ދިވެހިރާއްޖެ ހިމެނޭ މި ސަރަހައްދުގެ ވަރަށް ގިނަ ޤައުމުތަކެއްގައި އެ ޤައުމުތަކުގެ ޤަދީމީ ވެރިކަންތައް ނިސްބަތްކުރާ މުސްކުޅި ދެ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅާއި އިރުވަންހަ ދަރިކޮޅެވެ. މި ދެ ދަރިކޮޅު އެތައް ގޮފިތަކަކަށް ބެހިފައިވާއިރު ދިވެހިރާއްޖޭގައި ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ  ދަރިކޮޅުކަމުގައިވާ ތީމުގޭ ދަރިކޮޅަކީ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. ތީމުގޭ ދަރިކޮޅު ސިރީ މަހާބަރަނަ މަހާރަދުން (1121-1142) އާ ހަމައިން ފަށާނަމަ ދަމަހާރު ރަނިކަމަނާ ވާނީ އޭގެ ކުރީގެ ދުވަސްވަރެއްގައި ރަނިކަންކުރައްވާފައިވާ ރަންޏަކަށެވެ.

ދިވެހިރާއްޖެއާ ބެހޭ ގޮތުން މީލާދީން 9 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި ބޭރުގެ ލިޔުންތެރިން ލިޔުއްވާފައިވާ ލިޔުންތަކުގެ ތެރެއިން ގިނަ ލިޔުންތަކެއްގައި ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ އަންހެން ބޭފުޅެއްކަމަށް ލިޔެފައިވެއެވެ. މިގޮތުން ފާރިސީ ދަތުރުވެރިއެއްކަމަށްވާ ސުލައިމާން މީލާދުން 850 ވަނަ އަހަރު (ހިޖުރައިން 235 ވަނަ އަހަރު) ނުފޫޒު ގަދަ އަންހެން ބޭފުޅެއްގެ ވާހަކަ ލިޔުއްވާފައިވެއެވެ. އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޚަޒާނާ އޮންނަނީ އެކަމަނާގެ އަތްޕުޅުގައެވެ.

މީލާދީން 916 ވަނަ އަހަރު (ހިޖުރައިން 303 ވަނަ އަހަރު) ޢަބްދުލް ޙަސަން ޢަލީ އަލް މަސްޢޫދީ ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުން  އެ ދުވަސްވަރު ވެސް ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ އަންހެން ބޭފުޅެއްކަން އެނގެއެވެ. ނަމަވެސް މި ކަމަނާގެ ނަންފުޅެއް މަސްޢޫދީ ލިޔުއްވާފައެއް ނުވެއެވެ. ”ދަމަހާރު ރަނިކަމަނާ“ ގެ ވާހަކަ ފެންނަ އޮތީ އަލް އިދްރީސީގެ ލިޔުއްވުމަކުންނެވެ. އެހެން ނަމަވެސް ތާރީޚީ އެއްވެސް ލިޔުމަކުން އެ ކަމަނާއަކީ ކޮން ވަންހައެއްގެ ބޭފުޅެއްކަމެއް އަދި އެ ބޭފުޅެއްގެ ނަސަބުފުޅެއް ސާފެއް ނުވެއެވެ.

ޢަރަބި ދަތުރުވެރިޔާ މައުޙޫބް އިބްނު އަލް ޖަވާލިޤީ (1135) އަދި ޝަރީފު ޢަބްދުﷲ ބިން އިދްރީސް  (1099-1166) ގެ ލިޔުއްވުންތަކުން ”ދަންހަރާ“ ނުވަތަ ”ދަމްހަރާ“ ކިޔާ  ރަނިކަމަނާއެއްގެ ވާހަކަ ފެނެއެވެ. ނަމުގައި ކުޑަ ތަފާތެއް ހުއްޓަސް ބެލެވެނީ މިއީ އެއް ބޭފުޅެއް ކަމަށެވެ. މިއީ ދިވެހީންގެ ވާހަކަތަކުގައި ކިޔާ ދަމަހާރު ރަނިކަމަނާ ކަމުގައެވެ.

