މަހާބަރަނަ މަހާރަދުންގެ ފަހުން، 1142މ. ވަނަ އަހަރު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ ޝްރީ ތުރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިއީ މަހާބަރަނަ މަހާރަދުންގެ އުޚުތުގެ ދަރިކަލުންނެވެ. ރާއްޖެ އިސްލާމްދީން ގަބޫލުކުރީ މި ރަދުންގެ ރަސްކަމުގައި 1153މ. ވަނަ އަހަރުއެވެ. އިސްލާމްވެވަޑައިގަތުމަށް ފަހުން މި ރަދުންގެ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބުނު ޢަބްދުﷲ އެވެ. ދިވެހީން މި ރަދުންނަށް «ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުން ނިސްބަތްކުރިއެވެ.
މި ރަދުންގެ ރަސްކަމުގެ ގިނަ އަހަރުތަކެއް ހޭދަކުރެއްވީ ރާއްޖޭގެ ރަށްރަށަށް އިސްލާމްދީނުގެ ނޫރު ފެތުރެއްވުމުގެ މަތިވެރި މަސައްކަތްޕުޅުގައެވެ. އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުމާ ވިދިގެން، ރާއްޖޭގެ އުތުރުގެ ރަށްތަކާއި ދެކުނުގެ ރަށްތަކަށް ދީން ފެތުރުއްވެވުމަށްޓަކައި، އެކަށީގެންވާ މީހުން ލައްވައިފައި ދެ އުޅަނދު ފޮނުއްވި ކަމަށް ރިވާވެގެން އައިސްފައިވާ ވާހަކައިގައި ވެއެވެ. ނަމަވެސް، އެ ޒަމާނުގައި ދަތުރުފަތުރު ކުރުމުގެ ދަތިކަމުން، މާއަވަސް މުއްދަތެއްގައި މުޅި ރާއްޖެއަށް އިސްލާމްދީން ފެތުރުއްވެވުމަކީ ފަސޭހަފުޅު ކަމަކަށް ނުވިއެވެ. އެހެންކަމާއެކު، މުޅި ރާއްޖެ އިސްލާމް ކުރެއްވުމަށް، ރާއްޖޭގެ ތަޚުތު އޭގެ ފަހުން ފަޅުފިލުއްވެވި އެކި ރަސްރަސްކަލުން ގާތްގަނޑަކަށް ސަތޭކަ ވަރަކަށް އަހަރު މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި އިހުގައި ކިޔައި އުޅުނު ވާހަކައެއްގައި ބުނާގޮތުގައި، މާލޭގެ މީހުން އިސްލާމްވުމަށް ފަހު، ދަރުމަވަންތަ ރަސްގެފާނު ނިލަންދޫއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ނިލަންދޫއަކީ އިހުގައި ވަރަށް ބޮޑު ބުޑިސްޓް ފައްޅިއެއް ހުރި ރަށެކެވެ. ރަށުގެ މީހުން އިސްލާމްކުރައްވަން މާލޭން މީހުން ފުރަތަމަ ފޮނުއްވުމުން، އެރަށުގެ މީހުން އިސްލާމްދީން ޤަބޫލެއް ނުކުރިއެވެ. ދެން އެރަށަށް ޚުދު ރަދުން، މާލެއިން ލަޝްކަރެއް ގޮވައިގެން ވަޑައިގެން، ހަނގުރާމަކުރައްވައި ރަށް އިސްލާމް ކުރެއްވި ކަމަށް ވާހަކައިގައި ބުނެއެވެ. މިރަށުގައި«ކުޑަ ގަނޑުވަރު މަގަކާއި«ބޮޑު ގަނޑުވަރު މަގެއްވެސް އިހުގައި އޮވެއެވެ. މިތަނުން އެއް މަގަކީ ލަޝްކަރުގެ މީހުން ބޭއްތިއްބެވި މަގުކަމަށް ބުނެވެއެވެ. މިވާހަކައިން ދޭހަވަނީ، ރަދުންގެ ލަޝްކަރު ދުވަސްތަކެއް ވަންދެން މިރަށުގައި ތިބި ކަމެވެ.
