ތީމުގޭ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވިކަމަށް ބަލާ މައިގަނޑު ހަތް ދަރިކޮޅުކަމަށްވާ ތީމުގޭ ދަރިކޮޅު، ޢުމަރުވީރު ދަރިކޮޅު، ދިޔަމިގިލި ދަރިކޮޅު، ހިލާލީ ދަރުކޮޅު، އުތީމު ދަރިކޮޅު، އިސްދޫ ދަރިކޮޅު އަދި ހުރާ ދަރިކޮޅުގެ ތެރެއިން ދިވެހިރާއްޖޭގައި ރަސްކަންކުރި ފުރަތަމަ ރަސް ދަރިކޮޅެވެ.  ނަމަވެސް މި ދަރިކޮޅުގެ ކުރިން ސޫރިޔަވަންސަ ނުވަތަ އިރުވަންހަ ދަރިކޮޅާއި، ސޯމަވަންސަ ނުވަތަ ހަނދުވަންހަ ދަރިކޮޅުގެ ރަސްކަން ރާއްޖޭގައި އޮތެވެ. ތީމުގޭ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. މި އާއިލާއަށް މާލޭ އާއިލާ ވެސް ކިޔައެވެ. ތީމުގޭ ދަރިކޮޅު ފެށުމެއް ފެންނާކަށް ނެތެވެ. ނަމަވެސް ލިޔެވިފައިވާ ތާރީޚާއި ރާދަވަޅިތަކަށް ބަލައި މި ދަރިކޮޅު ފެށުނީ ސިރީ މަހާބަރަނަ މަހާރަދުން (1121-1142) ގެ ރަސްކަމާ ހަމައިން ކަމަށް ބަލައެވެ. މިގޮތަށް ބަލާނަމަ މި ދަރިކޮޅުން 17 ރަސްކަލަކު ރަސްކަން ކުރައްވާފައިވެއެވެ.

ތީމުގޭ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރެއިން ދިވެހިރާއްޖެ ހިޖުރައިން 548 (މީލާދީން 1153) ވަނަ އަހަރު އިސްލާމްވީ ތީމުގޭ ދަރިކޮޅުގެ ދޮނެއި ނުވަތަ ދޮވިމި ކަލަމިންޖާގެ ރަސްކަމުގައެވެ. އިސްލާމްވެ ވަޑައިގަތުމަށް ފަހު މި ރަދުންގެ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިރަދުން މަޝްހޫރުވެފައި ވަނީ ”ދަރުމަވަންތަ ރަސްގެފާނު“ ގެ ނަންފުޅުންނެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނެވެ.

ތީމުގޭ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-

1. ސިރީ މަހާބަރަނަ މަހާރަދުން (ކޮއިމަލާ ކަލަމިންޖާ) (1121-1142)

2. ސިރީ ދޮނެއި ނުވަތަ ދޮވިމި ކަލަމިންޖާ (އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ތްރިބުވަނަ އާދީއްތަ މަހާރަދުން) (1142-1165)

3. އައްސުލްޠާން މުތެއި ކަލަމިންޖާ ސިރީ ބުވަނަ އާބާރަނަ މަހާރަދުން (1165-1184)

4. އައްސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ)، ސިރީ ދަރްމާނަންދަ މަހާރަދުން (1184-1192)

5. އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުން (1192-1198)

6. އައްސުލްޠާން ދިހެއި ކަލަމިންޖާ، ސިރީ ދަގަތަ އަބާރަނަ މަހާރަދުން (1198-1213)

7. އައްސުލްޠާން ވަދީ ކަލަމިންޖާ، ސިރީ ދަގަތަ ސުވަރަ މަހާރަދުން (1213-1232)

8. އައްސުލްޠާން ވައްލާ ދިއޯ ކަލަމިންޖާ، ސިރީ ރާދޭސްވަރަ މަހާރަދުން (1232-1257)

9. އައްސުލްޠާން ހުދެއި ކަލަމިންޖާ، ސިރީ ވީރަ އަބާރަނަ މަހާރާދުން (1257-1263)

10. އައްސުލްޠާން އައިމަ ކަލަމިންޖާ، ސިރީ ލޯކަ ސުވަރަ މަހާރަދުން (1263-1265)

11. އައްސުލްޠާން ޢަލީ ކަލަމިންޖާ (ދެވަނަ)، ސިރީ ސިންގާ އަބާރަނަ މަހާރަދުން (1265-1267)

12. އައްސުލްޠާން …. ކަލަމިންޖާ، ސިރީ މަދިނީސްވަރަ މަހާރަދުން (1267-1268)

13. އައްސުލްޠާން މުޙައްމަދު ކައޮލަދި (އަވުދު) ކަލަމިންޖާ، ސިރީ ރާއަރާދޭސްވަރަ މަހާރަދުން (1268-1277)

14. އައްސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ)، ސިރީ ރާއަރާދޭސްވަރަ މަހާރަދުން (1277-1287)

15. އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ)، ސިރީ ބުވަނާދީއްތަ މަހާރަދުން (1287-1294)

16. އައްސުލްޠާން …. ކަލަމިންޖާ، ސިރީ ސޯމޭސްވަރަ މަހާރަދުން (1294-1301)

17. އައްސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ)، ސިރީ ސުންދުރަ ބުވަނަ މަހާރަދުން (1301-1306)

ދިވެހިރާއްޖޭގައި ރަސްމީ ލިޔުމެއްގެ ގޮތުގައި ފެންނަން އޮތް އެންމެ ގިނަ ދުވަސްވީ ތިން ލޯމާފާނުކަމުގައިވާ ގަމު ލޯމާފާނާއި އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ ތީމުގޭ ދަރިކޮޅުގެ ރަސްކަމުގައެވެ. ތީމުގޭ ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ އުމަރުވީރު ދަރިކޮޅުންނެވެ.

ފޮޓޯ: ދިވެހިރާއްޖެ އިސްލާމްވީ ގޮތާބެހޭގޮތުން އަޙްމަދު މުޙައްމަދު ދީދީ (އަހަންމާ)، ސިނާރު (އޭއައި) ބޭނުންކުރައްވައިގެން ހައްދަވާފައިވާ ”ރަންނަމާރި“ ޑޮކިޔުމެންޓްރީގެ މަންޒަރެއް.

ޝެއަރކުރެއްވުމަށް