2026 މޭ 18 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ބަނަވެ، ކަނޑުގަދަވަމުން ދިޔަ ވަގުތުގައި، ކާށިދޫ ކަނޑުގެ ގަދަ ރާޅުތަކުގެ ތެރެއިން ދަތުރުކުރަމުންދިޔަ ލޯންޗުގެ މިސްރާބު ހުރީ މާލެއަށެވެ. މި ލޯންޗުގައި ތިބީ، ނޭޝަނަލް ސަރވިސް ”އިނީޝަލް ޓްރެއިނިން ކޯސް 2“ ނިންމާލުމަށްފަހު، މާފިލާފުށިން އެނބުރި މާލެ އަންނަ 61 އަންހެން ކުދިންނާއި، 3 ފިރިހެން ކުދިންގެ އިތުރުން ސިފައިންގެ އަންހެން މުދައްރިބުންނެވެ. ތަމްރީނުގެ ބުރަކަމާއި ދަތުރުގެ ވަރުބަލިކަމާ އެކު ގިނަ ކުދިންނަށް ތިބީ ނިދިފައެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހުނީ ހުޅުމާލެ މަލަމަތި ފެންނަ ހިސާބާ ކައިރިވީ ހިސާބުންނެވެ.
ލޯންޗުގެ ދިޔަގަނޑު ބޮޑުވެ، އުޅަނދު ފަޅައިގެން ގޮސްފައިވާކަން ރޭކާލީ ކުއްލިއަކަށެވެ. އެ ހިސާބުން ފެށިގެން، ހުރިހާ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކަކީ، އެ ލޯންޗުގައި ތިބި އަންހެން މުދައްރިބުންގެ ގާބިލުކަމާއި، ސާބިތުކަމާއި، ލިބިފައިހުރި ތަމްރީނުގެ މުހިންމުކަން އަމަލީ ގޮތުން ސާބިތުކޮށްދިން ދިރިހުރި މިސާލެކެވެ.
”ފުރަތަމަ ކާށިދޫ ކަނޑުން ނެއްޓިފަ ކަނޑު މަޑުވެލާފަ، ގަދަވީ. ކަނޑު ގަދަވި ގަޑީގައި އަޅުގަނޑަށް ކުރިމަތިން، ދިޔަ އަރަމުން ދިޔަތަން ފެނުނު،“ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުންނެވި އެންމެ ސީނިއަރ މުދައްރިބު، ފަސްޓް ލެފްޓިނެންޓް ނިޢުމާ ޢަބްދުއްރަޙްމާން އެ ބިރުވެރި ވަގުތު ސިފަކޮށްދެއްވިއެވެ. ”އެ ވަގުތުން ފެށިގެން، އަޅުގަނޑުމެން ހުރިހާ ކުދިންގެ ލައިފް ޖެކެޓް އަޅުވަން ފަށައިފިން. ހުރިހާ ކުދިންގެ ލައިފް ޖެކެޓް އަޅުވާފައި ހުރިހާ ކުދިން ހަމަޔަކަށް އެޅުވޭތޯ ބެލީ.“
އޭގެ ކުރިން، ލޯންޗުގެ ކުރީކޮޅުން ލޮނުވަދެ، އުޅަނދު، އެއްފަރާތަކަށް އަރިވަމުން ދިޔުމާ އެކު، ހުރިހާ ކުދިންނަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. މުޅި ލޯންޗު ތެރެއިން ފެނުނީ ހާސްކަމެވެ. ނަމަވެސް، އަންހެން މުދައްރިބުންގެ ހުޝިޔާރުކަމާ އެކު، އެ ހާސްކަމުގެ ވަގުތު ކޮންޓްރޯލްގެ ދަށަށް ގެންނަން މާގިނަ ވަގުތެއް ނުނެގިއެވެ.

