ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ތިންވަނައަށް ރަސްކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ  ކުރިން ރަސްކަންކުރީ ޢުމަރުވީރު ދަރިކޮޅެވެ. ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އެންމެ ގިނަ ދުވަހު ދެމިއޮތް ދަރިކޮޅެވެ. ހިލާލީ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޙަސަން ހިލާލީ (އެއްވަނަ) ސިރީ ވީރަ ބަވަނަ މަހާރަދުންނެވެ.

 މި ދަރިކޮޅުގެ ނަން ނިސްބަތްވަނީ ޔަމަން ކަރައިން ދިވެހިރާއްޖެ އައިސް ހުޅުލޭގައި އުޅުނު ”ހިލާލީ“ އާއިލާއަށެވެ. މި ދަރިކޮޅުގެ ދައުރުގައި 29 ރަސްކަލަކު ރަސްކަން ކުރެއްވިއެވެ. މީގެ ތެރެއިން ހަތް ރަސްކަލުންނަކީ ހިލާލީ އާއިލާގެ ބޭފުޅުންނެއް ނޫނެވެ.

 ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާ ހަލަބޮލި ދުވަސްވަރެކެވެ. އަދި ބޭރުގެ ފަރާތްކުގެ ނުފޫޒު ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. މިދުވަސްވަރު އެންމެ ފާހަގަ ކުރެވޭ ހާދިސާއަކީ މި ދަރިކޮޅުން އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން (ނުވަވަނަ) އިސްލާމްދީން ދޫކުރައްވައި ނަސޯރާދީނަށް ވަންނަވައި މުރުތަދުވި ހާދިސާއެވެ. އަދި ޕޯޗްގީޒުންގެ އެހީގައި އަލުން ރަސްކަން ހޯއްދަވަން ޕޯޗުގީޒުފެ ސިފައިން ފޮނުވައިގެން ކުރި ހަނގުރާމަތަކާއި  ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް  ދިވެހިރާއްޖެ ދިޔަ ގޮތެވެ.

ހިލާލީ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-

1.     އައްސުލްޠާން ޙަސަނުލް ހިލާލީ (އެއްވަނަ) ސިރީ ވީރަ ބަވަނަ މަހާރަދުން (1368-1378)

2.     އައްސުލްޠާން އިބްރާހީމް (އެއްވަނަ) ސިރީ ދަންމަރުވީރު މަހާރަދުން (ފުރަތަމަ ފަހަރު: 1378-1378، ދެވަނަ ފަހަރު: 1392-1401)

3.     އައްސުލްޠާން ޙުސައިނުލް ހިލާލީ (އެއްވަނަ) ސިރީ ލޯކަ މަހާރަދުން (1378-1388)

4.     އައްސުލްޠާން ނާޞިރުއްދީނުލް ކަލާވަހީ ސިރީ ވީރު އަބާރުނަ މަހާރަދުން (1388-1391) މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ. މިއީ އިންޑިއާއިން ދިވެހިރާއްޖެ ވަޑައިގެން ރާއްޖޭގައި ދިރިއުޅުއްވި ބޭފުޅެކެވެ.

5.     އައްސުލްޠާން ޙަސަން ( ދެވަނަ) ސިރީ ދަންމަރު ބަވަނަ މަހާރަދުން (1391-1392) މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ.

6.     އައްސުލްޠާން ޢީސާ ސިރީ ބަވަނަ ސުންދުރަ މަހާރަދުން  (1392-1392) މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ. މިއީ ކުރިން ރަސްކަމުގައި ހުންނެވި އައްސުލްޠާން ޙަސަން (ދެވަނަ) ގެ އެއްބަފާ ކޮއްކޯފުޅެކެވެ.

