ކޯޓިޒޯލަކީ އާންމުކޮށް ”ސްޓްރެސް ހޯރމޯން“ގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެއް ނަމަވެސް، މީގެ ދައުރު އެއަށްވުރެ މާ ފުޅަލެވެ. ކިޑްނީގެ މަތީގައި ހުންނަ އެޑްރީނަލް ގްލޭންޑްތަކުން އުފައްދާ މި ހޯރމޯނަކީ ހަށިގަނޑުގެ ހަކަތަ، މެޓަބޮލިޒަމް، ލޭގެ ޕްރެޝަރު، ދިފާޢީ ނިޒާމު އަދި ހާސްކަމުގެ ވަގުތުތަކުގައި ހަށިގަނޑުން ރިއެކްޓްކުރާ ގޮތް ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދިރިހުރުމަށް ޓަކައި ކޯޓިޒޯލަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވީ ނަމަވެސް، ދާއިމީގޮތެއްގައި މި ހޯރމޯން މަތިވެފައި ހުރުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ސިފައިންނާއި، ކުޅިވަރު ކުޅުންތެރިން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް، އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށް ޓަކައި ކޯޓިޒޯލާ ބެހޭ މަޢުލޫމާތު އެނގުމަކީ ނުހަނު މުހިންމު ކަމެކެވެ.
ކޯޓިޒޯލާއި ސިފައިންނާ ހުރި ގުޅުން
ސިފައިންނަކީ އާންމުކޮށް ޖިސްމާނީ ގޮތުން ބުރަ، ނިދި މަދު، ނަފްސާނީ ފިއްތުންތައް ބޮޑު އަދި ނުރައްކާތެރި މާޙައުލުތަކުގައި މަސައްކަތްކުރާ ބައެކެވެ. މި ފަދަ ހާލަތްތަކުގައި ހަށިގަނޑަށް އެހީތެރިވުމުގެ ގޮތުން ކޯޓިޒޯލްގެ މިންވަރު މަތިވެ، އަވަސް ހަކަތައެއް ފޯރުކޮށްދިނުމަށް ލޭގެ ހަކުރު ހުންނަ މިންވަރު އިތުރު ކޮށްދެއެވެ. އަދި މީގެއިތުރުން ސަމާލުކަން އިތުރު ކޮށްދިނުމާއި ހަށިގަނޑުގައި ރައްކާކުރެވިފައިވާ ފެޓްސް އަދި ކާބޯހައިޑްރޭޓްސް ހަކަތައަށް ބަދަލު ކޮށްލަދެއެވެ. ހަނގުރާމައިގެ މައިދާނުގައާއި، ތަމްރީނުތަކުގައި އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މިއީ ފައިދާހުރި ކަންކަމެވެ. ނަމަވެސް، އެކަށީގެންވާ އަރާމެއް ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ހާސްކަމުގެ ތެރޭގައި އުޅެންޖެހުމުން، ހަށިގަނޑުގައި ކޯޓިޒޯލްގެ މިންވަރު މަތިވެފައި ހުރެއެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ ފެންވަރު ދަށްވެ، ޞިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.
ކޯޓިޒޯލާއި ފިޓްނެސްއާއި ހުރި ގުޅުން
އެކަށީގެންވާ ކާނާއާއި، ފެނާއި، ނިދި އަދި އަރާމާ އެކު ތަމްރީނުތައް ކުރިއަށްގެންދާ ނަމަ، ކޯޓިޒޯލްގެ މިންވަރު އާންމު ހާލަތަށް ރުޖޫޢަވެ، މަސްތައް ވަރުގަދަވުމަށް އެހީތެރިވެދެއެވެ. އެހެންނަމަވެސް، އެކަށީގެންވާ އަރާމެއް ނެތި މާބޮޑަށް ތަމްރީނުތައް ހެދުމުން ކޯޓިޒޯލް ދާއިމީކޮށް މަތިވެ، ތިރީގައިވާ މައްސަލަތައް ކުރިމަތިވެދާނެއެވެ:
- މަސްތައް ހީނަރުވުން
- ކަސްރަތަށް ފަހު ހަށިގަނޑު އާންމު ހާލަތަށް އައުމަށް ލަސްވުން
- ބާރާއި ދެމެހެއްޓެނިވި ހަކަތަ ދަށްވުން
- އަނިޔާވުމުގެ ފުރުޞަތު ބޮޑުވުން
- މަސައްކަތްކުރުމުގެ ޝައުޤުވެރިކަމާއި ފެންވަރު ދަށްވުން
ދިރިއުޅުމުގެ އާންމު އާދަކާދަތަކުގައި ކޯޓިޒޯލް
ޒަމާނީ ދިރިއުޅުމުގައި މަސައްކަތުގެ ބުރަކަމާއި، މާލީ ދަތިތަކާއި، ޓެކްނޮލޮޖީއާއި، ނިދި މަދުވުމާއި، ނުރަނގަޅު ކާނާ އަދި ޢާއިލީ ޒިންމާތަކުގެ ސަބަބުން މީހާ އަބަދުވެސް ހުންނަނީ ހާސްކަމުގެ ތެރޭގައެވެ. ޖިސްމާނީ ގޮތުން އެއްވެސް ނުރައްކަލެއް ނެތް ހާލަތްތަކުގައި ވެސް، މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ކޯޓިޒޯލް އުފައްދަމުން ދެއެވެ.