ލޯންޗުގެ ވަތުތެރެއަށް ލޮނުގަނޑު ވަންނަމުން ގޮސް، ކުއްލިއަކަށް ކަނާތްފަރާތަށް އުޅަނދު އަރިވާން ފެށި ވަގުތަކީ މުޅި ދަތުރުގެ މިސްރާބު މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނު ވަގުތެވެ. އެ ބިރުވެރި މާހައުލުގައި، އުޅަނދުގެ ތެރޭގައި މަޑުކުރުމަކީ ރައްކާތެރިކަމެއް ނޫންކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އެ ވަގުތު، މުދައްރިބުންގެ ފުރަތަމަ ނިންމުމަކަށްވީ ހުރިހާ ކުދިން މޫދަށް ބޭލުމެވެ. އެގޮތުން، އެންމެ ފުރަތަމަ ލޯންޗުގައި ތިބި ތިން ފިރިހެން ކުދިން މޫދަށް ބޭލިއެވެ.
”ބޭރު ބަލާލީމަ ފެނުނީ މޫދަށް ފުންމާލި ތިން ފިރިހެން ކުދިން އޮޔާ ދާތަން. ފުންމާލާއިރަށް އޮޔާ ފަހަތަށް ދަމައިގަނޭ،“ ފަސްޓް ލެފްޓިނެންޓް ނިޢުމާ ޢަބްދުއްރަޙްމާން، އެ ވަގުތު ނޭވާހިފަހައްޓާލަން ޖެހުނު ހާސްކަމުގެ މަންޒަރު ސިފަކޮށްދެއްވިއެވެ. ”ފެން މަތިން މޫދުގައި އެ ފިރިހެންކުދިން ފެންނަން އޮވޭ. ދެން، ލޯންޗު ތެރޭގައި ކުރީކޮޅުން ލޮނު ވަންނާތީ ހުރިހާ ކުދިން ފަހަތަށް ގެނެސް ފަހަތުގައި ހުރި ކުޑަ ދޮރަކުން ދެން އަންހެން ކުދިންތައް ބާލަން ފެށީ.“
އެ ވަގުތުކޮޅަކީ، އެ ކުދިން ތަމްރީނުގައި ދަސްކުރި ކަންކަން ޢަމަލީ ގޮތުން އިމްތިހާނުކުރަން ލިބުނު ވަގުތުކޮޅެވެ. ލޯންޗު ތެރެއަށް ލޮނުގަނޑު ވަދެ، ކަނޑު ގަދަވުމާ އެކު، މުޅި އުޅަނދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހުރިހާ ކުދިން ހާސްވެ، އެއްފަހަރާ ލޯންޗުން ނިކުންނަން އުޅުނު ނަމަ، އެ ރޭގެ ނިމުން، މުޅި ޤައުމު ރޮއްވާލާނެ ފަދަ ހިތާމައަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވީހެވެ. ނަމަވެސް، މުދައްރިބުންގެ އިރުޝާދުތަކަށް ކިޔަމަންތެރިކަމާ އެކު ތަބާވެ، ކުދިން ދެއްކި ހިތްވަރާއި، ކެތްތެރިކަމަކީ، ﷲގެ ރަޙުމަތުން، މި ބޮޑު ހާދިސާއިން ހުރިހާ ފުރާނައެއް ސަލާމަތްވުމުގެ މައިގަނޑު ސިއްރެވެ.

މި ނާޒުކު ދަނޑިވަޅުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ، ތަމްރީނުގެ ތެރެއިން މުދައްރިބުންނާއި ކުދިންގެ މެދުގައި އުފެދިފައި އޮތް ވަރުގަދަ އިތުބާރެވެ. އެ ކުދިން ޕެނިކް ވިޔަނުދިނުމަށް ޓަކައި މުދައްރިބުން ދިޔައީ އެ ކުދިންގެ ހިތްތަކަށް ފިނިކަން ގެނެސްދެމުންނެވެ.
