ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ދެވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ ތީމުގޭ ދަރިކޮޅުންނެވެ. ޢުމަރުވީރު ދަރިކޮޅަކީ ބަންގާޅުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީގެ ދަރިކަލުން އައްސުލްޠާން ޢުމަރުވީރު ރަދުންނާ ހަމައިން ފެށިފައިވާ ރަސް ދަރިކޮޅެކެވެ. މި ރަދުންނަކީ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީ، ތީމުގެ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ) ގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންވި ބޭފުޅެކެވެ.
އެހެންކަމުން މިއީ ދިވެހިރާއްޖޭގައި ރަސްކަން ކުރި ބަންގާޅު (މިހާރުގެ ބަންގްލަދޭޝް) އަށް ނިސްބަތްވާ ދަރިކޮޅެކެވެ. މި ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުންނެވެ.
ޢުމަރުވީރު ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ ސީދާ މި ދަރިކޮޅުގެ ފަސް ބޭފުޅުންނާއި މި ދަރިކޮޅުން ރަނިކަން ކުރެއްވި އަންހެން ބޭފުޅުންގެ ފިރިފިރިކަލުންގެ ތެރެއިން އެ ބޭފުޅުންގެ އަތްޕުޅުމައްޗަށް ރަސްކަމުގެ ބާރުތައް ނެންގެވި ބޭފުޅުންނާއެކު ނުވަ ބޭފުޅުންނެވެ. މި ނުވަ ބޭފުޅުންގެ އިތުރުން ބައެއް މުއައްރިހުން ފެހެންދޫ އުޘްމާން ރަސްގެފާނު ވެސް ހިމަނުއްވާފައި ވަނީ މި ދަރިކޮޅުގައެވެ. އެކަމަކު މިއީ ޢާއިލީގޮތުން މި ދަރިކޮޅާ އެއްވެސް ގުޅުމެއް ހުރި ބޭފުޅެއް ނޫނެވެ. ނަމަވެސް މިއީ ޢުމަރުވީރު ދަރިކޮޅުން ރަނިކަން ކުރެއްވި އައްސުލްޠާނާ ފާތިމަތު ރާދަފަތި ކިލެގެ އާއި އެ ކަމަނާގެ ދަރިކަނބަލުން އައްސުލްޠާނާ ދާއިން ކަނބައިދި ކިލެގެގެ ރަނިކަމުގެ ދުވަސްވަރުގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.
ޢުމަރުވީރު ދަރިކޮޅުން އެންމެ ފާހަގަކުރެވޭ ދުވަސްވަރަކީ މި ދަރިކޮޅުން ރަސްކަން ކުރެއްވި ރެހެންދި ޚަޖީދާގެ ރަނިކަމުގެ ދުވަސްވަރެވެ. މަޣުރިބުކަރަ (މިހާރުގެ މޮރޮކޯ)ގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ދިވެހިރާއްޖެއަށް ދެފަހަރުމަތިން ވަޑައިގެންނެވި އިރު ވެސް ރަނިކަމުގައި އިންނެވީ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެއެވެ.
ޢުމަރުވީރު ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-
1. އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު، ސިރީ ލޯކަ އަބާރަނަ މަހާރަދުން (1306-1335)
2. އައްސުލްޠާން އަޙްމަދު ޝިހާބުއްދީން، ސިރީ ލޯކަ އާދީއްތަ މަހާރަދުން (1335-1341)
3. އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދި (ރެހެންދި ޚަދީޖާ ތިންފަހަރު ރަސްކަން ކުރެއްވިއެވެ. ފުރަތަމަ ފަހަރު: 1341-1344، ދެވަނަ ފަހަރު: 1344-1354، ތިންވަނަ ފަހަރު: 1356-1360)
4. އައްސުލްޠާން މުޙައްމަދުލް ޖަމީލު ސިރީ ބަވަނަ ސޫޖަ މަހާރަދުން (1344ވަނަ އަހަރުގެ އޮގަސްޓް-ޑިސެންބަރު) (މިއީ ރެހެންދި ޚަދީޖާގެ އޭރުގެ ފިރިކަލުންނެވެ. މިއީ ޔަމަން ކަރައިގެ ބޭކަލެކެވެ)
5. އައްސުލްޠާން ޢަބްދުﷲ (އެއްވަނަ) ސިރީ ދަންމަރު އާދިއްތަ މަހާރަދުން (1354-1356) (މިއީ ރެހެންދި ޚަދީޖާގެ ދެވަނަ ފިރިކަލުންނެވެ. މިއީ ވެސް ޔަމަން ކަރައިގެ ބޭކަލެކެވެ.)
6. އައްސުލްޠާނާ ފާތިމަތު ރާދަފަތި ކަނބައިދި ކިލެގެ ސިރީ ސޯމަ އަބާރަނަ ރެހެންދި (1360-1360)
7. އައްސުލްޠާން މުޙައްމަދު މާކުރަތު ސިރީ ސުންދުރަ އަބާރަނަ މަހާރަދުން (1360-1363) (އައްސުލްޠާން އަލްފަޤީޙް މުޙައްމަދުލް މާކުރަތީ އަކީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ބޭފުޅެކެވެ. މިއީ ރާދަފަތި ކަނބައިދިކިލެގެ ފިރިކަލުންނެވެ)
8. އައްސުލްޠާނާ ދާއިން ކަނބައިދި ކިލެގެ ސިރީ ނިއްތާ އަބާރަނަ މަހާރެހެންދި (1363-1368)
9. އައްސުލްޠާން ޢަބްދުﷲ (ދެވަނަ) ސިރީ ސޯމަ އަބާރަނަ މަހާރަދުން (1368-1368) (މިއީ ދާއިންކަނބައިދި ކިލެގެ ފިރިކަލުންނެވެ)
10. އައްސުލްޠާން އުޘްމާނުލް ފެހެންދުވީ ސިރީ ސުންދުރަ އާދިއްތަ މަހާރަދުން (1368-1368) (މިއީ މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ބޭކަލެކެވެ.)
ޢުމަރުވީރު ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ފެށުނީ ހިލާލީ ދަރިކޮޅުގެ ރަސްކަމެވެ.