ބުނެވޭ ގޮތުގައި ފ.ނިލަންދޫގައި ހުރި އާސާރީ މިސްކިތަކީ ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. އެތަން ބިނާކުރެއްވީ އިހުގައި ބުޑިސްޓް ފައްޅި ހުރި ތަނުގައި ކަމަށާއި، ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި ބައި ހެއްދެވީ ހިރިގަލުން ކަމަށްވެސް ބުނެއުޅެއެވެ.
”އިސްދޫ ލޯމާފާނު“ ގައިވާ މަޢުލޫމާތަށް ބަލާއިރު، ލ.އިސްދޫ އިސްލާމްވީ ގާތްގަނޑަކަށް 1193މ. ވަނަ އަހަރުއެވެ. މިކަން ކުރެއްވި ރަސްކަލަކީ އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ގަޑަނާދީއްތަ މަހާރަދުންނެވެ. ދަނބިދޫއާއި ލ.ގަންވެސް އިސްލާމް ކުރެއްވީ މި ރަދުން ކަމަށް އެހެނިހެން ލޯމާފާނުތަކުގައި ލިޔެވިފައި ވެއެވެ. މިފަދަ ކޮންމެ ހާދިސާއެއްގައިވެސް ރަސްގެފާނަށް ލަޝްކަރުގެ އެހީ ލިބިވަޑައިގެންފައިވެއެވެ. އިސްލާމްވާ މީހުންގެ ކަންތައްތައް ހަމަޖެއްސެވުމަށާއި އިސްލާމް ނުވާ މީހުން މާލެއަށް ގެންދިއުމަކީވެސް ލަޝްކަރުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނުނު ކަންތައްތައް ކަމަށް ލަފާކުރެވެއެވެ.

ވަކި ދުވަސްވަރެއް ބަޔާންކޮށް ނޭނގުނުނަމަވެސް، ރާއްޖެ އިސްލާމްވުމަށް ފަހު ރާއްޖޭގެ ދިފާޢީ ނިޒާމު ރޭވިގެން، އެ ރޭވުމުގައި ހިމެނޭ އެކިއެކި މަޤާމުތަކަށް ނަންވެސް ދެވިގެން، ކަންތައްތައް ހިނގަމުންއައެވެ. ރާއްޖޭގެ ތާރީޚީ ލިޔުންތަކުގެ ތެރޭން މަޝްހޫރު ”އިސްދޫ ލޯމާފާނު“ ގައި، ރާއްޖޭގެ މަހާރަދުންގެ ނަންފުޅާ ގުޅިގެން ލިޔެވުނު ލަޤަބުގެ ތެރޭގައި، ”އެއްލައްކަ ރަށް އެކުގައި ރައްކާތެރި ކުރައްވާ“ މި މާނަ ދޭހަވާ ލަޤަބުވެސް ހިމެނެއެވެ. މިތާނގައި ބުނެފައިވާ ރަސްގެފާނަކީ، މީލާދީން 1192 އިން 1199 ވަނަ އަހަރަށް ރަސްކަން ކުރެއްވި، އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ފެންނާއްދީއްތަ މަހާރަދުން ކަމަށް ވެއެވެ. އިސްދޫ ލޯމާފާނުގައި މިރަދުންނަށް ނިސްބަތް ކޮށްފައިވަނީ ގަޑަނާދީއްތަ މަހާރަދުންގެ ނަންފުޅުންނެވެ.
އެދުވަސްވަރުގެ ތާރީޚީ ބޯދާ ލިޔުންތަކުން އެނގޭގޮތުގައި، އޭރު ދިވެހީންގެ ދިފާއު، ނުވަތަ ޢަސްކަރީ ނިޒާމުގެ ނަމުން ނަންކިޔުން ޙައްޤު ކަންތައްތަކެއް އޮވެއެވެ. އެކަންތައްތަކުގެ ތެރޭގައި އޮންނަ ގޮތުން، ރަސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ، ލަޝްކަރަށް އަމުރުކުރައްވާން މައިދާނަށް ނިކުމެވަޑައިގަންނަވާ އިސް ކޮމާންޑަރެވެ. ނުވަތަ އެފަދަ ނަމެއްގެ ވެރިއެކެވެ. އަދި އެދުވަސްވަރުގެ ލޯމާފާނުގައި، ކަނޑުގެ ވެރިޔާގެ ވާހަކަވެސް ބަޔާންކޮށްފައި އޮވެއެވެ.