”އެ ކުދިންނާ އެކު ދުވަސްކޮޅެއް ވާންދެން އުޅެވިފަ ހުރީމަ ހުރިހާ ކުދިން ވެސް މުދައްރިބުންނަށް އިތުބާރުކޮށް، އަޅުގަނޑުމެން ބުނާގޮތް ހެދި،“ އެ ވަގުތު ކުދިން މޫދަށް ބޭލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި އެއް މުދައްރިބު ކަމުގައިވާ ކޯޕްރަލް އައިޝަތު ޝިފާ އާދަމް ކިޔައިދެއްވިއެވެ. ”މަދު ކުއްޖަކު އުޅުނު ބިރުން، އޭގެ ތެރޭގައި މޫދަށް ވީކް (ބަލިކަށި) ކުދިން ވެސް ތިބި. އެ ކުދިންނަށް ހަދަންވީ ގޮތް ކިޔައިދީފައި، މޫދަށް ފުންމާލަން ޖެހިލުންވި ކުދިންގެ އަތުގައި ހިފަހައްޓައިގެން ގެނެސް، ލައިފް ޖެކެޓް އަޅުވާފައި، ފަހަތުގައި ހުރި ދޮރުން ބޭރަށް ނެރެން ފެށީ.“
މޫދަށް ފުންމާލަން ޖެހުނު ބިރުވެރި ވަގުތަކީ، ކަނޑުގަދަ، އަދި އިރުއޮއްސި އަނދިރިކަމުގެ ސާލު މުޅި ޖައްވަށް ވެރިވަމުންދިޔަ، ނޭވާ ހިފަހައްޓާލަންޖެހުނު ނާޒުކު ވަގުތެކެވެ. ރާޅުތަކުގެ އޮޔާއި އޮއިވަރު އެހާމެ ބާރެވެ. ލޯންޗުގެ ތެރޭގައި ތިބި ކުދިންގެ ތެރޭގައި، މޫދަށް އިންތިހާއަށް ބިރުގަންނަ ކުދިންނާއި، ކުރިން ”ގެނބުމުގެ ހާދިސާއެއް“ ތަހައްމަލުކޮށް، ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ކުއްޖަކު ވެސް އިނެވެ. އެ ކުދިންގެ ހިތްތަކަށް ބިރުވެރިކަމާއި ސިހުން ވެރިވާން އުޅުނު އެ ހިނދުކޮޅުގައި، މުދައްރިބުން ބޭނުންކުރީ އާދަޔާޚިލާފު ނަފުސާނީ ހިކުމަތްތެރިކަމަކާއި މޯޓިވޭޝަނެކެވެ. އެއީ އެ ކުދިންގެ ހިތްތަކަށް ޔަގީންކަން ގެނެސްދިން އިރުޝާދުތަކެކެވެ.

”އަޅުގަނޑުމެން އެ ކުދިންނަށް ވިސްނައިދިނީ ތިޔަ ކުދިންނަކީ މި ހުރިހާ ކަމަކަށް ތަމްރީނުތަކެއް ހަދައި، ފާސްވެގެން ތިބި ގާބިލު ކުދިންނޭ. މިއީ މިއަދު އެ އުނގެނުނު ހުނަރުތަކުގެ ބޭނުން ހިފައި، އަމަލީގޮތުން އެޕްލައިކުރަންވީ ވަގުތޭ. މޫދަށް ފައިބައި، ހާސްކަމެއް ނެތި، ހަމަޖެހިލައިގެން ފްލޯޓް ކުރާށޭ،“ މުދައްރިބުން އެ ނާޒުކު ވަގުތުކޮޅު، ކުދިންގެ ނަފުސުތައް ސަލާމަތްކުރަން މަސައްކަތްކުރި ގޮތް އަސަރާ އެކު ކޯޕްރަލް އާމިނަތު ވަރުދާ ކިޔައިދެއްވިއެވެ.
އެ ދަނޑިވަޅަކީ ހަމައެކަނި ސަލާމަތްތެރިކަމަށް ވުރެ ބޮޑަށް، ހިތްތަކަށް ވެރިވެފައި އޮތް ބިރުވެރިކަން ފިލުވައިލުން މުހިންމު ވަގުތަކަށް ވިއެވެ. މުދައްރިބުންގެ ދޫތަކުން ނިކުތް ކޮންމެ ލަފުޒަކީ ކުދިންގެ ހިތްތަކުގައި ވިންދު ޖަހަމުންދިޔަ ބިރުވެރިކަމުގެ ހުޅުގަނޑު ނިއްވައިލަދިން، އަދި ނުގުޑާފަދަ ހިތްވަރެއް އެ ކުދިންނަށް ލައިދިން އިރުޝާދުތަކަކަށް ވެގެންދިޔައެވެ.
