ސިފައިންގެ ތެރޭގައި ބޭނުންކުރަމުންދިޔަ ބައިސްކަލާއި، ސައިކަލާއި، ވެހިކަލްތައް ފޮޅާސާފުކޮށް ފިއުލް އަޅައިދީ މަރާމާތު ކުރުމުގެ މަސައްކަތްތަކަށް، ކަނޑައެޅިފައިވާ ޚާއްޞަ ވަކި ބަޔަކު ތިބެގެން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރެވެންފެށީ 1978 ނޮވެންބަރު 14 ވަނަ ދުވަހު ”ޓްރާންސްޕޯޓް ސެކްޝަން“ އުފެއްދުމުންނެވެ. މި ސެކްޝަން އުފެދުނުއިރު ސެކްޝަނުގައި ތިބީ އޮފިސަރ އިންޗާރޖާއެކު ޖުމްލަ ހަތަރު މުވައްޒަފުންނެވެ. އޮފިސަރ އިންޗާޖަކަށް ހަމަޖެއްސީ ލެފްޓިނަންޓް ޝައުކަތު އިބްރާހީމެވެ. އޭނާގެ ދަށުން މަސއްކަތް ކުރަން ތިބީ ޕްރައިވެޓް ޢާދިލް ޔޫސުފް(ސައިކުރާ ޢާދިލް)، ޕްރައިވެޓް މުޙައްމަދު ރަޝީދު އާދަމް (މޭލޭ) އަދި ޕްރައިވެޓް ޙަސަން އަބޫބަކުރު (ބޮޑު ޙަސަން) އެވެ.

ސޮކެޓް ފޮއްޓަކާއި ރެންޗް ސެޓެއް ކުޑަ ކަބަޑެއްގެ ތެރޭގައި ބަހައްޓައިގެން ބަންޑާރަކޮށީ ބަޑިގުދަންކައިރީގައި މި ޚިދުމަތް ފެށުނުއިރު ސިފައިންގޭގައިހުރީ 46 މޮޓޯ ސައިކަލާއި 2 ކާރާއި 4 ވޭނެވެ. މިތަކެތި ފޮހެ ސާފުކޮށް ބަލަހައްޓައި ކުރަންޖެހޭ މަރާމާތުތައްކޮށް، ފިއުލް އެޅުމުގެ ޚިދުމަތް ދިނުމަކީ މި ސެކްޝަންގެ މިޝަން އެވެ. ސިފައިންނަށް މަރާމާތު ނުކުރެވޭ ވަރުގެ ބޮޑު މަރާމާތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއް ކުރަނީ މާލޭގެ ކޮންމެވެސް ގަރާޖަކުންނެވެ. އެންމެ އާންމުކޮށް މަރާމާތުކޮށް ހަދަނީ ކޮލިގޭ ގަރާޖުންނެވެ. ސިފައިންގެ އެކިތަންތަނުގައި މި ސެކްޝަންގެ މަސައްކަތްތައް ހިނގަމުންގޮސް، ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާންފެށުމުން، އިންޖިނިއަރިންގ މަސައްކަތްތައް ކުރާނެ ވަކިތަނެއް ކަނޑައެޅުނެވެ. މިގޮތުން 1981 ވަނަ އަހަރުގެ ތެރޭގައި ސިފައިންގެ ވެހިކަލްތައް މަރާމާތުކުރަން ބޭނުންކުރާނެ ތަނެއްގެ ގޮތުގައި މަޖީދިއްޔާގެ ހުޅަނގުން، ކުރިން ”ބަންޑާރަ މިސްކިތް“ ހުރި ބިން ޙަވާލުކުރިއެވެ. ބަންޑާރަ މިސްކިތް ހުރި ބިން ދެބަޔަށް ބައިކޮށް ސިފައިންނަށް ލިބުނީ އަމީރު އަޙްމަދު މަގާވީ ފަޅިއެވެ. ގަރާޖު ދޮރު ހުންނަނީ ތަނުގެ ހުޅަނގު އުތުރު ކަންމަތީގައެވެ. މިދޮރުގެ އިތުރުން ވަދެނުކުމެ ހެދުމަށް އަމީރު އަޙްމަދު މަގަށް މިހާރުގެ ފޮރިން މިނިސްޓްރީ ގޯޅިއާ ދިމާލަށް ވާގޮތަށް އިތުރު ދޮރެއް ހުރެއެވެ. މިތަނުގައި އޮފީހާއި ގަރާޖު ހަދައި، ފުޅާ ދާއިރާއެއްގައި ވެހިކަލާއި އިންޖީނު ފަދަ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއެވެ.

