އެއްބަހަކުން ވާހަކަދައްކާ، އެއްވިސްނުމަކުން ދުނިޔެދެކޭ، އެއްސަގާފަތަކާއި އެއްތާރީޚެއް ހިއްސާކުރާ އިންސާނީ ޖަމާޢަތެއްގެ ގޮތުގައި ދިވެހި ޤައުމު އުފެދި، ދިވެހިރާއްޖެއަކީ ދިވެހީން ދިރިއުޅޭ ސަރަޙައްދުކަމަށް ކަނޑައެޅި ޒަމާނެއް ތާރީޚެއް އެނގޭވަރަށް ވުރެ ދިވެހި ޤައުމަކީ ދޮށީ ޤައުމެކެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެކި ދުވަސްވަރު އައިސް ވަޒަންވެރިވި މީހުން މިއީ އެއްބައެއްކަމަށް ޤަބޫލުކޮށް، ދިވެހީންނާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ދިފާޢުކުރުމަށް ބަޔަކު އުފެދުނު ހިސާބަކީ ޙަޤީޤަތުގައި ދިވެހި ސިފައިން އުފެދުނު ހިސާބެވެ. އޭގެފަހުން ތަފާތު ނަންނަމުގައި ދިވެހީންގެ ދިފާޢީ ލަޝްކަރު ތަރުތީބުވެފައި އޮތަސް މިއީ އޭރުވެސް އަދި މިހާރުވެސް އެއް ލަޝްކަރެކެވެ.

އިންޑިއާ ކަނޑުގައި ފެހި މުތުގެ ހާރެއްހެން އެތުރިފައިވާ މި ޖަޒީރާގައި އެއްވެރިކަމަކަށް ތަބާވެ، ދިވެހި ދައުލަތް ހިންގައި، ބަލަހައްޓާތާ 2500 އަހަރަށްވުރެ ގިނަ ދުވަސް ވީއިރު، ދިވެހީންގެ މިނިވަންކަމުގެ މި ދިގު ތާރީޚު ގުޅިފައިވަނީ ދިވެހީންނާއި ދިވެހިރާއްޖެ ދިފާޢުކޮށް ރައްކާތެރިކޮށް ބެލެހެއްޓެހި ދިވެހީންގެ ފަޚުރުވެރި ލަޝްކަރުގެ ވަފާތެރި، އިޚްލާޞްތެރި ޤައުމީ ޚިދުމަތާއެވެ. އެއީ މިޒަމާނުގައި ނަމަ ދިވެހި ސިފައިންނެވެ. އާދެ! ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ.

ދިވެހީންގެ ލަޝްކަރުން ދިވެހި ޤައުމުގެ ދިފާޢުގައި ކުރި ވަރުގަދަ ހަނގުރާމަތަކުގެ ވާހަކަ މީލާދީން 12 ވަނަ ޤަރުނުގެ ލޯމާފާނުތަކުގައި ދިވެހި ކާބަފައިން ވަނީ ކަނޑާނަގާފައެވެ. ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި އޭރު ދެކުނު އޮޅުދޫ ކަރައިގެ ސަރަޙައްދުގައި އޮތް އެންމެ ގަދަ ބާރުކަމުގައިވާ ޗޯޅާއިންނާ ހަނގުރާމަކޮށް، އެ މީހުން އަތްގަދަކޮށްގެން ތިބި ރާއްޖޭގެ އުތުރުގެ ދެ އަތޮޅު، ވަނީ މިނިވަންކޮށްފައެވެ. މި ފުރިހަމަ ކާމިޔާބު ހޯދި ދިވެހި ލަޝްކަރަކީ ވަރުގަދަ ކަނޑުގެ އަރުމާޒެއްގެ މައްޗަށް ރުކުރުވާލެވިފައިވާ ލަޝްކަރެކެވެ. އޭގެފަހުން ވެސް ދިވެހިރާއްޖެއާ ތޮޅެން އައި ސަރަޙައްދީ ކޮންމެ ބާރެއް ދިވެހި ލަޝްކަރުންވަނީ ބަލިކޮށް އެމީހުންގެ މައްޗަށް ކާމިޔާބާއި ނަޞްރު ހޯދާފައެވެ. މިގޮތުން މީލާދީން 1153ވަނަ އަހަރު ދިވެހިރާއްޖޭ އިސްލާމްވީ އިރު ވެސް ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ފަޚުރުވެރި ޤައުމެކެވެ.

ހުޅަނގުގެ ބާރުތައް އިންޑިއާ ކަނޑަށް އައުމާއެކު މި ސަރަޙައްދުގެ ސަލާމަތީ މަޝްރަޚަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަންފެށިއެވެ. އަދި އެ ބާރުތަކުގެ ލޯތައް ދިވެހިރާއްޖެއަށްވެސް އަމާޒުވާންފެށިއެވެ. މީލާދީން 16ވަނަ ޤަރުނުގައި ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް ކުރި ފުރަތަމަ ދެ ހަނގުރާމައިން ދިވެހީންގެ ދެބައި ލަޝްކަރު ނުވަތަ އިސްތިންވަރާއި ފަސްތިންވަރުން ހަނގުރާމަކޮށް ވަނީ ނަޞްރާއި ފަތަޙަހޯދާފައެވެ. ތިންވަނަ ފަހަރަށް ޕޯޗްގީޒުން ދިވެހިރާއްޖެއަށް ދިން ހަމަލާއިން ޢަލީ ރަސްގެފާނު ޝަހީދުވެ، 19 މެއި 1558 ގައި ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ދިޔައީ ޤައުމުގެ އެތެރޭގައި ބައިބައިވުންތަކާއި ފިތުނަވެރިކަން ބޮޑުވެގެންނެވެ. ޕޯޗްގީޒުން ބަލިކޮށް ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ 2 ޖުލައި 1573 ގައި ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ނުވަތަ ބޮޑުތަކުރުފާނެވެ.