”ލައިފްޖެކެޓްގެ ވާގަނޑަށް ދަމަމުން މޫދަށް ވައްޓަމުން ދިޔައީ. ކުރީކޮޅުން އެންމެ ފަހުން ފުންމާލި މީހަކަށް ހުންނާނީ އަޅުގަނޑު. ފުންމާލާފައި ވެސް އޮއެ ބާރުކަމުން އެކި ކުދިން އެކި ދިމާލަށް ދާތީވެ، ވަރަށް ބައިވަރު ކުދިން ކައިރިކުރަމުން ލޯންޗުތަކަށް އަރުވަމުން ދިޔައީ،“ އެ ހާދިސާގައި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ގޮތް ލާންސް ކޯޕްރަލް މަރްޔަމް އަނީފާ ކިޔައިދެއްވިއެވެ.
ކަނޑުގެ ބާރު ރާޅުތަކުގެ ތެރެއަށް ކުދިން ދޫކޮށްލަން ޖެހުނު ވަގުތަކީ މުދައްރިބުންގެ ޙަޤީޤީ ހުޝިޔާރުކަމާއި ޤުރުބާނީ ފެނިގެންދިޔަ ވަގުތުކޮޅެކެވެ. މުޅި އުޅަނދު ތެރޭގައި ހާސްކަން ފެތުރިފައި އޮތް އިރު ވެސް، މުދައްރިބުންގެ ހިތްތަކުގައި އޮތީ ހަމައެކަނި ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި އަޒުމެވެ.

”އެންމެ ހާސްވި ގަޑީގައި ވެސް އަޅުގަނޑުމެން ބެލީ ހުރިހާ ކުދިންނަށް ލައިފްޖެކެޓް ހަމަކުރެވޭތޯ،“ އެ ބިރުވެރި ވަގުތު ކޮންޓްރޯލް ކުރި ގޮތް ސިފަކޮށްދެމުން ކޯޕްރަލް ފާތިމަތު ނުޒުހަތު ކިޔައިދެއްވިއެވެ. ”އެ ގަޑީގައި ލޯންޗުގެ ކުރީގައި ތިބީ ކޯޕްރަލް ވަރުދާއާއި ލާންސް ކޯޕްރަލް އަނީފާ. ފަހަތުން ކޯޕްރަލް ޝިފާ ދިޔައީ ލައިފް ޖެކެޓް އަޅާ ވަރަކަށް ކުދިންތައް މޫދަށް ބާލަމުން. އެންމެ ފަހުން ލޯންޗުން ފޭބީ އަޅުގަނޑާއި ކޯޕްރަލް ޝިފާ.“
ގަދަ ކަނޑުގެ ތެރޭ ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލުމަށްފަހު ވެސް، އެ ކުދިންގެ ކިބައިން ފެނިގެންދިޔައީ އިންސާނިއްޔަތުކަމުގެ އާދަޔާޚިލާފު ލާމަސީލު ނަމޫނާއެކެވެ. މަރުގެ ތުންފަތްމަތީގައި ތިބި އިރު ވެސް، މުދައްރިބުން ދެމުންދިޔަ ކޮންމެ އިރުޝާދަކަށް އެ ކުދިން ބޯލަނބަމުންދިޔައީ ހައިރާން ވާފަދަ ސާބިތުކަމަކާ އެކުގައެވެ.