މަސައްކަތްތައް ފުޅާވެ، މީހުން އިތުރުކޮށް، ކޯސްޓްގާޑް ލޯންޗު ފަހަރާއި ލޯންޗްފަހަރުގެ އިންޖީނުތައް މަރާމާތު ކުރުމާއި، ވެލްޑިންކުރުމާއި ވެހިކަލާއި ސައިކަލް ގެ އިންޖީނު މަރާމާތުކުރުމުގެ މަސައްކަތާއި، ވެހިކަލާއި ސައިކަލްގެ  ބައިތައް ޓިންކަރިންގ ކޮށްގެން ހެދުމާއި ވެހިކަލްގައި ދަވާދުލުންފަދަ މަސައްކަތްތައް ކުރަންފެށިއެވެ. އެ ދުވަސްވަރު ސިފައިންގެ ވެރިޔާގެ ނާއިބުގެ ކާރުކޮޅުގެ ޑްރައިވަރ ކހ.މޫސާފުޅާއި މ.ތުއްތު އާއި އިނގިރޭސި މޫސާ މަނިކަކީ  ސިފައިންގޭގައި ތިބި ކުޅަދާނަ އިންޖިނޭރުންނެވެ. މ.ތުއްތު އިންޖިނިއަރިންގެ މަސައްކަތް ކުރަމުންދިޔައީ ބޭންޑްގައި މަސައްކަތްކުރުމުގެ އިތުރުންނެވެ. މިތަނުގައި މަސައްކަތްތައް ފެށުނު ދުވަސްވަރަކީ ސިފައިންގެ އެހެނިހެން ކަންތައްތަކަށް ވެސް ކުރިއެރުމާއި ތަރައްޤީ އަންނަންފެށި ދުވަސްވަރެވެ. އެހެންކަމުން ސިފައިން ބޭނުންކުރާ ސައިކަލްތަކާއި ވެހިކަލްތައް ވެސް އިތުރުވެ ކުރަންޖެހޭ މަރާމާތުތައް ދިޔައީ ގިނަވެގެންނެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތް ކުރަމުންދިޔަ ތަން (ބިން) ކުޑަވެ އެއަށްވުރެ ބޮޑު ތަނެއް ހޯދަންޖެހުނެވެ. އެހެންކަމުން މިހާރު އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)  ހިންގަމުންދާ 330 ނަންބަރު ކޮށްޓަށް 1985 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު މި މަސައްކަތްތައް ބަދަލުކުރިއެވެ.

