ޤާނޫނު ނަމްބަރ 2008/1 ”ސިފައިންގެ ޤާނޫނު“ގެ 5ވަނަ މާއްދާ ”ސިފައިންގެ ދައުރު“ގެ (ށ)ގައި ބަޔާންކުރަނީ ”ސިފައިންނަކީ އަސްކަރީ ބައެކެވެ“. ހަމަ މި ޤާނޫނުގެ 8ވަނަ މާއްދާ ”ސފައިންގެ ވާޖިބުތައް“ގެ (ބ)ގައި ”ހަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއް ވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާޞްތެރިކަމާ އެކު އަދާކުރުން“، ސިފައިންގެ ވާޖިބެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން ސިފައިންނަކީ އަސްކަރީ ބައެއްކަމަށް ވީނަމަވެސް ސިފައިންނަށް ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ވެސް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ސިފައިންގެ ލަސްކަރު ފަހަތަކަށް ނުޖެހޭނެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ޤައުމު ބިނާކުރުމުގައި ސިފައިންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެހެންކަމުން މި ކަމަކީ ސިފައިންގެ ރަސްމީ މަސައްކަތްތަކުގެ ބައެކެވެ. މި މަސައްކަތްތަކުގެ ތެރެއިން، ހަނގުރާމައިގެ ހާލަތަށް ފަހު ޤައުމު އާރާސްތުކުރުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި އާއްމު ހާލަތުގައި ޤައުމު ބިނާކުރުމުގައި ސިފައިން އަންނަނީ އިސްދައުރެއް އަދާކުރަމުންނެވެ. ދިވެހި އަސްކަރިއްޔާ ވެސް ހަމަ މި ފަދައެވެ.
ދިވެހި އަސްކަރީ ތާރީޚު ވެސް ދައްކުވައިދެނީ ދިވެހި ޤައުމު އާރާސްތުކުރުމުގައި ސިފައިންގެ ހިއްސާ އޮތް މިންވަރެވެ. މާލޭގެ ފަޅު ފުންކުރުމާއި، މަގުހެދުމާއި، ހުޅުލެ އެއަރޕޯޓް ހެދުމާއި، ރާއްޖޭގެ ރަށްރަށުގެ ނެރު ނުވަތަ ފަޅު ހެދުމުގައި ސިފައިން ވަނީ އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. ފަހުގެ ތާރީޚަށް ބަލާ އިރު ސުނާމީ ކާރީސާއިން ޤައުމު އަރައިގަނެ އާރާސްތުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، 17ވަނަ ސާކްސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި ކުރެވުނު މަސައްކަތްތަކާއި، މާފުށި ޖަލު މަރާމާތުކުރުމަށް ކުރެވުނު މަސައްކަތްތައް، ކޮވިޑް-19ގެ އާލަމީ ވަބާއިން އަރައިގަތުމަށް ސިފައިން ކުރި ތަޢުރީފު ޙައްޤު މަސައްކަތްތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން އިޖުތިމާޢީ ގޮތުން ބަލާއިރު ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތައް ހެދުމާއި، މާރުކޭޓްތައް ހެދުމާއި، ވަގުތީ މިސްކިތްތައް ހެދުމުގައި ސިފައިން ކޮށްފައިވާ މަސައްކަތްތަކަކީ ރައްޔިތުންގެ އިތުބާރު ބޮޑުވި މަސައްކަތްތަކެކެވެ. މީގެ އިތުރުން ވެސް އެތަކެއް މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ސިފައިން ވަނީ ކޮށްފައެވެ. އޭގެ ތަފުސީލުތަކަށް ދާނަމަ މި ރިޕޯޓް މާދިގުވެދާނެއެވެ.
ޤައުމު ބިނާކުރުމުގައި ސިފައިން ކުރާ މަސައްކަތްތަކަށް އެއްވެސް އިރެއްގައި ބަދަލެއް އައިސްފައި ނުވެއެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއް މަސައްކަތަކީ ތ.ދިޔަމިގިލީގައި އިމާރާތްކުރާ ސްކޫލުގެ މަސައްކަތުގައި ސިފައިން ކުރަމުންދާ ބުރަ މަސައްކަތެވެ. މިއީ ތަޢުލީމީ ދާއިރާގެ ކުރިމަގަށް ސިފައިން ކޮށައިދޭ އަލި މަގެކެވެ.