ކަނޑުގެ ގަދަ އޮއިވަރުގެ ތެރޭގައި ތަޅުވަމުންދިޔަ އިރު، ހަތަރު ވަރަކަށް ކުއްޖެއްގެ ލައިފް ޖެކެޓް ފަޅައިގެން ގޮސް، ވައި ހުސްވާން ފެށިއެވެ. އެ ނާޒުކު ވަގުތުކޮޅުގައި ވެސް ފެނުނީ އަސަރުގަދަ މަންޒަރެކެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިތްވަރުދެމުން، ފަޅައިގެންދިޔަ ލައިފްޖެކެޓްތަކަށް އަނގައިން ވައިޖަހައިދީ ސަލާމަތްކުރެވޭތޯ އުޅުނެވެ. އަމިއްލަ ލައިފް ޖެކެޓް ބާލާފައި، މޫދަށް ބަލިކަށި ކުދިންނަށް ލައިފްޖެކެްޓް ދީ، އަމިއްލަ ސަލާމަތަށް ވުރެ އެކުވެރިޔާގެ ފުރާނަ މުހިންމު ކަމަށް ދެކުނު ހިތްވަރުގަދަ އަންހެންކުދިން އެ ރޭ އެ ކަނޑުގެ ތެރޭގައި އުޅުނެވެ.
ކަނޑުގެ ގަދަ އޮޔާ އެކު ހުރިހާ ކުދިން އެކި ދިމަދިމާލަށް ބެހި، ވަކިވަމުންދިޔަ ބިރުވެރި ދަނޑިވަޅުގައި، މުދައްރިބުން ވަނީ ބާރު އޮޔާ ދެކޮޅަށް ފަތާފައި ގޮސް، ބެހެމުންދިޔަ ކުދިންތައް ދުރަށް ނުދާނެހެން ހެދުމަށް މަސައްކަތް ކޮށްފައެވެ.
”ގިނަ ކުދިން ހަމަ އަމިއްލަ ނަފުސަށް އޮތް އިތުބާރާ އެކު މޫދަށް ފުންމާލީ. މޫދުގައި ތިބެގެން ވެސް އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދީ، ހިތްވަރު އާލާކޮށްދީ ހެދި. ތަމްރީނު ތެރޭގައި މޫދަށް ބިރުގަންނަ އަދި ޕެނިކްވާކަން ފާހަގަކުރެވުނު ކުދިންގެ ގައިގައި، އެހެން ކުދިން ބާރަށް ހިފަހައްޓައިގެން ތިބި. ހަމަގައިމުވެސް އެ ބިރުވެރި ރޭ، އެ ކުދިންގެ ކިބައިން ފެނުނީ ދުވަހަކު ވެސް އުންމީދު ނުކުރާ ފަދަ ވަރުގަދަ ހިތްވަރެއް.“ މުދައްރިބުން، އެ ފަޚުރުވެރި މަންޒަރު ހިތްތަކަށް ސިފަވާނެހެން އަސަރާ އެކު ކިޔައިދެއްވިއެވެ.
މި ހާދިސާގެ މި ވަގުތުކޮޅުން ފެނިގެން ދިޔައީ ތަމްރީނުގެ ތެރެއިން އެ ކުދިންގެ މެދުގައި އުފެދިފައި އޮތް ވަރުގަދަ އަޚުވަންތަ ގުޅުމާއި، ކެރުމާއި، ހިތްވަރުގަދަ ކަމުގެ ރޫހެވެ.
އެ ގޮތުގައި އެ ކުދިން ކަނޑުގެ ތެރޭގައި ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ތިއްބެވެ. އެންމެ ފުރަތަމަ ސަލާމަތްކުރަން އައީ ސެންޓާރާ ގްރޭންޑް ރިސޯޓްގެ ލޯންޗެކެވެ. އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައި ތިބި 8 ކުއްޖަކު އެ ލޯންޗަށް ނެގިއެވެ. އޭގެ ފަހުން ކޯސްޓްގާޑާއި މެރިން ޕޮލިހުގެ ލޯންޗުތައް ވެސް އައިސް، ހުރިހާ އެންމެން ލޯންޗުތަކަށް ނަގައިގެން މާލެއަށް ގެންދިޔައީއެވެ.