އޭރު މި ކޮށި އޮތީ ތިންބަޔަކަށް ބައިކޮށްފައެވެ. ކޮށީގެ އެންމެ ހުޅަނގުފަޅި ބޭނުންކުރަނީ ކޯސްޓްގާޑުގެ ބޭނުންތަކަށެވެ. މެދަށް އޮތްބައި ބޭނުންކުރަނީ ބޭންޑުގެ ކަންތައްތަކަށެވެ. ޓްރާންސްޕޯޓުގެ މަސައްކަތް ބަދަލު ކުރީ އިރުމައްޗަށް (ޝީ ބިލްޑިންގ ކަންމައްޗަށް) އޮތްފަޅިއަށެވެ. އެތަނުގައި ޓްރާންސްޕޯޓް ސެކްޝަންގެ އޮފީހާއި ގަރާޖާއި ސްޓޮކް ރޫމެއް ހެދިއެވެ. މި މަސައްކަތްތައް އޭގެ ފަހުން އައީ ދުވަހެއް ދުވަހަކަށް ފުޅާވެ ތަރައްޤީވަމުންނެވެ. ސިފައިން ބޭނުންކުރާ ވެހިކަލްތަކާއި، ސައިކަލްތަކާއި، ބައިސްކަލްތަކުގެ ޢަދަދު ވެސް އައީ އިތުރުވަމުންނެވެ. އެހެންކަމުން މިއުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މަސައްކަތްތަކަށް އައިބަދަލާއި ގުޅިގެން ޓްރާންސްޕޯޓް ސެކްޝަންގެ ނަން 8 ޖޫން 1992 ގައި ”އެންއެސްއެސް މޯޓަރ ޓްރާންސްޕޯރޓް“ގެ ނަމަށް ބަދަލުކުރިއެވެ. މި ޔުނިޓުން ސިފައިންގެ ވެހިކަލްތައް ހެޔޮ ގޮތުގައި ބޭނުންކޮށް ޚަރަދު ކުޑަކުރުމަށްޓަކައި ވެހިކަލް އޮޕަރޭޝަން ސެންޓަރުގެ ޚިދުމަތް 1994 ވަނަ އަހަރު ތަޢާރަފު ކުރިއެވެ.

އެންއެސްއެސް މޯޓަރ ޓްރާންސްޕޯރޓުން ކުރަމުންދިޔަ މަސައްކަތްތައް ދެ ޔުނިޓެއްގެ މަސައްކަތްތަކެއްގެގޮތުގައި ހަމަޖައްސައި 1995 ޖަނަވަރީ 01 ވަނަ ދުވަހު ”އިންޖިނިއަރިންގ ސާރވިސް“ އާއި ”ޓްރާންސްޕޯޓް ސާރވިސް“ އުފެއްދިއެވެ. މިބަދަލާއިގުޅިގެން އެންއެސްއެސް މޯޓަރ ޓްރާންސްޕޯޓް ހިންގި އިމާރާތުގައި އިންޖިނިއަރިންގ ސާރވިސް ހިންގާގޮތަށް ނިންމާ ކަޅުތުއްކަލާކޮށްޓަށް ޓްރާންސްޕޯރޓް ސާރވިސް ބަދަލުކުރިއެވެ. އެ ދުވަހު މަސައްކަތްތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ސިފައިންގެ އެއްގަމާއި ކަނޑުމަތީގެ ދަތުރުގެ ޚިދުމަތް އަލަށް އުފެއްދި ޓްރާންސްޕޯޓް ސާރވިސް އަށް ބަދަލުކޮށް، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުފަހަރާއި އިންޖީނާއި އެއަރކަންޑިޝަންތަކާއި ޖަނަރޭޓަރުތައް މަރާމާތުކުރާ ޔުނިޓަކީ އިންޖިނިއަރިންގ ސާރވިސް ކަމުގައި ހަމަޖައްސައި، ކޯސްޓްގާޑުގެ ގަރާޖު އިންޖިނިއަރިންގ ސާރވިސްއަށް ބަދަލު ކުރިއެވެ. އެހިސާބުން އިންޖިނިއަރިންގެ ޚިދުމަތް ދެމުންދިޔަ 330 ނަންބަރު ކޮށި ހަމައެކަނި އެ ޚިދުމަތަށް ޚާއްޞަ ވެގެން ދިޔައެވެ.

ސިފައިންގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން 2006 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޔުނިޓްގެ ނަން އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަށް ބަދަލު ކުރިއެވެ. މި ބަދަލާއެކު  މި ޔުނިޓަށް އިތުރުވެގެންދިޔަ އެންމެ ބޮޑު ޒިންމާތަކަކީ ސިފައިންގޭގައި ބޭނުންކުރަމުންދިޔަ ޕަވަރ ޖަނަރޭޓަރުތަކާއި އިލެކްޓްރިކަލްގެ ހުރިހާ ޚިދުމަތްތަކެއް އީއެމްއީއިން ދޭގޮތަށް ހަމަޖެއްސުމެވެ. މި ޔުނިޓްގެ މިޝަންއަކީ ”ސިފައިންގެ ޚިދުމަތުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ ހުރިހާ އުޅަނދުފަހަރާއި، ޕަވަރޖަނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނާއި އަދި އެހެނިހެން  އިކްއިޕްމަންޓްތަކާއި މެޝިނަރީ ފަދަ ތަކެތި އިންސްޓޯލްކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން“ ކަމަށް ހަމަޖެއްސިއެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގައި ޔުނިޓުގެ ކޮމާންޑަރުންގެ ގޮތުގައި 2008 ވަނަ އަހަރާ ހަމައަށް 8 ބޭފުޅަކު ޚިދުމަތް ކޮށްފައިވެއެވެ. އެ ބޭފުޅުންނަކީ ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް، ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރު، އަލްމަރުޙޫމް ކާނަލް ޙުސައިން އިބްރާހީމްފުޅު، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު ، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރު އަދި ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނަޝީދެވެ. މީގެ އިތުރުން ވަގުތީގޮތުން ތަފާތުގިނަ ފަހަރުމަތިން ސިފައިންގެ އިސް އޮފިސަރުންނާއި ތަފާތު ރޭންކްތަކުގެ އޮފިސަރުން މިޔުނިޓް ހިންގެވުމާ ޙަވާލުވެވަޑައިގެންފައިވެއެވެ.

       ސިފައިންގެ ޚިދުމަތަށް ބޭނުންވާ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް އެއްތަނަކުން ދިނުމަށް 1995 ޖަނަވަރީ 01 ވަނަ ދުވަހު އުފެއްދި ޔުނިޓަކީ އެންއެސްއެސް ޓްރާންސްޕޯރޓް ސަރވިސްއެވެ.  މި ޔުނިޓް އުފައްދައި މޯޓަރ ޓްރާންސްޕޯޓުން ހިންގަމުންދިޔަ ވެހިކަލް އޮޕަރޭޝަން ސެންޓަރ (ވީ.އޯ.ސީ) އާއި ކޯސްޓްގާޑުން ހިންގަމުންދިޔަ ބޯޓް އޮޕަރޭޝަން ސެންޓަރ (ބީ.އޯ.ސީ) އެ ޔުނިޓަށް ބަދަލު ކުރިއެވެ. އެއްގަމާއި ކަނޑުގެ ދަތުރުތަކަށް މި ޚާއްޞަ ދެ ސެންޓަރުން ޚިދުމަތްދޭން ފެށިއެވެ. ބަންޑާރަކޮށީގައި ހުޅަނގު އުތުރު ކަނާދިމާލުގައި، ޑިފެންސް މިނިސްޓަރުގެ މިހާރުގެ އެކަމަޑޭޝަން ކޮޓަރިކޮޅުގެ ފެންޑާކުރިމަތީގައި ކާރު ޕާކުކުރަން ކަނޑައަޅާފައިވާ ތަނުގައެވެ.  އެއަށްފަހު ވީއޯސީ ބަދަލުވީ ކަޅުތުއްކަލާކޮށީ ހުޅަނގުފަރާތުގައި މިހާރުގެ ޓިނުފެންޑާ ހުރި ދަގަނޑު އިމާރާތަށެވެ. ބީއޯސީ ހިނގަމުން ދިޔައީ ކޯސްޓްގާޑް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ.  މިގޮތުގައި ޚިދުމަތް ދެމުންއައިސް ޓްރާންސްޕޯޓް ސާރވިސްގެ އޮޕަރޭޝަން ސެންޓަރެއް ހުޅުވައި ވީއޯސީ އާއި ބީއޯސީން ދެމުންދިޔަ ޚިދުމަތް އެއް އޮޕަރޭޝަން ސެންޓަރަކުން ދޭންފެށިއެވެ. މި އޮޕަރޭޝަން ސެންޓަރު ޤާއިމު ކުރެވުނީ ކަޅުތުއްކަލާކޮށީ ދެކުނުފަރާތު ގޭޓުގެ އިރުން ހަދާފައިވާ އޯޕީޓަވަރުގެ މަތީގައެވެ. މިތަނަކީ އޮޕަރޭޝަން ސެންޓަރެއް ހިންގަން ކުޑަތަނަކަށްވާތީ މިހާރު އެސެންޓަރ ހަދާފައިވާތަނަށް ކަޅުތުއްކަލާކޮށި ހުޅަނގުފަރާތުގައި ޓިނުޖަހައިގެން ތިންބުރިއަށް ހަދާފައިވާ އިމާރާތުގެ ތިރިއަށް 2006 ވަނަ އަހަރު ބަދަލު ކުރިއެވެ. ޓްރާންސްޕޯރޓް ސާރވިސް އުފެއްދި ދުވަހުންފެށިގެން ޓީއެސް އޮފީސް ހިނގަމުންދަނީ ކަޅުތުއްކަލާކޮށީގެ ދެކުނު ފަރާތުގެ އާއިމާރާތުގައެވެ.

