަށް ފަހުންނެވެ.“
އައްސުލްޠާން މުތެއި ކަލަމިންޖާއަކީ ތީމުގޭ ދަރިކޮޅުން ވަޑައިގެންނެވި ތިންވަނަ ރަސްގެފާނެވެ. މި ރަސްގެފާނު ރަސްކަން ކުރެއްވީ މީލާދީން 1165 އިން 1184 އަށެވެ. އެއީ ހިޖުރައިން 561 ވަނަ އަހަރުން 580 ވަނަ އަހަރަށެވެ. މި ރަދުންގެ ބައްޕާފުޅުގެ ނަންފުޅެއް ތާރީޚުން އެނގޭކަށް ނެތެވެ. އަދި މަންމާފުޅުގެ ނަންފުޅު ތާރީޚުގެ މަސްދަރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުޑަ ތަފާތެއް ހުރެއެވެ. އިސްދޫ ލޯމާފާނު (1195މ.) އާއި ދަނބިދޫ ލޯމާފާނު (1196މ.) ގައި ލިޔެފައިވާގޮތުން އައްސުލްޠާން މުތެއި ކަލަމިންޖާއަކީ މި ރަދުންނަށްވުރެ ކުރިން ރަސްކަން ކުރެއްވި ދަރުމަވަންތަ ރަސްގެފާނުގެ އެއްބަނޑު ކޮއްކޯފުޅެކެވެ. ދަނބިދޫ ލޯމަފާނުގައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމަށް 35 އަހަރުވެ އެ ރަދުން އަވަހާރަވުމުން އެ ރަދުންގެ އެއްކިހުނުއުފަން (އެއްބަނޑު) ފިރިހެން ކޮއްކޯފުޅު ރަސްކަމަށް އިސްވެވަޑައިގެންނެވި ވާހަކައެވެ. ”ރަސްކަލަކަށްވީ ދުވަހުންފެށިގެން ތިރީސް ފަސް އަހަރުން އޭނާ އަވަހާރަވީހިނދު މި ރަދުންނާ އެއްކިހުނުއުފަން ފިރިހެން ކޮއްކޯފުޅު ސުވާސްތީ ސްރީ ބުވަނާބަރަނަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ.“ އެހެންކަމަށް ވާނަމަ މި ރަދުންގެ މަންމާފުޅަކަށްވާނީ ދަރުމަވަންތަ ރަސްގެފާނުގެ ވެސް މަންމާފުޅު ހެނެވި މާވާކިލެގެ އެވެ. ނަމަވެސް ނަސީމާ މުޙައްމަދު (2022 ވަނަ އަހަރު) ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގައި ޙަސަން ތާޖުއްދީނުގެ ތާރީޚާއި ރާދަވަޅިތަކާ ހަވާލާދީ ލިޔުއްވާފައިވާގޮތުން އައްސުލްޠާން މުތެއި ކަލަމިންޖާގެ މަންމާފުޅަކީ ދަރުމަވަންތަ ރަސްގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅު މަލެއި މާވާ ކިލެގެ ކަމަށެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚުގެ ދިވެހި ތަރުޖަމާ (2020 ވަނަ އަހަރު) ދިވެހިބަހުގެ އެކެޑަމީން ނެރުއްވިއިރު އައްސުލްޠާން މުތެއި ކަލަމިންޖާގެ ނަންފުޅާއެކު ލިޔެފައިވާގޮތުން މަލެއި މާވާ ކިލެގެއަކީ އެ ރަދުންހެން ވެސް ހީވެއެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ މާވާކިލެގެކަމުގެ ކޮއްޔަކީ އަންހެން ބޭފުޅުންނަށް ލާކޮއްޔެކެވެ.
ފަހުގެ ތާރީޚީ ބައެއް ލިޔުންތަކުގައި އައްސުލްޠާން މުތެއި ކަލަމިންޖާގެ މަންމާފުޅުގެ ނަންފުޅުގައި އޮންނަ ”މަލެއި“ އަކީ މުލިކަމަށް ބައްލަވައި ބައެއް ބޭފުޅުން މި ކަމަނާއަށް ”މުލީ މާވާކިލެގެ“ ޖައްސަވާފައިވެއެވެ. މިގޮތުން ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (1949 ވަނަ އަހަރު) ލިޔުއްވާފައިވާ ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ގައި ބަޔާން ކުރައްވާފައިވަނީ މި ދެންނެވިގޮތަށެވެ. ”މައިކަނބަލަކީ މުލީ މާވާކިލެގެ އޭ ނަމަކަށް ކިޔުނު ބޭކަނބަލެކެވެ. މި ބޭކަނބަލަކީ އައްސުލްޠާން މުޙައްމަދުލްއައްވަލްގެ މައިފުށުގެ ބޮޑުދައިތާފުޅެކެވެ. އެހެން ނަމަވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން (1990 ވަނަ އަހަރު) ނެރުއްވާފައިވާ ދިވެހިތާރީޚަށް އައު އަލިކަމެއް ގައިވާގޮތުން އެއީ މާލޭ މާވާކިލެގެއެވެ. އެ ޒަމާނުގެ ނަންތަކަށް ބަލާއިރު ޙަޤީޤަތުގައި އެ ކަމަނާގެ ނަންފުޅަކީ ”މަލައި“ ކަމަށް ގަބޫލުކުރަން ޖެހެއެވެ. އެ ކަމަނާގެ ކޮލީ ނަންފުޅަކީ މާވާކިލެގެއެވެ.
އައްސުލްޠާން މުތެއި ކަލަމިންޖާގެ ރަސްކަމުގައި ކުރެއްވި ކަންތަތަކާ ބެހޭ މަޢުލޫމާތެއް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް މި ރަދުންގެ ވެސް އެންމެ ބޮޑު އިސްކަމެއްދެއްވާނީ މުޅި ދިވެހިރާއްޖެއަށް އިސްލާމްދީން ފަތުރުއްވުންކަމުގައި ގަބޫލުކުރެވެއެވެ.
އައްސުލްޠާން މުތެއި ކަލަމިންޖާ ރަސްކަން ކުރެއްވިކަމަށް ލޯމާފާނުގައި އޮންނަނީ ނުވަ އަހަރެވެ. ނަމަވެސް ރާދަވަޅިތަކުގައާއި ޙަސަން ތާޖުއްދީނުގެ ތާރީޚުގައި އޮތްގޮތުން މިރަދުން 19 އަހަރު ރަސްކަން ކުރައްވައި އަވަހާރަވީ ހިޖުރައިން 586 ވަނަ އަހަރުއެވެ. މި ތާރީޚުތަކަށް ބަލައި އަދި އެހެން ރަސްރަސްކަލުންގެ ރަސްކަމުގެ މުއްދަތުތަކަށް ބަލައި މި ރަދުންގެ ރަސްކަމުގެ މުއްދަތެއްކަމަށް ބަލަނީ މީލާދީން 1165 އިން 1184 އަށް ޖުމުލަ 19 އަހަރުކަމުގައެވެ.
ނޯޓު: އައްސުލްޠާން މުތެއި ކަލަމިންޖާގެ ޚިޔާލީ ކުރެމެއް
