ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖެ އިސްލާމްވީއިރު ދިވެހި ތަޚުތުގައި އިންނެވި ރަދުންނެވެ. އެރަދުން އިސްލާމްވެވަޑައިގެންނެވުމުގެ ކުރީގެ ނަންފުޅަކީ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އިޚްތިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. މި ރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ތިރިބުވަނަ އާދިއްތަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅުގެ ނަންފުޅެއް އެނގޭކަށް ނެތެވެ. މަންމާފުޅަކީ ހެނެވި މާވާކިލެގެއެވެ. މި ރަދުން ރަސްކަން ކުރެއްވިކަމަށް ބެލެވެނީ ހިޖުރައިން 536 އިން 571 އަށެވެ. އެއީ މީލާދީން 1142 އިން 1176 އަށެވެ. ރަސްކަމުގެ މުއްދަތަކީ 35 އަހަރެވެ.
އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވީ އޭގެ ކުރިން ރަސްކަމުގެ ތަޚުތުގައި އިންނެވި އެ ރަދުންގެ މައިފުށުގެ ބޮޑުބޭބޭފުޅު ސިރީ މަހާބަރަނަ މަހާރަދުން އަވަހާރަވުމުންނެވެ. މި ރަދުންގެ ރަސްކަމުގައި ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގައެވެ. މިއީ މީލާދީން 1153 ވަނަ އަހަރެވެ. މި ދުވަހަކީ ރަބީޢުލްއާޚިރުމަހުގެ ދެވަނަ ދުވަސްކަމުގައި ފާހަގަކުރަމުން އައިސްފައިވެއެވެ. އެހެންކަމަށް ވާނަމަ މީލާދީގޮތުން އެއީ 27 ޖޫން 1153 ވީ ހޮނިހިރު ދުވަހެވެ. މި ރަދުން ދިވެހި ތާރީޚުގައި މަޝްހޫރުވެފައި ވަނީ ”ދަރުމަވަންތަ ރަސްގެފާނު“ ގެ ނަންފުޅުންނެވެ.
މި ރަދުން އިސްލާމްވެވަޑައިގެންނެވީ އަބުލްބަރަކާތުލް ޔޫސުފް އަލްބަރުބަރީ (ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އަބުލްބަރަކާތު ޔޫސުފް އަލް ތަބްރޭޒީ) ގެ އަތްޕުޅު މައްޗަށެވެ. ރަދުންނާއި ޢާއިލާގެ ބޭފުޅުންނާއި ވަޒީރުން އިސްލާމްވެވަޑައި ގެންނެވުމަށްފަހު ދިވެހި ރައްޔިތުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. އިސްލާމް ދީނުގެ ދައުވަތު ދެއްވުމުން ދެކޮޅުވެރިކަން ފާޅުކުރި ބުދުދީނުގެ ހާމުދުރުންގެ ބާރުގެ ދަށުގައި ހުރި ބައެއް ރަށްރަށް މިނިވަންކުރެއްވިއެވެ. ރިވާވެގެން އައިސްފައިވާ ގޮތުގައި ނިލަންދެއަތޮޅު ނިލަންދޫއަށް ދަރުމަވަންތަ ރަސްގެފާނު ވަޑައިގެން އެ ރަށް އިސްލާމް ކުރައްވައި އެ ރަށުގައި ހުކުރު މިސްކިތެއް ބިނާކޮށްދެއްވިއެވެ.