ބޮޑުތަކުރުފާނު ދިވެހި ޤައުމު ޕޯޗްގީޒުންގެ އަތްދަށުން މިނިވަންކޮށްދެއްވުމަށްފަހު ދިވެހި ލަޝްކަރު ހަގުބޭކަލުންގެ މައްޗަށް އަލުން އެކުލަވާލައްވާ ތަރުތީބު ކުރެއްވިއެވެ. ބޮޑު ތަކުރުފާނު ދިވެހި ލަޝްކަރު ތަރުތީބު ކުރެއްވީ ތިން ބާރެއްގެ މައްޗަށެވެ. އެއީ ވަރުހަގުންނާއި އަސްކަރުންނާއި އައްތާރަފަނިންނެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް މި ދިވެހީންގެ ލަޝްކަރު އުވި ގޮސްފައެއް ނުވެއެވެ. ދިވެހި ޤައުމުދުށް ވަރުގަދަ ޤާއިދުންކަމުގައިވި ބޮޑުރަސްގެފާނާއި، އިސްކަންދަރު ރަސްގެފާނުގެ ޒަޢާމަތުގައި ވެސް ބޭރުގެ ދުޝްމަނުންނާ ހަނގުރާމަކޮށް ޤައުމު ދިފާޢުކުރީ މި ލަޝްކަރުންނެވެ.

ހޮޅީން ނުވަތަ މަލާބާރީންގެ އަތްދަށަށް 19 ޑިސެންބަރު 1752 ގައި ދިވެހީން ދިޔަތާ ތިން މަހާ ދުވަސްކޮޅެއް ވީތަނާ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން 7 އެޕްރީލް 1753 ގައި ދިވެހިރާއްޖެ މިނިވަންކޮށްދެއްވިއެވެ. އޭގެފަހުގައި ދިވެހި ލަޝްކަރު އެއްކުރައްވައި އެދުވަސްވަރު ދިވެހީންނާ ދެކޮޅަށް ހަނގުރާމައަށް އައި ދުޝްމަނުންގެ ކޮންމެ ބަޔަކާ ހަނގުރާމަ ކުރައްވާ، އެ ބަޔަކު ވަނީ ބަލިކުރައްވާފައެވެ. ޣިޔާޘުއްދީން ރަދުން ނުވަތަ ހާޖީބަންޑާރައިންގެ ހަނގުރާމައިން ވެސް ފެންނަނީ ދިވެހީންގެ ވަރުގަދަ ކަނޑުގެ ލަޝްކަރަކާއި އެއްގަމުގެ ލަޝްރެއް އޮތްކަމާއި އޭރުގެ ސިފައިންގެ ކެރުމާއި ހިތްވަރާއި ވަރުގަދަ ޢަޒުމެވެ. ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވާތީ ދިވެހި ކާބަފައިން މި ޤައުމުގެ ދިފާޢީ އޮނިގަނޑު ރާވާފައި އޮތީ ކަނޑުމަތީގެ އަސްކަރީ ގުރާބުތަކެއް ހިމެނޭ ފްލީޓެއްގެ މައްޗަށެވެ. މީލާދީން 1887ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހީންގޮސް، ބޭރުން އަންނަ ހަމަލާތަކުން ދިވެހި ދައުލަތް ދިފާޢުކޮށްދިނުމަށް އެ ދައުލަތުން އެއްބަސްވުމާ ހަމައަށް ވެސް ދިވެހީންނަކީ އަމިއްލައަށް އަމިއްލަ މިނިވަންކަން ދިފާޢުކުރަމުން އައި އެއްގަމާއި ކަނޑުގެ ލަޝްކަރުތައް އޮތް ބައެކެވެ. ބޭރުން ހަތިޔާރު ހޯދައި، ބައެއް މުހިންމު ހަތިޔާރާއި ބަޑިބޭސް އުފައްދާ ތައްޔާރުކުރަމުން އައިބައެކެވެ.

ދިވެހި ސިފައިންގެ ދުވަސް މިހާރު ފާހަގަ ކުރަމުން މިދަނީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގައި ހަގުބޭކަލުންގެ ލަޝްކަރު އޮއްވައި، 1892ވަނަ އަހަރު އެންމެ 8 ބޭކަލުންގެ މައްޗަށް ރަދުންގެ ސަލާމަތީ އަދި ސެރެމޯނިއަލް ޑިއުޓީތައް އަދާކުރާ އާ ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ”ސިފައިން“ އުފެއްދެވި ދުވަހަށެވެ. ދިވެހި ސިފައިން ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރާ، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރާ ދިވެހީންގެ ލަޝްކަރަކަށެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދިވެހި ސިފައިން، ފުރާނައިން ޤުރުބާންވެގެން ސާބިތުކޮށްދިނީ މި ޙަޤީޤަތެވެ. އޭގެފަހުން ވެސް ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް، ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ދިވެހި އަސްކަރިއްޔާއިން އަންނީ ފޯރުކޮށްދެމުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި ވާންޖެހުނު ކޮންމެ ޤުރުބާނީވުމަށް އަބަދުވެސް ތައްޔާރަށް އޮންނަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ފަޚުރުވެރި ދިގު ތާރީޚެއް ލިބިފައިވާ އަދި ގިނަގުނަ ހަނގުރާމަތަކެއްކޮށް ދުޝްމަނުންގެ މައްޗަށް ނަޞްރާއި ފަތަޙަ ހޯދާފައިވާ ޝަރަފުވެރި އަދި ފަޚުރުވެރި ލަޝްކަރެކެވެ.

ޝެއަރކުރެއްވުމަށް