ކޯޓިޒޯލްގެ މިންވަރު ގުދުރަތީ ގޮތުން ކޮންޓްރޯލް ކުރުމަށް ޓަކައި ތިރީގައިވާ ދުޅަހެޔޮ އާދަތައް އަށަގަންނުވަން ޖެހެއެވެ:
- ކޮންމެ ރެއަކު 7އާއި 9 ގަޑިއިރާ ދެމެދު ނިދުން.
- މާބޮޑަށް ބުރަނުވާނޭހެން ގަވާއިދުން ކަސްރަތުކުރުން.
- ޕްރޮޓީން، ހެލްދީ ފެޓް އަދި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ފައިދާހުރި ކާނާ ކެއުން.
- ގިނައިން ފެން ބުއިން.
- ނޭވާލާ ކަސްރަތުތަކާއި، މެޑިޓޭޝަން ނުވަތަ އަޅުކަމުގައި ވަގުތު ހޭދަކުރުން.
- ބޭރުތެރޭގައި ވަގުތު ހޭދަކުރުމާއި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުން.
ކޯޓިޒޯލް މަތިވުމުން ހަށިގަނޑަށް ކުރާ އަސަރުތައް
ދާއިމީކޮށް ކޯޓިޒޯލް މަތިވެފައި ހުރުމަކީ ހަށިގަނޑުގެ ގާތްގަނޑަކަށް ހުރިހާ ނިޒާމަކަށް އަސަރުކުރާ ކަމެކެވެ.
ޖިސްމާނީ އަސަރުތައް:
- ބަނޑުގައި ސަރުބީ ޖެހުމާއި މަސްތައް ހީނަރުވުން
- ދިފާޢީ ނިޒާމު ބަލިކަށިވުމާއި ޒަހަމްތައް ފަސޭހަވާން ލަސްވުން
- ލޭގެ ޕްރެޝަރު މަތިވުމާއި ލޭގެ ހަކުރު ހުންނަ މިންވަރު އިތުރުވުން
- ނިދުމަށް ދަތިވުމާއި އަބަދު ވަރުބަލި ވެފައި ހުރުން
ނަފްސާނީ އަސަރުތައް:
- ހާސްކަން އިތުރުވުން.
- އަވަހަށް ރުޅިއައުން.
- މާޔޫސްވުން (ޑިޕްރެޝަން).
- ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން.
- ހަނދާން ބަލިވުން.
- މަސައްކަތްކުރުމުގެޖޯޝާއި ފޯރި ކުޑަވުން.
ސިފައިންނަށް ކޯޓިޒޯލް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް
ސިފައިންގެ މަސައްކަތުގައި ހާސްކަމާއި ފިއްތުންތައް ނައްތައެއް ނުލެވޭނެއެވެ. ނަމަވެސް، ދުޅަހެޔޮ އާދަތަކުގެ އެހީގައި އޭގެ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެއެވެ:
- މަސައްކަތުގެ ދާއިރާއިން ފުރުޞަތު ލިބުނު އެންމެ ބޮޑަކަށް އަރާމު ނިދި ހޯދުމަށް އިސްކަންދިނުން.
- ތަރުތީބު ކުރެވިފައިވާ ފިޒިކަލް ޓްރޭނިންގ ޕްރޮގްރާމެއް ފުރިހަމަކުރުން.
- އަރާމުކުރާނެ ދުވަސްތައް ކަނޑައެޅުން.
- ބުރަ މަސައްކަތްތަކުގައި އުޅޭއިރު އެކަށީގެންވާ މިންވަރަށް ކެއުން.
- ގިނައިން ފެން ބުއިން.
- ހާސްވާ ވަގުތުތަކުގައި ނޭވާލުމުގެ ކަސްރަތުތައް ބޭނުންކުރުން.
- އެކަކު އަނެކަކަށް އެހީތެރިވާ ވަރުގަދަ ޓީމެއް ބިނާކުރުން.
- ހާސްކަން އިންތިހާއަށް ދާނަމަ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުން.
ކޯޓިޒޯލަކީ ހަށިގަނޑުގެ ދުޝްމަނެއް ނޫނެވެ. އެއީ ނުރައްކާތެރި އަދި ބުރަ ހާލަތްތަކުގައި ހަށިގަނޑު ސަލާމަތްކޮށްދީ، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ހޯރމޯންއެކެވެ. ސިފައިންނަށް ބަލާއިރު، މިއީ ބުރަ މިޝަންތަކުގައި ބޭނުންވާ ހަކަތައާއި ސަމާލުކަން ފޯރުކޮށްދޭ އެއްޗެކެވެ. ކުޅިވަރު ކުޅުންތެރިންނަށް މިއީ ތަމްރީނުތަކަށް ހަށިގަނޑު ހޭނުމަށް އެހީވާ އެއްޗެކެވެ. އެހެންނަމަވެސް، ހާސްކަން ދާއިމީވެ، އަރާމުކުރުން ދޫކޮށްލުމުން، މި ހޯރމޯން ހަށިގަނޑުގައި އުފައްދާ މިންވަރު އިތުރުވެ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މިހާ ބަލިކަށި ކޮށްލައެވެ.
މައުލޫމާތު އެއްކުރީ:
Hackney, A. C., & Walz, E. A. (2013). Hormonal adaptation and the stress of exercise training: The role of glucocorticoids. Trends in Sport Sciences, 20(4), 165–171