މި ބިރުވެރި ހާދިސާގެ ސަފުހާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކީ، ނޭޝަނަލް ސަރވިސް ތަމްރީނުގެ ފުރާޅުގެ ދަށުން ސިފައިންގެ މުދައްރިބުން އެ ކުދިންގެ ހިތްތަކާއި ޖިސްމުތަކަށް ލައިދީފައިވާ ތަމްރީނުގެ ފެންވަރާއި އޭގެ ވަރުގަދަކަމެވެ. ނުރައްކަލުގެ ރާޅުތައް ބޯމަތިން ބިންދަމުންދިޔަ އިރު، އެއްވެސް ފިރިހެން މުދައްރިބެއް އެ ލޯންޗުގައި ނެތެވެ. ނަމަވެސް، އެ ލޯންޗުގައި ތިބި އަންހެން މުދައްރިބުން ދެއްކެވި ހުޝިޔާރުކަމާއި، ވަގުތުން ކަންކަން ކޯޑިނޭޓްކޮށް، ނިންމެވި އަވަސް ފިޔަވަޅުތަކަކީ ޔަޤީނުން ވެސް އަސްކަރީ އަޚުލާގުގެ ލާމަސީލު މިސާލެކެވެ.
”ސިފައިންގެ އަންހެނަކަސް ފިރިހެނަކަސް، އެމީހަކީ ހަމަ ސިފައިންގެ މީހެއް. އޭނާއަށް އެ ލިބިފައި ހުރި ހަރުދަނާ ތަމްރީނާއި ތަޖުރިބާ، އެފަދަ ނާޒުކު ވަގުތެއް ކުރިމަތިވުމުން އަމަލީގޮތުން އެޕްލައިކުރަން މި އެނގުނީ،“ ފަސްޓް ލެފްޓިނެންޓް ނިޢުމާ ޢަބްދުއްރަޙްމާން، އެ ރޭގެ ބިރުވެރި ހާދިސާގައި އަންހެން މުދައްރިބުން ކުރެއްވި މަސައްކަތާ މެދު ނުހަނު ފަޚުރުވެރިވެލައްވަމުން ބުނުއްވިއެވެ.
ޒަމާނުއްސުރެ މުޖުތަމައުގައި ބައެއް ކަންކަމަކީ ހަމައެކަނި ފިރިހެނުންނަށް މެނޭޖުކުރެވޭނެ ކަންކަން ކަމަށް ދެކެމުން އައި ބޯދާ ވިސްނުން، އެ އަންހެން މުދައްރިބުންގެ ހިތްވަރުން އެ ވަނީ ބަދަލުކޮށްލާފައެވެ. އަމުރަށް ކިޔަމަންވުމާއި، ހާސްކަމެއް ނެތި ލީޑަރޝިޕް ނެގުމަކީ ވަކި ޖިންސަކަށް ވުރެ ބޮޑަށް، ލިބިފައިވާ ތަމްރީނުގެ މައްޗަށް ބިނާވާ ކަމެއްކަން އެ ކަނބަލުން އެ ވަނީ ސާބިތުކޮށްދީފައެވެ.
ކަނޑުމަތީގެ ނާމާން ބިރުވެރި މާހައުލުން ސަލާމަތްވެ، ލޯންޗުތަކަށް ނެގުނު ވަގުތަކީ ވެސް، އަންހެން މުދައްރިބުންގެ ކިބައިގައި ހުރި އާދަޔާޚިލާފު ހުޝިޔާރުކަމާއި ކުއްލި ނިންމުންތަކުގެ ތޫނުފިލިކަން ސާބިތުކޮށްދިން ނާޒުކު ވަގުތުކޮޅެކެވެ. މޫދުން ނެގި މުދައްރިބުންގެ ތެރެއިން ހަތަރު މުދައްރިބަކު ނެގީ، އެއް އުޅަނދަކަށެވެ. ނަމަވެސް، އެހެން ލޯންޗަކަށް ނެގި ދެ ކުއްޖެއްގެ ހާލު ދެރަވަމުންދާކަމުގެ ޚަބަރު ލިބުމާ އެކު، ސިފައިންގެ ”މަސައްކަތާއި ގައުމީ ވާޖިބަށް ހުއްޓުމެއްނެތް“ ކަން އެ މުދައްރިބުން އަމަލުން ދައްކައިދިނެވެ. އެ ބޭފުޅުން ތިއްބެވި ލޯންޗުގައި ހުންނެވި މެޑިކް، ލާންސް ކޯޕްރަލް ފާތުމަތު ޝަޒާ އަޙްމަދު، ވަގުތުން އެ ލޯންޗަށް ބަދަލުވެ، އެ ކުދިންނަށް ޞިއްޙީ އަވަސް ފަރުވާ ދޭން ފެށިއެވެ.