އިސްލާމްދީން ފެތުރުއްވުމަށް ޓަކައި ސަރުކާރުގެ ބާރު ހިނގާ ރަށްރަށުގެ ހުރި ބުދުފައްޅިތައް ތަޅާލައި މިސްކިތްތައް ބިނާކުރެއްވިއެވެ. މިގޮތުން މާލޭ ހުކުރު މިސްކިތް ފުރަތަމަ ބިނާކުރެއްވީ މި ރަދުންނެވެ. އޭގެފަހުން އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ހިޖުރައިން 738 ވަނަ އަހަރު (މީލާދީން 1338 ވަނަ އަހަރު) އެތަނުގައި އަލުން ހުކުރު މިސްކިތް ބިނާކުރެއްވިއެވެ. އެފަހަރު ހުކުރު މިސްކިތުގައި ބަހެއްޓެވި ފިލައެއްގައި އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އާއި އެ ރަދުންގެ އަޚު، ”ސިރީކަލޯ“ ގެ އަމުރުފުޅަށް ހުކުރު މިސްކިތް ފުރަތަމަ ބިނާކުރެއްވީ އަލްވަޒީރު ”ޝަނިވިރާޒާ“ ކަމަށް ލިޔެފައިވެއެވެ. އެ ދުވަސްވަރު ބިނާކުރުނު ކަމަށް ބެލެވޭ މާލޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ވެސް އެންމެ ފުރަތަމަ ބެހެއްޓެވީ ދަރުމަވަންތަ ރަސްގެފާނު ކަމުގައި ބުނެވެއެވެ.
ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ޢާއިލާތަކުގެ ތެރެއިން ފުރަތަމަ ޢާއިލާކަމުގައިވާ ތީމުގޭ ޢާއިލާ (މާލޭ ޢާއިލާ) އިން ނަންފުޅު އެނގޭ ދެވަނަ ރަދުންނެވެ. މިރަދުން ރަސްކަން ކުރެއްވި ތާރީޚަކާމެދު ތާރީޚީ މަސްދަރުތަކުގައި ތަފާތުތަކެއް ހުރެއެވެ. ރާދަވަޅިތަކުގައާއި އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚު އިސްލާމި ދީބާ މަޙަލްގައި އޮންނަގޮތުން ދަރުމަންތަ ރަސްގެފާނު ބުޑިސްޓް ދީނުގައި 12 އަހަރު އަދި ފަހުން އިސްލާމްވެ ވަޑައިގެންނެވުމަށްފަހު 13 އަހަރު (ޖުމުލަ 25) އަހަރު ރަސްކަން ކުރެއްވިއެވެ. ނަމަވެސް މީލާދުން 1195/1196 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނާއި 1196/1197 ވަނަ އަހަރު ލިޔެވިފައިވާ ދަނބިދޫ ލޯމާފާނުގައި ބަޔާންކުރައްވާފައިވާ ގޮތުން އެ ރަދުންގެ ރަސްކަމަށް 35 އަހަރުވެއެވެ.
ދަރުމަވަންތަ ރަސްގެފާނަކީ ދީންވެރި، ޚުލުޤު ހެޔޮ ރަސްކަލެކެވެ. ދުނިޔެއަށްވުރެ އާޚިރަތުގެ ހެޔޮކަމަށް އެދިވަޑައިގެން މަސައްކަތް ކުރެއްވި ރައްޔިތުންނަށް އޯގާތެރި، އިންސާފަށް ލޯބިކުރެއްވި ޢަދުލުވެރި ރަސްކަލެކެވެ. ވާރިދުވެފައިވާ ގޮތުގައި މިރަދުންގެ ރަސްކަން ނިމުމަކަށް އައީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ބޭރުގެ ނަވަކުން ފުރާވަޑައިގެންނެވި ހިސާބުންނެވެ. އޭގެފަހުން މި ރަދުންގެ ޚަބަރެއް ލިބިފައެއް ނުވެއެވެ. މި ރަދުންނަށްފަހު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވީ މި ރަދުންގެ އުޚުތު، މުލީ މާވާކިލެގެ ގެ ދަރިކަލުން އައްސުލްޠާން މުތެއި ކަލަމިންޖާ ސީރީ ބަވަނަ އަބާރަނަ މަހާރަދުންނެވެ.
ފޮޓޯ: ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވިކަމަށް ބުނެވޭ އަދި އެ ރަދުންނަށް ނިސްބަތްކުރެވޭ މާލޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް / އެޗް.ސީ.ޕީ. ބެލް ”ދަ މޯލްޑިވް އައިލެންޑްސް: 1920“
