އިސްދޫ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ފަސްވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ. އިސްދޫ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުންނެވެ. މިއީ ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އަލްވަޒީރު ޢަލީ ޝާހްބަންދަރެވެ. މިރަދުންނަކީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނުގެ ބޮޑު ޅިޔަނެވެ. ދެއްވަދޫ ރަސްގެފާނާއި އެ ރަދުންގެ ޢާއިލާ ކަމުގައިވާ އައްޑޫމީދު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަނިޔާރުތަކުރުފާނުގެ ޢާއިލާއާއި ހައްދުންމަތީ އިސްދޫ ޢާއިލާއާއި، ކޮޅުމަޑުލު ދިޔަމިގިލި ޢާއިލާއާ މި ތިން ޢާއިލާވަނީ ނަސަބުގެ ގޮތުންނާއި ޅިޔަންފަހަރިކަމުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައެވެ.

އިސްދޫ ދަރިކޮޅުގެ ބާނީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަރަންމުތް މަހާރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ  ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން، އެ ރަދުންގެ އަނބިކަނބަލުންނަށް ޒަޚަރު ދެއްވައި އެ ކަމަނާއާއި އެ ކަމަނާގެ ބަނޑުފުޅުގައި އޮންނެވި ތުއްޕުޅު ބޭފުޅާ އަވަހާރަކޮށްލެއްވުމަށް ފަހުގައެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވީއިރު އިންނެވި އަނބިކަމަނާއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަރަންމުތް މަހާރަދުންނަށް  ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. 

އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަރަންމުތް މަހާރަދުންނަށް ”އިސްދޫ ޢަލީ ރަސްގެފާނު“ ވެސް ކިޔައެވެ. މި ރަދުންގެ  ދަރިކަލަކީ ހިތަދޫ ޙަސަން މަނިކުފާނެވެ. އިސްދޫ ޢަލީ ރަސްގެފާނު އަވަހާރަވުމުން ދެން ރަސްކަމަށް އިސްކުރެވުނީ މި ރަދުންގެ ދަރިކަލުން އައްސުލްޠާން ޙަސަން (ދިހަވަނަ) އެވެ. މި ރަދުންނަށް ފަހު ރަސްކަން ކުރެއްވީ އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނެވެ.

މި ދަރިކޮޅަށް އިސްދޫ ދަރިކޮޅު ކިޔަނީ މި ދަރިކޮޅުގެ ބާނީއަކީ އިސްދޫގައި ދިރިއުޅުއްވި އިބްރާހީމް ޝާހްބަންދަރު ޖަމާލުއްދީން ބޮޑު ވެލާނާތަކުރުފާނުގެ ދަރިކަލަކަށް ވާތީއެވެ. ނަމަވެސް މި ޢާއިލާއަކީ އިސްދޫއަށް ދިރިއުޅުން ބަދަލުކުރައްވައިގެން އެރަށުގައި ދިރިއުޅުއްވި އާއިލާއަކަށް ވިޔަސް މި ޢާއިލާއަކީ ހަތަރު މަތިފުށް ފުވައްމުލަކު ޢާއިލާއެކެވެ.

އިސްދޫ ދަރިކޮޅުގެ ކުރު ރަސްކަމުގައި ސިޔާސީ އިންގިލާބުތައް ހިނގަމުން ދިޔައެވެ. މިކަމުގެ ސަބަބުން ޤައުމުގެ އެތެރޭގެ ހަމަޖެހުން އޮތީ ގެއްލިފައެވެ.

 މި ދަރިކޮޅުން ދިވެހިރާއްޖޭގެ ރަސްކަން ތިން ބޭފުޅުން ކުރެއްވިއެވެ. އެ ބޭފުޅުންނަކީ:-

  • 1. އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަރަންމުތް މަހާރަދުން (1701-1701)
  • 2. އައްސުލްޠާން ޙަސަން (ދިހަވަނަ) (1701)
  • 3. އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީން ސިރީ މުތެއި ރަސްލޯކަ މަހާރަދުން (1701-1705)

އިސްދޫ ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވީ ދިޔަމިގިލި ދަރިކޮޅުންނެވެ. އިސްދޫ ދަރިކޮޅުގެ ރަސްކަން ނިމުމަކަށް އައިސް ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ފެށުނީ ދިޔަމިގިލީ އަލްވަޒީރު މުޙައްމަދު ދޮށިމޭނާތަކުރުފާނު (އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުންދީން) ގެ ރަސްކަމުގެ މައްޗަށް ގަދަވެވަޑައިގެން ރަސްކަމުގެ ތަޚުތު އަތުލެއްވުމުންނެވެ. ދިޔަމިގިލީ ބަންޑާރައިން ރަސްކަން އަތުލެއްވުމަށްފަހު އިސްދޫ ދަރިކޮޅުން ރަސްކަންކުރެއްވި އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީންއާ ދެބޭފުޅުން ފުވައްމުލަކަށް އަރުވާލެއްވިއެވެ. އޭގެ ދުވަސްތަކެއް ފަހުން އައްސުލްޠާން ޙަސަން (ދިހަވަނަ) އައްޑު އަތޮޅު ހިތަދުއަށް އަރުވައިލެއްވިއެވެ.

ޝެއަރކުރެއްވުމަށް