ޤައުމީ ބޮޑެތި މަސައްކަތްތައް ސިފައިންނާ ހަވާލުކުރަނީ އަސްކަރިއްޔާއަކީ އިތުބާރު ހުރި މުއައްސަސާއަކަށްވާތީއެވެ. ސިފައިންގެ ތެރޭގައި އޮންނަ ހަރުދަނާ އަޚުލާޤާއި މަސައްކަތުގެ ތަރުތީބާއި، އަމުރަށް ކިޔަމަންތެރިވުމާއި، ވަގުތަށް ފަރުވާތެރިވުމުގެ ސިފަ ހުރި ބަޔަކަށް ވާތީއެވެ. ބޮޑެތި މަސައްކަތްތަކަކީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަންޖެހޭ މަސައްކަތްތަކަށް ވެފައި ސިފައިންނަކީ ”މިޝަން އޮރިއެންޓެޑް“ ނުވަތަ ހަވާލުކުރެވޭ މަސައްކަތްތައް ކޮންމެ ހާލަތެއްގައި ވެސް ނިންމުމުގެ ރޫޚް ހުރި ބަޔަކަށް ވާތީއެވެ.
މީގެ އިތުރުން، އިޤުތިޞާދީގޮތުން ބަލާ އިރު ވެސް ސިފައިންގެ ބައިވެރިވުމަކީ ޤައުމަށް ލިބޭ ބޮޑު ފައިދާއެކެވެ. ސިފައިންގެ ތެރޭގައި ތަފާތު ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަންނީ މީހުން ބޭނުންކޮށްގެން މަސައްކަތްތައް ކުރުމުން ދައުލަތުގެ ބަޖެޓަށް ވެސް އިތުރު ލުއިތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ޤައުމީ ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ލިބިގެންދެއެވެ.
ވޭތުވެ ދިޔަ މާޒީގައި ސިފައިންކޮށްފައިވާ މަސައްކަތްތަކަށް ރައްޔިތުން އިތުބާރު ލިބިފައިވުމަކީ ވެސް ސިފައިން، ޤައުމީ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިކުރުވާ އެއް ސަބަބެވެ. ރައްޔިތުންނަށް އެންމެ ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި ސިފައިން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތަކަކީ ޤައުމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއް ރާސްތާއެވެ.
މިފަދަ ޖޯޝްހުރި އަދި ޤައުމީވަންތަ ފަންނީ ތަމްރީނުތަކަކީ ސިފައިންނަށް ދެވޭ ތަމްރީނުގެ ފުރިހަމަކަމުގެ މިސާލެކެވެ. ތަމްރީނުގެ ތެރެއިން މަސައްކަތުގެ މާހައުލަށް ލޯ ހުޅުވައިދެއެވެ. އެކުވެރިކަމާއި ޖޯޝާއި ފޯރީގައި މަސައްކަތްކުރަންވީ ގޮތްތައް ދަސްކޮށްދެވެއެވެ. ސަފުތަކުގެ ބަދަހިކަން ގެނުވައިދެއެވެ. އެހެންކަމުން މި ފަދަ މަސައްކަތްތަކުގެ ތެރެއިން ސިފައިންނަކީ ޤައުމީ ބޮޑެތި މަސައްކަތްތަކުގައި މުހިންމު ބަޔަކަށް ހަދައިދެއެވެ.
ހުލާސާކޮށް ދަންނަވަނީ ނަމަ، ސިފައިންނަކީ ޤައުމުގެ ތަރައްޤީ، ސަލާމަތީކަން، އަދި އިންސާނީ ޚިދުމަތްތަކުގެ މައިގަނޑު ބާރެވެ. ޤައުމީ ބޮޑެތި މަސައްކަތްތަކުގައި ސިފައިން ބައިވެރިވަނީ ޤައުމުގެ މަޞްލަޙަތާއި ރައްޔިތުންގެ ދިރިއުޅުން ރައްކާތެރިކުރުމަށެވެ. ޤައުމަށް އަމާން، ފާގަތި ދުވަސްތަކަކަށް އަބަދުވެސް އެދޭތީއެވެ. ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ޚިދުމަތްކުރުމަށް ސިފައިންގެ ލަޝްކަރު އަބަދުވެސް ތިބޭނީ ތައްޔާރަށެވެ.