”ޕޮލިސް ލޯންޗަށް އަޅުގަނޑުމެން ފުރަތަމަ ނެގީ. އެ ލޯންޗަށް ނެގި ހަތަރު މުދައްރިބުންނާއި 16 ކުދިން. އޭގެ ފަހުން އަޅުގަނޑަށް އެނގުނީ ކައިރީގައި އޮތް އަނެއް ލޯންޗަށް ނަގާފައި ތިބި ދެ ކުއްޖަކު ހޮޑުލައި، ލޮނުބޮވި، އަކުނިވަޔަށް ދަމައިގަނެގެން ވެއްޓިގެން އުޅޭކަން. ދެން އަޅުގަނޑު ވަގުތުން އެ ލޯންޗަށް ބަދަލުވީ. ދެން އެ ކުދިންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ވަގުތުން ދޭން ފެށީ.“ ލާންސް ކޯޕްރަލް ފާތުމަތު ޝަޒާ އަޙްމަދު ކިޔައިދެއްވިއެވެ.
އޭގެ ފަހުން، މާލެ އައިސް، ތޮށިގަނޑު މައްޗަށް ފޭބި ދަނޑިވަޅުގައި، ހާސްކަމާއި ކަންބޮޑުވުމުގައި ތިބި ބެލެނިވެރިންގެ ތެރެއިން އެކަކު، ހެޔަށް ގޮތްވެ ވެއްޓުނު މަންޒަރު ވެސް ފެނުނެވެ. އެ ވަގުތު ވެސް، އަމިއްލަ ޖިސްމަށް ވެރިވެފައި އޮތް ވަރުބަލިކަމާއި ކަނޑުމަތީގެ އުޅެންޖެހުނު ބުރަކަމަށް ބެލުމެއްނެތި، ލާންސް ކޯޕްރަލް ފާތުމަތު ޝަޒާ އަޙްމަދު ވަނީ ވަގުތުން އެ ބެލެނިވެރިޔާއަށް އެޓެންޑްވެ، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ ހުރިހާ ކުދިން ސަލާމަތްތެރިކަމުގެ އައްސޭރިއަކަށް ފޯރުކޮށްދެވުމަކީ، ފިތްކަނޑައިގެންދިޔަ އެ ހާސްކަމުގެ ތެރެއިން ފުން ހަމަހިމޭންކަމާއި ފިނިކަމެއް މުދައްރިބުންނާއި ކުދިންގެ ހިތްތަކަށް ގެނެސްދިން ވަގުތެވެ. ނަމަވެސް، އަސްކަރީ ވިންދާއި ޤައުމީ ޚިދުމަތުގެ ދައުރު އެ ހިސާބުން އަދި ނިމުމަކަށް ނާދެއެވެ. މުދައްރިބުންގެ ބުރަ މަސައްކަތް ފުރިހަމަ ވީ، އަމާނާތެއް ގޮތުގައި ދެކުނު އެ ކުދިން، ރައްކާތެރިކަމާ އެކު އެ ކުދިންގެ އާއިލާތަކުގެ އަތްމައްޗަށް ދޫކޮށްލެވުމާ ހިސާބުންނެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ސަލާމަތްކޮށްގެން ގެނެވުނު ބައެއް ކުދިންގެ ފައިގައި ބޫޓެއް ނެތެވެ. ބައެއް އައިޓަމްތައް މަދެވެ. ނަމަވެސް، އެންމެންގެ ކިބައިން ފެނުނީ ނުގުޑާފަދަ އަޒުމެކެވެ.