ޓްރާންސްޕޯޓް ސާރވިސްގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަށް ބަލާއިރު، 1995 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2002 އެޕްރީލް 07 ވަނަ ދުވަހަށް ކޮމާންޑިންގ އޮފިސަރުކަން ކުރައްވާފައިވަނީ ލެފްޓިނަންޓް ކާނަލް ޙަސަން ނަޞީރެވެ. 2002 އެޕްރީލް 07 އިން 2003 ޖުލައި 03 އަށް  ކޮމާންޑިންގ އޮފިސަރުކަން ކުރައްވާފައިވަނީ މޭޖަރ ފަރުޙަތު ޝަހީރެވެ. 2003 ޖުލައި 15 އިން 2009 މޭ 24 އަށް އޮފިސަރ ކޮމާންޑިންގގެ މަޤާމު ފުރުއްވީ ކެޕްޓަން ޔޫސުފް ސަލީމެވެ. 2009 މޭ 24 އިން 2010 އޮކްޓޫބަރު 19 އަށް އޮފިސަރ ކޮމާންޑިންގކަން ކުރައްވާފައިވަނީ ކެޕްޓަން ޢަބްދުލްމުޙްސިނެވެ. 2010 އޮކްޓޫބަރު 19 އިން 2012 ޖަނަވަރީ 12 އަށް ކޮމާންޑިންގ އޮފިސަރުކަން ކުރައްވާފައިވަނީ ފަސްޓް ލެފްޓިނަންޓް ޞާލިޙް މޫސާއެވެ. 2012 ޖަނަވަރީ 12 އިން 2012 ފެބުރުވަރީ 14 އަށް އޮފިސަރ ކޮމާންޑިންގކަން ކުރައްވާފައިވަނީ ކެޕްޓަން އަޙްމަދު ޒުބައިރެވެ. 2012 ފެބުރުވަރީ 14 އިން 2013 ޖަނަވަރީ 06 އަށް އޮފިސަރ ކޮމާންޑިންގކަން ކުރައްވާފައިވަނީ ކެޕްޓަން ޢަލީ ރިޟާއެވެ. 2013 ޖަނަވަރީ 06 އިން 2013 އޮގަސްޓް 14 އަށް އޮފިސަރ ކޮމާންޑިންގ ކަން ކުރައްވާފައިވަނީ މޭޖަރ އަޙްމަދު ނަޝީދެވެ. 2013 އޮގަސްޓް 14 އިން 2014 ޖޫން 19 އަށް އޮފިސަރ ކޮމާންޑިންގކަން ކުރައްވާފައިވަނީ ކެޕްޓަން އަޙްމަދު ޢާޠިފެވެ. 2014 ޖޫން 19 އިން 2016 ޖޫން 23 އަށް ކޮމާންޑިންގ އޮފިސަރަކީ މޭޖަރ ޢަލީ ނަޖީބެވެ. 2016 ޖޫން 23 ވަނަ ދުވަހުން ފެށިގެން ކޮމާންޑިންގ އޮފިސަރުގެ މަޤާމުގައި ހުންނެވީ މޭޖަރ ޢަބްދުﷲ ޢަލީއެވެ.

ޝެއަރކުރެއްވުމަށް