ޢަރަބި ދަތުރުވެރިއެއްކަމަށްވާ އަލް ޖަވާލިޤީގެ ލިޔުއްވުމަކުން  ޝަރީފު  އަލް-އިދްރީސީގެ ފޮތެއް ކަމަށްވާ ”ކިތާބު ނުޒުހަތުލް މުޝްތާޤު“ (1150) ގައި  ލިޔުއްވާފައި ވަނީ ދަމަހާރު ރަނިކަމަނާގެ ވާހަކަކަމުގައި ގަބޫލުކުރެވެއެވެ.  ”މި ރަނިކަމަނާއަށް ކިޔަނީ ދަންހަރާ އެވެ. އެކަމަނާ ތުރުކުރައްވަނީ ރަނުގެ ފޭރާމެވެ. އަދި އިސްތަށިފުޅުގައި އަޅުއްވަނީ ތަފާތު ވައްތަރުގެ ޔާގޫތާއި އަގު ބޮޑު ޖަވާހިރު ޖަހާފައިވާ ރަނުގެ ތާޖެކެވެ. އެކަމަނާ އަރުއްވަނީ ރަނުގެ ފައިވާންކޮޅަކަށެވެ. ޚާއްޞަ މުނާސަބަތުތަކަށާއި  ދީނީ ޢީދުތަކުގައި، ސިފައިންނާއި ގަހުރަމާނުންނާއެކު އެކަމަނާ އެތަކަށް ސަވާރުވެގެން، ދިދަތަކާއި، ތާޅަފިލިތަކާއެކު ވަރަށް ކުލަގަދަ ހިނގާލުމެއްގައި ވަޑައިގަންނަވާއިރު، ރަސްގެފާނާއި ވަޒީރުން ވަޑައިގަންނަވަނީ އެކަމަނާގެ ފަހަތްޕުޅުންނެވެ. މި ރަނިކަމަނާގެ އަތްޕުޅުގައި ހުންނަ މުއްސަނދިކަން، އެ ދުވަހު ޤައުމުގެ ފަގީރުންނަށް ޞަދަޤާތުގެ ގޮތުގައި ބައްސަވައެވެ. މިގޮތަށް ބައްސަވާތަން އެކަމަނާ އެތަނުގައި ހުންނަވައިގެން ބައްލަވައެވެ.“

މި ވާހަކައިގައި  ބުނާގޮތުން ދިވެހިރާއްޖޭގައި އޭރު ވެރިކަން ކުރަމުން ދިޔަ ރަށަކީ ”އަބަންބާ“ އެވެ. މިއީ ލިޔުންތެރިޔާ މާލެއަށް ދީފައިވާ ނަމަކަށްވެދާނެއެވެ. ޖަވާޤިލީ ލިޔުއްވާފައިވާ ގޮތުގައި އެއީ ވަރަށް އާބާދީ ބޮޑު ރަށެކެވެ. ރަނިކަމަނާ ރަސްމީ ޢިއްޒަތުގައި ވަޑައިގަންނަވަނީ ސިފައިންނާއި ގަހުރަމާނުން (އަންހެން ސާހިބުންގެ އަރިހުގައި އުޅޭ އަރިހު ބޭކަނބަލުން) ނާ އެކުގައެވެ. މި މަންޒަރު ލިޔުންތެރިޔާ ސިފަކޮށްދެއްވާފައިވާ ގޮތުން ފަހުގެ ތާރީޚުގައި ވެސް ބެރުދުންމާރި ތާޅަފިލީގައި ނުވަތަ ހަރުބީގައި ރާއްޖޭގެ ރަސްރަސްކަލުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގެންނެވި ގޮތް ސިފަވެއެވެ. އަދި ރަނިކަމަނާގެ ފިރިކަލުންނަށް ރަސްކަލެއްގެ ޢިއްޒަތާއި ޝަރަފުވެރިކަން އޮންނަކަން އެނގެއެވެ.

ޖަވާލިޤީ މި ވާހަކަ ލިޔުއްވާފައި ވަނީ މީލާދީން 1135 ވަނަ އަހަރުއެވެ.  ދިވެހި ތާރީޚަށް ބަލާއިރު މި ދުވަސްވަރު ދިމާވަނީ ތީމުގޭ ދަރިކޮޅުން ރަސްކަން ކުރެއްވި ސިރީ މަހާބަރަނަ މަހާރަދުން (1121-1142) ގެ ރަސްކަމުގެ މުއްދަތާއެވެ.  އެހެންކަމުން ގަބޫކުކުރަން ޖެހެނީ މިއީ ތީމުގޭ  ދަރިކޮޅުގެ ކުރީގެ ވާހަކައެއްކަމުގައެވެ.

ނޯޓު: ފޮޓޯއަކީ އޭއައި އިން ޖަނަރޭޓްކޮށްފައިވާ ޚިޔާލީ ތަސްވީރެކެވެ.

ޝެއަރކުރެއްވުމަށް