7.     އައްސުލްޠާން އުޘްމާން (ދެވަނަ) ސިރީ ދަންމަރު ލޯކަ މަހާރަދުން  (1401-1401)

8.     އައްސުލްޠާން ދަންނަ މުޙައްމަދު ސިރީ ރާދަ ބަވަނަ މަހާރަދުން  (1401-1402)

9.     އައްސުލްޠާން ޔޫސުފް (ދެވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން  (1402-1425)

10.    އައްސުލްޠާން އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސުންދުރަ މަހާރަދުން  (1425-1426)

11.    އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ސިރީ ރާދަވީރު މަހާރަދުން  (ފުރަތަމަ ފަހަރު: 1426-1452، ދެވަނަ ފަހަރު: 1456-1454)

12.    އައްސުލްޠާން ސައްޔިދު މުޙައްމަދު (1453-1454) މިއީ ޢަރަބި ކަރައިގެ ބޭކަލެކެވެ. މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ.

13.    އައްސުލްޠާން ހަދި މުޙައްމަދުލް ހިލާލީ ސިރީ ބަވަނަ އަބާރުނަ މަހާރަދުން (1470-1456)

14.    އައްސުލްޠާން ޙަސަން (ހަތަރުވަނަ) ސިރީ ރާދަ ލޯކަ މަހާރަދުން (ފުރަތަމަ ފަހަރު: 1470-1470، ދެވަނަ ފަހަރު: 1483-1477)

15.    އައްސުލްޠާން ޢުމަރު (ދެވަނަ) ސިރީ ލޯކަ ސުންދުރަ މަހާރަދުން (1470-1475)

16.    އައްސުލްޠާން ޙަސަން (ފަސްވަނަ) ސިރީ ރާދަ އާނަންދަ މަހާރަދުން (1475-1477)

17.    އައްސުލްޠާން އައްޝައިޚު ޙަސަން (ހަވަނަ) ސިރީ ރާދަ ފުރަވީރަ މަހާރަދުން  (1483-1485)

18.    އައްސުލްޠާން އިބްރާހީމް (ދެވަނަ) ސިރީ ބަވަނަ ފުރަސުންދަ މަހާރަދުން (1485-1490)

19.    އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން (ފުރަތަމަ ފަހަރު: 1490-1490، ދެވަނަ ފަހަރު: 1510-1494، ތިންވަނަ ފަހަރު: 1512-1528)

20.    އައްސުލްޠާން ޔޫސުފް (ތިންވަނަ) ސިރީ ވީރަ އާނަންދަ މަހާރަދުން (1491-1491)

21.    އައްސުލްޠާން ޢަލީ (ހަތަރުވަނަ) ސިރީ އައުދަ ވީރަ މަހާރަދުން (1491-1494)

22.    އައްސުލްޠާންޙަސަން (ހަތްވަނަ) ސިރީ ސިންގަވީރަ މަހާރަދުން  (1510-1511)

23.    އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުން  (1511-1512) މިއީ ޢަރަބިކަރައިގެ މައްކާގެ ބޭކަލެކެވެ. މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ.

24.    އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން (1512-1512)

25.    އައްސުލްޠާން ޙަސަން ޝީރާޖީ (އަށްވަނަ) ސިރީ މަނިރަން ލޯކަ މަހާރަދުން (1528-1548)

26.    އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން (1548-1550)

27.    އައްސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުން (1550-1551)

28.    އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީ އަސާލީސް ލޯކަ މަހާރަދުން (1554-1555) މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ.

29.    އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (1557-1558) މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނެވެ. ޢަލީ ރަސްގެފާނަކީ ހިލާލީ އާއިލާއަށް ނިސްބަތްވާ  ބޭފުޅެއް ނޫނެވެ. ނަމަވެސް އަވަހާރަވީއިރު އިންނެވި އަނބިކަމަނާ، ކަނބާ ޢައިޝާ ރަނިކިލެގެފާނަކީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.

ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދައުރަށް ފަހު ދިވެހިރާއްޖޭގައި އޮތީ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމެވެ. އެއަށްފަހު  ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ.

ފޮޓޯ: ކާލް ރޮސެޓް ނަންގަވާފައިވާ ރަސްކަމުގެ ގަނޑުވަރުގެ ފޮޓޯއެއް. (އޭއައި ބޭނުންކޮށްގެން ކުލަކޮށްފައި)

ޝެއަރކުރެއްވުމަށް