މިއީ ތަމްރީނުގެ މައިދާނުގައި، ކޮންމެ ހަރަކާތެއްގައި އެ ކުދިންގެ ”ހަށިފާރަވެރިން“ގެ ގޮތުގައި ތިބެ، މިފަދަ ކޮންމެ ނުރައްކަލަކަށް ކުދިންގެ ސިކުނޑިތައް ތައްޔާރުކޮށްދިން ޙަޤީޤީ މުދައްރިބުންގެ ހިކުމަތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ނަތީޖާއެވެ. އެ ކުދިންގެ ހިތްތަކުގައި މުދައްރިބުންނާ މެދު އޮތް ބޮޑު އިތުބާރެވެ.
މި ބިރުވެރި ހާދިސާގައި އެއްވެސް ކުއްޖެއްގެ ފުރާނައަށް ނުރައްކާ ނުވެ، ބޮޑު އަނިޔާއެއް ނުލިބި ހުރިހާ އެންމެން އެއްގަމަށް ގެނެވުނެވެ.
މި ހާދިސާއިން މުޖުތަމައަށް ސާފު އަސަރުގަދަ މެސެޖެއް ދިނެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، މަރުގެ ތުންފަތްމައްޗަށް ވެއްޓުނު މި ދަތުރުގައި، ފުރާނަތަކެއް ސަލާމަތްކުރުމުގައި އިސްވެ ހަރަކާތްތެރިވީ އަންހެން މުދައްރިބުންކަން ގަބޫލުކުރަން ގިނަ ބަޔަކަށް އުނދަގޫ ވަނީ، ޒަމާނުއްސުރެ އަންހެނުންގެ ނާޒުކުކަމާ މެދު މުޖުތަމައު ވިސްނާފައި އޮންނަ ބޯދާ ގޮތްތަކުގެ ސަބަބުންނެވެ. ބައެއް މީހުން މިއީ ހަމައެކަނި ”އިއްތިފާގަކުން ކުރިމަތިވި ނަސީބެއް“ ކަމަށް ސިފަކުރަން އުޅުނަސް، އަންހެން މުދައްރިބުން އެ ކުރެއްވި ނޭވާހިފަހައްޓާލަން ޖެހުނު ބުރަ މަސައްކަތާއި، އެ ދެއްކެވި ގަދަ ހިތްވަރަކީ، ނަސީބަށް ވުރެ ބޮޑަށް، އެ ކަނބަލުންގެ ކިބައިގައި ހުރި ފެންވަރާއި އަސްކަރީ ގާބިލުކަމެވެ.
އެ ނާޒުކު ވަގުތުކޮޅުގައި ވެސް، އެހެން މީހަކު ގޮތެއް ނިންމަދޭނެތޯ ނުވަތަ މަތިން އަމުރެއް އާދޭތޯ ބަލާކަށް އެއްވެސް އަންހެން މުދައްރިބަކު، ސިކުންތަކަށް ވެސް މަޑެއް ނުކުރެއެވެ. ވާނުވާ ނޭނގިގެން ތެޅިފޮޅޭކަށް ވެސް ނުތިބެއެވެ. ހުރިހާ އަންހެން މުދައްރިބުން ވެސް ވަގުތުން ރިއެކްޓްކުރިއެވެ. އެ ކަނބަލުންގެ ކިބައިގެން ފެނިގެންދިޔައީ ”ކޯޑިނޭޓްވެފައިވާ ރީތި އެކްޝަން“އެވެ.
އެ ބިރުވެރި ރޭ، އަންހެން ސިފައިންގެ މުދައްރިބުން ސާބިތުކޮށްދިނީ، ގައުމީ ޚިދުމަތުގެ ސަފުގައި އަންހެނުންގެ ދައުރުގެ މުހިންމުކަމާއި އޭގެ ބޭނުންތެރިކަމެވެ. އަދި ސިފައިންގެ މުއައްސަސާއިން ފޯރުކޮށްދޭ އަސްކަރީ ތަމްރީނުގެ ޙަޤީޤީ އަގާއި، އޭގެ ފުރިހަމަ ކާމިޔާބީއެވެ. އެ ހިތްވަރުގަދަ ލާމަސީލު އަންހެން މުދައްރިބުންގެ ސާބިތުކަމަށް ޓަކައި މުޅި އެމްއެންޑީއެފް ފަޚުރުވެރިވެއެވެ.
